ޚަބަރު / ކޮވިޑް-19

އިޓަލީގެ ދެ މީހުން ފުރުވާލުމަކީ ހެދި ގޯހެއް! އުސޫލުތަކާ ވެސް ހިލާފު

އެއަރޯފްލޮޓުގެ މަތިންދާ ބޯޓެއް މޮސްކޯ އެއާޕޯޓުގައި: ރާއްޖެ އައި އެ އާލައިންގެ ފްލައިޓަކުން ދަތުރުކުރި އިޓަލީ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން އެނގުނީ ބޯޓު ފުރި ފަހުން --ފޮޓޯ:ވަންޗާންސްޓްްރޭވަލް

"އައިލެންޑް ސަފާރީ-1" ގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދެ މީހަކާ އެކު ޗުއްޓީ ހޭދަކުރި ޓޫރިސްޓުންގެ ތެރެއިން މިދިއަ ހުކުރުދުވަހު ފުރުވާލި އިޓަލީގެ ދެ މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވުމުން، ޓެސްޓްގެ ނަތީޖާ ލިބުމުގެ ކުރިން އެ މީހުން ފޮނުވާލުމަކީ ރާއްޖޭގެ ރަސްމީ ފަރާތްތަކަށް އެޅުނު ގޯސް ފިޔަވަޅެކެވެ.

މި މައްސަލާގައި ޑަައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެފައި ވަނީ އެއީ "ލިބުނު ފިލާވަޅެއް" ކަމަށެވެ. އަދި "އެ ފިލާވަލުން" އިބުރަތް ހޯދައި، މިހާރުގެ އުސޫލުތަކަށް ކުރިއަށް އޮތް ތަނުގައި ބަދަލެއް ގެންނަ ނަމަ ބޭނުންކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެހެން ވިދާޅުވިޔަސް އޭގެ ޒާތަށް ބަލާއިރު، ދެ ޓޫރިސްޓުންގެ އެންމެ ފަހުގެ ޓެސްޓްގެ ނަތީޖާ ނުލިބެނީސް ފުރުވާލުމާއި، އެތައް ސަތޭކަ ބަޔަކު ނުރައްކަލުގެ ތެރެއަށް ވައްޓާލެވޭވަރުގެ ކަމަކަށް މަގުފަހިކުރުމަކީ ކުޑަ މައްސަލައެއް ނޫނެވެ. ދެ މީހުން ދަތުރުކުރި ރަޝިޔާގެ ގައުމީ އެއާލައިން އެއަރޯފްލޮޓުގައި 350 އަށް ވުރެ ގިނަ މީހުން ތިއްބެވެ. ޓެސްޓްގެ ނަތީޖާ ލިބުނު އިރު ބޯޓު ރަޝިޔާއަކަށް ނުޖައްސަ އެވެ. އެކަމަކު ރާއްޖޭގެ ރަސްމީ ފަރާތްތަކުން އެއާލައިނަށް އެކަން އެންގުމާ އެކު، މެސްކޯ އެއާޕޯޓްގައި އެ ބޯޓު ކަރަންޓީން ވެސް ކުރި އެވެ.

އެއަރޯފްލޮޓް އިން މިހާރު ނިންމާފައި ވަނީ މި ދުވަސްވަރު ރަޝިޔާ ނޫން އެހެން ގައުމެއްގެ މީހަކު އޭގެ އެއްވެސް ފްލައިޓަކަށް ނާރުވާ ގޮތަށެވެ.

