ޚިޔާލު

ރާއްޖޭގެ ބޭންކިން ވިޔަފާރި ހަމަ މި ގޮތުގައި ބާއްވަންވީތަ؟

ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ: ރާއްޖޭގައި ބޭންކިން ނިޒާމު ރެގިއުލޭޓްކުރުމުގެ ބާރު އޮތީ އެމްއެމްއޭއަށް

އަބްދުލް ހަލީމް އަބްދުލް ލަތީފް

05 މާޗް 2020 - 09:36

29 comments

ކޮންމެ ގައުމެއްގެ ވެސް އޮންނަ މާލީ ނިޒާމަކީ، އެ ގައުމެއްގެ އިގުތިސާދީ ކުރިއެރުމާއި، ފަރުދުންގެ ދިރިއުޅުމުގައްޔާއި، ވިޔަފާރި ކުރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ނިޒާމެކެވެ. މި ނިޒާމަކީ، އިންސާނުން ދިރިއުޅޭ ކޮންމެ ތަނެއްގައިމެ ގާއިމުވެފައިވާ ނިޒާމެކެވެ. އެކި ތަންތަނުގައި، މި ނިޒާމު ތަރައްގީވެފައި ހުރީ އެކި މިންވަރަށެވެ.

މާލީ ނިޒާމުގެ ތަބީއަތަކީ، ފައިސާ ބާކީކުރާ ފަރާތްތަކާއި، ފައިސާ ބޭނުންވާ ފަރާތްތައް ގުޅުވައިދިނުމެވެ. މި ގުޅުމުގައި ހިމެނޭ ދެ ފަރާތް ކަމަށްވާ ފައިސާ ބާކީކުރާ ފަރާތްތަކާއި، ފައިސާ ބޭނުންވާ ފަރާތުގެ މެދުގައި، ހިންގާ މުއާމަލާތްތަކަކީ، ދެ ފަރާތުގެ މަސްލަހަތު ރައްކާތެރިކުރެވޭ ގުޅުންތަކެއް ކަމަށް ކަށަވަރު ކުރުމަށްޓަކައި، ގާނޫނުތަކުގެ އިތުރުން މުއައްސަސާތަކުގެ ރޯލު ވަރަށް މުހިންމެވެ.

ރާއްޖޭގެ މާލީ ނިޒާމުގެ ބެލެނިވެރި ގާނޫނުތަކުގެ ތެރޭގައި ހިމެނެނީ، 1981 ގައި ނިކުތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގާނޫނާއި 2006 ގައި ހެދި ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސްގެ ގާނޫނާއި، 2010 ގައި އަމަލްކުރަން ފެށި ދިވެހިރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނެވެ. މި ދެންނެވި ހުރި ގާނޫނުތަކަށް އެކި ފަހަރުމަތިން، އިސްލާހުތައް ގެނެވިފައިވިއަސް، ގާނޫނުތަކުގެ އަސްލަށް މާ ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަކަށް އަޅުގަނޑު ނުދެކެމެވެ.

މި ގާނޫނުތަކާއި މި ގަގާނޫނުތަކަށް އައިސްފައިވާ ބަދަލާއި، މުޅި މާލީ ނިޒާމުގެ ގާނޫނީ އޮނިގަނޑުގެ ރޭވިފައި އޮންނަންވީ ގޮތާ މެދު އަޅުގަނޑު ދެކޭ ގޮތް ފަހުގެ މަޒުމޫނެއްގައި ލިޔަން ގަސްދުކުރަމެވެ.

މި މަޒުމޫނުގައި، އަޅުގަނޑު ބަލައިލާފައިވާނީ ރާއްޖޭގެ މާލީ ނިޒާމުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު ވިޔަފާރި ކަމަށްވާ ބޭންކިން ވިޔަފާރިއަށެވެ.

