ފަރުވާކުޑަކޮށް ބަސް ދުއްވި މައްސަލައިގައި ފުލުހުން ފިޔަވަޅު އެޅި ޑްރައިވަރު. އެނގިފައިވާ ގޮތުގައި މިއީ ދިވެއްސެއް.
08 ޑިސެމްބަރ 2019 - 12:20
އެމްޓީސީސީގެ ބަހެއް ފަރުވާކުޑަކޮށް ދުއްވި މައްސަލައެއްގައި އެ ބަސް ދުއްވި ޑްރައިވަރު ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހުޅުލެ އާއި ހުޅުމާލެއާ ދެމެދުގައި ދަތުރުކުރާ އެމްޓީސީސީގެ ބަހެއްގައި އިން ޑްރައިވަރަކު ނިދާފައި އިން ކަމަށް ބުނެ، އާންމުންގެ މީހަކު ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯއެއް ހާމަކޮށްފަ އެވެ. އެކަމަކު، އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެމީހާ ބަސް ދުއްވަމުން ފޯނާ ދިޔައީ ކުޅެމުންނެވެ.
ވީޑިއޯ އާންމު ކުރި މީހާ ބުނި ގޮތުގައި ޑްރައިވަރު ފުރަތަމަ އިނީ ނިދައިފަ އެވެ. އަދި އެމީހާ ހޭލީ ޓިކެޓު ވިއްކަން ހުރި ކޮންޑަކްޓަރު ގައިގައި ކޮއްޓާލީމަ ކަމަށް ވެސް އޭނާ ބުނެފައި ވެ އެވެ. އެ ޑްރައިވަރު ހޭލުމަށް ފަހު، ދެން އިނީ ފޯނާ ކުޅެން ކަމަށް ބުނެ، އެކަން ފުލުހުންގެ ސަމާލު ކަމަށް އޭނާ ގެނަ އެވެ.
ފުލުހުން ބުނީ ޑްރައިވަރު ހޯދުމަށް ފަހު، ޓްރެފިކް ޕޮލިހަށް ހާޒިރުކޮށް ފޯނުން ވާހަކަ ދައްކަމުން ބަސް ދުއްވި މައްސަލައިގައި ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. އަދި ލިޔުމުން ނަސޭހަތްތެރިވެ، އިންޒާރު ދިން ކަމަށް ފުލުހުން ބުނި ކަމުގައިވިޔަސް، ލައިސަންސް ހިފެހެއްޓީ ކިހާ ދުވަހަކަށް ކަމެއް ފުލުހުން ނުބުނެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ލައިސަންސް ހިފެހެއްޓީ ދިވެހި ޑްރައިވަރެއްގެ އެވެ.
ވީޑިއޯ އާންމުވުމާ ގުޅިގެން ގިނަ ބަޔަކު ހިތްހަމަނުޖެހިފައި ތިބީ އެމްޓީސީސީއާ ދޭތެރޭގަ އެވެ. ޓުވިޓާގައި ހިޔާލު ފާޅުކުރި އެކަކު ބުނީ ޑްރައިވަރުން ޑިއުޓީގައި އުޅޭ އިރު، ފޯނު ބޭނުން ކުރުން މަނާ ކުރަން ޖެހޭ ކަމަށެވެ. އެއް އަތުގައި ފޯނު އޮވެފައި، އަނެއް އަތުން ހުންގާނުގައި ހިފަހައްޓައިގެން ބަސް ދުއްވުމަކީ ފަސިންޖަރުންނާއި އެހެން އުޅަނދުތަކަށް ކުރިމަތިވެދާނެ ނުރައްކަލެއް ކަމަށް އެކަކު ބުންޏެވެ.
Aslu Phone aai Nidhumuga mimeehun ves thibenee.! dhen ehen meehun fundaalaafa, furaana dhuvvaalaafa bunanee nufenuney. @MTCCPlc @PoliceMv mihiree Serious massala, mimeehun jeheynee Hudhdha baathil koffa dhuvvumaa ekaheri kuran,
— Adam Shareef 🎈 (@mnbcmd) December 8, 2019
އާދަމް ޝަރީފް ނަމުގައި ޓުވިޓާގައި ހިޔާލު ކުރި މީހަކު.
"އަސްލު ފޯނާއި ނިދުމުގައި މި މީހުން ވެސް ތިބެނީ. ދެން އެހެން މީހުން ފުނޑާލާފައި، ފުރާނަ ދުއްވާލާފައި ބުނަނީ ނުފެނުނޭ. މިހުރީ ސީރިއަސް މައްސަލަ. މި މީހުން ޖެހޭނީ ހުއްދަ ބާތިލްކޮށްފައި ދުއްވުމާ އެކަހެރި ކުރަން،" އާދަމް ޝަރީފް ނަމުގައި ޓުވިޓާގައި ހިޔާލު ފާޅުކުރި މީހަކު ބުންޏެވެ.
ފަރުވާކުޑަކޮށް ބަސް ދުއްވި ޑްރައިވަރެއްގެ މައްސަލައިގައި ފުލުހުން ފިޔަވަޅު އެޅި އިރު، ހުޅުމާލޭގައި ބްރިޖަށް އަރާ މަގުގައި މިދިޔަ މަހު ބަހަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން ބަސް ދުއްވަން އިން ޑްރައިވަރު ހައްޔަރު ކުރި އެވެ. އެކަމަކު، އޭނާ ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
މި އަހަރުގެ ރޯދަ މަހު ހުޅުމާލޭގައި ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހަކުން ޖެހި ޔޫކްރެއިންގެ އަންހެން ޓޫރިސްޓަކު ވެސް މަރުވެފައިވެ އެވެ. އެ އެކްސިޑެންޓު ހިނގީ ޑްރައިވަރަށް ނިދި ޖެހުމުންނެވެ. އެ އެކްސިޑެންޓުގައި މަރުވީ ފަތިހު ހިނގާލަން ނުކުމެ އުޅުނު ޓޫރިސްޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުއުދު
09 December 2019
ވާނެ ކަމެއް ނޯންނާނެ އެކުސިޑެންޓު ވީނަމަ ނުބައި ވާނީ އެކުސިޑެންޓު ގައި ގެއްލުން ވީމީހާ..
ހުޖަލ
08 December 2019
ބަރަވެއްޔޭ އަނެކައްޗޭ ނުކިޔާ ބަލާލަބަލަ! ޕާކިސްތާނުގައި ދިވެހި ސަފީރަކަށްވެސް އެހުރީ ޔާމީނު ލާފަ ހުރިމީހެއް އަދިވެސް. މީވަރަށް ވާހަކަ
އަބްދުﷲ
08 December 2019
މީދެން ބޮޑުވަރުދޯ. 15 މިނިޓްގެ ދަތުރެއްގަ ފޯނާ ނުކުޅެ ނީންދެވެންޏާ ވަޒީފާގަ އުޅޭނެ ކަމެއް ނެތް. އެމް.ޓީ.ސީ.ސީގެ އިހުމާލުވެސް ބޮޑު.
ފަހިދަތުރު
08 December 2019
އެހެންމީހުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް އެބަ ހުށަހެޅޜ މިފަދަ މީސްމީހުންގެ ވިޔާނުދާ އަމަލުގެ ސަބަބަުން މިކަންކަން މިގޮތަށް މި ހިންގަނީ ސީސީގެ ވެރިންގެ ބެލުންތެރިންނާ ހިފުންތެރިންގެ ފަރުވާކުޑަކަން
ކުކުޅޭ ---
08 December 2019
ޑްރައިވަރުން ވަޒީފާ އަށް ނެރެފައި ކާންދީފައި 6 ގަޑި އިރަށް ނިންދެވުމަށް ފަހު ޑިއުޓީ އަށް ނެރުނީމާ ރަގަޅުވާނެ
މުކައްބަ
08 December 2019
ޢާންމު މީހަަކަށް ފެނިގެން ވީޑިއޯ ނުކުރިނަމަ ހަމަ ހުދު ކާފޫރު ކޮޅަކަށް ތޯއްޗެއްވާނީ
އަޙްމަދު
08 December 2019
ކޮންމެ ބަހެއްގަ ފުލުހަކު ބަހައްޓަން ވެއްޖެނުން, ކިހާ ގިނަ ބަޔަކު ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެން ދާނެ ކަމެއް މީ..