އެސްއޯޕީގައި ބުނަނީ އެހެން ވާހަކައެއް

ޗައިނާގެ ވޫހާންގައި ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ތައްޔާރުވާން ފެށި އެވެ. އަދި އެ ވައިރަސް އިން ރައްކާތެރިވާން އަޅާނެ ފިޔަވަޅުތައް، ޑަބްލިޔުއެޗުއޯގެ އިރުޝާދުތައް ވެސް ހިމަނައިގެން، ކަނޑައަޅާފައިވާ ސްޓޭންޑާސް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އެއް އެކުލަވާލި އެވެ. ކޮރޯނާވައިރަސްއަށް ރާއްޖެ އިން ފުރަތަމަ ޕޮޮޒިޓިވްވި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ބިދޭސީ ދެ މުވައްޒަފުންގެ މައްސަލާގައި، ރަސްމީ ފަރާތްތަކަށް ކުރެވޭނެ ކަމެއް ނެތެވެ. އަދި އެ ދެ މީހުންގެ ގަޔަށް ވައިރަސް އަރަން މެދުވެރިވި އިޓަލީގެ ޓޫރިސްޓްގެ ހާލަތު ކަމާ ބެހޭ ފަރާތްތަކަށް ސިއްރުކޮށް، ރާއްޖެ އިން ފޮނުވާލުމަކީ ވެސް، މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، އެޗުޕީއޭއަށް އެނގިގެން ހިނގައިދިޔަ ކަންކަމެއް ނޫނެވެ.

ކުރެއްދޫ ކޭސްއަށް ފަހު ރާއްޖެ އިން އަންނަނީ ހަރުދަނާ ފިޔަވަޅުތައް އަޅަމުން، އެ ވައިރަސް އިން މުޅި ގައުމު ސަލާމަތްކުރެވޭނެ ގޮތަށް ހަރުކަށި އުސޫލުތައް ވެސް ދަމަހައްޓަމުންނެވެ. އެކަމަކު މި ދަނޑިވަޅު، ހައި ރިސްކްގައި ހިމެނޭ ބައެއްގެ ޓެސްޓްގެ ނަތީޖާ ލިބުމުގެ ކުރިން ފުރުވާލުމާ އެކު، ގިނަ ފާޑުކިއުންތަކެއް އަމާޒު ވެއްޖެ އެވެ.

ދެން ބަދަލެއް ގެންނަންޏާ ގެނައުމަށް ލިބުނު ވަރަށް ރަނގަޅު ލެސަން އެއް ކަމަށް ނޫނީ ލާނިންއެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ: މައިމޫނާ

އެއް ބަޔަކު ނަގާ އެއް މައްސަލައަކީ އައިލެންޑް ސަފާރީ-1 އިން ބަޔަކު ޕޮޒިޓިވް ވުމާ އެކު އެ އުޅަނދުގައި ތިބި އެހެން މީހުން ކަރަންޓީންގައި ހޭދަކުރަން ޖެހޭ މުއްދަތު، އެސްއޯޕީގައި އޮތް ގޮތުން، ހަމަނުވާ ކަމެވެ. އެސްއޯޕީގައި ބުނާ ގޮތުން ސަފާރީއަކުން، ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެ ނަމަ ހިކިފަސް ތަނެއްގައި ހުންނަ ފެސިލިޓީއެއްގައި ކަރަންޓީން ކުރަން ޖެހެ އެވެ.

އައިލެންޑް ސަފާރީ-1 އިން ދެ ޓޫރިސްޓެއްގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައީ، އެ އުޅަނދު އައްޑު އަތޮޅުގައި އޮއްވާ މި މަހު 13 ގަ އެވެ. ޓެސްޓް ހަދަން ސާމްޕަލް ނެގީ 14 ވަނަ ދުވަހު އެވެ. ޕޮޒިޓިވްކަމުގެ ނަތީޖާ ލިބުނީ 15 ވަނަ ދުވަހު އެވެ. އެ މީހުން އެ ސަފާރީން ބޭލީ 16 ގަ އެވެ. އަދި ވިލިފަރު ކަރަންޓީން ފެސިލިޓީއަށް ސަފާރީ ގެނެސް، އޭގައި ތިބި ޓޫރިސްޓުންނާއި ބައެއް ފަޅުވެރިން ކަރަންޓީންކުރީ މި މަހު 17 ގަ އެވެ. އެހެންކަމުން، އެސްއޯޕީގައި އޮތް ގޮތުން ނަމަ، 14 ދުވަހުގެ ކަރަންޓީން ހަމަވާނީ 31 އަށެވެ.

