ކޮވިޑް-19 ބަލީގެ މީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ހަދަމުން އަންނަ ޚާއްސަ ފެސިލިޓީ: މި ތަނަށް ވެސް ސަރުކާރުން ބޮޑު ހޭދައެއް ކުރޭ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
26 އެޕްރީލް 2020 - 22:48
ކޮވިޑް-19 އާ ގުޅޭ ހުރިހާ ޚަރަދުތަކަށް މިހާތަނަށް 560 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އިއްޔެއާ ހަމައަށް ހޭދަކުރި 560 މިލިއަން ރުފިޔާގެ ތެރެއިން 84 މިލިއަނަކީ ޑިޒާސްޓާ ޓްރަސްޓް ފަންޑަށް ސަރުކާރުން ލާފައިވާ ފައިސާ ކަމަށެވެ. އެ ފައިސާ ބޭނުންކޮށްފައި ވަނީ މަބްރޫކް ވިދާޅުވި ގޮތުގައި 10 މަސް ދުވަހަށް ބޭނުންވާ ކާޑު ގަތުމަށެވެ. އެ ފައިސާ ބޭނުންކުރީ އެސްޓީއޯއިންނެވެ.
"މި ފައިސާ އަކީ އެސްޓީއޯ އިން ކާޑު ވިއްކުމަށް ފަހު، އަނބުރާ މި ފަންޑަށް ގެނެސް ލާންޖެހޭ ލާރި. އެގޮތަށް ޚަރަދު ކޮށްފައިވާ 84 މިލިއަން ރުފިޔާއެއް ހިމެނޭ،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 560 މިލިއަންގެ ތެރޭގައި ޓޫރިޒަމް ޓްރަސްޓް ފަންޑުގެ 11 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީން ޚަރަދުކުރި 6.3 މިލިއަން ރުފިޔާ ހިމެނެ އެވެ. އެ މިނިސްޓްރީން ފައިސާ ހޭދަކުރީ ރާއްޖެ އިން ބޭރުގައި ތިބި ދިވެހިންނަށާއި ޑޮކްޓަރުކަން ކިޔަވަން އެ ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށެވެ.
މަބްރޫކް ވިދާޅުވީ، ހެލްތު މިނިސްޓްރީ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ވެސް 384 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަަށެވެ. އެ ފައިސާ ޚަރަދުކުރީ މެޑިކަލް ސާމާނާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި ބޭސްފަރުވާ އަށް ބޭނުންވާ ސާމާނު ހޯދުމާއި އެންއީއޯސީގެ އޮޕަރޭޝަނަލް ކަންކަމަށެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި މެޑިކަލް ފެސިލިޓީ ހެދުމަށް 34 މިލިއަން ރުފިޔާ ވެސް ހޭދަކުރި އެވެ. އެ ފެސިލިޓީގެ ސިވިލް މަސައްކަތަށް ގާތްގަނޑަކަށް 16.4 މިލިއަން، ބޭސްފަރުވާ އަށް ބޭނުންވާ ތަކެތި ގަންނަން 19.45 މިލިއަން ރުފިޔާ ހޭދަވެފައި ވެ އެވެ.
މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް އޮންލައިންކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
މަބްރޫކް ވިދާޅުވީ، އެ ފައިސާ އަކީ ކަރަންޓީން ފެސިލިޓީތަކުގެ ބޭރުން، ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ނިންމަންޖެހޭ ކަންކަމަށް ހޭދަވި އަދަދުތައް ކަމަށެވެ. އޭނާ މިރޭ ހާމަކުރެއްވި ހިސާބުތަކަށް ބަލާއިރު، ފަރުކޮޅުފުއްޓަށް ފުރަތަމަ ބުރުގައި 5.9 މިލިއަން ރުފިޔާ، ދެވަނަ ބުރުގައި 1.4 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި އައިސީޔޫ އެނދުތައް ބެހެއްޓޭ ގޮތަށް ތަރައްގީ ކުރުމަށް 27 މިލިއަން ރުފިޔާ ޚަރަދު ކުރި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ހާމަކުރެއްވި ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި މަބްރޫކް ވިދާޅުވީ، ކޮވިޑް-19 ގެ މި ހާލަތު ކުރިއަށް އޮތް ތިން މަހަށް ދިގު ދެމިގެން ހިނގައްޖެ ނަމަ ދައުލަތުން 1.4 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
"އެއީ، އެއްވެސް ހާލެއްގައި މިހާތަނަށް ހޭދަވި ވަރެއް ނޫން،" މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން، ބައިތިއްބާ މީހުންނަށް ޚާއްސަ ކަރަންޓީން ފެސިލިޓީތަކުގެ ތަފްސީލް ދެއްވަމުން މަބްރޫކް ވިދާޅުވި ގޮތުގައި ވެލިދޫ އާއި ވިލިވަރު ތަރައްގީ ކުރުމަށް ފައިސާ ހޭދަކުރީ ޓޫރިޒަމް ޓްރަސްޓް ފަންޑުން ކަމަށެވެ. އެގޮތުން ވެލިދޫ ތަރައްގީ ކުރުމަށް 469،000ރ. ޚަރަދުކުރި އެވެ. ވިލިވަރު ތަރައްގީ ކުރަން ހޭދަކުރީ 6.6 މިލިއަން ރުފިޔާ އެވެ.
