ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައި ފުރި އެ ގައުމުވެ މީހަކު އިމިގްރޭޝަން ކައުންޓަރު ކައިރީގައި.---ފޮޓޯ: އިމިގްރޭޝަން
21 އެޕްރީލް 2020 - 19:13
މާލެ އިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި 16 މީހުންގެ ތެރޭގައި، އެނބުރި ގައުމަށް ދާން ތައްޔާރުވި ބަންގްލަދޭޝްގެ ތިން މީހަކު ހިމެނޭ ކަމަށް ސަރުކާރުން ބުނެފި އެވެ.
ބަންގްލަދޭޝް އާއި ނޭޕާލްގައި ތިބި ދިވެހި ދަރިވަރުން ގޮވައިގެން އިއްޔެ ރާއްޖެ އައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައި މިއަދު ހެނދުނު ވަނީ ރާއްޖޭގައި ގަވައިދާ ޚިލާފަށް މަސައްކަތް ކުރާ ބަންގްލަދޭޝްގެ 68 މީހަކު ގެންގޮސްފަ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ފެނުނު ކޭސްތަކގެ ތެރޭގައި ބަންގްލަދޭޝް ތިން މީހުން ހިމެނޭ ކަމަށެވެ. އެ ތިން މީހުންނަކީ ވެސް ބަންގްލަދޭޝް އަށް މިއަދު ދިއުމަށް ތައްޔާރުވި ތިން މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި އެ ތިން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ ފުރުމުގެ ކުރިން އެ މީހުންގެ ޓެސްޓު ހެދުމުންނެވެ. އެހެންވެ، އެމީހުންނަށް ރާއްޖޭގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެއްވެސް ބަޔަކާ އެ ތިން މީހުންނާ ކޮންޓެކްޓް ވެފައިވާ ކަމަކަށް އެޗްޕީއޭ އަކުން ނުބުނެ އެވެ.
މި ތިންމީހުންނަކީ ބިދޭސީންނަށް ސަރުކާރުން ހަމަޖައްސައިދީފައިވާ ވަގުތީ ހިޔާގައި ތާޖުއްދީން ސްކޫލުގައި ބައިތިއްބާފައިވާ ބައެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
ރާއްޖެ އިން މިހާތަނަށް ބަންގްލަދޭޝްގެ 24 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ވެސް ޕޮޒިޓިވްވެފައި ވަނީ ދިވެއްސަކާ އިނދެގެން ރާއްޖޭގައި ދިރިއުޅުމުން އަންނަ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަބުރޫކު
22 April 2020
70 މީހުން ޓެސްޓު ކުރީމަ އެނގުނީ 4 މީހުން ޕޮސިޓިވްކަން. ވީމާ މިޙާރު ވަރަށް ބޮޑަށް ބަލި ފެތުރިފައިވާ ކަމަށް ފެނޭ. ގިނައިން ޓެސްޓު ކުރި ވަރަކަށް ޖެހިފަ ހުރި ވަރު އިނގޭނީ. ނޫނީ ޕޮސިޓީވް މީހުން ނޭނގި ބަލި ފަތުރަމުން ދާނީ.. ރާއްޖޭގައި މިއަށްވުރެ ގިނައިން ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން ވަރަށް މުހިއްމ،ު.
އެސްކޮބާރ
21 April 2020
ދިވެހިރާއްޖޭގައި ވަރަށް ދަތިހާލުގައި އުޅޭ ބަންގާޅީންގެ މެދުގައި ވަރަށް ބާރަށް ކޮވިޑް19 އެދަނީ ފެތުރެމުން. މިމީހުންގެ ތެރެއިން ބައެއް މީހުންނަކީ ހަސްފަތާލަށް ދައްކަންވެސް އަތުގައި ފައިސާ ނުހުންނަ މީހުން. ބައެއް މީހުން ވަރަށް މުއްސަދި. ފައިސާ ނުހުންނަ މީހުން އަދި ހުމެއް އަޔަސް ނުދާނެ ދައްކާކަށް. ވީމާ ވީހާވެސް ގިނަ ބަންގާޅީން ކޮވިޑް19 އަށް ޓެސްޓްކުރައްވާ އެމީހުންނަށް ދެރަގޮތެއްވުމުގެ ކުރިން. 20،000 ޓެސްޓް ކިޓް ލިބެނީ ކޮން ދުވަހަކުންތޯ ޗައިނާއިން
ތުނިޔަ
21 April 2020
ހާދަ ދެރައޭ...އަވަސް ޝިފާޔަކަށް އެދެން!
ގަޓް ބްރޯ
21 April 2020
ކިހިނެތްތަ މި ގުނަނީ؟ ބޯޓުން ގެންދާނީ 70 މީހުންނޭ ކިޔާ އިއުލާންކޮށްފަ އޭގެތެރޭން 3 މީހުންނަށް ނުފުރުނީމަވެސް 68 ހަމަވެއްޖެ. މިއީ އިހުގަ ބަނޑު ހަނޑޫ ދޭއިރު ގުނާހެން ފުރަތަމަ އަޅާ ދެނާޅި، ބިސްމި، ބަރަކާތް ކިޔާފަ ތިންވަނަ ނާޅިއަށް 1 ކިޔާ ކަހަލަ ގޮތަކަށް ގުނާ ގުނުމެއް ތޯއްޗެ!!
އާންމުމީހާ
21 April 2020
ރަނގަޅަށް ވާނުވާ ރޯފިލާފަހުރެ ކޮމެންޓް ކޮށްބަލަ...
ނިރު
21 April 2020
ހާދަ ނަސީބް ދެރަ ތިންމީހުންނޭ ރަށައްދާން ލިބުނު ފުރުސަތުވެސް ގެއްލުނީ... ހަމްދަރުދީވަން
Mohmed
21 April 2020
ތާޖުއްދީން ސްކޫލް އެކަނިތޯ އަބަދުވެސް ތިޔަކަހަލަ ކަންކަމު ބޭނުން ކުރަން ފެންނަނީ
ާއަހުމަދު
22 April 2020
އެތަން މިވަގުތު ބޭނުންކުރާނެ ގޮތެއް އެނގޭނީ ސަރުކާރަށް، މީހަކާ ބެހޭކަމެއް ނޫން
ލެއްގި ކޮމިޝަނަރ
22 April 2020
ނޫން.....އެކަމަށް އަމީނިއްޔާ ސްކޫލްވެސް ބޭނުން ކުރަމުންދަނީ. މިވަގުތުވެސް އެތަނުގަ 60 ނުވަތަ 70 ވަރަކަށް މީހުން އެބަތިބި.