އެކަމަކު ނެޝަނަލް އިމަޖެންސީ އޮޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު އެ ސުވާލު ކުުރުމުން އައިޖީއެމްއެޗްގެ ޑރ. މޫސާ މުރާދުު ވިދާޅުވީ ކަރަންޓީނުގެ މުއްދަތު ގުނަން ފަށާނީ އެ ގޮތަށް ކަަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އޭނާގެ އެ ވާހަކައަށް އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަބްދުލްއަޒީޒު ވެސް ތާއީދުކުރެއްވި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިން ބޭއްވި މީޑިއާ ބްރީފިންއެއްގައި ޑރ. މުރާދު ވާހަކަ ދައްކަވަނީ.--ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"ކަރަންޓީނު ކުރުމުގެ ވިސްނުމަކީ މީހާގެ ކޮންޓެމިނޭޝަން (އޭނާގެ ގައިން އެެހެން މީހުންގެ ގަޔަށް ވައިރަސް ފެތުރުން) ހުއްޓުވުން. އެގޮތަށް ބަލާ ކަމަށް ވަންޏާ މީހުން ހަމަ ވަކިކުރެވުނީމާ ކޮންޓެމިނޭޝަން ހުއްޓުުވޭ،" ސަފާރީގެ ދެ ޓޫރިސްޓެއްގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަން ފެށުމާ އެކު އުޅަނދުގެ އެހެން މީހުން ވަކިކުރިކުރުމަށް އިޝާރަތްކުރައްވާ އޭނާ ވިދާޅުވި އެވެ.

ރަސްމީ ފަރާތްތަކުން ބުނާ ގޮތުން ވިއްޔާ ފުރުވާލި މީހުންގެ ކަރަންޓީންގެ މުއްދަތު ހަމަވީ އެ މީހުން ފުރި ދުވަސް ކަަމަށްވާ މިދިއަ ހުކުރުދުވަސް، މާޗު 27 އަށެވެ. އެއީ ކޮވިޑް-19 އަށް ޝައްކުވެގެން އައިލެންޑް ސަފާރީ-1 އިން އެޗުޕީއޭއަށް އެކަން އެންގި މާޗު 13 އިން މުއްދަތު ގުނަން ފަށައިގެންނެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ކުރިއްސުރެ އުސޫލުތައް ހަދާފައި ހުރި ނަަމަވެސް ހާލަތަށް އަންނަ ބަދަލާ އެކު ގަވައިދު ބައްދަލުވަަމުން އަންނާނެ އެވެ. އެކަމަކު ކަރަންޓީނު ކުރުމުގެ ގައިޑްލައިނަަށް ބަދަލެއް ގެނައިކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ. އަދި އެގޮތަށް، ރަސްމީ އެއްވެސް ފަރާތަކުން ބުނެފައެއް ވެސް ނުވެ އެވެ.