ސަރުކާރުން ބައެެއް ރިސޯޓުތައް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަނީ ކޮންމެ ކޮޓަރިއަކަށް ދުވާލަކު 750ރ. ރޭޓުން އެ ރިސޯޓެއްގެ މެނޭޖުމަންޓަށް ދައްކާ ގޮތަށެވެ. އެއީ ފުލްބޯޑުގެ އަގެވެ. ސަރުކާރުން އެ ރޭޓުން ފައިސާ ދައްކަނީ ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރާ ކޮޓަރިތަކަށް އެކަންޏެވެ.
ރިސޯޓުތަކުގެ ކަރަންޓީން ފެސިލިޓީތަކުގައި މިހާތަނަށް ބައިތިއްބާފައި ވަނީ މަބްރޫކް ވިދާޅުވި ގޮތުގައި 2،615 މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުން ކަރަންޓީންގައި ތިބީ 14 ދުވަހުގެ މުއްދަތަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޭސްޓް
27 April 2020
ހުޅުމާލޭގެ ވަގުތީ ހިޔާގެ މަސައްކަތަށް 16.4 މިލިޔަން ތިއީ ބޭކާރު އިސްރާފެއްހެން ހީވަނީ. ތިތަނަށް ކުރާ ހަރަދުން އެއްވެސް އެއްޗެއް ނޫނީ ފައިދާއެއް ސަރުކާރަށް އަނބުރާ ލިބޭނެ ހެނެއް ހިޔެއް ނުވޭ. އޭގެ ބަދަލުގަ ޓެކްސް ހަރަދުގަ މިކަން ނިމުމުން ފައިދާ ނަގަން ރަނގަޅު ތަނެއް ތިހަދާދެވުނީ.
ޗޭނާ
27 April 2020
ރިސޯޓް އޯނަރުންނަށް ފައިސާކޮޅު ބަހާލަނީ ދޯ ؟ ބޮލަކަށް ދުވާލަކު 750 ރުފިޔާޔޯ! މީގެ އިތުރަށް އެކި ކަންކަ މަށްް ބަހާލާނެ ވަރު އަންދާޒާ ކުރަންވެސް ދަތި. 200 މީހުން ޕޮޒިޓިވް ވިއިރު 380 މިލިޔަން ހަރަދު. ޜާއްޖެތެރޭގަ ތިއިން ކުރީ ކޮންކަ މެއް؟ ޓެސްޓް ކުރެވޭނެ މެޝިނެއް ގެނެސް ބެހެއްޓުނީކީނޫން އެން މެ ކުޑަ މިނުން މާސްކެއްވެސް ފަސޭހަކޮށް ލިބެނީކީނީން. މައިދޮރާށި ބަންދުކުރާށޭ ގޮވީމ މާ އެދުވަހު ބޮޑާހާކާ ވާހަކަ އޮޅުވާލާ ބަހަނާދެއްކީ
ކަނބިލި
27 April 2020
މިވެރިންގެ ތަޖުރިބާ ނެތު މުންނާ ނާގާބިލުވުމުންނާއި ކޮރަޕްޓްވުމުން މިދަރަޖައަށް ޚަރަދުތައް ހިނގާނެ
ލުގުމާން
27 April 2020
ޗައިނާ މިސާލަކަށް ބަލައިގެން އެގޮތަށް ކަންތަށް ކުރަން ފެށީމަ ވާގޮތް ތިވަނީ. ކަރަންޓީން ފެސިލިޓީތަކާއި ސިއްހީމަރުކަޒުތަށް ކުއްލިއަކަށް އަޅަން ތިފެށީ. އެއްމެ ފުރަތަމަވެސް ހުޅުމާލޭގައި ހަދާފައިހުރި ފްލެޓްތަށް ތިކަމަށް ނަގައިގެން ކުރިއަށް ދިޔަނަމަ އަދި 10 މިލިއަން ވެސް ޚަރަދު ނުވީސް. ޑެން އެކި ދިމަދިމާލުން ކަޓް ނަގަންޔާވެސް އަދަދު ދާނީ ހެސްކިޔާފަ ބޮޑުވަމުން
ޙިނި
27 April 2020
މަބްރޫކް ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި މެޑިކަލް ފެސިލިޓީ ހެދުމަށް 34 މިލިއަން ރުފިޔާ ވެސް ހޭދަކުރި އެވެ. އެ ފެސިލިޓީގެ ސިވިލް މަސައްކަތަށް ގާތްގަނޑަކަށް 16.4.
