ރިޕޯޓް / އެޑިއުކޭޝަން މިނިސްޓްރީ

ނިއު ނޯމަލްގައި ކިޔަވައިދިނުން: އެންމެ ބޮޑު ގޮންޖެހުން

14 މެއި 2020 - 09:42

20 comments

ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައިވާ ލޮކްޑައުން ނިމިދާނެ ކަމުގެ ކޮޅުމަތި ކޮންމެވެސް ވަރަކަށް ފެންނާތީ އެއީ ހިތަށް ލިބޭނެ ހަމަޖެހުމެކެވެ. އެކަމަކު ލޮކްޑައުނަށް ފަހު ވެސް، ވަކި މުއްދަތެއް ވަންދެން އުޅެން ޖެހޭނީ އާއްމު އާދަތަކާ ބީރަށްޓެހި ދިރިއުޅުމެއް ކަމާ މެދު ޝައްކެއް ނެތެވެ. މަގުމަތީގައި އުޅޭއިރާއި މަސައްކަތުގެ މާހައުލާއި ކެފޭ/ރެސްޓޯރަންޓްތަކުގައި ސޯޝަލް ޑިސްޓެންސިންގެ އުސޫލުތަކަށް ތަބާވާން ޖެހޭނެ އެވެ. ވަކިވަކި ފަރުދުންނަށް އެއީ މާ އުނދަގޫ ކަމަކަށް ނުވެދާނެ އެވެ. އެކަމަކު އެތައް ހާސް ދަރިވަރުންތަކެއް އަލުން ސްކޫލަށް ދާން ފަށާއިރު، އެކަން ވާނީ ބޮޑު ގޮންޖެހުމަކަށެވެ. އަދި މުގައްރަރު ފަސްދީ މިދިޔަ މުއްދަތާ އަލުން އަރާ ހަމަކުރުމަކީ ކުޑަ މަސައްކަތެއް ވެސް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ނިއު ނޯމަލެއްގައި، ކިޔެވުން ކުރިއަށް ގެންދާނެ ގޮތުގެ މަންޒަރެއް ކުރައްސަވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އުސޫލަށް އަމަލުކުރަން ފެށުމުން ދަރިވަރުން ސްކޫލުގައި ހޭދަކުރާ ވަގުތު ކުޑަވާނެ އެވެ. އޭގެ ބަދަލުގައި ގިނަ ވަގުތު ހޭދަކުރާނީ ޑިސްޓެންސް މޯޑުގައި ކިޔެވުމަށެވެ. އަދި ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭއިރު ވެސް ދުރުދުރުގައި މޭޒުތައް ބެހެއްޓުމާއި ކްލާހެއްގައި ތިބޭ ކުދިންގެ އަދަދު މަދުކޮށް، ހަތަރު ދަން ފަޅިއަކަށް ކިޔަވައިދޭން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު އުސޫލުގެ ދަށުން ވެސް ކިޔަވައިދޭން ފަށާނެ ދުވަހެއް އަދިއެއް ނޭނގެ އެވެ.

ޓީޗަރުންގެ ޖަމިއްޔާގެ ކުރީގެ ރައީސް އާތިފް އަބްދުލްހަކީމް ވިދާޅުވި ގޮތުގައި އެ އުސޫލުތަކަށް އަމަލުކޮށްގެން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ވިޔަސް ވީހާ ވެސް އަވަހަކަށް ކިޔަވައިދޭން ފަށަން ޖެހެ އެވެ.

އޭގެ ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވީ ގޫގަލް ކްލާސްރޫމް ބޭނުންކޮށްގެން ފިލާވަޅުތައް ދިނުމާއި ގޫގަލް މީޓް ބޭނުންކޮށްގެން ވީޑިއޯ ކޮންފަރެންސްކޮށް ކޮންމެވެސް ވަރަކަށް ކިޔަވައިދިން ނަމަވެސް ހާލަތު އޮތް ގޮތުން އެކަން ކުރިއަށްގެންދަން ހުރި ދަތިތަކެވެ.

"ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިން އަދި ޖުމްލަކޮށް ހުރިހާ ރައްޔިތުން ނަފްސާނީ ގޮތުން މިތިބި ހާލަތުގެ ގޮތުން އެކަން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދަން ދަތިތަކެއް އެބަހުރި. ބައެއް ކުދިންގެ އާއިލާގެ މެމްބަރުން އެބަ ތިބި އައިސޮލޭޝަނުގައި އަދި ބައްޔަށް ޕޮޒިޓިވްވެގެން ކަރަންޓީނުގައި. މިފަދަ ހާލަތެއްގައި ތިބިއިރު، އެކަން އެންމެ އެދެވޭ ގޮތެއްގައި ކުރިއަކަށް ނުގެންދެވޭ،" އާތިފް ވިދާޅުވި އެވެ.

އެހެންވެ ރަމަޟާން މަސް ނިމި އަދި ހަ ރޯދަ އަށް ފަހު ދަރިވަރުންނަށް ސީދާ ކިލާހުން ކޮންމެވެސް ވަގުތެއްގައި ކިޔެވޭނެ ގޮތެއް ވުން ވަރަށް މުހިއްމުކަން، ތައުލީމީ ދާއިރާގެ ތަޖުރިބާކުން ގަބޫލުކުރެ އެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން ރަސްމިއްޔާތެއްގައި: ސްކޫލްތައް ފަށާއިރު ގައިދުރުކުމުގެ ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ

ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި، ބެލެނިވެރިޔަކު ބުނީ ސްކޫލް މާހައުލުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ކިޔަވައިދޭން ފަށަން ޖެހޭ ސަބަބަކީ އޮންލައިންކޮށް ކިޔަވައިދޭއިރު ހުރި ދަތިތަކާއި އޭގެ ސަބަބުން ހުރިހާ ދަރިވަރުންނަށް ހަމަހަމަކޮށް ކިޔެވުމުގެ ފުރުސަތު ނެތުމުން ކަމަށެވެ.

އޭނާ ބުނި ގޮތުގައި މާލޭގެ ބައެއް ގެތަކުގައި ދިރިއުޅެނީ ވަރަށް ދަތި ހާލުގަ އެވެ. ބައެއް ގެތަކުގައި ދިރިއުޅެން ވެސް، ނިދަން ވެސް، ކައްކައި ކައިބޮއި ހަދަން ވެސް ހުރީ ސިޓިން ރޫމް ކަމަށާއި އެފަދަ ހާލަތެއްގައި، ގިނަ ކުދިން ތިބޭ ގޭގޭގައި ކިޔެވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"ކުއްޖާ އޮންލައިނުގައި ހުއްޓާ ގޭތެރެއިން ހަޅޭއްލަވާ އަޑާއި އެއްޗެހި ގޮވާ އަޑު ކްލާހުގެ އެހެން ކުދިންނަށް އިވޭ ފަހަރު އެބަ އާދޭ. ކޮއްކޮ ކުޅެން ހުރެ އަޑުގަދަކުރާ އަޑު ވެސް އެބަ އިވޭ. އެފަދަ ހާލަތެއްގައި މި އޮތީ،" އޭނާ ބުންޏެވެ.

"ދެ ކުދިން ތިބޭ ގޭގޭގައި އެއް ގަޑިއެއްގައި ކްލާސް އޮވެއްޖެއްޔާ އެއް ކުއްޖަކަށް އެބަ ފުރުސަތު ގެއްލޭ. ބައެއް ކުދިން މަންމަގެ ފޯނުން ކްލާހަށް ވަދެ ހުއްޓާ، އެޔަށް ފޯނު އައިސްގެން މެދުކަނޑާލަން ޖެހޭ. އެކަށޭނެ ވަސީލަތްތައް ނެތް އެތައް ކުދިން އެބަ ތިބި."

އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމުން، ވަސީލަތްތައް ނެތް ކުދިންނަށް ފުރުސަތު ގެއްލެ އެވެ. އެހެންވެ ހައްލަކަށް އޮތީ ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ސްކޫލަށް ކުދިން ގެންދިއުމެވެ.

އެކަމަކު އެޑިޔުކޭޝަން މިނިސްޓްރީން ގެންގުޅޭ ވިސްނުމާ އެއްގޮތަށް ކިޔެވުން ކުރިއަށް ގެންދަން ހުރަސްތައް ދިމާވާނެ، ބައެއް ޓީޗަރުން ދެކެ އެވެ. ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ތަޖުރިބާކާރު ޓީޗަރަކު ބުނީ ރާއްޖޭގެ ސްކޫލްތަކުގެ ކްލާސް ރޫމްތައް ކުދިވުމާ އެކު ސޯޝަލް ޑިސްޓެންސިންގެ އުސޫލުތަކަށް ތަބާވާން އުނދަގޫވާނެ ކަމަށެވެ. އަދި އާއްމުކޮށް ކޮންމެ ކްލާހެއްގައި ހުންނަނީ އެންމެ ޓީޗަރެއް ކަމުން، ބައެއް އުމުރުފުރާގެ ކްލާސްތައް ކުރިއަށް ގެންދަން ވަރަށް އުނދަގޫވާނެ ކަމަށް އޭނާ ބުންޏެވެ.

"އަމިއްލަ އަށް ވިސްނޭވަރުގެ ކުދިން ތިބެދާނެ ބުނާ ގޮތް އަހައިގެން. އެކަމަކު ކުޑަކުދިން ނުތިބެދާނެ. އެ އުމުރުގެ ކުދިން ސަކަރާތް ޖަހާނެ. އެހެންވެ އެ ކުދިން ކޮންޓްރޯލްކުރުމަކީ ޓީޗަރަށް ކުރިމަތިވާނެ އުނދަގުލެއް އަމުދުން ކައިރިނުވެ،" އޭނާ ބުންޏެވެ.

"އެގޮތަށް ގޮސް ސްކޫލުން އެންމެ ކޭހެއް [ކޮވިޑް-19] ފެނުނަސް ޓީޗަރު އެކަމާ ޒިންމާވާން ޖެހޭނީ. އެހެންވެ މިއީ ޓީޗަރުންނަށް ކުރިމަތިކުރާ ވަރަށް ބޮޑު ގޮންޖެހުމެއް."

އަމީނިއްޔާ ސްކޫލުގެ ގޯތިތެރޭގައި ކުދިން އެސެމްބްލީއަކަށް އެތުރެނީ: އަލުން ކިޔެވުން ފެށޭނެ ދުވަހެއް ނޭނގޭ

އަނެއްކޮޅުން ސްކޫލްތަކަށް ވަދެ ނުކުތުމަށް އެންމެ ގޭޓެއް ހުންނައިރު އައިސް ގޮސް އުޅުމާއި ސްކޫލްގެ ގޯތިތެރޭގައި އުޅޭއިރު ސޯޝަލް ޑިސްޓެންސިންއަށް ބެލުން ވެސް އުނދަގޫވާނެ އެވެ.

މިކަންކަމާ މެދު މިނިސްޓްރީން ވެސް ވިސްނަ އެވެ. އެގޮތުން ދަރިވަރުން ސްކޫލަށް ގެންދާށާއި ބަލާ ދިއުމަށް ވެސް ވަގުތުތައް ބަހާލަން މިނިސްޓްރީން ވިސްނަ އެވެ.

އެއް ޓީޗަރަކު ބުނި ގޮތުގައި ދަށް ގްރޭޑްތަކުގެ ދަރިވަރުން ގޭގައި ބައިތިއްބައިގެން މުގައްރަރު ފުރިހަމަކުރެވިދާނެ އެވެ. އެކަމަކު މަތީ ގްރޭޑްތަކުގެ ކުދިންނަށް އެގޮތަށް ކިޔެވުން އުނދަގޫވާނެ އެވެ. އެހެންކަމުން އާ އުސޫލުގެ ތެރެއިން ކިޔެވުން ފަށާ ނަމަ ހަމައެކަނި މަތީ ގްރޭޑްތަކަށް އަމާޒުކުރެވިދާނެ ކަމަށް އެ ޓީޗަރު ބުންޏެވެ.

އިސްކަންދަރު ސްކޫލުގެ ސެކަންޑަރީ ޓީޗަރެއް ކަމަށްވާ އަލީ ނާޒިމް ވިދާޅުވި ގޮތުގައި ސްކޫލްތައް ނުފަށާ ދިގު ދެމިގެން ދިއުން ރަނގަޅެއް ނޫނެވެ. އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ވެސް ކިޔެވުން ފެށުން ރަނގަޅުވާނީ އަދިވެސް ދެ މަހެއްހާ ދުވަސް ފަހުން ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ.

ރާއްޖޭގެ ބައެއް ސްކޫލްތަކުގައި 2،000 އަށް ވުރެ ގިނަ ދަރިވަރުން ތިބެ އެވެ. މިނިސްޓްރީގެ ވިސްނުމަކީ އެފަދަ ސްކޫލްތަކުގައި ހަތަރު ދަން ފަޅިއަކަށް ބަހާލައިގެން ކިޔެވުން ފެށުމެވެ. އެކަމަކު ނާޒިމް ވިދާޅުވީ ހަތަރު ދަން ފަޅިއަށް ބަހާލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ސަބަބަކީ މާލޭގެ އެއް ސަރަހައްދެއްގައި ގިނަ ސްކޫލްތަކެއް ހުރުމާ އެކު، ދަންފަޅިތައް ފެށޭ ގަޑި އާއި ނިމޭ ގަޑިތަކުގައި އެ ސަރަހައްދުތަކުގައި ތޮއްޖެހުން ބޮޑުވުމެވެ.

"ކޮންމެ ދުވަހަކު ވެސް ކޮންމެ ކްލާހަކުން ދެބައި ކުޅަ އެއްބައި ކުދިން ގެނެސްގެން ކުރިއަށް ގެންދެވިއްޖެއްޔާ ގައިދުރުކަން ބަހައްޓައިގެން ކިޔަވައިދެވިދާނެ. ސެކަންޑްރީ ކުދިންނަށް ނެތް ކިޔަވައިނުދީ ދޫކޮށްލެވޭކަށް. އެހެންވެ އެފަދަ ގޮތަކަށް ފެށުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.

މާޗު 12 އިން ފެށިގެން ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. އެހެންކަމުން މިހާރު ވެސް ދެ މަސް ދުވަހުގެ ކިޔެވުން ގެއްލިއްޖެ އެވެ. ނިއު ނޯމަލްގެ ދަށުން އަލުން ފަށާއިރު އެއަށް ވުރެ ދިގު މުއްދަތެއް ހިނގާނެތީ އެންމެ ބޮޑު ކަންބޮޑުވުމަކީ މުގައްރަރު ކަވަރުނުކުރެވި ދިއުމެވެ.

މުގައްރަރު ކަވަރުކުރާނެ ގޮތްތަކެއް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އެކުލަވާލަމުން އަންނަ ކަމަށްވެ އެވެ. އެހެންކަމުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދު ވިދާޅުވީ ލިމިޓެޑް ޓައިމްތަކެއް ލިބޭތީވެ، އޭގައި ހިމަނާނީ އެންމެ މުހިއްމު ބައިތައް އެކަނި ކަމަށެވެ. ނަމަވެސް ސްކޫލްތައް ހުޅުވާނެ ދުވަހެއް ނޭނގޭތީވެ، ކިޔަވައިދޭން ލިބޭނީ ކިހާ މުއްދަތެއް ކަމެއް ވެސް އޮތީ ނޭނގުމުގެ ތެރޭގަ އެވެ.

