ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދަށް ގެންދަނީ. އިދިކޮޅުން ބުނީ އެމަނިކުފާނު މިނިވަން ނުކުރަނީސް ސަރުކާރާ އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް.
10 މާޗް 2020 - 14:12
އެކި ގައުމުތަކުގައި މިހާރު ފެތުރޭ ކޮވިޑް-19 އަށް ރާއްޖެ އިން ވެސް ހަ ބިދޭސީއަކު ޕޮޒިޓިވް ވެފައިވާއިރު، އެކަމާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރުމަށް ސަރުކާރާ އެކު މަޝްވަރާ އަށް ދިއުމުގެ ޝަރުތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރުން ކަމަށް އިދިކޮޅުން ކަނޑައަޅައިފި އެވެ.
ޕީޕީއެމާއި ޕީއެންސީ އެ ގޮތަށް ނިންމާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހާމަކުރެއްވީ ޕީއެންސީގެ ނައިބު ރައީސް އަދި ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.
އޭނާ ވިދާޅުވީ، ކޮވިޑް-19 ފެތުރޭތީ އިންތިޚާބު ލަސްކުރުމުގެ މަޝްވަރާ އަކީ "ސިޔާސީ މަޝްވަރާއެއް" ކަމަށާއި ޔާމީން މިނިވަން ނުކުރަނީސް ސިޔާސީ އެއްވެސް މަޝްވަރާއެއް ނުކުރަން ޕީޕީއެމް-ޕީއެންސީން ނިންމާފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުގެ ގާނޫނަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހު ދިރާސާކުރަން ކަނޑައެޅި މުޅި މަޖިލީހުގެ ކޮމިޓީގައި އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރާ އެކު ސިޔާސީ އެއްވެސް މަޝްވަރާއެއް ނުކުރަން ނިންމީ ޕީޕީއެމް-ޕީއެންސީ ޖޮއިންޓް ކައުންސިލްގެ ބައްދަލުވުމެއްގައި ކަމަށެވެ.
ކުރީގެ ރައީސް ޔާމީނާއި އާދަމް ޝަރީފް ސަލާމް ކުރައްވަނީ.
ޔާމީން، ފަސް އަހަރުގެ މުއްދަތަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައި ހުކުމްކުރީ މަނީލޯންޑަރިންގެ ކުށް ސާބިތުވުމުންނެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތައް މިހާރު ވެސް ކުރިއަށް ދެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގިނަ މެމްބަރުން ވިދާޅުވީ، ކޮވިޑް-19 އަކީ މުޅި ދުނިޔޭގައި ވެސް ބާރަށް ފެތުރެމުންދާ ރޯގާއަކަށް ވާތީ، އެކަމުގެ ބިރުވެރިކަން ކެނޑޭނެ ވަކި ދުވަހެއް ނޭނގޭ ކަމަށާއި އެހެންވެ، އިންތިޚާބު ލަސްކުރަން ނުފެންނަ ކަމަށެވެ. އެގޮތަށް ގިނައިން ވާހަކަ ދެއްކެވީ އެމްޑީޕީގެ މެމްބަރުންނެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި، ރޯގާއާ ގުޅިގެން އިންތިޚާބު ލަސް ކުރަން ޖެހޭ ފަދަ ހާލަތެއް އޮތްކަން ނުވަތަ ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ ސަރުކާރަށެވެ. އެފަދަ މަޝްވަރާއެއް ކުރާ ނަަމަ އިސްނަގަން ޖެހޭނީ ސަރުކާރުން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް (ރެޑް ވޭވް) ވިދާޅުވީ، ކޮވިޑް-19 ފެތުރޭތީ، އިންތިޚާބު ލަސްކުރުމާ މެދު އިދިކޮޅުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެކަމަކު އެއީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމެއް ނަަމަ އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ ރައްކާތެރި ކަމަށް ކޮންމެ ފިޔަވަޅެއް އަޅަން ޖެހުނަސް އަޅުގަނޑު ދެކޭ ގޮތުގައި އެ ފިޔަވަޅެއް އަޅުގަނޑުމެން ޖެހޭނީ އަަޅަން. އެއީ ކޮންމެ ފަދަ ފިޔަވަޅަކަށް ވިޔަސް. އެއީ އަޅުގަނޑުމެންގެ މައިގަނޑު މަސްދަރަކީ،" ސަލީމް ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުން ނެތް ތަނެއްގައި އަޅުގަނޑުމެންގެ ސަރުކާރެއް ވެސް އަދި އެއްވެސް އެއްޗެއް ނޯންނާނެ. އެހެންވީމާ އެ ރައްޔިތުން ހިމާޔަތް ކުރުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކަހަކަ ހާލަތްތަކުގައި މީގެ ކުރިން ވެސް ހުރީ އަޅާފައި."