ފުލުސް
08 December 2019
ދެން އެމީހާ ބަހައްޓަނީ ކީއްކުރަން. އޭނަ ދުއްވަން ބެހެއްޓީމަ ނިމުނީނުން
ޗުކޯ
08 December 2019
ފުލުހުން ލާބަ ޑްރައިވަރުންނަށް
މުޙައްމަދު
08 December 2019
މިފަދަ ޑިއުޓީއެއް އަދާ ކުރާ މީހަކު ޑިއުޓީގައި ނިދުމާއި ފޯނު ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް. ނަމަވެސް ފުލުހުން ވެއްޖެނު މިމީހުން ޑިއުޓީ އަދާ ކުރަނީ އެކަށީގެންވާ ރެސްޓް ލިބިގެންތޯއާ ކިހާ ވަގުތެއް ޑިއުޓީގައި ހޭދަ ކުރޭތޯވެސް ބަލަން. ހަމައެކަނި މީހާގެ ކުށް ބަލާ އަދަބު ދިނުމުގެ އިތުރުން އެހެން ވާން ޖެހޭ ސަބަބުވެސް ބަލާނެ ކަމަށް ހީކުރަން.
ޢަލީސުޖާއު
08 December 2019
ހުޅުމާލެ މަގުތައް އަނދިރި ބަސްތައް ނުރައްކާ ބީޗް އެހާ އަނދިރި ވައްކަން ހެސްކިޔާފަ ، ޕްލާސްޓިކް ކުނިބުނި މުޅި މަގުތަކުގައި ،ގަސްބޯވެ އަލިކަން ނުލިބޭ މަގުތަށް އެހާގިނަ ،ޒިންމާ ނަގަން ހުރީ ކާކު؟ މަޖިލިސްމެމްބަރު އުޅެނީ ޕާޓީ މީހުންނަށް ވަޒީފާ ދޭން ކިޔާވަރުން ފިލައިގެން ،އެޗްޑީސީގެ އެމްޑީ އަކީ މައުމޫން ޒަމާނުއްސުރެ އުޅުނު ބަަރަވެލި ސްޕީޑްގެ މީހެއް ވަކިން ހިނގާސަރުކާރެއްފަދަ އެޗްޑީސީ ގައި އަދިވެސް ޕީީޕީއެމްކުދިން ތިބީ ،ކޮންކަމެއްރަގަޅުވާނީ؟
ފާނަކޮށި
08 December 2019
ހަމައެކަނި ބަސްޑްރައިވަރު އެކަނިއެއް ނޫން ލައިސަންސް ހިފަހައްޓަންވީ......ސައިކަލް ކާރު ޕިކަޕް ދުއްވާ މީހުންވެސް އެގޮތަށް ފޯނުނަގައިގެން އުޅެންޏާ ހިފަހައްޓަންޖެހޭ......
ރަންދެލި
08 December 2019
ތިޔަ ދްރައިވަރުގެ ލައިސެންސް އޭނާގެ އުމުރަށް ބާތިލު ކުރަން ޖެހޭ. އޭނާ އަޚި މަގުމަތީ އުޅޭ އެހެން އެންމެނަށް ނުރައްކަލެއް. އޭނާ ގެ މެޑިކަލް ޓެސްޓެއްވެސް ހަދަން ޖެހޭ. އަދި އެހެން މަސއްކަތެއް ކޮށްގެން އާމްދަނީ ލިބޭ ކަހަލ ގޮތެއް ރާވައިގެން ކުރިއަށް ެންދަން ޖެހޭ. މީނާ އަތަށް ދެން ބަހެއްގެ ހުންގާނު ލިބިގެން ނުވާނެ. މީ ވ ބޮޑު ގޯހެއް. ސޮރީ ބްރޯ. ޔޫ އާރ ޑަން ފޮރ ލައިފް...