30 ޖޫން 2020 - 07:53
ރެޕާ އަދި ބިލިއަނަރު ކަންޔޭ ވެސްޓްގެ "ޔީޒީ" ކުންފުނީގެ ދަށުން ކޮސްމެޓިކް ލައިނެއް ލޯންޗްކުރަން ނިންމާފައި ވަނިކޮށް، އޭގެ ދަށުން ހިންގާ ކްލޯތިން ލައިން ފުޅާކުރަން އިތުރު ކުންފުންޏަކާ އެކު 10 އަހަރުގެ އެއްބަސްވުމެއް ހަދައިފި އެވެ.
"ޔީޒީ" ބްރޭންޑް ކްލޯތިން ލައިން ވަރުގަދަކުރަން ގުޅުނީ އެމެރިކާގެ ކްލޯތިން ރީޓެއިލް ކުންފުނި "ގެޕް" އާ އެވެ. ކަންޔޭގެ "ޔީޒީ" އާއި ގެޕް ގުޅިގެން ދެ ޖިންސްގެ މީހުންނާއި ކުޑަކުދިންނަށް ބޭނުންވާ އެންމެ މި ޒަމާނުގެ ހެދުންތައް ނެރޭނެ އެވެ. "ޔީޒީ ގެޕް" ގެ ނަމުގައި އުފެއްދުންތައް ނެރެން ފަށާނީ އަންނަ އަހަރު އެވެ. އަދި މިކަމަށް ހާއްސަކޮށް ފިހާރަތަކާއި އޮންލައިން ފިހާރަ ވެސް ހުޅުވާނެ އެވެ.
ގެޕާ އެކު ހެދި އެއްބަސްވުމާ ބެހޭ ގޮތުން ކިމް ކާޑޭޝިއަންގެ ފިރިމީހާ ބުނީ އަމާޒަކީ ހުރިހާ ފަންތިއެއްގެ މީހުން ވެސް އަތްފޯރާ އަގެއްގައި އުފެއްދުންތެރިން އަދި ލާން ވެސް ފަސޭހަ ފަރުމާތަކެއް ގެނެސްދިނުން ކަމަށެވެ. ގެޕާ އެކު ވިޔަފާރީގެ ބޮޑު އެއްބަސްވުމެއް ހެދި އިރު ކަންޔޭ، 43، ވަނީ ޝިކާގޯގައި އޭނާގެ ފުރާވަރުގެ ދުވަސްތަކެއް ހޭދަކުރި ދުވަސްވަރު، ގެޕްގައި މަސައްކަތް ވެސްކޮށްފަ އެވެ.
#WESTDAYEVER pic.twitter.com/ASMwbx7T2o
— ye (@kanyewest) June 26, 2020
ގެޕުން ބުނި ގޮތުގައި ދެ ކުންފުނި ގުޅިގެން ގެނެސްދޭ އުފެއްދުންތައް ރަސްމީކޮށް ލޯންޗްކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
ގެޕާއި ކަންޔޭއާ އޮތް ގުޅުން ވަރަށް ބޮޑު. މި ގުޅުން އެތަކެއް އަހަރު ފަހުން ވަށާޖެހިގެން އަންނަ އިރު ކަންޔޭ ވަނީ އަހަރެމެންނާ އެކު އެއް ދުވަސްވަރެއްގައި މަސައްކަތް ވެސް ކޮށްފައި،" ގެޕުން ބުންޏެވެ. "އަހަރެމެން އުންމީދުކުރަނީ އޭނާއާ އެކު ވެވުނު ޕާޓްނާޝިޕްގެ ދަށުން އަނެއްކާ ވެސް ބޮޑު އޯޑިއަންސެއް [މާކެޓެއް] ލިބިގެންދާނެ ކަމަށް."
އެޑިޑާސްއާ ގުޅިގެން ކިމް ކާޑޭޝަންގެ ފިރިމީހާ ކަންޔޭގެ "ޔީޒީ" އުފެއްދީ 2015 ގަ އެވެ. އެ ކުންފުނީގެ އަގު މިހާރު 2.9 ބިލިއަން ޑޮލަރަށް އަރަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy