މާލެ- އޭޕްރިލް 9، 2020: އައިޖީއެމްއެޗުގެ މުވައްޒަފުންތަކަކަށް ކްރިޓިކަލް ކެއާގެ ތަމްރީނުތައް ދެއްވަނީ، ވަރަށް ގިނަ އަަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ވަނީ އައިޖީއެމްއެޗުގައި ތަމްރީން ކުރަންފަށާފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު
20 މެއި 2020 - 16:18
ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން މަސައްކަތް ކުރަމުން އަންނަ ސިއްހީ ހިދުމަތްތެރިންގެ އާމްދަނީން ބައެއް މަދުވާ ގޮތަށް އުސޫލުތައް ބަދަލުކުރުމުން، އެ މީހުން ކުރަމުން އަންނަ މަސައްކަތުގެ އަގު ސަރުކާރުން ވަޒަން ނުކުރާކަން ހާމަވާ ކަމަށް، އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
ސިއްހީ ދާއިރާގެ ބައެއް ހިދުމަތްތެރިން ހިމެނޭހެން، ސަރުކާރު މުވައްޒަފުންގެ އިތުރު ގަޑިއަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ގެނައި ބަދަލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ބުނީ ރޯދަ މަހު ސަރުކާރުގެ މުވައްޒަފުންގެ ރަސްމީ ގަޑިއަކީ ހަތަރު ގަޑިއިރަށް ވާއިރު އެއަށް ވުރެ އިތުރަށް މަސައްކަތްކޮށްފި ނަމަ އުސޫލުގެ ތެރެއިން އިތުރު ގަޑީގެ ފައިސާ ހައްގުވާނެ ކަމަށެވެ.
ނަމަވެސް ކޮވިޑް-19 ގެ މި ކާރިސާގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް، ކުރީ ސަފުގައި ބުރަކޮށް މަސައްކަތްކުރަމުން އަންނަ ސިއްހީ ހިދުމަތްތެރިންނަށް ލިބެމުން އައި އާމްދަނީން އެއްޗެއް އުނިވާގޮތަށް މަސައްކަތު ގަޑިއަށް ބަދަލު ގެނައުމަކީ ހިތާމަހުރި ކަމެއް ކަމަށް ބުންޏެވެ.
"އެހެންކަމުން ސިއްހީ ހިދުމަތްތެރިން ހިމެނޭގޮތުން، މި ކާރިސާގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ފަރާތްތަކުގެ އާއިލާތަކާއި ވަކިން އަމިއްލަ ނަފްސަށް ބެލުމެއްނެތި އިސް ސަފުގައި މަސައްކަތްކުރަމުން ގެންދަވާ އެންމެހާ މުވައްޒަފުންގެ އަގު ވަޒަންކުރުމާއެކު އެ ފަރާތްތަކަށް ލިބެމުންދާ އާމްދަނީ އެއްވެސް އެއްޗެއް އުނި ނުވެ ލިބޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.
"ހަމައެއާއެކު އާއްމު އުސޫލުގެ ބޭރުން އެއްވެސް މުވައްޒަފަކު މަސައްކަތްކުރަން ހަމަޖެހިފައި އޮންނަ ރަސްމީ ގަޑި އިތުރުނުކުރުމަށާއި އިތުރު ގަޑީގައި ކުރާ މަސައްކަތުގެ ފައިސާ އިން އެއްވެސް އެއްޗެއް އުނި ނުކުރުމަށް ވެސް ގޮވާލަމެވެ،"
ސީއެސްސީ އިން މިދިޔަ އާދިއްތަ ދުވަހު ނެރުނު ސާކިއުލާގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް، ސިވިލް ސާވެންޓުނަށް އިތުރު ގަޑީގެ ފައިސާ ދޭނީ ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކޮށްފި ކަމުގައިވާ ނަމަ އެވެ.
