ކޮރޯނާ ވައިރަސްގެ އާވައްތަރު ފެތުރެތީ ޗައިނާގެ އެއާޕޯޓެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި.
23 ޖެނުއަރީ 2020 - 21:48
ކޮރޯނާ ވައިރަސްގެ އާ ވައްތަރެއް ކަމަށްވާ ނޮވެލް ކޮރޯނާ ވައިރަސް ފުރަތަމަ ފެނުނު، ޗައިނާގެ ވޫހާންގައި މި ވަގުތު ތިބީ ހަ ދިވެއްސެއް ކަމަށާއި އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ޗައިނާގައި ކޮރޯނާ ވައިރަސް ފެެތުރޭތީ، އެ ގައުމުގައި ތިބި ދިވެހިންގެ ހާލު ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީން ގެންދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ޕްރޮވިންސްގައި ތިބި ހަ ދިވެހިންނާ އެމްބަސީން ގުޅި ކަމަށް މިނިސްޓްރީން ބުނެ އެވެ. ދިވެހި ސަރުކާރުން ބުނިގޮތުގައި، ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީއާ އެކު ކުރަން ޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
"ހަމަ އެއާ އެކު، މިހާރު ފެތުރެމުންދާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތައް ތަންފީޒު ކުރަމުންދާ ކަމުގެ ޔަގީންކަން ވެސް އެގައުމުން ވަނީ ދީފަ އެވެ،" ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ޗައިނާގައި އުޅޭ އެހެން ގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން ޗައިނާ ފޮރިން މިނިސްޓްރީން ވަނީ ދީފަ އެވެ.
ޗައިނާގެ އެހެން ހިސާބުތަކަށް ވެސް މި ވައިރަސް ފެތުރެމުންދާތީ، އެ ގައުމުގައި ތިބި ހުރިހާ ދިވެހިން ވެސް އެމްބަސީގައި ރަޖިސްޓަރީ ކުރަން ފޮރިން މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.
ވޫހާން ސިޓީ އިން މިދިޔަ ޑިސެމްބަރު މަހު ފުރަތަމަ ފެނުނު ވައިރަސް މިހާތަނަށް 500 އަށް ވުރެ ގިނަ މީހުންނަށް ޖެހި، 17 މީހަކު ވަނީ މަރުވެފަ އެވެ. އެ ވައިރަސް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރެވޭތޯ ޗައިނާ އިން ވަނީ ވޫހާން ސިޓީ އާއި އެ ރަށާ ކައިރީގައި އޮންނަ ހުއާގޭންގް ނަމަކަށް ކިޔާ ރަށް ވެސް ކަރަންޓީނު ކޮށްފަ އެވެ.
ވޫހާން ވައިރަސް ފެތުރިދާނެތީ، ރާއްޖޭން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަވޫހާްން
24 January 2020
'ރާއްޖޭން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފަ' އެކަމަކު އައްޑޫގައިވެސް ހުންނަނީ އިންޓރނޭޝަނަލް އެއާރޕޯޓެއް. ޗައިނާ ގެ ގިނަ އަދަދެއްގެ ބަޔަކު އައްޑޫއަށް ވެސް ދަތުރު ކުރާއިރު އައްޑުގައި އެމީހުން ސްކްރީން ކުރާ ތަނެއް ނުފެނޭ. މީ ކިތްވެގެންތޯ؟ އައްޑޫ އަކީވެސް ރައްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން އުޅެމުންދާ ތަނެއް. އެހެންކަމުން ރާއްޖޭން ވެސް ފިޔަވަޅު އަޅައިފާ ވާކަމަކަށް ޤަބޫލެއް ނުކުރެވޭ.