ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދު މަޖިލީހުހެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ: އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ހުށަހެޅުން ކުރިއަށް ގެންދާނީ ބަޖެޓް ބަހުސެއް ގޮތަށް ކަމަށް.
23 އެޕްރީލް 2020 - 13:13
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވެފަައިވާ މާލީ ދަތިކަން ހައްލުކުރުމަށްޓަކައި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް ސަސްޕެންޑްކޮށް، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން 4.2 ބިލިޔަން ރުފިޔާ ނަގަން ހުއްދަ ހޯދަން މަޖިލީހަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދާނީ ބަޖެޓް ބަހުސެއްގެ ގޮތަށް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ނަޝީދު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އަށް ބަދަލު އައިސް، ހަރަދު ކުރާ ގޮތް ބަދަލުވުމުން ފައިސާ އެހެން ގޮތަކަށް ހޯދަން ސަރުކާރުން މަޖިލީހަށް ހުށަހެޅީމާ އެއީ ބަޖެޓެއް ހުށަހެޅުން ކަމަށެވެ. އެހެންވެ އެ މައްސަަލައިގެ ބަހުސްގައި މެމްބަރުންނަށް ފުރުސަތު ދެއްވާނީ ވެސް ބަޖެޓް ބަހުސްގެ އުސޫލުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އާމްދަނީ އަށް ބަދަލު އަތުވެއްޖެ. ހަރަދުކުރާ ގޮތަށް ބަދަލު އަތުވެއްޖެ، (ފިނޭންސް) މިނިސްޓަރު އެހެން ގޮތަކަށް ހަރަދުކުރައްވަން، އެހެން ގޮތަކަށް އާމްދަނީ ހޯއްދަވަން މި މަޖިލީހަށް ވަޑައިގެންފި. ދެންް އެއަށް އަޅުގަނޑަށް އަނެއްކާވެސް ދެންނެވޭނީ، ކިޔޭނީ ބަޖެޓެކޭ،" ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް އިއްޔެ ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލުކުރުން އެއް އަަހަރު ދުވަހަށް ހުއްޓައިލުމުގެ ހުއްދަ ދިނުމަށެވެ.
އެގޮތުން ސަސްޕެންޑްކޮށްދޭން އެދުނީ އިގުތިސާދީ ހަރަކާތްތަކަށް ފިޔަވައި އެމްއެމްއޭ އިން ދަރަނި ނުނެގޭނެކަމާއި ނަގާ ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތާއި އުސޫލުތައް ކަނޑައަޅާފައިވާ މާއްދާތަކެެވެ. އެ މާއްދާތަކުގައިވާ އުސޫލުތަކަށް އަމަލުކުރުން ހުއްޓައިލެވޭނީ ކުއްލިއަކަށް ކުރިމަތިވާ މައްސަަލަތަކުގައި މަޖިލީހަށް ހުށަހަޅައި، މަޖިލީހުން ހުއްދަދޭ ގޮތެއްގެ މަތިންނެވެ.
"މި މައްސަލަ ދިރާސާ ކުރުމަށް އަޅުގަނޑަށް ފެންނަ އެންމެ ބުއްދިވެރި ގޮތަކީ މުޅި މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް މައްސަލައިގެ ދިރާސާގައި ބައިވެރިވެވަޑައިގަތުން،" މައްސަލަ ކުރިއަށް ގެންދަން ފެނިވަޑައިގަންނަވާ ގޮތުގެ ހިޔާލު ފާޅުކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެކަމަކު މައްސަލަ ދިރާސާކުރަން މުޅި މަޖިލިސް ކޮމިޓީ އަށް ދިއުމަކީ މެމްބަރުންގެ ވޯޓުން ނިންމަން ޖެހޭ ނިންމުމެއް ކަމަށެވެ. ފިނޭންސްގެ ސިޓީގެ ކަންތައް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަަަމައަށް ނިންމަން ގަސްދުކުރާ ކަމަށާއި އެކަމަކު މިއީ މުހިއްމު ބަހުސަކަށް ވާތީ ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ވެސް ވަރަށް ބޮޑަށް ސާފު، ކަންތައްތައް ވަރަށް ދަތިކަން،" އެމަނިކުފާނު ވިދާޅުވި އެވެެ.