ހައިރިސްކް ކޮންޓެކްޓެއް ނަމަ ދެ ފަހަރަށް ޓެސްޓް ހަދަން ޖެހޭ

ކޮވިޑް-19 އަށް ޝައްކުވާ އަލާމާތްތައް ހުންނަ މީހުންނާއި އެ ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ ހައި ރިސްކް ކޮންޓެކްޓެއް ކަމަށް ކަނޑައަޅާނެ ގޮތް ވެސް އެސްްއޯޕީގައި އެބަ އޮތެވެ. އެއް އުޅަނދެއްގައި ދަތުރުކުރުމަކީ އެ ކެޓަގަރީއަށް ފެތޭ ކަމެކެވެ. އެހެންވީމާ އިޓަލީ އަށް ފުރުވާލި ދެ މީހުންނަކީ އައިލެންޑް ސަފާރީގައި ތިއްބައި އެ ބައްޔަށް ޕޮޒިޓިވް ވި ދެ މީހުންނާ އެކު އުޅުނު ބަޔަކަށް ވާތީ، ފެތޭނީ ހައި ރިސްކް ކެޓެގަރީއަށެވެ. އެސްއޯޕީގައި ބުނާ ގޮތުން ހައިރިސްކް ކޮންޓެކްޓަކަށް ވެފައި ބަލީގެ އަލާމާތްތައް ނުހުންނަ މީހުން ދެ ފަަހަރަށް ޓެސްޓް ކުރަން ޖެހެ އެވެ. ދެވަނަ ފަހަރު ޓެސްޓް ކުރަން ޖެހޭނީ ފުރަތަމަ ޓެސްޓްގެ ދެ ހަފްތާ ފަހުން ކަމަށް ވެސް އޭގައި ބުނެފައިވެ އެވެ. ކަރަންޓީނުން ދޫކޮށްލެވޭނީ، ރާއްޖޭގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު، ދެ ފަހަރަށް ނެގެޓިވް ވުމުންނެވެ.

އެކަމަކު ވިލިވަރުގައި ތިއްބާ މިދިއަ ހުކުރުދުވަހު ފުރުވާލީ އެ މީހުންގެ ދެ ވަނަ ޓެސްޓްގެ ނަތީޖާ ލިބުމުގެ ކުރިން ކަމަށް ވާތީ، އެއީ އެސްއޯޕީއާ ހިލާފަށް ކުރި ކަމެއްކަން އެނގެ އެވެ. އަދި އެގޮތަށް ކަންތައްކުރުމުގެ ނަތީޖާ އަކީ އެތައް ބަޔަކު ނުރައްކަލަށް ވައްޓާލުމެވެ.

އެއީ ގޯސްކޮށް ކުރެވުނު ކަމެއްތޯ، ކަމާ ބެހޭ ފަރާތްތަކާ ސުވާލުކުރަން ޖެހެނީ އެހެންވެގެންނެވެ. އެ ސުވާލުކުރުމުން މިދިއަ ހުކުރުދަވަހުގެ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މައިމޫނާ ވިދާޅުވީ "އެއީ ރަނގަޅަކަށް ވީ ކަމެއް" ކަމަށެވެ. އޭގެ މާނައަކީ ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެ ރަނގަޅަށް ފިޔަވަޅުތައް އަޅަން ލިބުނު ތަޖުރިބާއަކަށް ވުމެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮތް ބައްދަލުވުމެއްގައި، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު އަރްވިންދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

"ދެން ބަދަލެއް ގެންނަންޏާ ގެނައުމަށް ލިބުނު ވަރަށް ރަނގަޅު ލެސަން އެއް ކަމަށް ނޫނީ ލާނިންއެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ބޮޑެތި ބާރުތަކެއް ލިބިވަޑައިގަންނަވާ މައިމޫނާ ވިދާޅުވި އެވެ.

ކޮރޯނާވައިރަސްއާ ދެކޮޅަށް މަސައްކަތްކުރަމުން އަންނަނީ ވަރަށް ބުރަކޮށް އަދި ވަރަށް ބޮޑަށް ރޭވިގެންނެވެ. އެކަމުގައި އެތައް ސަތޭކަ ބަޔަކު އެބަ ހަރަކާތްތެރިވެ އެވެ. ފަރުވާކުރާ ޑޮކްޓަރުންނާއި ނަރުހުން ފެށިގެން، ލެބް ޓެކްނީޝަނުންނާއި ނަރުހުންނާއި ސިއްހީ އެހީތެރިންނާއި ހިލޭސާބަހަށް މަސައްކަތްކުރާ މީހުންނާއި، ކަމާ ބެހޭ ރަސްމީ އެހެން އެތައް ބައެކެވެ. އެ އެންމެންގެ ވެސް ވާޖިބަކީ އަދި އުއްމީދަކީ ކޮރޯނާވައިރަސްގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމެވެ.

