ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

ޔާމީން ވިދާޅުވި "މިނިކާ ބާޒަކީ" ގާސިމް؟!

ޔާމީން އާއި ގާސިމް: ޔާމީން އިޝާރާތް ކުރެއްވި ބާޒަކީ ގާސިމް ކަމަށް ޕާޓީގެ އިސް ބޭފުޅުން ތުހުމަތު ކުރައްވާ. --ފޮޓޯ/މިހާރު

"އަޅުގަނޑު މިތާ ނެތުމަކުން، އަޅުގަނޑުމެންގެ ޕާޓީގެ މައްޗަށް މިނިކާ ބާޒުތަކެއް ސާވާރުވިޔަ ނުދެއްވައްޗޭ،"

މިއީ، މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން އިއްވި ހުކުމުގެ ކުރިން ޕާޓީގެ ލީޑަޝިޕާއި ސަޕޯޓަރުންނަށް އެމަނިކުފާނު ކުރެއްވި ވަސިއްޔަތެވެ. ޕާޓީއާ ދުވަސްކޮޅަކަށް އެމަނިކުފާނު ދުރުގައި ހުންނެވިއަސް ލީޑަޝިޕާ އެކު ޕާޓީގެ ހަރަކާތްތަކުގައި ދެމިތިބުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގަތީ، "މިނިކާ ބާޒުތަކު"ގެ ވާހަކަފުޅަށް ފަހު އެވެ.

އެ ވާހަކަފުޅުގައި، ޔާމީން އިޝާރާތް ކުރެއްވި "މިނިކާ ބާޒުތަކަކާ" މެދު ޕާޓީގެ ސަޕޯޓަރުން ވެސް ތިބީ ސުވާލު އުފެދިފަ އެވެ. އެއް ބައެއްގެ ވިސްނުމުގައި އެ ވާހަކަފުޅު ނިސްބަތްވަނީ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށެވެ. ޕީޕީއެމް ހިންގުމުގެ މައްސަލައިގައި ދެ ބޭފުޅުންގެ ދެމެދުގައި އޮތީ ބޮޑު "ހަނގުރާމައެއް" ހިނގައިފަ އެވެ. އެންމެ ފަހުން މައުމޫން، އެމްއާރުއެމްގެ ނަމުގައި އާ ޕާޓީއެއް ރަޖިސްޓްރީކުރެއްވީ އެވެ.

"މިނިކާ ބާޒުތަކު"ގެ ލިސްޓްގައި، މައުމޫނާ އެކު، ޕީޕީއެމްގެ ލީޑަޝިޕަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ނަން ވެސް، ބައެއް މީހުން ހިމެނި އެވެ.

އެކަމަކު، މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ފާހަގަކުރެއްވި ގޮތުގައި، ޔާމީން އެ ވިދާޅުވީ އެއިން އެއްވެސް ބޭފުޅެއްގެ ވާހަކައެއް ނޫނެވެ.

ޕީޕީއެމްގެ އިސް ބޭފުޅުންގެ ވާހަކަތަކުން އެނގޭ ގޮތުގައި، ރައީސް ޔާމީން އިޝާރާތް ކުރެއްވި ބާޒަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

ތުހުމަތަކީ މިއެވެ: ޔާމީން ޖަލަށް ލުމާ އެކު ޕީޕީއެމާ ގާތްވެ، ޕާޓީ ހިންގުމުގައި، ގާސިމް ބަސްވިދާޅުވާން ފައްޓަވާނެ އެވެ. އޭނާގެ ވިސްނެވުމާ އެއްގޮތަށް ޕާޓީ ހިންގަވަން ފައްޓަވައި، އަމާޒަކީ ޖުމްހޫރީ ޕާޓީގެ ކޯލިޝަން ބޮޑުކޮށް، ރިޔާސީ ކެންޑިޑޭޓަކަށް އޭނާ ވެވަޑައިގަތުމެވެ. އިންތިޚާބަށް، ހަތަރު އަހަރު އޮއްވައި ގާސިމް މިހާރު ވެސް ވަނީ ކެމްޕޭން ފައްޓަވައިފަ އެވެ. ޕާޓީއަށް މެމްބަރުން އިތުރުކުރުމަކީ، އެ ކެމްޕޭންގެ ތެރެއިން ހިނގާ ހަރަކާތެކެވެ.

