މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އަނަސް މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވަނީ. --ފޮޓޯ:ޓްވިޓާ/އަނަސް
17 ފެބުރުއަރީ 2020 - 23:14
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީން މިދިޔަ މަހު 31 ގައި ބޭއްވި ޕްރައިމަރީގައި މާލޭގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު ބަލިކުރައްވައި، މާލޭގެ މޭޔަރުކަމުގެ އެ ޕާޓީގެ ޓިކެޓް، ގާނޫނީ ވަކީލް އަނަސް ކަށަވަރު ކުރެއްވީ 200 ވޯޓުގެ ތަފާތުންނެވެ.
އަންނަ އެޕްރީލް މަހު 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެއްވުމަށް އަނަސްއާ އެކު، އެމްޑީޕީން މާލޭގެ 19 ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓުން ވެސް މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފަ އެވެ.
#LCE2020 gai MDPge ticketgai Male’ Cityge Mayor kamah vaadhakurumah miadhu @ElectionsMv ah form hushahalhaifin. #RahvehiFathis#VoteMDP pic.twitter.com/JO58PMtvp8
— Anas Abdul Sattar (@anasabdulsattar) February 17, 2020
މާލޭގެ މޭޔަރުކަމުގެ މަގާމު އަނަސް ކާމިޔާބު ކުރައްވާނީ 12،000 ވޯޓާ އެކު ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި މަހު 11 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރައްވާ އަނަސް ވަނީ އެ ރޭގެ 12 ޖެހުމަށް ފަހު މަގާމުން ވަކިވެވަޑައިގެންފަ އެވެ.
އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ލޯންޗު ކުރުން އަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މާލޭގައި ބާއްވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މާލޭގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވެސް ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީކާ
18 February 2020
ލޮނު މަޑު މީހެއް
ބޮޑުމީހާ
18 February 2020
މި އިންތިހާބުގައި އެތައް ސަތޭކަ ކެޑިޑޭޓުން ވާދަކުރައްވާއިރު ވަކި ބަޔެއްގެ ފޯމުތައް ބަލައިގަތުމަށް މެމްބަރުން ތިއްބެވުމަކީ އިންސާފެއްނޫން. ނަޒާހަތްތެރިކަމާއި ހަމަހަމަކަން ދައްކަވާ. ތި ގޮތަށް ފޯމް ބަލައިގަތުމުންވެސް ވަކި ކެޑިޑޭޓުން ޕްރޮމޯޓްވޭ
ރޯނުއެދުރ
18 February 2020
ވަކިމީހަކު މޭޔަރުކަމައް ކުރިމަތިލުމަކީ މުޅި އެލެކްސަންކޮމިސަން ފޮޓޯސެސަނަކައް ދާންޖެހޭކަމެއްތަ؟. ވަކިފަރާތަކައް ނުޖެހޭދެއްތޯ؟.