އެ ކޮމިޝަންގެ ނިންމުން އާއްމުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށް ވިއަސް، ހަފުތާއަކު 48 ގަޑިއިރަށް ވުރެ އިތުރުނުވާ ނަމަ މި މަހު އިތުރު ގަޑީގެ ފައިސާ ނުލިބޭނެ ކަމަށް ބައެއް ހޮސްޕިޓަލްތަކުން ވަނީ މުވައްޒަފުންނަށް އަންގައިފަ އެވެ. ނަމަވެސް ސަރުކާރު މުވައްޒަފުންގެ މުސާރަ ބަލަނީ ކޮންމެ މަހެއްގެ ވެސް 15 އިން 15 އަށެވެ.
ރޯދަ މަހު، ސިވިލް ސާވެންޓުންނާ އެއްގޮތަށް ސިއްހީ ހިދުމަތްތެރިން ވެސް ރަސްމީ މަސައްކަތު ގަޑިއަކީ ހަތަރު ގަޑިއިރެވެ. އެކަމަކު ހަ ހަޑިއިރު މަސައްކަތް ކުރަންޖެހެ އެވެ. އެ ވަގުތު ކަނޑައަޅާފައިވަނީ އޯޓީގެ ގޮތުގަ އެވެ. ރޯދަ ނޫން މަސް މަހުގައި، މަސައްކަތު ގަޑިއަކީ ހަފުތާގެ ހަ ދުވަހު، ދުވާލަކު ހަ ގަޑިއިރެވެ. އެކަމަކު އިތުރު ދެ ގަޑިއިރާއެކު އަށް ގަޑިއިރު މަސައްކަތްކުރަންޖެހެ އެވެ.
ނަމަވެސް އެ ވަރަށް މަސައްކަތް ކޮށްގެން ވެސް ދެން އިތުރު ގަޑީގެ ފައިސާ ނުލިބޭނެ ކަމަށް، ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ހިދުމަތްތެރިން ބުނެ އެވެ. އެހެންވެ ކުރީގައި ވެސް އިތުރު ގަޑީގެ ފައިސާ ދިން އުސޫލަށް އަމަލުކުރަން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން މިއަދު ގޮވާލާފައި ވެ އެވެ.
އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ބަދަލު ގެނައި ކަމުގައި ވިއަސް، ކޮވިޑް-19 ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދޭން ވަނީ ނިންމައިފަ އެވެ. އެލަވަންސްގެ ފުރަތަމަ ކެޓަގަރީ އަކީ ހައި ރިސްކް ކެޓަގަރީ އެވެ. އެފަރާތްތަކަށް އެލަވަންސެއްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 500ރ. އެވެ.
ދެވަނަ ކެޓަގަރީ އަކީ މީޑިއަމް ރިސްކް އޮންނަ މީހުންނެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތްކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތް ކުރާ މީހުންނާ އެކުގައި މަސަައްކަތް ކުރަން ޖެހޭ ނަމަ އެވެ. މީޑިއަމް ރިސްކް އޮންނަ މީހުންނަށް އެލަވަންސެއްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 250ރ. އެވެ. ތިން ވަނަ ކެޓަގަރީގެ މީހުންނަކީ ކުރީގެ ދެ ކެޓަގަރީއަށް ނުފެތޭ މީހުންގެ ތެރެއިން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިރު މަސަައްކަތް ކުރާ މީހުންނެވެ. އެ މީހުންނަށް ދޭނީ މަަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200ރ. އެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ މި ދަނޑިވަޅުގައި ބޭކާރު ހަރަދުތައް ހުއްޓާލުމާއެކު ކޮވިޑް-19 ގެ ނަމުގައި ހިންގާ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ވެސް ހުއްޓާލަން ގޮވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނި ދަންތުރަ
20 May 2020
ރައްޔިތަކަށް ހެޔޮއެދިގެން ބަހެއްބުނެލިޔަސް އެވަނީ ފިތުނަ އުފައްދަންކުރިކަމަކަށް ނަސީދު ކޮންމެފަދަ އެއްޗެއްކިޔަސް އޯކޭ ، އިދިކޮޅަސް އެއްކޮޅަސް ރަނގަރު ވާހައެއް ވާނީ ރަނގަޅު ވާހަކަޔަކަށް މިއީ ޑޮކުޓަރުންނާ ނަރުހުންގެ މުސާރަޔާ އިނާޔަތްތަށް ފޭރިގަންނަންވީ ވަގުތެއްނޫން....