އުމަރުބެ
27 April 2020
މިއީ ބަލައިގަނެވޭނެ ހަރަދުތަކެއްނޫން، ރާއްޖޭގެ ރައްޔިތަކަށް ފައިސާއެއް ދިނީއެއްނޫން، ދެން ކިހިނެއް ތިޔަހާ ބޮޑު އިންވެސްޓެއް ތިޔަކުރީ، ކޮވިޑް ޕޮޒިޓިވް ކޭސްއަށްތުރެން އައިސޮލޭޓްކުރި ނެގެޓިވްވި މީހުންނަށް ކުރި ހޭދަމާބޮޑު، އެއީ އަގުބޮޑު އަދި ބޮޑެތި މުއްސަނދި ގައުމުތަކަށްވެސް ނުބެލެހެއްޓޭނެ އަދި ދެމެނުހެއްޓޭނެ އުސޫލެއް، ޕޮޒިޓިވްވެސް އަދި ނެގެޓިވްވެސް އެމީހެއްގެ ގެއެއްގައި ޖާގަ ހުރިއްޔާ އެތަނެއްގައި ކުރަންޓީން ކުރަންޖެހެނީ
އެހެންތަ
27 April 2020
ޚަރަދުކުރުމަކީ ( ފެންތައްޓެއް ބޯލުމަށްވުރެ ) މާފަސޭހަކަމެއް. އެއްޗެއްހޯދާނެ ގޮތެއް ' މިއަދާ ހަމައަށް އާއިރުވެސް ހޯދިކަމެއް ފެންނާކަށް ނެތް. " ލިމިޓެއް ނެތް " ކުރިޔަށް!
ހަކީމް
27 April 2020
ފްލަޓް ޗާޓަރ ކޮންގެން ގެނައީ ޑޮކްޓަރުން އެކަންޏެއް ނޫން. އެކިއެކި ދާއިރާތަކުން އަމިއްލަ ގޮތުން ގޮސްތިބި ބޮޑުން ދަރިންވެސް ގެނައި. ރަށްޔިތުންގެ ލާރިން އެމީހުން ގެންނާކަށް ޙަރަދު ކުރާކަށް ނުޖެހޭ. އޭސީސީ އިން މިކަން ރަނގަޅަށް ތަހުޤީގު ކުރަން ޖެހޭ. މިކަހަލަ އެތަށް ކަމެއް އެބަ ހިނގާ.
ފަރުދީ ބެ
27 April 2020
ކޮންފަރުދީ ޒިންމާއެތް ކިޔާކަށް، އެއްވެސް ގައުމެއްގަ ނުތިބޭ ފަރުދީ ޒިންމާ ނަގާތޯބަލާކަށް، ކާފިއު ހިންގާފަ ހަރުކަށި ފިޔަވަޅު އަޅަނީ. މިތާގަ ސަރުކާރުން ތިބެނީ ފަރުދީ ޒިންމާނުނަގައޭ ކިޔާފަ ރައްޔިތުން ބްލޭމްކުރަން.
ވާނެހަރަދު
27 April 2020
ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނެގެޓިވްވާ މީހުންވެސް ގެންގޮސް ކަރަންޓީންގަ ބައިތިއްބަނީ. 14 ކޮށްފ ދޫކޮށްލާއިރު ޓެސްޓް އަނެއްކާ ނެގެޓިވްވީމަ އެހާބޮޑު ބޭކާރު ހަރަދެއް އެކުރެވުނީ. ދެން އެހެން ދިމާލަކުން އޭނާ ފަހުން ޕޮޒިޓިވްވީމަ އަނެއްކާ ގެންގޮސް ފަރުވާދޭން އެއަށްވުރެ ގިނަދުވަސް. ޓެސްޓް ނެގެޓިވްނަމަ އަލާމަތް ނެތްނަމަ ގެއަށް ދޫކޮށްލާ. އަމިއްލަ ސަލާމަތްތެރިކަމަށް ރައްކާތެރިފިޔަވަޅު އެޅުން އެއީ އެމީހެއްގެ ކަމެއް. ބަލިފެތުރުން ނުހުއްޓުވޭނެ.