މިއަދުގެ ބަހުސްގައި މިހާތަނަށް ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ މިހާރު ކުރިމަތިވެފައި މި އޮތް ހާލަތުގައި ސަރުކާރުގެ ހުށަހެޅުމާ މެދު އަވަހަށް ގޮތެއް ނިންމުން މުހިއްމު ކަމަށެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ މިއީ ރާއްޖެ އަށް އެކަނި ކުރިމަތިވެގެން އުޅޭ މައްސަލަައެއް ނޫން ކަަމަށާއި މި ހާލަތުގައި ދުނިޔޭގެ ހުރިހާ ގައުމުތަކުގައި ވެސް ސަރުކާރުތަކަށް މިފަދަ އިންތިޒާމްތައް ހަމަޖައްސައި ދެމުން އަންނަ ކަމަށެވެ. ދައުލަތުގެ ރިޒާވް ހުރިވަރާއި ދައުލަތަށް ފައިސާ ލިބޭ ވަރު ވެސް އެނގޭ ކަމަށާއި އެހެންވީމާ ސަރުކާރުން އެދުނު ގޮތަށް އެކަން ހަމަޖެއްސުމަކީ މިވަގުތު ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންކަމުން މި 4.2 ބިލިޔަން ރުފިޔާ ދިނުމަކީ މި ވަގުތު ކޮންމެހެން ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެ
24 April 2020
ނަޝީދު އަށް މިވަގުތު ލިބެނީ 3 ލައްކަ ވިއްޔާ 3000 ހާސް ރުފިޔާއަށް ކުޑަކޮށްބަލަ.ނިކަމެތި ރައްޔިތުން އެތިބީ ބަނޑަށް.
މަގޭބަސް
24 April 2020
މިވަގުތަކީ ބޮލަށް މުސާރަކަނޑައަޅަން އެންމެ މުނާސަބަތުގަޑި.މިއީ ލައކައިން މުސާރަ ވަކިވަކި ފަރުދުންނަށް ބަހަންޖެހޭގަޑިއެއްނޫން. މުގުރިހައާއި ބަތް ނުވަތަ މަސްދަޅަށް ބަދަލްކޮށް ސަރުކާރައް އެހީވާންޖެހޭގަޑި. ޤައުމު ހަމައަކަށް އެޅެންދެން ނަޝީދަށްވެސް 3000 ހާސް ރައީސަށްވެސް 3000 ހާސް މެމްބަރުންނަށްވެސް 3000 ހާސް އަދި ރައްޔިތަކަށްވެސް 3000 ހާސް.
ނޯވޭ
24 April 2020
މީނާ އަރާނެ ދެން ބަޔަކު ނުކުމެ ބާލާނެ. ކީއްވެ ބާއޭ މިވަރު މީނާއަށް ނޭގެނީ
ނިއުޝާ
24 April 2020
ނަޝީދުގެ އަގު ވެއްޓި ޕޮޕިއުލަރިޓީ ގެއްލި އެއްމެފަހުން ބާކީވެ، ރީކޯ ދިޔަމަގުން ދާން އުޅޭހެން ހާދަ ހީވަނީ. ހުރިހާކަމަކަށް އަނގަބާނަނީއެވެ. ހިތުގައި ކޮންމެ އެއްޗެއް އޮތަސް އެނގެންވީ ގިނަމީހުންނަކީ ދީނާއި ދެކޮޅު ކަމަށް ދޭހަވާގޮތަށް ދެކެވޭ ވާހަަކައަށް ނަފްރަތުކުރާ ބައެއްކަމެވެ. ސޯޝަލް މީޑިއާގައި ގުރާއާން ބަޔަކު ކިޔެވި އިރު އެކަމާއި ގަޔާނުވިޔަސް އެއަށް ކޮމެންޓް ނުކޮށް އަދި ގިޓާ ކުޅުން މޮޅުކަމަކަށް ދައްކަން ޓްވީޓް ކުރުމަކީ ސިޔާސީ ތަސައްރަފް ނުފުދޭ ކަމަވެ
ދެރަ
23 April 2020
މި މަޖިސް އުވާލެވޭނެގޮތެއްނެތްތަ? މިއީ ރައްޔިތުން އިތުރަށް ނިކަމެތިވެގެންދާނެކަމެއް.