ބޭންކިން ވިޔަފާރި

ރާއްޖޭގައި ފައިސާ ބާކީކުރާ ފަރާތްތަކާއި، ފައިސާ ބޭނުންވާ ފަރާތްތައް ގުޅުވައިދިނުމުގެ ދައުރު އަދާކުރަނީ ރާއްޖޭގައި ހިންގާ ބޭންކްތަކުންނެވެ. ބޭންކްތަކުގެ ވިޔަފާރި ބިނާވަނީ، ފައިސާ ބާކީކުރާ ފަރާތްތަކަށް، އެ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާ އެކު، ބޭންކުގައި ރައްކާކޮށްފައިވާ ފައިސާ (ޑިޕޮސިޓް ފައިސާ)، ފައިސާ ބޭނުންވާ ފަރާތްތަކަށް ލޯނުގެ ގޮތުގައި ދޫކުރުމުގެ މައްޗަށެވެ.

ރާއްޖޭގައި ބޭންކިންގެ ވިޔަފާރި ތައާރަފުވީ 1974 ގައި ރާއްޖެއަށް ބޭނުންވާ އިމްޕޯޓު މުދަލާއި ރާއްޖެއިން އެކުސްޕޯޓްކުރާ މުދަލާ ގުޅިގެން ހިންގާ މުއާމަލާތްތަކުގައި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ބްރާންޗެއް ރާއްޖޭގައި ހުޅުމާ ގުޅިގެންނެވެ. އޭގެ ފަހުން 1982 ގައި، އެމްއެމްއޭ އުފެދުމުން، ސަރުކާރުގެ ބޭންކިންގެ ހިދުމަތްތައް އެ ވުޒާރާއިން ކުރަން ފެށުމެވެ.

ބޭންކިން ވިޔަފާރިން ފައިދާ ހޯދަނީ، ބޭންކުން ލޯނު ނެގި ފަރާތުގެ އަތުން ނަގާ ލޯނުގެ ހިދުމަތުގެ އަގާއި، ބޭންކުގައި ފައިސާ ޖަމާކޮށްފައިވާ ފަރާތަށް ބޭކުން ދޭ އަދަދުގެ ތަފާތުންނެވެ. އިނގިރޭސި ބަހުން މިއަށް ކިޔަނީ "ސްޕްރެޑް އިންކަމް" އެވެ. މި ތަފާތު ބޮޑުވި މިންވަރަކަށް ބޭންކަށް ފައިދާވާ މިންވަރު އިތުރުވެ އެވެ.

ބޭންކިންގެ ވިޔަފާރީގެ ބޮޑު ފައިދާގެ އަނެއް ފަރާތަކީ ބޭންކުގައި ފައިސާ ބަހައްޓާ ފަރާތްތަކަށާއި، ބޭންކުން ފައިސާ ލޯނުގެ ގޮތުގައި ނަގާ ފަރާތްތަކަށް ހައްގުވާ މިންވަރު ނުލިބުމެވެ.

ބޭންކު ވިޔަފާރި އަށް ފައިސާ ހޯދާފައިވާ ގޮތް

އެމްއެމްއޭ އިން ހާމަކޮށްފައިވާ ބޭންކުތަކުގެ ޖުމްލަ ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ބޭންކިން ހިދުމަތް ދޭ ވިޔަފާރިތަކުން ފައިސާ ހޯދަނީ ކަސްޓަމަރުން ޖަމާކުރާ ފައިސާ އިންނެވެ. އަދި ބޭންކިން ވިޔަފާރީގައި ފައިދާ ހޯދާ ގޮތަށް ބަލާއިރު، ކަސްޓަމަރުން ޖަމާކުރާ ފައިސާ އަކީ އެވްރެޖް ގޮތެއްގައި 70 ޕަސެންޓެވެ. ފާއިތުވި އަހަރުތަކުގައި މި އަދަދު ހުރީ ވެސް މި މިންވަރުގަ އެވެ.