އާދަމް ޝަރީފް ވިދާޅުވީ، ކޮވިޑް-19 ފެތުރޭތީ އިންތިޚާބު ލަސްކުރުމުގެ މަޝްވަރާ އަކީ "ސިޔާސީ މަޝްވަރާއެއް" ކަމަށާއި ޔާމީން މިނިވަން ނުކުރަނީސް ސިޔާސީ އެއްވެސް މަޝްވަރާއެއް ނުކުރަން ޕީޕީއެމް-ޕީއެންސީން ނިންމާފައިވާ ކަމަށެވެ.
ސަލީމް ވެސް ވިދާޅުވީ، ކޮރޯނާވައިރަހާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެނގޭނީ ސަރުކާރަށް ކަމަށެވެ.
ރޯގާ ފެތުރޭ ދުވަސްވަރެއްގައި އިންތިޚާބު ބާއްވާ ނަމަ، އެކަން އިތުރަށް ހަލުވިވެދާނެ ކަމުގެ ކަންބޮޑުވުން ސިއްހީ މާހިރުންނާއި ސިޔާސީ ބައެއް ފަރާތްތަކުން ވެސް އަންނަނީ ފާޅުކުރަމުންނެވެ.
އެގޮތުން، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވަނީ އިންތިޚާބު ފަސްކުރަން މިއަދު ގޮވައިލައްވާފަ އެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑުން ދިވެހިން ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފަހުގެ ތާރީޚަކަށް އިންތިޚާބު ފަސްކުރަންޖެހޭ ކަމަށެވެ.
ކޮރޯނާވައިރަސް ނުވަތަ އެ ވައިރަސް އިން ޖައްސާ ބަލި، ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް ހަ މީހަކު ޕޮޒިޓިވްފެއިވާއިރު، އިތުރު ބަޔަކު ދަނީ އެ ބައްޔަށް ޓެސްޓު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯވިދު
11 March 2020
ޔާމީނު އިޓަލީއަށް ގެންދަން އަހަރެން ޝަރުތުކުރަނީ!
ހަސަނު
10 March 2020
ޕީޕީއެމް ބައިވެރި ނުކޮށް ކަންކަން ނިންމާލަންވީ...
ވަހީދު
11 March 2020
ސަރުކާރަށް އެވަރުގެ ބާރެއް ލިބިފައިނެތް. ފުލުހުންނަށް ވެކްސިންދީފައި، ކުރީރޭ އެއްކުރިވަރުގެ ޖަމާއަތެއް އެއްކޮށްފައި، އޯޑިއަންސް ރަނގަޅަށް ޢަރަމްވީމަ، މަގަށް ނެރެފިއްޔާ ކިހިނެތް ހަދާނީ ސަރުކާރުން.
ައަލީބެ
10 March 2020
މަޝްވަރާކުރާނެ އިދިކޮޅެއް އެބޮތްތަ. އިދިކޮޅު ވެފަތިބޭ. ވޯޓުލާ ނިންމާނަން. ޔާމީން ޖެހޭނީ ޖަލުގަ އޮންނަން.
ކޮޅުކެހި
10 March 2020
ސަރީފް މެން ރައްޔިތުންނާ މެ ދު ވިސްނާވަރު ވަރައް ރަނގަޅައް ހާމަ ވެއްޖެ. މަށަކީ އި ދިކޮޅު ސަޕޯޠަރެއް. ޢެކަމު މިހާރު މި ދަނީ ވިސްނަމުން.
