އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި މީހަކު ވޯޓުލަނީ: ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ކައުންސިލް އިންތިޚަބު ވަނީ ފަސްކޮށްފައި. --ފޮޓޯ/މިހާރު
16 ޖޫން 2020 - 11:20
ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ މީހުންނަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވައިލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވީ، އިންތިޚާބުގައި ވާދަކުރަން ޝަރުތު ހަމަވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން، ބޭނުންވާ ބަޔަކަށް ނަން ނެގުމުގެ ފުރުސަތު ދިނުމާ ގުޅޭ ގޮތުން ކޮމިޝަނުން ވަނީ މަޝްވަރާ ކޮށްފައި ކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކާ އެކު، އިންތިޚާބުގައި ކުރިއަށް ނުދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭން ނިންމީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިޚާބާ ބެހޭ ޚާއްސަ ގާނޫނުގަ އެވެ.
"ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ލަސްތަކެއް ނުވެ އެ ފުރުސަތު ދޭނަން،" އަކްރަމް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން ހޮވާނެ އެވެ. މި އިންތިޚާބަށް އެމްޑީޕީން 877 ގޮނޑި އަށް، ޕީޕީއެމުން 673 ގޮނޑި އަށް ވަނީ ކުރިމަތިލައިފަ އެވެ.
ނަން އަނބުރާ ނެގުމުގެ ފުރުސަތު އޮތަސް ގާނޫނުގައި ބުނެފައިވާ ގޮތުގައި، އެ ގޮނޑިތަކަކަށް އިތުރަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެހެންކަމުން، ބައެއް ކައުންސިލްތަކުގައި އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ މެމްބަރުން މަދުވުން އެކަށީގެންވެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރީ ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި ވޯޓު ކުރިއަށް ގެންދެވޭނެ އެކަށީގެންވާ މާހައުލެއް ނެތުމުންނެވެ. ގާނޫނުއަސާސީ އިސްލާހުކޮށް، ކައުންސިލަރުންގެ ދައުރު ދަންމާފައިވާއިރު އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އަދި ނުނިންމަ އެވެ.
އިންތިޚާބު ބޭއްވެންދެން އަމަލުކުރަން ފާސްކުރި ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވައި ނިންމަން ޖެހެ އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި އިންތިޚާބުގެ ތާރީޚް ކަނޑައަޅަނީ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކޮށްފަ އެވެ.
ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ އެކު، ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން މިހާރު ތިއްބެވި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ އެވެ. ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލް ފާސްކޮށްފައިވާ އިރު، ކައުންސިލްތަކަށް މިހާރު ދީފައިވާ ގާނޫނީ ބޮޑެތި ބައެއް ބާރުތައް އެ ބިލުން ވަނީ ހަނިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސިން އަލިމަނިކު
16 June 2020
މިއީ ތާކުންތާކު ނުޖެހޭ ކަމެއް. އަޅުގަނޑަށް މި ޖޫން 3 ގައި 18 އަހަރު ވެއްޖެ. އަޅުގަނޑަށް ތި އިންތިޚާބުގައި ވޯޓު ލެވޭނެތޯ؟ ނުލެވޭނަމަ ކޮބާތޯ އަޅުގަނޑު އަދި މި މާރޗުން ޑިސެމްބާރ އަށް 18 ހަމަވާ ހުރިހާ ޒުވާނުންގެ ޙައްޤު. ވޯޓު ލެވޭނަމަ ކީއްވެތޯ ކެންޑިޑޭސީ ފުރުސަތު ނެތީ؟ 18 ވުމުން އެވެސް ޙަައްގެއްދޯ؟ އެހެން ނޫނަސް ކެންޑިޑޭޓުންނަށް މިހާރު ތިދެނީ ކޭމްޕޭންކުރަން 1 އަހަރު. ތީ ޑިމޮކްރަސީއެއްނޫން. ކެންޑިޑޭސީ ބާތިލުކުރޭ. ނޫނީ އިތުރު ކެންޑިޑޭޓުންނަށް ފުރުސަތުދީ
ބޮޑުމީހާ
16 June 2020
އިގިރޭސިވިލާތުގަ ކައުންސިލް ނިޒާމެއް އޮންނާތީ މިތާކު އެނިޒާމު ކިހިނެއް ހިންގާނީ. ނުލިބޭ ލާރިއަކަށް ކޮންމެ ރަށެއްގައި 5 ކައުންސިލަރުން ބަހައްޓައިގެން ކޮން ހިދުމަތެއް ދެވޭނީ. އާބާދީ އެއްފަސްކޮށްފަ ތި ނިޒާމު ރަގަޅު
ފަހިދޫ
16 June 2020
ކުދުމާ މޫސަ އެހުންނަ ކަންނެތް ކަމަކުން ނުވާނެ އޭނަ ރަނގަޅު ނަން އަނބުރާ ގެންދަން މިހާރުވެސް އުޅޭހެން ފޮޓަލުގަ ސައި ބަހައްޓަން އުޅުނީމަ ރަނގަޅުވާނެ
އަލީ!
