ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރް---
24 ފެބުރުއަރީ 2020 - 14:34
އިސްލާމިކް މިނިސްޓްރީގައި ނޫޅޭ މުވައްޒަފެއްގެ މުސާރާގެ ގޮތުގައި 62،000 އަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ މައްސަލައެއް އޮޑިޓާ ޖެނެރަލް ފެންމަތިކުރައްވައިފި އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުއްވާފައިވާ އިސްލާމިކް މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މުސާރައާ ގުޅޭ ލިޔުންތައް އޮޅުވާލައިގެން އެ މިނިސްޓްރީގައި އެއްވެސް އިރަކު ނޫޅޭ މުވައްޒަފެއްގެ ނަމުގައި 62،200ރ. ނަގާފައިވާ ކަމަށެވެ.
އަދި އެ މިނިސްޓްރީގެ މުވައްޒަފަކު އޭނާ އަށް ހައްގުވާ އަދަދަށް ވުރެ އިތުރަށް އެ އަހަރު 13،967ރ. ނަގާފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ. އެގޮތުން 2018 ވަނަ އަހަރު އޭނާ އަށް މުސާރައިގެ ގޮތުގައި ޖުމުލަ 89،114ރ. ލިބެން ޖެހޭއިރު 93،084ރ. ނަގާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ. އޭނާ އިތުރަށް ފައިސާ ނަގާފައި ވަނީ އިތުރު ގަޑީގެ ގޮތުގައި އޮޅުވާލައިގެން ކަމަށް ރިޕޯޓްގައި ވެ އެވެ.
އެއީ ކޮން މަގާމެއްގައި ހުރި ކޮން މުވައްޒަފެއް ކަމެއް ރިޕޯޓްގައި ބުނެފައެއް ނުވެ އެވެ.
ސިވިލް ސާވިސްގެ މުވައްޒަފުން ލައްވައި އިތުރު ގަޑީގައި މަސައްކަތް ކުރަން ވާނީ އަދި އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ފައިސާ ދޭން ވާނީ، އިތުރު ގަޑީގައި ކުރާ މަސައްކަތަކީ ރަސްމީގަޑީގައި އެކަނި ކޮށްގެން ނިންމެން ނެތް ނުވަތަ އޮފީހުގެ ފަރާތުން އަންގައިގެން ކުރާ މަސައްކަތްތައް ނަމަ އެވެ. އަދި އެ އެ މަސައްކަތަކީ ޕާމަނަންޓް ސެކްރެޓަރީ ނުވަތަ އޮފީހުގެ ޒިންމާދާރު އިސްވެރިޔާ ކަނޑައަޅާ އުސޫލެއްގެ މަތީން ހުއްދަ ލިބިގެން ކުރާ މަސައްކަތައް ވާންޖެހެ އެވެ.
http://www.audit.gov.mv/Uploads/AuditReports/2020/02February/Ministry%20of%20Islamic%20Affairs%20Audit%20Report%20Financial%20Year%202018_1.pdf
އިސްލާމިކް މިނިސްޓްރީގެ 2018 ގެ އޮޑިޓް ރިޕޯޓް
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އިތުރަށް ފައިސާ ދީފައިވާ މުވައްޒަފު އިތުރުގަޑީގައި ކޮށްފައިވާ މަސައްކަތަށް ހުއްދަ ދިނުމުގެ ކުރިން ރަނގަޅަށް ޗެކްކޮށް ބަލާފައި ނުވާ ކަމަށެވެ. އެގޮތުން ބައެއް ރަސްމީ ދުވަސްދުވަހު، 10 ގަޑިއިރަށް ވުރެ ގިނައިރު މެދު ކެނޑުމެއްނެތި އިތުރު ގަޑީގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައިވުމުން އެކަން ރަނގަޅަށް ނުބަލައި އިތުރު ގަޑީގެ ފައިސާ ދީފައިވާ ކަމަށް އޮޑިޓްގައި ބުނެފައިވެ އެވެ.
"ބައެއް ދުވަސްތަކުގައި އޮފީސް ރަސްމީގައި ނިމިގެން، 14:00 ފެށިގެން ދަންވަރު 00:00 އަށް އިތުރު ގަޑީގެ މަސައްކަތް ކޮށްފައިވާ ކަމަށް ރިކޯޑުތަކުން ދައްކާ ކަމާއި، ބައެއް ދުވަސްތަކުގެ ދަންވަރު 00:00 ފެށިގެން އޮފީސް ރަސްމީ ގަޑި ފެށެންދެން އިތުރުގަޑީގައި މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ދައްކައެވެ." ރިޕޯޓްގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ނޫޅޭ މުވައްޒަފުގެ ނަމުގައި ނެގި ފައިސާ އާއި ހައްގުވާ މިންވަރަށް ވުރެ އިތުރަށް ނެގި ފައިސާ ބަހާލައިގެން ދެއްކުމަށް އެ މިނިސްޓްރީގެ މުސާރައާ ބެހޭ ބައިގައި މަސައްކަތް ކުރާ މުވައްޒަފަކު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ގަވައިދުން ދައްކަމުން ނުދާ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ މައްސަލަ އިތުރަށް ބަލައި ދިނުމަށް އެދި ފިނޭންސް މިނިސްޓްރީ އަށާއި ސިވިލް ސާވިސް ކޮމިޝަންގެ އިތުރުން ފުލުހަށް ވެސް 2018 ގައި އިސްލާމިކް މިނިސްޓްރީން ވަނީ ހުށަހަޅާފައި ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ މައްސަލާގައި އޮޑިޓާ ޖެނެެރަލް ލަފާ ދެއްވާފައި ވަނީ ޝަރީއަތަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ބަންޑާރަ ނައިބުގެ އޮފީހަށް ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލަށް ހުށަހެޅުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
25 February 2020
ހަގީގަތް ހާމަކުރާވަރަކަށް ކަންބޮޑުވާނެ ވައްކަން ކުރީ ވަކިވަރަކަށް ނޫން އެމީހަކު ތިބިތާކުން ކެއީ
ވަސްމީރު
25 February 2020
އެ އިރުގެ ޕަރމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲ ވަޒީފާއިން ވަކިކުރީ ތިޔަ މައްސަލާގައި.