ޓޭބަލް 1: ބެންކުތަކުގެ ވިޔަފާރި އަށް ފައިސާ ހޯދާފައިވާ ގޮތް

ރާއްޖޭގައި ހިންގާ ބޭންކްތަކުން ފައިސާ ހޯދާ ގޮތް

ހިސާބުތަކުން ދައްކާ ގޮތުގައި 2018 ނިމުނު އިރު ބޭންކުތަކުގައި ކަސްޓަމަރުން ޑިޕޮސިޓް ކޮށްފައިވާ ޖުމްލަ ފައިސާ އަކީ، 33.2 ބިލިއަން ރުފިޔާ އެވެ. ބޭންކުތަކުގައި ކަސްޓަމަރުން ޖަމާކުރި ފައިސާ އަހަރުން އަހަރަށް އިތުރުވަމުން ގޮސްފައިވެ އެވެ

މި ގޮތުން، 2013 ގައި 23 ބިލިއަން ރުފިޔާގައި، ކަސްޓަމަރުން ޖަމާކުރި ފައިސާގެ އަދަދު ހުރިއިރު، 2018 ނިމުނު އިރު އެ އަދަދު ހުރީ 33.2 ބިލިއަން ރުފިޔާ ކަމުން، އެވްރެޖް ގޮތެއްގައި ކަސްޓަމަރުން ޖަމާކުރާ ފައިސާ އިތުރުވެފައިވާ އަށް ޕަސެންޓެވެ.

ގުރާފް 1: ބޭންކުތަކުގައި ހުރި ކަސްޓަމަރުން ޑިޕޮސިޓް (ބިލިއަން ރުފިޔާ)

ރާއްޖޭގައި ހުރި ބޭންކްތަކަށް ކަސްޓަމަރުން ޖަމާކުރި ފައިސާގެ މިންވަރު ދައްކައިދޭ ޗާޓެއް

ބޭންކުތަކުގައި ޑިޕޮސިޓް ކުރާ ފައިސާގެ އަދަދު އިތުރުވުމާ ގުޅިގެން، ޑިޕޮސިޓް ކުރާ ކަސްޓަމަރުންނަށް ބޭންކުން ދޭ މިންވަރު ވަނީ ދަށްވެފަ އެވެ. ޑިޕޮސިޓްކުރާ ފަރާތްތަކުގެ ފައިސާއަށް ބޭންކުތަކުން ދޭ އަދަދު، ބޭންކުތަކުގައި ޖަމާކޮށްފައިވާ އަދަދުތަކާ އަޅާބެލުމުން ބޭންކުތަކުން ފައިސާ ހޯދަނީ، އެއް ޕަސެންޓަށް ވުރެ ކުޑަކޮށް ކަމަށް ފެނެ އެވެ.

ގުރާފް 2: ބޭންކްތަކުން ކަސްޓަމަރުންގެ ޑިޕޮސިޓަށް ދައްކާ ރޭޓް

ރާއްޖޭގައި ހުރި ބޭންކްތަކުން ޑިޕޮސިޓަށް ދައްކާ ރޭޓް

ޑިޕޮސިޓް ކުރާ ފަރާތްތަކަށް ބޭންކުތަކުން އެވްރެޖްކޮށް އެއް ޕަސެންޓަށް ވުރެ ކުޑަ އަދަދެއް ދޭއިރު، ބޭންކުތަކުން ލޯނު ނާގާ ފަރާތްތަކުން ލޯނުގެ ހިދުމަތަށް ނަގާ ރޭޓް، ބޭންކުތަކުން ޑިޕޮސިޓަށް ދައްކާ ރޭޓަށް ވުރެ އެވްރެޖްކޮށް 10 ޕަސެންޓް (ނުވަތަ 12 ގުނަ) އަށް ވުރެ ބޮޑެވެ.

ޓޭބަލް 3: ބޭންކުތަކުން ލޯނުގެ ހިދުމަތަށް ނަގާ އަދަދު

ބޭންކިން ވިޔަފާރިން ލޯނާއި އެހެން ހިދުމަތްތައް ދީގެން 2018 ގައި ފައިދާގެ ގޮތުގައި 2.7 ބިލިއަން ހޯދާފައިވެ އެވެ. މިއީ 2017 ވަނަ އަހަރާ ބަލާއިރު އަށް ޕަސެންޓްގެ އިތުރުވުމެކެވެ. ފައިސާ ބާކީކުރާ ފަރާތްތަކާއި، ފައިސާ ބޭނުންވާ ފަރާތްތައް ގުޅުވައިދިނުމުގެ މެދުވެރިއެއްގެ ރޯލު އަދާކުރާ ބޭންކިން ވިޔަފާރި ބޮޑު ފައިދާއެއްގައި ހިންގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވޭކަށް ނެތެވެ.