16 June 2020
ކައުންސިލަރުންގެ އަދަދު މަދުކުރަންޖެހޭ. ކޮންމެ ރަށަކަށް 5 ކައުންސިލަރުން މާ ގިނަ.
ގިޔާސް
17 June 2020
ކައުންސިލަރުންގެ އަދަދު ވަކި ސުމާރެއްނެތި މައްޗަށްއަރުވާލީވެސް އޭރު ވެރިކަމުގަ ތިބި ބަޔަކަށް ޖެއްސުމަށް، މިހާރު މާރީއްޗެއް ނޫން އިދިކޮޅުގަ ތިބެގެން އަނގަހުޅުވާކަށް.
ނަން ނަގާ މީހާ
16 June 2020
މިސާލަކަށް ކައުންސިލެއްގެ ރައީސް ކަމަށް ލާފައިވާ މީހުން އެއްކޮށް ނުލާން ނިންމާ ނަންއަނބުރާ ގެންގޮސްފި ނަމަ ދެން ކަންކުރާނެ ގޮތެއްވެސް ތިޔަކު ނެތް އެކައުންސިލެއް ހިންގަންޖެހޭނީ ރައީސަކާ ނުލާ، ގާނޫނު ހަދަނީއޭ ހިތަށް އަރާނެތާ.
އަޝްރަފު
16 June 2020
މިހާ ދުވަސް ވާއިރު އިތުރަށް ކުރިމަތިލާނެ ފުރުސަތު ނުދޭނަމަ ނަން ނެގިގެންވެސް ނުވާނެ، ވަރަށް ހީވޭ މުއިއްޒު އަށް ދަޢުވާ ނުކުރާމަތިން ނަންނެގުމަށާއި ޝިފާއަށް މަޤާމު އަލުން ލިބޭނެ ގޮތަށް އެމް.ޑީ.ޕީ މީހެއްގެ ނަން އަނބުރާ ގެންދެވުމަށް ކުރާ މަސައްކަތެއްހެން. އެލެކްޝަން ކޮމިޝަން މިހާރު ވަރަށް މިނިވަންވާނެ ވިއްޔަ!
ލޮނުމެދުފަޓާސް
17 June 2020
މިނިވަންކަން ހަމަ ކުރީގެ ސަރުކާރުވެސް އޮތްއިރު އެއޮތްމިންވަރަށް އޮންނާނީ، މާކަށް ބޮޑު ތަފާތެއް ނެތް...
ބައިރޯ
16 June 2020
މިހާރު މިދަނީ ހަމަ ރަންގަޅަށް
އައްޔުބެ
16 June 2020
ފުރުޞަތު ދޫކޮށްލެވެންޏާ، ފުރުޞަތު އިތުރުކުރެވެންވެސް ވާނެ. އެބަތިބި ވަޒީފާ ގެއްލިފައިތިބި ޤާބިލް ޒުވާނުން. އެމީހުންނަށް ކައުންސިލަށްކުރިމަތި ލުމުގެ ފުރުޞަތު ދެވެންވާނެ. ކެންޑިޑެސީ ދޫކޮށްލުމަށް ފުރުޞަތު ދިނުމަކީ ރިޝްވަތަށް ހުޅުވާލެވޭ އިތުރު ދޮރެއް. މިހާރު ފައިސާހުރި ޕާޓީތަކުން އިދިކޮޅު ކެންޑިޑޭޓުން ގަނެލަންލިބުނު ރަނުގެ ފުރުޞަތެއް.
ބަގުރޫޓް
16 June 2020
މިހާރު ތިކަން މަތިން ފީހި ވެއްޖެ އެވެ. ބޭނުންވަނީ އެހެން ކަންމައްޗަކަށް ދާށެވެ.
އެއްކަލަ ސޮރު
16 June 2020
މުއީޒޫ ނަން ނަގާށޯ ދައުވާ ނުކުރާނަމޯ އޭރުން.