ގާސިމް، ޕީޕީއެމަށް އަތްގަދަކުރައްވަފާނެ ކަމުގެ ބިރު، ޔާމީނާއި ޕީޕީއެމަށް ކުރިމަތިވި ސަބަބެއް ވެސް އެބަ އޮތެވެ. އެއީ، ޕީޕީއެމްގައި ތިއްބެވި އިސް ބޭފުޅުންތަކެއް ޖޭޕީ އަށް ސޮއިކުރައްވައި، ގާސިމާ އެކު ސިޔާސީ މަސައްކަތް ކުރައްވަން ފެއްޓެވުމެވެ. އެ ބޭފުޅުން ގާސިމްގެ ކޮޅަށް އެނބުރުނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ދެ ޕާޓީ ގުޅިގެން ކާމިޔާބުކުރަން ކުރެއްވި މަޝްވަރާތަކުގެ ތެރޭގަ އެވެ.

ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި މަޖިލިސް އިންތިޚާބުގައި ވެސް ގާސިމް "ލަނޑުދިނީ" އެވެ. ޔާމީނަށް ހުކުމް އިއްވުމާ އެކު މި ތުހުމަތުތަކުގެ އަޑު އިތުރަށް ގަދަވެއްޖެ އެވެ.

ޔާމީން ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުންނާ އެކު. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ޔާމީނަށް ޖަލު ހުކުމެއް އިއްވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ގާސިމް އަޑީގައި ހުންނަވައިގެންނެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ގާސިމް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ޔާމީނާ މެދު ހަމްދަރުދީ އޮތް ކަން ގާސިމް ދެއްކެވި ނަމަވެސް ފޮރުވިފައި ވަނީ މުޅިން އެހެން މަންޒަރެއް ކަމަށެވެ. ގާސިމްގެ ވިސްނުމުގައި ހުރީ، ޕީޕީއެމް ބޭނުންކުރައްވައި، ސިޔާސީ ފައިދާ ނެންގެވުން ކަމަށް ވަރަށް މުއުތަބަރުކޮށް ޕާޓީ އަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ހެއްކަކަށް ދެއްކެވީ މަޖިލީސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ ގާސިމް ހެއްދެވި ގޮތެވެ. ގާސިމް މިހާރު ވެސް ކުރިއަށް ވަޑައިގަންނަނީ އެ މަގުން ކަމަށާއި އެކަމަކު ޕީޕީއެމާ ގާތްވެވަޑައިގަތުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރާޑަރަކަށް ނާރާ، ރައީސް މައުމޫން. މީގެ ކުރިން ކަންކަން ތަޖުރިބާކުރެވިފައިވާ ގޮތަށް ބަލާއިރު، އަޅުގަނޑުމެންނަށް މާނަކުރެވެނީ ގާސިމްގެ ވާހަކަ ކަމަށް ރައީސް ޔާމީން އެ ވިދާޅުވަނީ،" ޝިޔާމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިޔަ ބުރާސްފަތިދުވަހު ކޯޓަށް ވަޑައިގަތުމަށް ގެކޮޅުން ނުކުމެވަޑައިގެން ސަޕޯޓަރުންނާ ސަލާންކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި ދެ ޕާޓީ އެކުގައި ކުރި މަސައްކަތުން ބައެއް ބޭފުޅުންނަށް މަޖުބޫރުވެވަޑައިގެން ގާސިމްގެ އަރިހަށް ވަޑައިގަތަސް ޕީޕީއެމުން އެފަދަ ކޯލިޝަނަކަށް ދިއުމުގެ ވިސްނުމެއް ނެތެވެ.

ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ގަބޫލުކުރާ ގޮތުގައި، ޔާމީނަށް އިއްވީ ޣައިރު ގާނޫނީ ހުކުމެކެވެ. ބޭނުމަކީ ޔާމީންގެ ސިޔާސީ ހަޔާތްޕުޅު ދުއްވާލުމެވެ. އެ ހުކުމް، މިހާރު ހައި ކޯޓުގައި އޮތީ އިސްތިއުނާފްކޮށްފަ އެވެ.

އިސްތިއުނާފްގެ މަރުހަލާ ނުފޫޒެއް ނެތި ކުރިއަށް ގެންގޮސްފި ނަމަ، ޔާމީން މިނިވަންވާނެ ކަމުގެ އުއްމީދު ޕީޕީއެމަށް އޮތް ކަމަށް، ޕާޓީގެ އިސް ވެރިން ވިދާޅުވެ އެވެ. މިވަގުތު ޕާޓީގެ މުޅި އަމާޒު ހުރީ އެމަނިކުފާނު މިނިވަންކުރުމަށެވެ.

ނިޔަތް ސާފު ނޫން ބޭފުޅުންނަށް ޖާގައެއް ނެތް!

ޔާމީނަށް ޖަލު ހުކުމެއް އަތުވެއްޖެ ނަަމަ، ޕީޕީއެމް ހިންގުމުގެ ޝައުގުވެރިކަމުގައި ތިއްބެވި ބޭފުޅުން ގިނަ އެވެ. އެ ބޭފުޅުންނަށް ނިސްބަތްކުރައްވައި ޔާމީން ވިދާޅުވާ ވާހަކަފުޅެއް އޮވެ އެވެ. ޕާޓީއާ އެކު މަސައްކަތް ކުރައްވަން ޖެހޭނީ އަމިއްލަ އެދުމުގައެއް ނޫނެވެ. މިވަގުތު ޕާޓީއާ އެކު ނެތް ބަޔަކު މާ ފަހުން ގުޅިވަޑައިގަންނަވާނެ ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ޝިޔާމް ވެސް ދެއްވީ މި މެސެޖެވެ.

"ފަސް އަހަރުގެ ދެ ދައުރު ރައީސް ޔާމީނަށް ލިބެން ޖެހޭނެ ކަމަށް ޕާޓީގައި މިވަގުތު އިސްކޮށް ތިއްބެވި ބޭފުޅުންނާއި އާއްމު މެމްބަރުން ގަބޫލުކުރޭ. ދުރުގައި ތިއްބެވުމަށް ފަހު، މި ވިސްނުމާ ދެކޮޅަށް، ޕާޓީއާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަކީ އިޚްލާސްތެރިކަމެއް ނެތުން،" ޝިޔާމް ވިދާޅުވި އެވެ.

އިދިކޮޅު ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ހިންގަވަން ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ޑރ. ޖަމީލާއި އުމަރު ހިމެނިވަޑައިގަންނަވަ އެވެ. މީގެތެރެއިން ޖަމީލް ވަނީ، ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ޕާޓީ އަށް އެންމެ ބޭނުންވި ވަގުތު، އަމިއްލަ އަށް އިސް ނަންގަވައި މަސައްކަތްތަކެއް ކުރައްވައިފަ އެވެ. މި ލިސްޓަށް އުމަރުގެ ނަމެއް ނުގެނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ހުކުމާ އެކު ގާނޫނީ ފުރުސަތު ބަންދުވެފައި ވީ ނަމަވެސް 2023 ގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށް ކައުންސިލުން ވަނީ ފާސްކޮށްފައި. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޔާމީން ޖަލަށް ހުކުމް އިއްވުމުން އެމަނިކުފާނާއި ޕީޕީއެމަށް ހަމްދަރުދީ ފާޅުކުރައްވައި އުމަރު ދައްކަވާ ވާހަކަތަކާ މެދު ސަމާލުކަން ނުދޭ ސަބަބަކީ ވެސް އއީ ކަމަށް ވެދާނެ އެވެ.