"ގަބޫލުކުރެވޭ ގޮތުގައި ކުދިންނަށް ކޮންމެ ދުވަހަކު ސްކޫލަކަށް ނާދެވޭނެ. ސޯޝަލް ޑިސްޓެންސިންގެ އުސޫލުތަކުގެ ތެރެއިން ކިޔަވައިދޭއިރު، ރާއްޖޭގެ ކްލާސްތަކުގެ ސައިޒަށް ބަލަންޏާ ކްލާހަކަށް 10 ކުދިން ވެއްދޭނެ ކަމަށް ބަލަމާ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ ހާހެއްހާ ދަރިވަރުން އުޅޭ ސްކޫލެއްގައި ކޮންމެ ކްލާހަކުން އެއް ވަގުތެއްގައި 10 ކުދިންނަށް ކިޔަވައިދޭ ނަމަ ކުއްޖަކަށް ލިބޭނީ 60 މިނެޓުގެ ދެ ގަޑި އެވެ.

"އެހެންވެ ވަރަށް ކީ ސަބްޖެކްޓްތަކެއްގެ، ކީ އޭރިއާތަކަކަށް ފޯކަސްކޮށްގެން ކިޔަވައިދެވޭނީ. އަދި ކުދިން ސްކޫލަށް އަޔަސް ކަވަރުނުކުރެވޭ ބައި އެހެނިހެން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ޝެއާކުރުމުގެ ވިސްނުން ގެންގުޅެން،" ސައީދު ވިދާޅުވި އެވެ.

"އަނެއްކޮޅުން ކަރިކިއުލަމް ލިމިޓެޑް ވިޔަސް، އެއްކޮށް ކަވަރުނުކުރެވޭ ހާލަތު އަންނާނެ [ލަހުން ފެށިއްޖެ ނަމަ]. އެބައިތައް އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ކިޔަވައިދިނުމުގެ ވިސްނުން ވެސް ގެންގުޅެން."

ނާޒިމް ވިދާޅުވި ގޮތުގައި މުގައްރަރު އެއްކޮށް ކަވަރުނުކުރެވުމަކީ ކަންބޮޑުވުމެކެވެ. އެކަމަކު މިއީ ހާއްސަ ހާލަތަކަށް ވާތީ ކުރިއެކޭ އެއްގޮތަށް ކިޔަވައިނުދެވޭނެކަން ވެސް ބަލައިގަންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔަވައި ނުދެވި ފާއިތުވާ ކޮންމެ ދުވަހަކީ ދަރިވަރުންގެ ހަޔާތުން 'ބޭކާރުވާނެ" ދުވަހެކެވެ. ބެލެނިވެރިންގެ ކަންބޮޑުވުން ވެސް އޮންނާނެ އެވެ. ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ހިންގުންތެރިންގެ ބުރަކަން ވެސް ބޮޑުވާނެ އެވެ.

މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ސްކޫލު ނިޒާމު ވެސް އޮތީ މި ބަލިމަޑުކަމަށް ފުރިހަމައަށް ތައްޔާރުވެފައެއް ނޫނެވެ. މިކަމުން މުޅިން އަރައިގަތުމަށް މަސްތަކެއް ނޫނީ އަހަރުތަކެއް ވެސް ނަގައިފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވީހާވެސް އަވަހަކަށް ސްކޫލްތައް ހުޅުވަން ބައެއް ޓީޗަރުންނާއި ބެލެނިވެރިން ބޭނުންވާ އިރު، ރައްކާތެރިކަން ކަށަވަރު ނުކޮށް އެކަން ކުރަން އަނެއް ބަޔަކު ދެކޮޅެވެ. އެހެންވެ މިއީ އަމަލްކުރާނެ އުސޫލުތައް ކަނޑައެޅުމުގައި ވެސް އަދި ކިޔެވުން ފަށައިގެން ކުރިއަށްގެންދަން ވެސް އުނދަގޫ މައްސަލައެކެވެ.

20 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 33%
icon angry icon angry 61%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސްކިޕަރ

18 May 2020

ތެދެއް، ގޮންޖެހުމެއް. އެކަމަކު އިންޓަނެޓްގެ ޒަމާނުގައި ހަމަ ކުރެވިދާނޭ ކަމެއް. ނަމަވެސް ކަމެއް ދަމެއް ނޭގޭ، ކަންނެތް މީހުންލައިގެން ކުރަން ވަރށް ދަތި ގޮންޖެހުން އިންތިހާއަށް ބޮޑު ކަމަކަށް ވާނެ.