ޓޭބަލް 4: ބޭންކުތަކުގެ ފައިދާ (ބިލިއަން ރުފިޔާ)

މިދިއަ ފަސް އަހަރު ރާއްޖޭގެ ބޭންކްތަކުން ހޯދި ފައިދާ

ވިޔަފާރީގެ ދަތިތަކާއި، ހުރަސްތައް ހުރި މިންވަރުން، އެކަށީގެންވާ ފައިދާއެއް ކަމަށް ބެލުމަށް ވުރެ ބޭންކުތަކުން ބޮޑު ފައިދާއެއް ހޯދަނީ، މާލީ ނިޒާމުގައި ވާދަވެރިކަން ނެތުމާއި، މާލީ ނިޒާމު ހަރުދަނާ ކުރުމަށް ސިޔާސަތުތައް ނެތުމާއި، ބޭންކިން ވިޔަފާރި ކުރާ ފަރާތްތަކުގެ މަސްލަހަތަށް ދީލައިލެވިފައިވާ ރެގިއުލޭޓަރީ ސަގާފަތެއްގެ ސަބަބުން ކަމަށް ދެކެމެވެ.

ބޭންކުތަކުން ފައިދާ ހޯދާ މުއާމަލާތްތަކަށް ބަލައިލުމުން، 25 ޕަސެންޓް ހިއްސާކުރަނީ، ދިވެހި ސަރުކާރުން ޔަގީންކޮށްފައިވާ ދަރަނި ކަމަށް ވުމާއި، ލޯނު އަނބުރާ ނުދައްކާ މީހުންގެ ނިސްބަތް ކުޑަވަމުން ދާކަން ފާހަގަކުރެވިފައި ވާއިރު، ބޭންކުތަކުން ފައިދާ ހޯދަނީ ދިވެހި ރާއްޖޭގެ މާލީ ނިޒާމުގައި ވާދަވެރިކަން ނެތުމުގެ ނަހަމަ ބޭނުން ކޮށްގެން ކަމަށް ގަބޫލުކުރެވެން އެބަ އޮތެވެ.

ގުރާފް 3: ވަކިވަކި ބޭންކުތަކުގެ ހިއްސާ (މާކެޓް ޝެއާ)

ރާއްޖޭގެ ބޭންކިން ދާއިރާ އެކި ބޭންކްތަކުން ހިއްސާކުރާ މިންވަރު

ރާއްޖޭގެ އިގުތިސާދުގެ ނިސްބަތުން ބޭންކިން ސެކްޓަރަކީ 59 ޕަސެންޓެވެ. ރާއްޖޭގެ ބޭންކިން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން، މުޅި މާކެޓްގެ 47 ޕަސެންޓް ހިއްސާކުރަނީ ބޭންކް އޮފް މޯލްޑިވްސް އިންނެވެ. ދެން އެންމެ ބޮޑު ހިއްސާއެއް އޮތީ ސްޓޭޓް ބޭންކު އޮފް އިންޑިޔާގެ އަތުގަ އެވެ. އެއީ 21 ޕަސެންޓެވެ. މި ދެ ބޭންކުގެ ވިޔަފާރި އެއްކޮށްލުމުން މުޅި މާކެޓްގެ 68 ޕަސެންޓް ކޮންޓްރޯލްވީ އެވެ.