ނޯވޭ
10 March 2020
ތިޔަ ކަހަލަ ޝަރުތުތައް ކުރިމަތިކުރާ މީހުންގެ އަޑު އެއްގޮތަކަށްވެސް އަހާނެ ކަމެއް..
ބަޑީ
10 March 2020
އެއީ ކޮންކަމަކަށް ކުރި ޝަރުތެއްތޯ؟ ކޯވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރަން އެއްބާރުލުން ދިނުމަށްތޯ؟ ދެން މިވަޤުތު ތިބޭފުޅުންގެ ސައިޒް ދައްކާލާ ވޯޓެއް ވިންކޮށްލަން އެބަޖެހޭ. އަދި މިވީހާތަނަށް ތިޕާރޓީއަށް ވޯޓެއް ވިންވެފަ އޮތްތަނެއް ނުފެނޭ.
ރައްޔިތުމީހާ...
10 March 2020
ޝަރުތުތަކެއް އޮންނާކަށް ނުޖެހޭ އެހެންނަމަވެސް ޤައުމެއް ލީޑްކުރަން ޔާމީންފަދަ ލީޑަރަޝިފްރަނގަޅު ލީޑަރަކު މުހިއްމުކަން ޔާމީންގެ 5 އަހަރުގައި ތިޔަ ހުރިހައި ރައްޔިތުންނަށް ސާބިތުކޮށްދީފައިވޭ ... މިކަހަލަ ދަނޑިވަޅުތަކުގައި ޤައުމުލީޑްކުރެވޭނީ ފޮނިކަނޑާ ބަޔަކަށެއްނޫން ލީޑަރޝިޕް ރަނގަޅުބަޔަކަށް އަޅުގަނޑުމެން އެއްބަސްވިޔަސް ނުވިޔަސް މިއީ ހަޤީގަތް.. އަމިއްލަ ލޯހުޅުވައިފަ ބަލާލުމުން ފެންނާނެ ވަރަށް ސަލާމް
ކހގފފ
10 March 2020
މަގޭ ލޯ ހުޅުވާލީމަ ފެނޭ ޕެންޑްރައިވާ ކަޅުފޮޮއްޓާ ތިޖޫރީއާ ވާނުވާއާ ކޯޓު ފުރާޅާ އޭތިމީތި. ތްރިލަރ ފިލްމެއް ކަހަލަ ކަޅު މަންޒަރު!
ޙަބީބު
13 March 2020
ކޮބައި މިހާރު އެފައިސާ. ބުރިޖު އެޅީ ލޯނު ނަގައިގެން. ފުލެޓް އެޅީ ލޯނު ނަގައިގެން. ހޮސްޕިޓަލް އެޅީ ލޯނު ނަގައިގެން، އެއާޕޯޓް އެޅީ ލޯނު ނަގައިގެން. ޢެފައިސާއެއް ނުދައްކައި.
ބޮޑުވަގު
10 March 2020
ރައްޔިތުނަށްޓަކާ ސެނިޓައިޒާ ފުޅިއެއް 50ރ. އިން 150ރ. އަށް ރެޑްވޭވްއިން. ދޯ ސަލީމޫ...
ދިޔަވަރު
10 March 2020
ޔާމަިނަކީ ފަސޭހައިން ދޫކުރެވިގެންވާނެ ގައިދީއެއް ނޫން ވައްކަމާ ކަޅު ފޮއްޓާ ޕެންޑްރައިވާ އަނދިރިހެކީގެ ދުވަސްވަރު ދިވެހި އަޖްދާދުންނަށް ލިބެމުން ދިޔަ އަނިޔާގެ މަތިން ހަނދާން ކޮށްލާ ގައިދީ ޔާމީނު ވެެިކަމުގައި މުޅި ގައުމުގައި އިވެމުން ދިޔައީ ރުއިމުގެ އަޑު
ނައުޝީން
10 March 2020
ޢާދޭސްކޮށްގެން ޕީޕީއެމް މަޝްވަރާކުރަން އެބަުއުޅޭތަ! ބަލިމަޑުކަމެއް5 ޖެހިގެން ގައުމުހުއްޓެންދާއިރުވެސް އަމިއްލައެދުން އިސްކުރަނީ. ޥަރަށް ތާހިރެއްނު!!