ޚިޔާލު / ފިތުރު އީދު

ފަލަކީ ހިސާބުން ދައްކަނީ އީދު ވާނީ އާދީއްތައަށް ކަމަށް

މިދިއަ އަހަރުގެ އީދު ނަމާދުކުރަން އިންޑޮނީޝިއާގެ މިސްކިތެއްގައ މުސްލިމުން ޖަމާއަތް ހަދައިގެން: ފަލަކީ ހިސާބުތަކުން ދައްކަނީ މި އަހަރުގެ ފިތުރު އީދު ވާނީ އާދިއްތަ ދުވަސް ކަމަށް --ފޮޓޯ:އޭއެފްޕީ

އަޙްމަދު ޢަބްދުﷲ ސަޢީދު

22 މެއި 2020 - 05:04

11 comments

މިއަދަކީ ހިނގަމުން މިދާ ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. އެހެންކަމުން މިއަދުގެ އިރު އޮއްސުމަށް ފަހު، އިސްލާމީ އާދަކާދައިގެ މަތިން، މި އަހަރުގެ ޝައްވާލް މަހަށް ހަނދު ބެލުން ދުނިޔޭގެ އިސްލާމީ ހުރިހާ ގައުމެއްގައި ވެސް އޮންނާނެ އެވެ. މި އާދަކާދައިގެ މަތިން ރާއްޖޭގައި ވެސް އެކަން އޮންނާނެ ކަމަށް ބެލެވެ އެވެ.

ހަނދު ބަލަން ނުކުތުމުގެ އާދަ ފެށުނީ ރަމަޟާން މަހުގެ ރޯދަ ހިފަން ފަށަން، ޝަޢުބާން މަސް ނިމި ރަމަޟާން މަސް ފެށިއްޖެ ކަން ކަށަވަރު ކުރުމުގެ ގޮތުންނާއި، ރޯދަ ހިފުން ހުއްޓައިލުމަށްޓަކައި، ރަމަޟާން މަސް ނިމި ޝައްވާލް މަސް ފެށިއްޖެކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ. ސަބަބަކީ ރަމަޟާން މަހުގެ ރޯދަ ހިފަން އެ މައްސަރު ފެށިއްޖެކަން ކަށަވަރު ކުރުމަށާއި، ރޯދަ ހިފުން ހުއްޓައިލަން ޝައްވާލް މަސް ފެށިއްޖެކަން ކަށަވަރު ކުރުމަށް، ކީރިތި މާތް ނަބިއްޔާ އިރުޝާދު ދެއްވާފައިވާތީ އެވެ.

ނަބަވީ ޒަމާނުގަޔާއި އޭގެ ފަހުން ޞަޙާބީންގެ ޒަމާނާއި ތާބިޢީންގެ ޒަމާނުގައި ވެސް، މައްސަރެއް ފެށިއްޖެ ކަން ކަށަވަރުކުރެވޭނެ އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ހަނދު ފެނުމެވެ. ވިލާ ބޯވެގެން ނުވަތަ ޖައްވު ނުސާފުވުމުގެ ސަބަބުން ވެސް، 29 ވަނަ ދުވަހުގެ ރޭ ހަނދު ނުފެނިއްޖެ ނަމަ، ދެން އެކަން ކަށަވަރުކުރަން ފުރިހަމަކުރަން ޖެހޭ އިޖުރާއާތަކީ، ޖެހިގެން އޮތް ދުވަހަކީ، އެ މަހުގެ 30 ދުވަސް ކަމަށް ކަނޑައެޅުމެވެ.

