ދިރާގު ހެޑް އޮފީސް: އެ ކުންފުނީގެ ކަސްޓަމަރުންނަށް ހިލޭ ދޭ ޑޭޓާގެ މިންވަރު ވަނީ އިތުރު ކޮށްފައި -- ފޮޓޯ/މިހާރު
31 މާޗް 2020 - 19:57
ކޮވިޑް-19 އާ ގުޅިގެން އިންޓަނެޓްގެ ޚިދުމަތަށް އިތުރު ލުއިތަކެއް ދިނުމުގެ ގޮތުން ދިރާގުގެ ކަސްޓަމަރުންނަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު 50-140 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދެ މަހަށް އިތުރުކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޓަނެޓް އަގު ހެޔޮކުރަން ސަރުކާރުން ބޭނުންވާ ގޮތް ރައީސް އޮފީހުން އާއްމުކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ދިރާގު ނެރުނު ބަޔާނެއްގައިވަނީ ކަސްޓަމަރުންނަށް ލުއި ދިނުމުގެ ގޮތުން މާޗް މަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސް ދެމުން އަންނަ ކަމަށާއި އަދި އިތުރު ލުއިތަކެއް ދިނުމުގެ ގޮތުން ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު ބުދަ ދުވަހުން ފެށިގެން އިތުރުކޮށް، ކުރިއަށް އޮތް ދެ މަހު ވެސް ދޭން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮފީސްތަކާއި ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. އެހެންވެ، ގޭގައި ތިބެގެން އިންޓަނެޓްގެ ޚިދުމަތް ފަސޭހައިން އަދި ހެޔޮ އަގެއްގައި ލިބޭނެ ގޮތް ހަމަޖައްސައިދޭން ސަރުކާރުން ވަނީ މުވާސަލާތީ ޚިދުމަތް ދޭ ކުންފުނިތަކުގައި އެދިފަ އެވެ.
ދިރާގުން ބުނީ ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓާއި 140 ޕަސެންޓާ ދެމެދުގެ އަދަދަކަށް ޑޭޓާ އެލަވަންސް އެޕްރީލް މަހާއި މެއި މަހު ދޭނެ ކަމަށާއި އަދި މާޗް މަހު ހުރިހާ ބޫސްޓާތަކަށް ދީފައިވާ 50 ޕަސެންޓް ޑިސްކައުންޓް އެޕްރީލް މަހު ވެސް ލިބޭނެ ކަމަށެވެ. އަދި މޮބައިލް ކަސްޓަމަރުންގެ ތެރެއިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 50 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ މިންވަރަށް އިތުރު ޑޭޓާ އެލަވަންސް ދޭނެ ކަމަށާއި ޕްރީޕެއިޑް ކަސްޓަމަރުންނަށް މަންތުލީ ޑޭޓާ އެޑް އޮންއަށް އިތުރު 50 ޕަސެންޓް ޑޭޓާ ދޭން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ދިރާގުގެ ބަޔާނުގައިވާ ގޮތުން އެގޮތަށް ހަމަޖެއްސުމުން 70 ޕަސެންޓަށް ވުރެ ގިނަ ކަސްޓަމަރުންނަށް ލިބޭ ޑޭޓާ އެލަވަންސް ދެ ގުނަ އިތުރުވެ އަދި ހުރިހާ މޮބައިލް ކަސްޓަމަރުންނަށް