މިހާ ބޮޑު މަސައްކަތެއްގައި ނުރައްކާތެރިކަން މައްޗަށް ހިނގައިދާނެ އެއްވެސް ކަމެއް ކުރެވިގެންނުވާނެ އެވެ. ރާއްޖޭގައި ތިިބި އިޓަލީ މީހުން ގެންދަން އިޓަލީ ސަރުކާރުން ކިިތައްމެ ބާރެއް އެޅިޔަސް، އެހެން މީހުންނަށް ނުރައްކަލެއް އަތުވެދާނެ ކަމަކަށް ފުރުސަތު ދިނުމަކީ މައްސަލައެކެވެ. ކަމާ ބެހޭ ފަރާތްތަކުން އެކަން ނަގަން ޖެހޭނީ ވެސް މައްސަލައެއްގެ ގޮތުގަ އެވެ.

ޓެސްޓް ކުރުމުގެ ގާބިލުކަން އެބަހުރި

އެންއީއޯސީ އިން ހުކުރުދުވަހުގެ ރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި މަބްރޫކް ވިދާޅުވީ ރާއްޖޭގައި މިހާރުން މިހާރަށް ވެސް 3000 ސާމްޕަލް ޓެސްޓްކުރެވޭ ވަރަށް ޓެސްޓްކިޓް އެބަަހުރި ކަމަށެވެ. އޭގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ރާއްްޖެއަށް ދޭނެކަން ކަށަވަރުކޮށްދީފައިވާ ކިޓުގެ އަދަދަކީ 5000 ކަަމަށް އޭނާ ވިދާޅުވި އެވެ. ޗައިނާގެ މަަޝްހޫރު ވިޔަފާރިވެރިޔާ، އަލީ ބާބާގެ ވެރިޔާ ޖެކްމާ ވަނީ ރާއްޖެއަށް 10،000 ކިޓް ހަދިޔާކުރައްވައިފަ އެވެ. ޗައިނާ ސަރުކާރުން ވެސް 10،000 ކިޓް ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ.

"މީގެ އިތުރުން، އިތުރު 19،000 ކިޓެއް ސެކުއާ ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން،" މަބްރޫކް ވިދާޅުވި އެވެ.

އެހެންވީމާ ރާއްޖޭގައި މިހާރު ހުރި 3000 ކިޓުގެ އިތުރުން ލިބޭނެ ކަމަށް ބެލެވޭ ޖުމްލަ އަދަަދަކީ 44000 ކިޓެވެ.

މި ވަރަށް ކިޓް ހުރި އިރު، ހައި ރިސްކް އެންމެންނާ މެދު މިހާރަށް ވުރެ ބޮޑު ސަމާލުކަމެއް ދޭން މި އޮތީ ޖެހިފަ އެވެ. ފުުރުވާލި އިޓަލީ ދެ މީހުންގެ ކޭސް ފަދަ ކޭހެއް ކުރިއަށް އޮތް ތަނުގައި ތަކުރާރުނުވާނީ ވެސް އެފަދަ ގޮތަކަށް ސަމާލުކަން ދީގެންނެވެ.

119 ކޮމެންޓް, 156 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 27%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިނރުޓޭ

30 March 2020

މި ކަހަލަ އިމަރޖެންސީސް އަކީ ކޮންމެ ކޮންމެ ދުވަހަކު ވާ ކަންތަކެއް ނޫން! އެހެންވީމަ، އަތް ދަށުން ކަމެއް ދޫ ވެގެން ދިޔުމަކީ އެކަށީގެންވާ ކަމެއް! ދުނިިޔޭގެ ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކުންވެސް އެ އުޅެނީ މި ކަމުން އަރައިނުގަނެވިގެން! އެހެންވީމަ، އަހަރުމެން ކަހަލަ ޤައުމެއްގެ ބަޔަކަށް މި ކަމެއް އަތުން ދޫވެގެން ހަމަ ހިނގައިދާނެ ! މި ކަމުން އަހަރުމެން އިބްރަތް ލިބިގަނެ، ކުރިޔަށް ކަންކަން ރާވާ ހިންގާއިރު، މި ކަހަލަ ކަމެއް ތަކުރާރު ވިޔަ ނުދޭންވީ!