ނަމަވެސް، ﷲ ސުބްޙާނަހޫ ވަތަޢާލާ، އިންސާނުންނަށް ދެއްވާފައިވާ ޢިލްމުގެ ޒަރީޢާއިން، މައްސަރުގެ ފެށުމާއި ނިމުން އަދި ދުވަސްތަކުގެ އަދަދުތައް ދުރާލައި ކަށަވަރު ކުރެވޭނެ ގޮތް ވަނީ މެދުވެރިކުރައްވައިފަ އެވެ. އަހަރުތަކުގެ އަދަދާއި މައްސަރުތަކާއި ދުވަސްތަކުގެ ހިސާބު ދެނެގަތުމަށް، ކައުނުގެ ތެރޭގައިވާ ބުރުޖުތަކެއްގައި އިރާއި ހަނދު ދައުރުކުރާނޭ ގޮތުގައި ލައްވައި، އިރާއި ހަނދު ހިނގުމަށް ވަކި މަންޒިލްތަކެއް މިންވަރުކުރައްވާފައިވާ ކަމަށް، ކީރިތި ޤުރްއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާން ކުރައްވާފައިވެ އެވެ.

ނަމާދު ވަގުތުތަކާއި، އިރު އަރައި އޮއްސޭ ވަގުތާއި އިރުކޭތަ އާއި ހަނދު ކޭތަ ހިފާ ވަގުތުތައް ދުރާލައި ހޯދެނީ، ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައިވާ މި ދެންނެވި އިލްމުގެ ޒަރީޢާއިންނެވެ. އެ އިލްމުގެ ޒަރީއާއިން ކަށަވަރުވާ ގޮތުގައި، ހިނގަމުން މިދާ ރަމަޟާން މަހުގެ ހަނދު އުފަންވެފައިވަނީ، ހުސްވި އޭޕްރީލް 23 ވަނަ ދުވަހު، ޖީއެމްޓީ ގަޑިން 02:26 (ރާއްޖޭ ގަޑިން 07:26)ގަ އެވެ. އެހެންކަމުން މިއަދުގެ އިރު އޮއްސޭއިރު ޝަޢުބާން މަހުގެ ހަނދުގެ އުމުރުން ހޭދަވެފައިވާނީ، 29 ދުވަހާއި 10 ގަޑިއިރާއި 46 މިނެޓެވެ.

މިއިން އެނގެނީ، މަހެއް ފުރިހަމަވެއްޖެ ކަން ދެނެގަތުމަށް، ނަބަވީ އިރުޝާދުގައި ބަޔާންކުރައްވާފައިވާ ދެ ގޮތުން ކުރެ އެއް ގޮތް، ހާސިލްވެއްޖެ ކަމެވެ. އެއީ ރަމަޟާން މަހުން 29 ދުވަސް ފުރިހަމަ ވުމެވެ. ނަމަވެސް ކީރިތި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާ ގޮތުގައި، ހިޖްރީ ކަލަންޑަރުގައި 29 ދުވަހުގެ މައްސަރުތަކާއި 30 ދުވަހުގެ މައްސަރުތަކެއް ވެސް ހިމެނެ އެވެ.

ފަލަކީ އިލްމުން ކަށަވަރުވަނީ ހަނދު ނުފެންނާނެ ކަން

މިއަދަކީ ރަމަޟާން މަހުން 29 ދުވަސް ކަމަށް ވިޔަސް، މިއަދުގެ އިރު އޮއްސޭއިރު، ޝައްވާލް މަހުގެ ހަނދު އުފަން ނުވާކަން، ފަލަކީ ހިސާބުން ކަށަވަރުވާތީ، މި ހިނގާ ރަމަޟާން މަހަކީ 30 ދުވަހުގެ މައްސަރެއްކަން، އެއްވެސް އޮޅުމެއް ނެތް މިންވަރަށް ކަށަވަރުވެ އެވެ. ޝައްވާލް މަހުގެ ހަނދު އުފަން ނުވާނެކަން ކަށަވަރުވަނީ، މިއަދުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭތީ އެވެ.

ފަލަކީ ހިސާބުން ޔަގީންވާ ގޮތުގައި ރާއްޖޭގެ އެންމެ އުތުރަށް، މިއަދުގެ އިރު އޮއްސުމުގެ 12 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. ރާއްޖޭގެ އެންމެ ދެކުނުގެ ރަށްތަކަށް ހަނދު އޮއްސޭނީ މިއަދުގެ އިރު އޮއްސުމުގެ 10 މިނެޓް ކުރިންނެވެ.