އޯލްޑީ
25 February 2020
މުއްސަބު ޢަބްދުﷲ ވަޒީފާއިން ވަކި ކުރީ ވައްކަން ކުރި މުވައްޒަފަށް އިތުރު ފުރުސަތެއ ނުދީ އޮފީހުން ވަގުތުން ސަސްޕެންޑް ކުރުމުން. އެގޮތަކީ އޭރުގެ މިނިސްޓަރ ޒިޔާދު ހިތްޕުޅާވި ގޮތަކަށް ނުވާތީވެ. އެބޭފުޅާ ބޭނުންވީ އެ މުވައްޒަފުގެ ސެކްޝަން ބަދަލު ކުރުމަށް.
ޥަހީދު
25 February 2020
އޮޑިޓަރ ޖެނެރަލްގެ ކެމްޕެއިން ޢަމަލިއްޔާއެއް. ނަސީބަކުން ރައްޔިތުންނަކީ ގަޅިންނަށް ނުވާތީ ވާނުވާ އެނގޭ.
ޢެންޓި ކެމްޕޭން
25 February 2020
ޓައިމް ބޮންތަކެއް. މުއިއްޒަށް ތަންކޮޅެއް ގިނަ ވޯޓު ލިބިދާނެތީ.
Juhaa
24 February 2020
އޭރުގެ އިސްލާމިކް މިނިސްޓަރުގެ ފޮޓޯ ޖަހާފައި އެހުރީ ހިތުން އޭނާ ބޭޒާރުކުރަންކަމަށްދޯ؟ ބަލަ، އޭނާ މިނިސްޓަރުކަމުގައި ހުރިއިރު އެ މައްސަލަ ވަނީ ތަޙުޤީޤީ އިދާރާތަކަށް ހުށަހަޅާފައި. މި ކޮމެންޓް ނުޖަހާނެ މީހުނަށް ޙަޤީޤަތް އެނގިދާނެތީ.
އާމިރާ
24 February 2020
ތިކަމުގެ ޒިންމާ ނަގަންޖެހެނީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސް މުސްއަބު އާއި އެ މިނިސްޓްރީގެ އެޗްއާރު ހެޑް ޝަރީފް އަދި ފިނޭންސް މިނިސްޓްރީގެ ސެޕްއިން މުސާރަ އެޕްރޫވްކުރާ މުވައްޒަފު. ތި މައްސަލަ ސިވިލް ސަރވިސް ކޮމިޝަނުން ތަހުޤީޤު ކޮށް ބެލިއިރު ޕީއެސްއާއި އެޗްއާރު ހެޑްގެ ބައިވެރިވުން އޮތްކަމަށް ސާބިތުވާތީ ޕީއެސްވަނީ ވަޒީފާއިން ވަކިކޮށްފަ. އަދި ތިކަމުގައި ޖިނާއީ މައްސަލަތަކެއް ހުރުމުން ޕޮލިހާއި އޭސީސީއަށް ވަނީ މައްސަލަ ބަލަން އަންގާފަ.
ވަހީދު
25 February 2020
ދެން ކީއްކުރަން ޑރ ޒިޔާދުގެ އަބުރު ކަތިއެލަނީ.
ހުސޭން
24 February 2020
ހެރިޓޭޖް މިނިސްޓްރީންވެސް ތިކަހަލަ ގޮތަކަށް މުސާރަ ނަގާފަ އޮތް ކަމަށް އޮޑިޓް ރިޕޯޓް ގަ އެބައޮތް އެކަމަކު އެވާހަކަ އެއް ނެތް ނޫހުގައެއް.
ފައިސަލް ޓިނު
24 February 2020
އެއީ ތެދެއް ! ޔޫރޯ ޓުއާ ގަ އަބަދު އުޅުނީ !
ހނ
24 February 2020
މިވެސް ފާޑެއްގެ އެންޓިކެންޕޭނެއް.
ބޮޑުމީހާ
24 February 2020
އިހުމާލުވާ މީހުންނާއި މެދު ފިޔަވަޅު އެޅެންވާނެ. ކޮރަޕްޝަން މައްސަލަތަކުގައި ހިމެނޭ މީހުންގެ ދަފްތަރެއް އެކުލަވާލަންފެނޭ...