The name is already taken The name is available. Register?

ނަޖްވާ

30 March 2020

ތިން ސަތޭކަ މީހުންނާ އެކު ފްލައިޓް އޮތީ މޮސްކޯ އެއަރޕޯޓުގައި ކަރަންޓީނު ކުރެވިފައިވާ ކަަމަށް އަޑު އިވެނީ! މީގެ މާނަ އަކީ އޭގެ ތިބި އެންމެން ހަމަ އެ ފްލައިޓްގައި ތާށިވެފައި ތިބޭނީއޭ! ދެން ހިތަށް އަރަނީ ގައިން ތާހިރުވުމާ ކަންކަން ކިހިނެއް ބާވެއޭ ކުރާނީ!

The name is already taken The name is available. Register?

އިބްރާ

30 March 2020

ކުޅޭކުޅޭ ސަރުކާރެއްގައި މިވަރުވީމާ އަޅުގަނޑު އެއްގޮތަކަށްވެސް ހައިރާނެއް ނުވެއެވެ.

The name is already taken The name is available. Register?

އައިޝާ

30 March 2020

ކޮބާތަ ފަރުދީ ޒިންމާ, އެ އިޓަލީ ދެމީހުންގެ ޒިންމާވެސް ވަކި ކުޑައެއް ނޫން ތީގަ , އެމީހުންނަށް އެގެންވާނެ ގޮތެއް ވަންޏާ ބުނަން ކަރަންޓީނުން ނުކުންނަ އިރު , ދެން ކޮން އެޗްޕީއޭ އެއް ސަރުކާރެއް ކުއްވެރި ކުރާކަށް.

The name is already taken The name is available. Register?

ރީތި މޫސަ

30 March 2020

ކަމެއްގޯސްކޮންކުރެވުމަކީ ފެއިލްވުމެއްނޫން މިހާރުވަނީ ހަރުދަނާ ފިޔަވަޅުއަޅާފަ

The name is already taken The name is available. Register?

އިބްރާ

29 March 2020

މިހާރު: "ހައިރިސްކް ކޮންޓެކްޓަކަށް ވެފައި ބަލީގެ އަލާމާތްތައް ނުހުންނަ މީހުން ދެ ފަަހަރަށް ޓެސްޓް ކުރަން ޖެހެ އެވެ." ނުބައި އެސްއޯޕީ: " ޕޮސިޓިވް ވީ މީހާ އަކީ ހައިރިސްކް ކޮންޓެކްޓަކަށް ވެފައި ބަލީގެ އަލާމާތްތައް ނުހުންނަ މީހުން ދެ ފަަހަރަށް ޓެސްޓް ކުރަން ޖެހެ އެވެ." ފުރުވާލެވުނު މީހާ އަކީ ސަސްޕެކްޓ ކޭސް އެއްވެސް ނޫން. އަދި ފުރުމުގެ ކުރިން ޕޮސިޓިވް ކޭސް އެއްވެސް ނޫން. އައިސޮލޭޓް ކުރީ ބަލިމީހަކާ ކޮންޓެކް ވެފައިވާތީ.

The name is already taken The name is available. Register?

އަލިފުތާބެއްޔާ

30 March 2020

ބަލަ މިހިރަ ގަމާރާ، ކޮންފާމްޑް ކޭސް އަކާއި ޑައިރެކްޓް ކޮންޓަކްޓް ވެފައި ވާނަމަ އެ ގުނާނީ ހައިރިސްކް ކެޓަގަރީގައި. އެއްޗެއް ލިޔެފަ އޮތަސް އަނގަ ކޮށްޕާލާތި

The name is already taken The name is available. Register?