އިސްލާމީ ގައުމުތަކުގެ ތެރެއިން އެންމެ އިރުމަތީގައިވާ ބުރޫނާއީއަށް، މިއަދުގެ އިރު އޮއްސުމުގެ 17 މިނެޓް ކުރިން އަދި އެންމެ ހުޅަނގުގައިވާ ދެ ގައުމުގެ ތެރެއިން މޮރޮކޯއަށް، އިރު އޮއްސުމުގެ ހަތް މިނެޓް ކުރިން އަދި ސެނެގޯލްގެ ޑަކާރްއަށް، އިރު އޮއްސުމުގެ އެއް މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

އެންމެ އުތުރުން ތުރުކީ ވިލާތުގެ އިސްތަންބޯލް އަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 15 މިނެޓް ކުރިން ކަމަށް ވާ އިރު، އެންމެ ދެކުނުގައިވާ މޮޒަމްބީކްގެ މަޕޫޓޯ އަށް، އިރު އޮއްސުމުގެ ތިން މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. ސަޢޫދީ ޢަރަބިއްޔާގެ މައްކާއަށް މިއަދުގެ އިރު އޮއްސުމުގެ 11 މިނެޓް ކުރިން، އަދި މިޞްރުގެ ޤާހިރާއަށް، މިއަދުގެ އިރު އޮއްސުމުގެ 12 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

މިއިން އެނގެނީ މިއަދުގެ އިރު އޮއްސުމުގެ 1-17 މިނެޓު ކުރިން، އިސްލާމީ ހުރިހާ ގައުމަކަށް ހަނދު އޮއްސޭނެ ކަމެވެ. އެހެންކަމުން މިއަދުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ބަލަން ނުކުތް ކަމަށް ވިޔަސް، އިރު އޮއްސުމަށް ފަހުގައި އުދަރެހުން މަތީގައި ހަނދު ނުހުންނާނެތީ، މިރޭ ހަނދެއް ނުފެންނާނެ އެވެ.

މިއަދަކީ ރަމަޟާން މަހުން 29 ދުވަސް ކަމަށް ވިޔަސް، މިއަދުގެ އިރު އޮއްސޭއިރު، ޝައްވާލް މަހުގެ ހަނދު އުފަން ނުވާކަން، ފަލަކީ ހިސާބުން ކަށަވަރުވާތީ، މި ހިނގާ ރަމަޟާން މަހަކީ 30 ދުވަހުގެ މައްސަރެއްކަން، އެއްވެސް އޮޅުމެއް ނެތް މިންވަރަށް ކަށަވަރުވެ އެވެ. ޝައްވާލް މަހުގެ ހަނދު އުފަން ނުވާނެކަން ކަށަވަރުވަނީ، މިއަދުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭތީ އެވެ.

ފަލަކީ ހިސާބުން ކަށަވަރުވާ ގޮތުގައި، ހުސްވި އޭޕްރީލް 23 ވަނަ ދުވަހު، ރާއްޖޭ ގަޑިން 07:26 އިން ފެށިގެން މި ބިމުގެ ވަށައިގެން ހަނދު ޖަހަމުން އަންނަ ބުރު ފުރިހަމަވާނީ، މެއި 22 ވަނަ ދުވަހުގެ ރޭ 10:39 ގަ އެވެ. އެހެންކަމުން މިއަދު މާލެއަށް އިރު އޮއްސޭއިރު، ރަމަޟާން މަހުގެ ހަނދުގެ އުމުރުން ބާކީ އޮންނާނީ ހަތަރު ގަޑިއިރާއި 27 މިނެޓެވެ.

މިއަދަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށް ވިޔަސް، މިއަދުގެ އިރު އޮއްސުމާ އެކު ރަމަޟާން މަސް ނިމޭނީ، މިއަދުގެ އިރު އޮއްސުމުގެ ކުރިން، ޝައްވާލް މަހުގެ ހަނދު އުފަން ވެއްޖެ ނަމަ އެވެ. މަތީގައި މި ދެންނެވި ވަގުތުތަކުން އެނގެނީ، ރަމަޟާން މަސް ނިމި ޝައްވާލް މަހުގެ ހަނދު އުފަންވަނީ، މިރޭ ރާއްޖޭ ގަޑިން 10:39ގައި ކަމެވެ.

އިސްލާމީ ދުނިޔޭގެ އެހެން ގައުމުތަކުގެ ނިސްބަތުން ބަލާއިރު ވެސް، އެ ވަގުތަކީ، އެ ގައުމުތަކަށް ވެސް މިއަދުގެ އިރު އޮއްސުމުގެ ފަހުގެ ވަގުތެވެ. އެންމެ އިރުމަތިން ބުރޫނާއީ އަށް އެއީ، މިއަދުގެ އިރު އޮއްސުމުގެ ހަތް ގަޑިއިރާއި 12 މިނެޓް ފަހެވެ. އެންމެ ހުޅަނގުން ސެނެގޯލްގެ ޑަކާރް އަށް އެއީ، އިރު އޮއްސުމުގެ އެއް ގަޑިއިރާއި 53 މިނެޓް ފަހެވެ. އެހެންކަމުން ޝައްވާލް މަހުގެ ހަނދު އުފަންވަނީ، އިސްލާމީ ހުރިހާ ގައުމުތަކަށް ވެސް، މިއަދުގެ އިރު އޮއްސުމުގެ މާ ފަހުން ކަން، ކަށަވަރުކަމާ އެކު އެނގެ އެވެ.

މިދެންނެވި އިލްމީ ޙަޤީޤަތްތަކުން އެއްވެސް އޮޅުމެއް ނެތް މިންވަރަށް އެނގެނީ މާދަމާއަކީ މި އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސްކަމެވެ. އަދި މި އަހަރުގެ ފިޠުރު އީދު ދުވަހަށް ވާނީ މެއި މަހުގެ 24 ވާ އާދީއްތަ ދުވަހެވެ.

ނަބަވީ ސުންނަތުގައި އިރުޝާދު ދެއްވާފައިވަނީ، މަހެއްގައި 29 ދުވަސް ހަމަވާއިރު، އެ މަސް އެކުގައި ނުނިމޭ ނަމަ، (29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ނުފެނިއްޖެ ނަމަ)، އެ މަހުން 30 ދުވަސް ފުރިހަމަ ކުރުމަށެވެ. މި އުޞޫލުން ބަލާއިރު، މާދަމާ ވާނީ މި ރަމަޟާން މަހުގެ 30 ވަނަ ދުވަހަށެވެ. އިލްމުގެ ޒަރީއާއިން މައްސަރުތަކުގެ ފެށުމާއި ނިމުން ދެނެގަނެވެން ނެތް، އަދި ހަމަ ލޮލަށް ފެނުމުން ނޫނީ މަސް ފެށިއްޖެކަން ސާބިތުކުރުމުގެ ޤާބިލްކަން ނެތް ޒަމާނުގައި، މުސްލިމުން ޢަމަލުކުރުމަށް، ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައި އޮތީ ވެސް، އަދި އަމަލު ކުރަމުން އައީ ވެސް އެ ގޮތަށެވެ.

މިހާރު މި ބިމާއި އިރާއި ހަނދު ފަޒާގެ ތެރޭގައި ބުރު ޖަހަމުންދާ ފަލަކަށް ބަލައިއިރު، މާލެއަށް މިއަދު އިރު އެރުމުގެ 24 މިނެޓް ކުރިން ހަނދު އަރާނެ އެވެ. މިއަދު އިރު މެދު ޖެހޭ ވަގުތު ވެސް ހަނދު ހުންނާނީ އިރަށް ވުރެ ހުޅަނގުގަ އެވެ. ނަމަވެސް، ރަމަޟާން މަހުގެ ހަނދު އުފަންވި ވަގުތުން ފެށިގެން، މި ބިމުގެ ވަށައިގެން ހަނދު ޖަހަމުން އަންނަ ބުރު ފުރިހަމަކުރަން، ހަނދު ދާނީ އިރާ ކައިރިއަށް ޖެހެމުންނެވެ. މިއަދުގެ އިރު އޮއްސުމާ ހަމައަށް އެ ބުރު ފުރިހަމަ ނުވާތީ، އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ އެވެ.