އޮނަރަބްލް އަފީފު ދީދީ
23 April 2020
މާލޭގެ ސްކޫލްތަކުން ރަށުގެ ސްކޫލްތަކަށްކުދިންބަދަލުކުރާ އާއިލާތަކަށް މިދެންނެވިފަދަ ލޯނު ލިބޭނެގޮތް ކަޑައަޅުއްވާ (ތިރީގައިވާ ކޮމަންޓް ތައް ބައްލަވާ) މާލެއަށް ލުއި ލިބުމާއިއެކު ހުޅުމާލޭގައިހުރި 7000 ފްލެޓް ބިދޭސިންގެ ވަގުތީ ބޯހިޔާވަހިކަން ކަމުގައި ކަޑައަޅާ ތުރާކުނުން އައްޑުއަށް ތިބި މިފަދަ ބިދޭސިން މާލެގެނެސް ޤައުމަށް ފޮނުވާލާ. # އެހެން ނޫނީ އަންނާންއޮތް އިޤްތިސޯދީ ދަތިހާލުގައި މިދައުލަތް ނެތިހިގައިދާނެ. އިޤްތިސޯދީ އަވަސް ފިޔަވަޅުތަކެއް އަޅާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
23 April 2020
ކޮވިޑް 19 އަކީ ވަބާއެއްކަމަށް ޑަބްލިއުއެޗްއޯއިން ނިންމުމާއި މިއީ ދެވަނަ ބޮޑުހަނޤުރާމައަށްފަހު އިންސާނީޔަތަށް ދިމާވިއެންމެ ބޮޑުމުސީބާތް ކަމަށާއި "ދުނިޔެ ބަނޑަށްޖެހިދާނެކަމަށް" އެކުވެރިދައުލަތް ތަކުގެ ޖަމީއްޔާއިން ގޮވާލާފައިވާ ގޮވާލުމުގެ އަޑުނާހާ "މިދައުލަތް ފުރޮޅާނުލާ" މިހާރު މިހިގާގޮތަށް ކުރިއަށްދާން ދިމާކޮށްފިނަމަ "އަހަރުމެނަށް ޖެހޭނީ އެމީހުން އެބުނާ މުސީބާތްތަކާއި ކުރިމަތިލާން" އިގޭތޯ. # މާގިނަ ވަގުތެއްނެތް. އެދުވަސް އަރާހަމަކުރާނެކަންޔަޤީން.
އޮނަރަބްލް އަފީފު ދީދީ
23 April 2020
މަޖުބޫރީހާލަތް މެދުވެރިވެފައިވާމީހުނަށް އިންތިހާއަށް ބޮޑުކުއްޔަށް ތަންތަންކުއްޔަށްދީގެން އުފެއްދުންތެރިމަސައްކަތެއްނުކޮށް ތިބޭމީހުން މިވާހަކަދެއްކީމަ ރުޅިއަންނާނެކަންއިގޭ. # އެމީހުނަށް އިގޭނެ ރަށްރަށަށްދާމީހުނަށް މާލީއެހީތެރިކަންދީ އެކަންކޮށްފިނަމަ "ކުލީ ތެޔޮވަޅު ނަޖިސްވަޅަކަށް ބަދަލުވާނެ" ކަން. އަދި ތިމާމެން ދެއަތްއުރާލައިގެންތިބެ ހަމައެކަނި ކުލިން ދިރިއުޅުން ހަމަޖެއްސިޒަމާން މާޒިވެ ހިގައިދާނެކަން. ސަރުކާރުން އެހީވިޔަސް ނުވިޔަސް މިފަހަރު މިބަދަލު އަންނާނެ.
ފަހުދު
23 April 2020
ތި ކާޓޫނުކޮށި އުވާލާ.
ސަންޕަދަރި
23 April 2020
ތިޔަ 4 ބިލިއަން ޗާޕުކުރާއިރު ވީހާވެސް ފަސޭހައިން ކައްވާލެވޭނެ ގޮތަކަށް ޗާޕުކޮށްދެއްވައްޗޭ. ވެރިކަމަށް އައިއިރު ގަމުމުގަ ހުރި ހުރިހާ ފައިސާ ދިރުވާލީ ފެނާވެސް ނުލާ. މިފަހަރު ދަތްނާޅާ ދިރުވާ ލެވޭވަރު ކޮށްލަދޭތި.
ތަންޑާ
23 April 2020
ހަމަ ދެރަވެފަ ބަލަން ހުންނަންޖެހޭނީ! ޔާމީނު ކާލިއިރުވެސް އަހުރުން ހުރީ ތިގޮތަށް ބަލަން