ވިޔަފާރީގެ ވާދަވެރިކަން ބެލުމަށް ބޭނުން ކުރާ އެއް އިންޑެކްސް ކަމަށް ވާ، ހާފިންދާލް ހިންޝްމަން އިންޑެކްސް އިން ރާއްޖޭގެ ބޭންކިން ވިޔަފާރީގެ ދާއިރާއަށް ލިބެނީ 2837 އެވެ. ވީމާ މި ވިޔަފާރީގެ މާކެޓް ސްޓްރަކްޗަ މި އޮތީ އޮލިގޯޕޮލީއެއްގެ ގޮތުގަ އެވެ. މިހެން މިކަން އޮތްއިރު، ފަހަގަކޮށްލަން ބޭނުންވާ އަނެއް ނުކުތާއަކީ މުޅި ބޭންކިން ވިޔަފާރިއަށް ބަލާއިރު، ރާއްޖޭން ބޭރުގެ ބޭންކުތަކުގެ ހިއްސާ 45 ޕަސެންޓަށް ވުރެ މަތިވުމާ އެކު ރާއްޖޭގެ މާލީ ނިޒާމުގެ ފައިދާގެ ބޮޑު ބައެއްގެ ހިއްސާދާރުންނަކީ ވެސް ރާއްޖޭން ބޭރުގެ ފަރާތްތައް ކަމަށް ވުމެވެ.

އަޅުގަނޑު ހިތުގައި އުފެދޭ ސުވާލަކީ ރާއްޖޭގެ ބޭންކިން ވިޔަފާރި ހަމަ މި ގޮތުގައި ބާއްވަންވީ ހެއްޔެވެ؟

އެޑިޓަރުގެ ނޯޓު

އަބްދުލް ހަލީމް އަބްދުލް ލަތީފަކީ، ޕެންޝަން ފަންޑުގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރެވެ. އިންވެސްޓްމެންޓް މެނޭޖްމަންޓާއި އިންވެސްޓްމަންޓް އޮފަރޭޝަންގެ ތަޖުރިބާގެ އިތުރުން ހަލީމު ވަނީ ބޭންކިން އިންޑަސްޓްރީގައި ޓްރެޒަރީ މެނޭޖްމަންޓާއި، ކޯފަރޭޓް ބޭންކިންގައި މަސައްކަތްކުރައްވައި ބޭންކިންގެ ތަޖްރިބާ ހޯއްދަވައިފަ އެވެ. އެ އިންޑަސްޓްރީއަށް 2009 ގައި ވެންނެވުމުގެ ކުރިން ހަލީމު މަސައްކަތްކުރެއްވީ ގައުމީ ޔުނިވަސިޓީގަ އެވެ. ހަލީމަކީ ޗާޓަޑް މެނޭޖްމަންޓް އެކައުންޓަންޓެކެވެ. [email protected] މި އީމެއިލް އިން ހަލީމާ ގުޅުއްވޭނެ އެވެ.

29 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 15%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮވެލި

06 March 2020

ރާއްޖޭގައި އެންމެ ފުރަތަމަ ބޭންކެއް ހުޅުވިކަމަށް ވަނީ އައްޑޫގައި. ޗެކް ކޮށްލެއްވުން ރަނގަޅުވާނެ. އިތުރު ބަޔަކަށް ހުޅުވާލުމަކުން އޮޓްމެޓިކުން ވާދަވެރިކަން އިތުރެއް ނުވާނެ. މާކެޓް މޮނިޓަރ ކޮށް ބަލަހައްޓާ ރެގިއުލޭޓް ކޮންމެވެސް ވަރަކަށް ކުރަން ޖެހޭނެ. އެކަހަލަ ތަނެއް ނެތްދޯ

The name is already taken The name is available. Register?

ބަނާނާ

06 March 2020

ހެޔޮވެރިކަ މެއްގެ ނަ މުގައި ގައު މުލޫޓުވާލާ އިރު ހަ މަތިބެންވީތޯ؟

The name is already taken The name is available. Register?