މިދެންނެވި އިލްމީ ޙަޤީޤަތްތަކުން އެއްވެސް އޮޅުމެއް ނެތް މިންވަރަށް އެނގެނީ މާދަމާއަކީ މި އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސްކަމެވެ. އަދި މި އަހަރުގެ ފިޠުރު އީދު ދުވަހަށް ވާނީ މެއި މަހުގެ 24 ވާ އާދީއްތަ ދުވަހެވެ.

އެޑިޓަރުގެ ނޯޓު

އަހުމަދު އަބްދުﷲ ސައީދަކީ ކުރިން "ހަވީރު" އަދި އޭގެ ފަހުން "މިހާރު"ގެ އިސް މަގާމުތަކެއް ފުރުއްވި ނޫސްވެރިއެކެވެ. މިހާރު އޭނާ މަސައްކަތް ކުރައްވަނީ ރައީސް އޮފީހުގަ އެވެ. އަހުމަދު އަބްދުﷲ ސައީދު ގެންދަވަނީ ރަމަޟާން މަހުގެ ހަނދާއި އީދަށް ހަނދު ބެލުމާ ބެހޭ ގޮތުން އިލްމީ ލިއުންތައް ލިއުއްވަމުންނެވެ.

11 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 6%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެދުގޭ ހަސަންފުޅު

22 May 2020

ގިނަ ދިވެހިން ހީކުރަނީ ފަލަކީ އިލްމަކީ ފާލުބެލުންކަމަށް. އެއީ ދެބަހުގައިވެސް "ފ" އޮންނާތީ. ބޯހަލާކު

The name is already taken The name is available. Register?

ހަވީރު

22 May 2020

ކޮންމެ އަހަރަކުވެސް، އީދަސް ރޯދަޔަސް، ހަނދު ބަލާ ދުވަސް ކާރިވީމަ އަޙްމަދު ޢަބްދުﷲ ސަޢީދު މި ލިޔުން އަންނާނެ އިރަކަށް އިންތިޒަރު ކުރެވޭ.

The name is already taken The name is available. Register?

ޢިމާދު

22 May 2020

މިއަދު ރާއްޖެ ގަޑިން ފަތިހު 05:27 ގައި ހުޅެވިހަނދު އުފަންވެއްޖެ. އެ ހަނދު އޮއްސޭނީ މާލެ ސަރަހައްދަށް އިރު އޮއްސުމުގެ 12 މިނިޓް ކުރިން ގަޑިން ހަވީރު 17:59 ގަ. އެހެންކަމުން ހުޅެވިހަނދު ރޭގަނޑުގެ އުޑުން ފެންނާކަށް ނުހުންނާނެ. އެހެނަސް ޝަރުޢުގައި ހިޖުރީ މަހުގެ ފެށުމާއި ނިމުން ބިނާވަނީކީ ހަނދު އުފަންވުމުގެ މައްޗަކަށް ނޫން ކަމަށްވާތީ، މިއަދު އިރު އޮއްސުމަށްފަހު އެއީ ރަމަޟާން މަހުގެ 30. އަދި މާދަމާ އިރު އޮއްސުމަށްފަހު އެއީ ޝައްވާލު މަހުގެ 1.

The name is already taken The name is available. Register?

ގަރުބަރު

22 May 2020

ކޮބާތަ ރާއްޖޭގެ މިސްޓަރ ފަލަކީ

The name is already taken The name is available. Register?

