ޚަބަރު / ސުޕްރީމް ކޯޓް

ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު. އޭނާ ވަކިކުރަން މަޖިލިހުން ވަނީ ފާސްކޮށްފައި.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

04 ޑިސެމްބަރ 2019 - 14:48

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަބްދުލްޣަނީ މުހައްމަދު ވަކިކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

ރ. އަލިފުއްޓަށް އުފަން ޣަނީ އަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީން ކިޔަވާ ވިދާޅުވި ބޭފުޅެކެވެ. އެގޮތުން 2000 ގައި އެ ޔުނިވަސިޓީން ޝަރީއާ އެންޑް ލޯގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވި އެވެ.

ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރީ، ހައި ކޯޓުގެ ފަނޑިޔާރުކަމުގައި އެތައް އަހަރެއް ހޭދަކުރެއްވި ފަހުން މިދިޔަ އަހަރުގެ ޖޫން 28 ގަ އެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަމާއި ސިވިލް ކޯޓުގެ ފަނޑިޔާރުން ވެސް ޣަނީ ވަނީ ކުރައްވައިފަ އެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ. އެގޮތުން ފަނޑިޔާރަކު ވަކިކުރެވޭނީ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތުންނެވެ. ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ޣަނީ ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލިހުން ނިންމީ 64 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އޭނާ ވަކިކުރަން ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ.

އެކަމަކު އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން 2017 ގައި ކޮށްފައިވާ ހުކުމުގައިވާ ގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހުން ފާސް ކުރިޔަސް، އެކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.

ފަނޑިޔާރު ޣަނީއާ ގުޅޭ ގޮތުން ޖޭއެސްސީ އަށް ހުށަހެޅި މައްސަލަތައް ބެލުމަށް ފަހު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ މަހު އެވެ. އަދި މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން މައްސަލަ ބެލުމަށް ފަހު، ކަނޑައެޅި ގޮތުގައި ޣަނީ ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށެވެ.

ޖޭއެސްސީގެ ރިޕޯޓުގައި ބުނެފައިވަނީ ފަނޑިޔާރުންގެ ގާނޫނުގައި ހުރި އެކިއެކި މާއްދާތަކާ ޣަނީ ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ. އަދި ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމް ކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް ޣަނީ ކުރައްވާފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. މިއީ ގާނޫނުއަސާސީގައި ބަޔާންކުރާ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާ އަމަލުތަކެއް ކަމަށް ވެސް އޭގައިވެ އެވެ.

ޖޭއެސްސީގެ ރިޕޯޓުގައި ޣަނީއާ ގުޅޭ ގޮތުން ތިން ކަމެއް ފާހަގަ ކުރިއިރު، އެއީ ޖޭއެސްސީ އަށް ލިބިދީފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް މަޖިލިހާއި ޖޭއެސްސީގެ މަސައްކަތަށް ހުރަސް އެޅި މައްސަލައަކާއި 18 ވަނަ މަޖިލިހުގެ 12 މެމްބަރެއްގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބު އަދާނުކުރެވޭ ގޮތަށް އަދި އެ މެމްބަރުންގެ ހައިސިއްޔަތު ގެއްލިގެންދާ ގޮތަށް ޣަނީ އަމަލު ކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ.

މީގެއިތުރުން ގާނޫނުން ޖުޑިޝަލް ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދާފައި ވަނިކޮށް އެ ކައުންސިލް އުވާލައި އެ ކައުންސިލާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމިއްލަ އަށް ހަވާލުވެ އަދި ފަހުން ޖުޑިޝަލް ކައުންސިލް ނަމުގައި އެހެން ކައުންސިލެއް އުފެއްދި މައްސަލަ ހިމެނެ އެވެ.

ޣަނީއަކީ ކުރީ ސަރުކާރުތަކުގެ ވެރިކަމުގައި ސުޕްރީމް ކޯޓަށް އައްޔަންކުރި ފަނޑިޔާރުންގެ ތެރެއިން އެންމެ ފަހުން ވަކިކުރަން ނިންމި ފަނޑިޔާރެވެ. އެ ކޯޓުގައި ތިއްބެވި އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ފަނޑިޔާރު އަބްދުﷲ އަރީފް ދާދި ފަހުން ވަނީ ރިޓަޔަ ކުރައްވައިފަ އެވެ.

އެހެންވެ، ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވީ އަލަށް އެ ކޯޓަށް އައްޔަން ކުރި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.

0 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 19%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454