The name is already taken The name is available. Register?

ދޮންފަޅޯ

14 May 2020

ޔާމީނު އަކީ ދުރުވިސްނޭ ބޭފުޅެއް، އެބޭފުޅާ އުޅުއްވި ހުރިހާ ކިޔަވާކުދިންނަށް ޓެބުލެޓު ހޯއްދަވާދެއްވަން.

The name is already taken The name is available. Register?

އައްލޯ އާމިރު މ. ރުބިކަން

14 May 2020

ކޮބާތޯ ނިއު ނޯމަލް އަކީ

The name is already taken The name is available. Register?

900 ޑިގުރީ

14 May 2020

ރާއްޖޭގައި ދި މާވެގެން އުޅޭ މައްސަލަޔަކީ ވެރިންގެ ނާގާބިލްކަން ވަކި ވަކި ރަށްރަށް ރަށުން ބޭރުން މީހެއްވެސް މުދަލެއްވެސް އެރަށަށް ނާރުވާތާ 20 - 25 ދުވަސް ވިރަށް ރަށް އެބަހުރި އެރަށުގެ ހާލަތު ވަޒަންކޮށްފާ އެރަށް އާން މު ހާލަތަށް ނުގެނެވެންވީ ސަބަބެއް ނޭގެ މާލެއާއެއްގޮތަށް ހުރިހާރަށަކަށް އަމަލުކުރަނީ ނަ މަ ވަސީލަތްތައްވެސް އެގޮތަށް ދީ މިކަުގައި ސަރުކާރުން ގެންގުޅެނީ މެޑިކަލް މޮޑަލްއެއް ޕަބްލިކް ހެލްތު މޮޑަލެއް ބޭނުންވަނީ

The name is already taken The name is available. Register?

ޒުންނަވާރު ސަލީމް

14 May 2020

މިއީ މިރާއްޖެއަށް އެކަނި ދިމާވެގެން އުޅޭ ހާލަތެއްނޫނެވެ. ދިރިއުޅުން ފަށައިނުގަނެވިގެން އެއްބަޔަކު މުޒާހަރާކުރާއިރު، ގައުމުތަށް ހުޅުވާލުމުން އަލުން ބަލިޖެހޭ މީހުންގިނަވެދާނެކަމަށް ބުނެ އެކަމާ ދެކޮޅު ހަދާމީހުންވެސް އުޅެއެވެ. ދުނިޔޭގެ ހުރިހާ ވެރިންވެސް ތިބީ މިދެބައިމީހުންގެ ދެމެދުގައި ތާށިވެފައެވެ. ހަގީގީ ވެރިންނަކީ ރަނގަޅު ވަގުތުގައި ރަނގަޅު ނިންމުން ނިންމަން ކެރޭ މީހުންނެވެ.

The name is already taken The name is available. Register?

މާވެޔޮމިސްކިތު މުދިމު މިއަރެފް

14 May 2020

ވިލާތުގެ ގައުމުތަކުގައި އަޅުވާފައި ތަޅުތައް މަޑުމަޑުން ހުޅުވާލައި އައު އާދައިގެ އުޅުމެއް އުޅެވޭނެ ގޮތެއް ފެނޭތޯ އެދަނީ ބަލަމުންނެވެ. ކޮންމެޔަކަސް އެންމެން އަބަދު ތަޅުލެވިގެން ތިބުމަކީ ފަސޭހަކަމެއް ނޫނެެވެ. މިހުރިހާ ދުވަހު އިންސާނުން ހޯދި ކުރިއެރުންތައް ގެއްލި އިގްތިސާދީ އަދަވަޅަކަށް ވެއްޓެއް ބޭނުމެއް ނުވެއެވެ. ދަރިންނަށް ކިޔަވައިނުދެވި ޖާހިލުކަމުގައި އެކުދިން ބޮޑުކުރެވޭކަށް ނެތެވެ.