"ރައީސް ޔާމީނާއި ޕާޓީ އަށް ވެސް އެންމެ އުނދަގޫވި ހާލަތުގައި، ޑރ. ޖަމީލް ވަޑައިގެން މަސައްކަތްތަކެއް ކުރައްވަން ފެއްޓެވީ. އެއާ ޚިލާފަށް މާ ދުރުގައި ތިއްބެވުމަށް ފަހު، ހެޔޮ ނިޔަތެއް ނެތި ވަޑައިގަންނަވާ ބޭފުޅުންނަށް ފުރުސަތެއް ނެތް،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުޅި ޕީޕީއެމްގެ އަމާޒަކީ ރައީސް ޔާމީން މިނިވަންކުރުމެވެ. މި މަސައްކަތް ފެށީ، 2023 ގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް ދޭން ކައުންސިލުން ފާސްކޮށްގެންނެވެ. ވެރިކަމަށް ކުރިމަތިލެއްވުމުގެ ގާނޫނީ ފުރުސަތު ބަންދުވި ކަން އަދި ޔާމީންގެ ވެރިކަމުގައި ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ގެއްލިފައިވާ ކަމަކަށް ވެސް ޕީޕީއެމުން ގަބޫލެއް ނުކުރެ އެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ޔާމީން އެނބުރިވަޑައިގަންނަވަންދެން ވެސް ޕާޓީ އޮންނާނީ ބަދަހިކޮށް ކަމަށެވެ. "މިނިކާ ބާޒުތަކަށް" ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

46 ކޮމެންޓް, 92 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 2%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާލިމާ

02 December 2019

ސަލީމާއެވެ، ޒުވާނާގެވިސްނުންރަނގަޅެ ،އެބުނީ، ކޯޓަށްވަދެ،ޕާޓީ، ދަމައިގަތްމުޑުދާރުގޮތުގެވާހަކައެވެ. ސަލީމާގެ ވިސްނުން،ހަމަ(0)ކެވެ. ޒުވާނާ،ހުރީ،އިންސާފަށެވެ.ސަލީމާ،ބަލާނެދިމާލެއް ބަލާށެވެ!

The name is already taken The name is available. Register?

ކިޑު

02 December 2019

ޕީޕީއެމް ދަނީ ރައީސް ޔާމީން އާއި އެކު ކުރިއަށް! ފުރަތަމަ ފަހަރެއްނޫން ޔާމީން ޖަލުގަ ބަންދުކުރީ! އެހެންވީމަ ރައްޔިތުން ހާސްވާނެ ކަމެއްނެއް! މިހާރު ސައުދީން އަންގާފި ޔާމީން ދޫކުރަން

The name is already taken The name is available. Register?

ހަކީމް

01 December 2019

ޕޕމ ގެ ލީޑަރޝިޕް ދެންވާނީ ( ކޮއްލާނީ ) ދެފަޅި. ގާސިމްުގެ ޢަހިރު މަގްސަދަކީ ޕޕމ އާމު މެމްބަރުންގެ އެހީގައި 2023 ނެގުން.

The name is already taken The name is available. Register?