ޑަބްލިއުޓީއޯ ގައި އެ ސެކްޓަރު ޝެޑިއުލްކުރުން

05 March 2020

ޑަބްލިއުޓީއޯގެ ސާވިސް ސެކްޓަރުގެ ޝެޑިއުލް އޮފް ކޮ މިޓް މަންޓްސް ގައި، ބޭންކިންގ ސެކްޓަރު ޝެޑިއުލްކޮށް ބޭރުގެ އިންވެސްޓަރުންގެ ވާދަވެރި ކަ މަށް އެ ސެކްޓަރު ހުޅުވާލަންވީ.... ފަހަރުގަ އިންވެސްޓަރުން މިހެން ހެދު މުން އަތުވެދާނެ ކަންނޭގެ އެއްނު. ޔަގީންކަން ހަ މަގައި މުވެސް މިހެން ހެދު މުން އިންވެސްޓަރުންނަށް ލިބޭނެ.

The name is already taken The name is available. Register?

ދާގީނާ

05 March 2020

އަހަންނަކީ އެކްސްޕާޓެއް ނޫން، ނަމަވެސް މީގަ އިންޓަރެސްޓް އަޅުވާކިޔާފަ މީނީ ގޯސްކޮށްކަމަށް ލަފާކުރެވޭ. ޑިޕޮސިޓަށް ދޭ އިންޓަރެސްޓް އަކީ ފިކްސްޑް އެއްޗެއް، މިސާލަކަށް އަހަރުވީމަ އެހުންނަ އަދަދެއްގެ 1% (އެކެއް). އެއާއި ޚިލާފަށް ލޯނުގެ އިންޓަރެސްޓަކީ ކޮމްޕައުންޑް އެއްޗެއް، ލޯނު ދޭއިރު 13%(ތޭރަ) އޭ ބުންޏަސް ނުދެއްކި ބާކީ ހުންނަ ފައިސާއަށް އެއިންޓަރެސްޓް ދާނީ ޗާޖް ވަމުން. ވީމާ ލޯނު ދައްކައި ނިމޭއިރު ނުވަތަ 12 މަސް ތެރޭ 13% އެއް ނޫން ވާނީ، މާބޮޑު ވާނެ.

The name is already taken The name is available. Register?

ކާލާ މަންނަ

06 March 2020

ތިބުނީ ވަރަށް ބޮޑު ތެދެއް 13 ޕަސެންޓޭ ކިޔަސް 50000 ރުފިޔާގެ ލޯން ނެގީމާ 18000 ރުފިޔާ 4 އަހަރު ދުވަހުގެ ތެރޭ އިތުރަށް ދައްކަންޖެހޭ. އެއީ %36 . މިހެންވާގޮތް ބައެއް ބޭފުޅުންނަށް އޮޅޭ . އަސްލުވާގޮތަކީ އަހަރަކު %13 ގެ ބަދަލުގައި އިންޓަރެސްޓައް ޗާޖު ކުރަނީ ކޮންމެ މަހަކު ލޯނުން ނުދެއްކި ހުންނަ ފައިސާ ގެ %13. މިއާޢި ޚިލާފަށް ބޭންކަށް އެހާ ބޮޑު ފައިދާއެއްށްވާއިރުވެސް ފައިސާ ޖަމާކުރާ ފަރާތްތަކަށް މިދެނީ އެންމެ 1 ޕަސެންޓް. .ކިހާ އިންސާފުވެރި .

The name is already taken The name is available. Register?

ހަސަން އިސްމާޢީލް

05 March 2020

ކޮންމެ އިޤްތިޞާދެއްގައިވެސް ކުދި އަދި މެދުފަންތީގެ ޙިއްޞާ ވަރަށް ބޮޑު. ރާއްޖޭގައި މި ސެކްޓަރ އަށް އަޅާލާނެ ސަރުކާރެއް ނާދޭ. ރާއްޖެއަށް ބޭނުންވަނީ އިންވެސްޓްމެންޓް ބޭންކެއް. ކުދި ވިޔަފާރިތަކަށް ހެޔޮ އިންޓަރެސް ރޭޓްގައި ލޯނު ދޫކޮށް އެ ދާއިރާ ކުރިއަރުވާނެ އިދާރާއެއް. އޭރަށް އިޤްތިޞާދު ހަރުދަނާވީ. ވަޒީފާ އުފެދި، ގިނަ ރައްޔިތުންނަށް ތަނަވަސްކަން ލިބިގެން ދާނެ. މިކަން ނޮކޮށް ޤައުމު ތަރައްޤީއެއް ނުވާނެ. ކިތަންމެ ބްރިޖެއް އެޅިޔަސް.