ޢިން ޖަސްޓިސް
20 May 2020
ކީއްވެތަ ސިއްހީ ދާއިރާގަ އުޅޭ މީހުނަށް 10000 ރުފިޔާ މުސާރަޔަށް ނުލިބޭއިރު އެންމެ ކުޑަ މިނުން އޯޓީވެސް ނުދޭން މި ނިންމީ. ޖުޑިސަރީ ދާއިރާގަ އެންމެ ދަށްމީހާއަށްވެސް 10000 އެބަ ހޯދޭ. ޢަދި މިމަހު އޯޓީވެސް އެބަ ދޭ. މިހާ ބޮޑު ފަރަަގެއް މިއޮންނަނީ ކީއްވެބާ؟
ކަމަނަ
20 May 2020
ސިއްހީ އެހީތެރީންގެ ތެރޭގަ ގޭގަ ފިލާގެން އުޅޭ މީހުންނަ ދޭކަށް ނުޖެހޭ. ހަފްތާއަކު 48 މަސައްކަތް ނުކުރެވޭނަމަ ހާއްސަކޮަށް މިދުވަސް ކޮަޅު ބަލާއިރު 48 ގަޑި ހަމަ އޯކޭ, ދެން ނުކުންނަ މީހުންގެ އެޓެންޑެންސް އެލަވެންސް ބޯކޮށް ދޭނީ. އިދިކޮޅުން އުޅެނީ ގައުމު ފަސާދަ ކުރަން އެފުރުސަތު ދޭނެ ކަމެއްނެތް.
އައިޝަ
20 May 2020
އަނގަ އިތުރުކޮއްދިނީ.އަނގަ...ކަލޭ ބުނެބަލަ އިތުރުކޮށްދިން އެއްޗެއް..
ޖުލާ
20 May 2020
ކަލޭ މެންގެ ތެރެއިން ރަނގަޅު ބަޔަކު ނެތް
ބަހޯ
20 May 2020
އިޓް އިޒް ލައިކް ކަޓިންގް ސެލަރީ އޮފް ސޯލްޖާސް ޑިޔުރިންގް އަ ވޯ
ޕޫބެއަރ
20 May 2020
މިގައުމަކީ މަސައްކތްތެރި ހިދުމަތްތެރިންގެ ގައުމެއް ނޫން އެއްއިރެއްގަ ވެސް. މިއީ މުއްސަނދިންނާ ސިޔާސީ ވެރިން ގައުމު ދަވާލާން އޮތް ތަނެއް. ހުރިހާސަރުކާރެއްވެސް ހަމަ އެއްތާކު ޖެހެނީ
ދިއްދޫ ހަންދަރު ޙަސަން
20 May 2020
ޚާއްޞަކޮށް މިވަގުތު ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭން ޖެހޭ ހުރިހާ އިންާޔަތެއް ދޭން ޖެހޭނެ ފުރާނައަތްމައްޗަށް ލައިގެން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަމުން އެދަނީ އެއީ އާދަޔާ ޚިލާފު ޚިދުމަތެއް
ޑޖސޖ
20 May 2020
ޢިތުރު ގަޑި ބަދަލު ގެނައީ ސިއްހީ ހިދުމަތް ތެރިން ނުލާ.އެމީހުން އަށް އެލެވެސް އިތުރު ވެސް ކޮށް ދީމަ ވަނީ. ފިތުނަ އުފެއްދުން ކިޔަނީ މިއަށް
ބޮޑުމީހާ
20 May 2020
ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އޯޓީ ނުދީ މަޖްލިސް މެމްބަރުންނަށް ކޮމިޓީ އެލަވެންސް ލިބިގެން ނުވާނެ