އޯތެންޓިކް ރަދީފް

22 May 2020

ޝުކުރިއްޔާ އަބްދުﷲ.ވަރަށް ރަނގަޅު ލިޔުމެއް.އީދް މުބާރިކް.ވ.ވެދުން.

The name is already taken The name is available. Register?

ދޮންވެލި

22 May 2020

ޓެކްނޮލޮޖީގެ ބޭނުން ކުރުމަކީ މައްސަލަ އެއް ނޫނެވެ. އެކަމު ނަމާދު ވަގުތު ތައް އަދި ހަނދު ބެލުން ފަދަ ކަންކަމީ ކުރަން މުހިއްމު ކަންތަކެވެ. ޓެޖްނޮލޮޖީގަ އޮތީ 300 އަހަރުގެ ތާރީހް އެކެވެ. އިންސާނުން ތަރިތަކަށް ބަލައިގެން ދަތުރުކުރާތާ އެތައް ހާސް އަހަރެއް ވީ އެވެ. ނިއުކުލިއަރ ހަތިޔާރުގެ ވާދަވެރިކަން .ބޮޑު އިރު ޓެކްނޮލޮޖީ ކޮންމެ ވަގުތަކުވެސް ހަނގުރާމަ އާއެކު ހިނގައިދާނެއެވެ.

The name is already taken The name is available. Register?

ޢެފްޖީ މަލިކު

22 May 2020

ރަނގަޅު މަުލޫމާތު ކޮޅެއް.ފަލަކީ ޢިލްމުވެރިއެއް ކަމުވާ މަލިކު މުރާދުގަނޑުވަރު އަލި މިނިކްފާން ބުނާގޮތުގައި 1441 ރޯދަ 29 ދުވަސް އަދި ޢީދު ދުވަހަކީ 23 މެއި 2020 ކަމަށެވެ.

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

22 May 2020

އެހެންވީމާ މަމެން މި ނިންމީ މިފެށޭ ހޮނިހިރު ދުވަހަކީ މިއަހަރުގެ އެންމެ ފަހު ރޯދަ ކަމަށް. އޯކޭ އެންނު ދޮތަ!

The name is already taken The name is available. Register?

އަބްރާރް.

22 May 2020

ފަލަކީ ހިސާބަށް ވުރެ ބޮޑަށް ބުރަ ވާން ޖެހެނީ އިސްލާމީ ގައުމުތަކަށް ހަނދު ފެނޭތޯ ނޫނީ ނުފެނޭތޯ.

The name is already taken The name is available. Register?

ހުސެން ރަހާ

22 May 2020

ހިސާބު ހަދައިގެން ބަލާފަ އެ ބުނަނީ އިރު އޮއްސުމުގެ މާ ކުރިން ހުރިހާ އިސްލާމީ ޤައުމުތަކަކަށް ހަނދު އޮސެޔޭ. ދެން ކޮން ހަނދެއްތޯ ބަލާނީ.

The name is already taken The name is available. Register?

ސުޕް

22 May 2020

އަރަބި 22 ގައުމަކަށް ހުކުރު ދުވަހު އިރު އޮއްސޭއިރު ހަމަލޮލަށް އަދި ޓެލެސްކޯޕުންވެސް ހަނދު ނުފެންނާނެކަމަށް ވަނީ. އަދި އިސްލާމީ ގައުމުތަކަށްވެސް ފެންނާނެކަމަށްނުވޭ. ރާއްޖޭއަށްވެސް ނުފެންނާނެކަމަށްވަނީ. ނަމަވެސް އެންމެންވެސް ހަނދުބަލާނެ. ދެން އިންޑިއާ ޕާކިސްތާނު ލަންކާ ފަދަ ގައުމުތަކަކީ ވަރަށް ތަފާތު ގައުމުތައް ކޮންމެކަމެއްވެސް ވެދާނެ. އެއް ގައުމުގެ އެއް ރަށެއްގެ މަގެއްގެ ދެފަޅީގައި ދެ ދުވަހު އީދު އެބަކުރޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454