The name is already taken The name is available. Register?

ޒިބްރާ

05 March 2020

ރާއްޖޭގައި ފައިސާ ހޯދަން ބޭންކްތައް ނޫން ދެން ދާނީ ކޮންތަނަކަށްތޯ؟ ގިނަ އަދަދެއްގެ ބޭންކްތައް ހުރި އިރު ނިޒާމު ވާދަވެރިކަން ގެއްލިފައިވަނީ ދިވެހިންނަށް ބޭންކްތައް ނޫން ގޮތެއް ނެތީމައި. ބޭންކްތައް ނޫން ތަންތަނުން ފައިނެންސް ލިބެން ފެށީމަ ބެންކިންގ ނިޒާމަށް ވެސް އެނގުންވާނެ. އެވާހަކަ މިއާޓިކަލްގައި އޮތްނަމަ ފުރިހަމަ ވީސް.

The name is already taken The name is available. Register?

ކަކުނިބޯ

05 March 2020

މިލިޔުމުގައި އަސްލަކަށްނާދެވޭ ރާއްޖޭގެ ބޮޑެތި ރިސޯޓްތަކަށް ވިސާ އަދި މާސްޓަރ ކާޑުން ދައްކާފައިސާ ރާއްޖެބޭރު އެކައުންޓްގައި ބަހައްޓައިގެން ދުވަހުުންދުވަހަށް ރިސޯޓްއޮޕަރޭޓް ކުރާމިންވަރަށް ފައިސާގެނެސް އޭތިކޮޅު ބޮލްކްގަ މާރުކޮށް ތަކެތިގަނެ ފޭކްބިލްހަދާ 2500 ޑޮލަރަށް ވިއްކާރޫ މް 250 ޑޮލަރަށް ކަ މަށް ހަދާ ޓީޖީއެސްޓީ ސަރުކާރަށްދައްކާ ހަދާއިރު އެކަން ނުލިޔެވޭ. މމިކަމުން ބީޕީޓީ ދައްވޭ. ޕޭމަންޓްގޭޓްވޭތަށް ރާއްޖޭގައި އޮޕަރޭޓް ކުރާބޭކްތަކަށް ބަދަލުކުރޭ

The name is already taken The name is available. Register?

ވަރަށްފަހަތުގައި

05 March 2020

ރާއްޖެއަށް ޒަމާނީ ފަސޭހަތައް ނާންނަނީ ކީއްވެތަ؟ ސްޓަރައިޕް، ނެޓެލާ، ސްކިރިލް ފަދަ ފަސޭހަތަކެއް ރާއްޖެއަކުން ނުލިބޭ. ކީއްކުރާ އެމްއެމްއޭއެއް.

The name is already taken The name is available. Register?

ކޮފީ މޭޒު

05 March 2020

ކޮފީ މޭޒުތަކުގަ އަހަރެމެން މިވާހަކަ ދައްކާތާ 8 އަހަރުވީ އަދި ކިރިޔާ ނޫހަކަށް މިއެރީ. ރާއްޖޭގެ މާލީ ބާޒާރުގައިވާ ލޯވަޅުތަޢް ބޭނުންކޮށްގެން ކުއްވެރިނުވެ ވަރަށް ރަނގަޅު ފައިދާ ނެގޭނެ ގޮތްތައް ކޮފީ މޭޒުގަ ތިބެގެން އަހަރެމެން ހޯދާފަ ވެއްޖެ. އެކަމަކު ކިޔައެއް ނުދޭނަން. އަމިއްލަ އަށް ހޯދާ....

The name is already taken The name is available. Register?

ަފާތުމަ

05 March 2020

ޢެގޮތަށް ހޯދާ ފައިދާއިންތަ ބިލް ދައްކަނީ

The name is already taken The name is available. Register?

ޢިބްރާހިމް

05 March 2020

ކުރި ސުވާލުގެ ޖަވާބުވެސް ދީބަލަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454