‫ވަފާތެރި ކެހިވެރިޔާ

01 December 2019

ނިމިގެންދިޔަ ރަތްއިތުންގެ މަޖުލިސް އިންތިހާބުގާ ޕ.ީޕީ.އެމް އައްބޮޑު ނާކާމިޔާބުވީ ގާސިމްއާ ކޯލިސަންހެދީމަ. އޭރުގާސިމްއަށް ޔާމީން ވަރެއްނެތް. އަދި ބޮޑެތި އިނާމުތައްދީގެން ޕީ.ޕީ.އެމްގެ އިސްފަރާތްތައް އަމިއްލަ ޕާރޓީއްގެންދިޔައީ މަކަރުވެރި ރޭވުމަކުން އެކަމަކު ބުނެލަންއޮތީ އަހަރެމެން އާއްމު މެމްބަރުން މިތިބީ ވަރައް ހުސިޔާރުވެގެން. މުސްކުޅި ހަރުބަހެއްގައޮވޭ ބަޅެއްގެ ނަގޫ ސަންފާ އޮނަކައްލިޔަސް ތެދެއްނުވާނޭ.

The name is already taken The name is available. Register?

ހާލަތު

01 December 2019

މިނިކާ ބާޒް ނިސްބަތްވަނީ ޔާމީންއަށް މައުމޫން އަތުން ޕީ.ޕީ.އެމް ޖަހައިގަތީ.

The name is already taken The name is available. Register?

އަމީތާބު

01 December 2019

މިމިކާ ބާޒަކީމެޑަމް. ރޔ ވެރިކަމުގައި ހުރިހާބާރެއް އަތްދަށުލާ ސަރުކާރާ ކު ންފު ނިތައް ކޮ ންޓްރޯލް ކުރީ ކާކު؟ ޕާޜޓީއޮފީސް ބާރުކަ ނޑުވާލާ އަމިއްލަ އޮފީސް ހަދައިގެ ން މުޅިއެތި ފަ ނިކުރީ ކާކު؟ ފްލެޓްލިސްޓްހެދީ ކާކު؟

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

01 December 2019

އެއްގޮތަކަށް ވެސް އެހެނެއް ނޫން. ޔާމީނު އޮޅުކޮށްގެން ވަރަށް މީރުކޮށް ކާންދީގެން އުޅުނު ބާޒުތަކެއް ދޫގަސް ދޫކޮށްފައި ދިޔައީ ކުނޫޒަށް އެއީ ޔާމީނަށް ވުރެން ރަނގަޅަށް ކާންދޭނެކަމަށް ހީކޮށް.

The name is already taken The name is available. Register?

ފަރޭ

01 December 2019

ސިޔާސީދާއިރާގައި ހައްތަހާވެސްއުޅޭނީ މިނިކާބާޒު. ވަކިމިވެނިމީހެއް ކިޔާނެކަމެއްނެތް. ޔާމީނަށް ކިހާވަރަކަށް ކާލެވުނުކަމާއިމެދު އަމިއްލައަށް ސުވާލުކުރެވުނުބާވައެވެ! ކުރެވިފައޮތްނަމަ، ތިހިނެއްނުބުނާނެ.

The name is already taken The name is available. Register?

އުދުހޭ

01 December 2019

މިނިކާ އެކޮޅުކޮޅުން ކީމަ ކިޔޭނީ ކާމިނި ދޯ

The name is already taken The name is available. Register?

ތުއްތުނާ

01 December 2019

މިނިކާ ބާޒު ޕީޕީއެމް ޖަހައިގެން ދިޔަ ހަނދާން އަހަރުމެން އެބަހުރި........ އެހެންކަމުން މަނިކުފާނަށް ހުވަފެނުން ވެސް ފެންނާނެ މަނިކުފާނު އަތުން ޕާޓީ ޖަހައިގެން ހިނގައިދާނެ ކަން........އެހެން ބަޔަކަށް އިނިޔާ ދިނުމަށް އަމިއްލައަށް ހެދި ގާނޫނުގެ ސަބަބުން ޕާޓީގެ ރައީސް ކަން ވެސް އޮޓަމެޓިކުން ގެއްލިފައިވަނީ....... ދެން މިހާރު މަނިކުފާނުގެ ޕާޓީއެއް ނޯންނާނެ....... ޖަލުގައި ދާދާ ކަން ލިބިދާނެ......

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454