ޢިޙްސާސް

29 March 2020

އިހު މާލުވި އެޗްޕީއޭ މީހުން ވަޒީފާއިން ވަކިކުރޭ. ޢަދި ޖަލުޙުކު މް ކުރޭ. ބޮޑު އިޙު މާލެއް މި. ކުރެއްދޫ ޑޮކްޓަރަށް ފިޔަވަޅެއް ނޭޅޭނެ އެޗްޕީއޭގެ އިހު މާލުވީ މީހުންނަށް ފިޔަވަޅުނާޅާ.

The name is already taken The name is available. Register?

އިބްރާ

30 March 2020

ކޮބާތަ އިހުމާލަކީ؟ ލިޔެފަ ހުންނަ އެއްޗެއް ކިޔާފަ ފަހުމުނުވިޔަސް އިހުމާލޭ ގޮވާ.

The name is already taken The name is available. Register?

ހިންނަވަރު ކުޑަ މޯޑީ

29 March 2020

މިސްޓޭކަަކަށްވާނީ މިސްޓޭކެއް ކަން ގަބޫލު ކޮއްގެން، ސަރުކާރު އިސްވެރިން ތިބީ ގަދަފައި ވިއްދާ ގަދަކަމާ މޮޅުކަން ދައްކާ ދޮގުހަދާ އޮޅުވާލުމުގައި، މި އެޓިޓިއުޑުގަ ތިއްބާ އެއްކަމެއް އިސްލާހެއް ނުވާނެ

The name is already taken The name is available. Register?

ކަރީޕައުޑަރ

29 March 2020

ތިޔަ ކިޔާ އެއްޗެއް ދިމަލެއް ނުވޭ ދެއިރު ދެދަޅަޔައް ޓީވީތަކައް އަރާ ބުރީފްދީދީފައި ބުނޭ އަހަރުމެން މިތިބީ ތައްޔާރަށޭ މިކަމުގަ ހަރުކަށިފިޔަވަޅުއަޅާނަމޭ ކޮބާތޯ އެޅުނު ފިޔަވަޅަކީ 24 ގަޑީއިރު މުޅިދުނިޔޭގެ ހުރިހާ ޙަބަރުފަތުރާ ވަސީލައްތަކުން މިކަމުގެ ނުރައްކަލާ ރައްކާތެރިވާން އަޅަންޖެހޭ ފިޔަވަޅު ތަކާ ވީމާ ހަމަ ކަނޑައެޅިގެން އެގިގެން ޓެސްޓެއް ކޮއް ނަތީޖާ ނުލިބޭއިރު ފޮނުވާލުމަކީ ގޯހެއްކަން އެނގި އެނގި ހުރެ ފޮނުވާލީ އިންސާނިއްޔަތުކަން ނެތީމަ

The name is already taken The name is available. Register?

ރެޓޭ

29 March 2020

ވެގެންއުޅޭގޮތަކީ ސިޔާސީ ބައެއްގެ ނުފޫޒުން އިޓަލީ ދެ މީހުން ފުރުވާލިކަ މަށްވަނީ! އިޓަލީން ފުލައިޓެއް ހަ މަޖެއްސިއަސް ތި މާމ މެން އަ މިއްލައަށް ލިޔެފަ ޝާއިއު ކޮށްފައިވާ އެސް.އޯ.ޕީތަށް ކުނިވަށިގަނޑަށް ލާކަށް ނުޖެހޭ! އެއަށްވު ސު މާޓް ވާންޖެހޭ! ގާނޫނުން ބާރުދީފަވަނީ އެ މަގުން އެކަންކުރަން! މިއީނޭގިގެން ނުވަތަ އޮޅިގެންވެސް ކުރިކަ މެއްނޫން! ހަ މައެކަނި މައްސަލައަކީ ސިޔާސީ ބައެއްގެ އެދު މަށް ނޫނެކޭ ނުބުނުން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454