The name is already taken The name is available. Register?

މުހައްމަދު

14 May 2020

1 އަހަރު ނުކިޔެވުނަސް ޖާހިލަކަށް ނުވާނެ. އެކަމަކު 1 ފަހަރު މަރުވިޔަސް ދެން މި ދުނިޔެއަކަށް ނާންނާނެ.

The name is already taken The name is available. Register?

އެޖެންގާ 19

14 May 2020

އިންސާނީ ދިރިއުޅުން އެކޮޅުކޮޅުން ޖަހައި އެންމެން ގޭބަންދުކުރި މިވަބާއިން އަރައިގަނެވޭނޭ ދުވަހެއް އަދި ލަފާކުރަންވެސް ނޭނގެއެވެ. ބަލީގެ ދެވަނަ އަދި ތިންވަނަ ރާޅެއްޖަހާފާނެ ކަމުގެ ބިރު ސިއްހީ ތަޖުރިބާކާރުން ދަނީ ދެމުންނެވެ. ހުރިހާ ދިވެހިންނަށް މިބަލި ޖެހޭނެކަމަށް މަޖިލީހުގެ ރައީސް އެބުނަނީ އެހެންވެ ކަމަށް ވެދާނެއެވެ. ދެން އޮތީ މިބައްޔާއެކުވެސް އާއްމު ދިރިއުޅުން އުޅޭނެ ގޮތެއް ދަސްކުރުމެވެ.

The name is already taken The name is available. Register?

މެދުމާފަންނު މެދުހެންވޭރު

14 May 2020

އޮފީސް ތައްވެސް ދަންފަޅިތަކަކަށް ބަހަންޖެހޭނެހެން ހީވަނީ، އިޖްތިމާއީ ގައިދުރުކުރުމުގެ ސިޔާސަތު ތަންފީޒު ކުރެވޭނީ އޭރުން، ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން އިހުގައި އާދައިގެ ދިރިއުޅުމުގައި އަމަލުކުރި ގޮތަށް އަމަލު ކުރެވޭނެ ދުވަހެއް ނޭނގޭ، މިބައްޔާއެކީ އާއްމު ދިރިއުޅުން އާ ގޮތަކަށް ބައްޓަންކުރަން މިވަނީ މަޖުބޫރުވެފައިކަމީ އެއްވެސް މީހަކަށް ދެބަސްވެވެން ނެތް ހަގީގަތެއް

The name is already taken The name is available. Register?

ކޯވިޑުއޮނަވިހި

14 May 2020

މިވައިރަސް ނުވަތަ ކޯވިޑު އޮނަވިހި އަދި ދުނިޔޭގެ އެއްވެސް ތަނެއްގައި މައިތިރިއެއް ނުވެއެވެ. ޗައިނާގެ ވޫހާންވެސް އަލުން ހުޅުވާލުމާއެކު ހަލުވިކަމާއެކު ވައިރަސް ފެތުރެންފެށި ކަހަލައެވެ. ވީމާ އައު ދިރިއުޅުމުގައި އައު ގޮތްތަކަކަށް އެންމެންވެސް އުޅެންޖެހޭނެކަން ކަށަވަރެވެ. އެއީ އިސްކޫލު މަދުރަސާތަކުގައި ނުވަތަ ސަރުކާރުގެ އެކި އެކި އިދާރާތަކުގައި ނުވަތަ އަމިއްލަ އެކި އެކި މަސައްކަތް ކުރާ މީހުން ކަމަށްވިޔަސް މެއެވެ.

The name is already taken The name is available. Register?

ފަރަންޖީ ސޭކުން

14 May 2020

ކޮން ނިއު ނޯމަލް އެއްތަ؟ ނޮހޮރައްޕާނެއް، ދިވެހި ބަހުން އެއްޗެއް ބުނިއްޔާ ފާފަވެރިވަނީތަ؟

The name is already taken The name is available. Register?

މުހައްމަދު

14 May 2020

އައު ހަމަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454