މަދުވެގެން 50 ޕަސެންޓް އިތުރު ޑޭޓާ ލިބޭނެ އެވެ. އަދި އެކިއެކި ޕެކޭޖްތަކަށް ދޭ އެލަވަންސާއި ބޫސްޓާސް އާއި އެޑް އޮންސް އަށް ދޭ ޑިސްކައުންޓްތައް އެ ކުންފުނީގެ ވެބްސައިޓްގައި އާންމު ކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ކޮވިޑް-19 އާ ގުޅޭ ޓާސްކް ފޯސް އޮޕަރޭޝަން ސެންޓަރުތަކަށް ވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އޮފީސްތަކާއި ސްކޫލްތައް ބަންދު ކުރުމުން ގިނަ ޚިދުމަތްތައް އޮންލައިންކޮށް ހޯދަން ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚާން
01 April 2020
ޙުސް ދޮގު ޑާޓާ ސިމް ތަކަށް ނުދޭ އެއްވެސް ޑިސްކައުންޓެއް.ގުޅީމަ ބުނީ އަދި ނެތޭ ހަމަ ޖެހިފަކާ،ކޮންތާކު މި ޖެހުނީ
ލާމީ
01 April 2020
މަހީކުރީ އަގުހެޔޮކުރަން ރައީސް އެދުނީ. ސްލޯ އިންޓަރނެޓްއަކަށް. ބޭކާރު ޖީބީ އަޅައި އަގު ހެޔޮ ނުކޮށް ލޮލުގަ އަދުން އަޅުވާލީ
ހައްސާނު
01 April 2020
ތިޔަކުން ހަމަގައިމަކު ޖީބަކަށް ލުޔެއް ނުވިއެއްނުވިއެއްނު. ހަމަ އެއްވަރަކަށްނު ލާރިދައްކަންޖެހެނީ
ހޭބަލިމިތުރު
01 April 2020
ކޮންޕެކޭޖެއްބާ އަގުހެޔޮވީ؟. އެކައްޗެއްވެސް އަގުހެވެއްނުވޭ. މީސަރުކާރައްހަމަ ނޭގެނީތޯ ނޫނީ ގުޅިގެންހިންގާ ޖަރީމާއެއްތޯ؟.
ޢިޙްސާސް
01 April 2020
ކީއްވާނީ ގައިމު 3 މަ ހު ހިލޭ އިންޓަނެޓް ދިނިއްޔާ. ބޯކޮށް ލާރިއެއްކޮށްފައި އެބައޮތެއްނު.
މަރިޔޯ
01 April 2020
މިހާރު ހުރި ރާއިސްގެ ރިޔާސި ވައުދެއް އިންޓަނެޓް އަގުހެޔޮކުރުމަކީ މީނޫން ތޯ އެންމެ މީނުންތޯ އެކަން ކުރަން އެންމެ ރަނގަޅު ވަގުތަކި
ޢިބޫ
01 April 2020
މިގައުމަށް މުއާސިލާތީ ހިދުމަތްދޭ އިތުރު ބަޔަކު އެބަޖެހޭ ގެންނަން.
ޢިބޫ
01 April 2020
ދިރާގުން ޕަސެންޓް ދީފިއްޔާ އޭގެ މާނަޔަކީ ވާނުވާނޭގީ ޑޭޓާ ކޮޅު ހުސްވާނެ ވަރަށް އަވަހާ.
ކާރު ޑުރައިވަރު
01 April 2020
މިމަހުގެ ފޯންބިލް އަދި ފައިބާރ ބިލް ދައްކަންވީ ތިޔަދިން ޑޭޓައިން ކަންނޭގެ. ސަރު ކާރުން ބުނީ އަގު ކުޑަކުރަނީ ޔޭ، ކޮން އިރަކު މިގައުމުގައި ޑޭޓާ ކަރަންސީ އުފެދުނީ؟
ހިބަރުވަދު
31 March 2020
އަހަރުމެން މިއުޅެނީ ޑޭޓާ ހުސްވެގެން ނުވަތަ ޑޭޓާ ނުލިބިގެންނެއްވެސް ނޫނެވެ. މިއުޅެނީ ނަގައިގެން އުޅޭ ޕެކެޖްގެ އަގު ހެޔޮނުވެގެންނެވެ. ޑޭޓާ ކިތަންމެ ބައިވަރަކަށް ދިނަކަށް ޖީބަށް ލުޔެއް ނުލިބެއެވެ. މިމީހުން ހީކުރަނީ ދިވެހިންނަކީ ގަމާރުންކަމަށް ހެއްޔެވެ؟