ކޮވިޑް-19 އިން ރައްކާތެރިވުމަށް އެމްބިއުލާންސެއް މިރޭ ޑިސްއިންފެކްޓް ކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
02 މެއި 2020 - 00:34
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ދުވަހު އިތުރުވެފައި، އަނެއް ދުވަހު މަދު ކަމަށް ފެނުމަކީ ރާއްޖޭގައި އެ ބަލި ފެތުރުން މަދުވުން ނޫން ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ން މިރޭ ބުނެފި އެވެ.
މިދިޔަ މާޗް މަހުގެ ތެރޭގައި ރާއްޖެ އިން އެ ބައްޔަށް ފުރަތަމަ މީހަކު ޕޮޒިޓިވްވި ފަހުން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދުތަކާއި ކުރިން އަންދާޒާކުރި ގޮތުގެ ގްރާފުން ތަފްސީލްތައް ދެއްވަމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް، ވިދާޅުވީ ބޮޑެތި ނަމްބަރުތަކުގެ ދެމެދުން ހުސް ތަންތަން އަންނަނީ ޓެސްޓުގެ ނަތީޖާ ނުލިބޭތީ ކަމަށެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 481 އަށް އަރައިފަ އެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހު، އެ ބަލީގެ ފުރަތަމަ މީހާ މާލެއިން ފެނުނު ފަހުން، އިއްޔެ އަކީ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ އެކަނި ވެސް 191 ކޭސް ފެނިފައި ވެ އެވެ.
އަފްޒަލް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ޕޮޒިޓިވްވާ މީހުން ދާނީ މަތިވަމުންނެވެ. އެ އަދަދު ދަށަށް ދާ ހިސާބަކަށް އަދި ނުދާ ކަމަށާއި ލައިން ދަމާލަން ޖެހޭނީ އެންމެ މަތިން ޕޮޒިޓިވް ވެފައި ހުރި އަދަދުތަކުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ނޯން ކްލަސްޓާ" ތަކުން ކޭސްތައް ފެނުމަކީ ހަގީގަތުގައި ރަނގަޅު ތަންކޮޅެއް ކަމަށެވެ. އެއީ އެއްގޮތަކުން ގައުމުގައި ކޮންޓްރޯލް ނުކުރެވޭ ވަރުގެ ސްޕްރެޑެއް އުޅެނީ ނޫން ކަން އަންގައިދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އެ ސްޕްރެޑްވާ ވަކި ބާވަތުގެ ތަންތަނުން މި ފެންނަނީ. މިސާލަކަށް ވޯކް ކްލަސްޓާތަކެއް ފެނުމުގެ މާނައަކީ ކްލޯސް ކޮންޓެކްޓެއް އޮންނާނެ. އެކަކަށް ޖެހިފައި އަނެކަކަށް ޖެހުމުގެ ފުރުސަތު އޮންނާނެ. ނަމްބަރު މައްޗަށް ދާއިރު އެއްގޮތަކުން ބަލަން ޖެހެނީ، ނަމްބަރު މައްޗަށް ދަނީ ސްޕްރެޑް އައުޓެއްގެ ގޮތުގައިތޯ ނޫނީ ވަކިވަކި ކްލަސްޓާގެ އިންޑިވިޑިއުލް ހައި ވަނީތޯ،" އަފްޒަލް ވިދާޅުވި އެވެ.
"އެގޮތަށް ފެންނައިރު ކްލަސްޓާގެ ނަމްބަރު ހައިކޮށް މި ފެންނަނީ. ބޮޑެތި ކްލަސްޓާތަކެއް މި އަންނަނީ އެއީ މަސައްކަތްކުރާ ތަނެއްގެ ނޫނީ އެ ބިލްޑިންގައި އުޅޭ އެންމެން އެކީގައި. އެއީ ޕޮޒިޓިވްކޮށް ނެގިދާނެ ކަމެއް،"
އަފްޒަލް ވިދާޅުވި ގޮތުގައި މިހާރު ހަދާފައިވާ ޕްރޮޖެކްޝަންސްތަކުން ވެސް ފެންނަނީ، އަދަދުތައް އިތުރަވަމުންދާ ތަނެވެ.
އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވެސް ވިދާޅުވީ ރާއްޖެއިން މިހާރު ފެނުނު ކޮވިޑް-19 ގެ ކޭސްތަކުން ޑޭޓާތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ ރާއްޖޭގެ ހާލަތު ވަޒަންކޮށް ހަދާފައިވާ ގްރާޕަށް ބަދަލުތަކެއް ގެންނަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންލޮކް
02 May 2020
ލޮކްޑައުންއަށް ދިއައީ ފުރަތަމަ ކޭސް ފެނުމުން ކަމަށްވިއަސް އޭގެ އެތައް ދުވަހެއް ކުރިން މާލެއިން ފުރަފުރައިގެން ދިއަ އެތައް މުދަލަކާ މީހުންނާ އެކު ހުންނާނީ ވައިރަސް އެތައް ރަށްތަކަކަށް ފެތުރިފައި. ލޮކްޑައުން ކުރި ދުވަހު ހެނދުނު ނޫނީ މްންދުރު ފުރުމެއްނޫން މުހިއްމީ. އޭގެ އެތައް ދުވަހެއް ކުރިއަށް ބަލައިގެން މންޒަރު ފުރިހަމަވާނީ. ހުރިހާ ރަށެއްގަ އަލާމާތްހުރި މީހުން ޓެސްޓްކޮށް ސީރިއަސްވެދާނެ މީހުންނަށް ފަރުވާ ދެވުން އެންމެ މުހިއްމީ.
ގޭގަތިބެން
02 May 2020
ގޭގަ ތިބެން ބުނުމަކީ ރަގަޅު ކަމެއް. އެކަމު ބަންގްލަދޭޝް މީހުން ފަދަ ތޮއްޖެހިގެން އެތައްބަޔަކު އުޅޭ ތަނެއްގަ އެހާ ބޮޑަށް ފެތުރުމުގެ އެންމެ ބޮޑު ސަބަބަކީ އެމީހުން އެގޮތަށް އެއްތަނެއްގައި އެއްވެފައި ގިނަ މުއްދަތަކަށް ތިބެންޖެހުމުން. އޭގެ ތެރެއިން 1 އަށް ޖެހުނަސް އެންމެން ގޭގަ ތިބެން ބުނީމަ އެއްކަލަ 1 އާ އެންމެން ކޮންޓެކްޓްވޭވެ އެއޮތީ ވާނެ ގޮތްވެފަ.
މުދިމު ކަތީބު
02 May 2020
މީހުން ގިނަވާނީ ޓެސްޓު ކުރާ މިންވަރަކުން. ޓެސްޓް ކުރީމަ ޕޮސިޓިވް ވާ މީހުން ގިނަވަނީ ކަމަށް ބުނެ އޮޅުވާލަން ހިންގާ ޑްރާމާ މި ތިބީ ބަލަން