ޚަބަރު / ފުލުހުން

ސަފާރީ އަށް ގެންދިޔަ އަންހެން މީހާގެ އިންޓަވިއު: "ޖިންސީ ގުނަވަންތަކުގައި އަތްލި"

ކެންޔާގެ އަންހެން މީހާ "މިހާރު"އާ މިއަދު ވާހަކަ ދައްކަނީ. --ފޮޓޯ/ މިހާރު

ހުޅުމާލޭގެ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީގައި ތަކުރާރުކޮށް ރޭޕްކުރި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށް، އޭނާ އަށް ކުރިމަތިވީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށް އެ ހާދިސާ ކުރިމަތިވި ކެންޔާ އަންހެން މީހާ މިއަދު ބުނެފި އެވެ.

ސަފާރީގައި އޭނާ ރޭޕްކުރި ކަމަށް ތުހުމަތުކޮށް އޭގެ ތެރޭގައި ސިޔާސީ ނުފޫޒު ފަދަ ބަޔަކު ހިމެނޭތީ ފުލުހުން އެކަށީގެންވާ ތަހުގީގެއް ނުކޮށް އެ ދެ މީހުން ދޫކޮށްލާފައިވާ ކަމަށް އާންމުން ތުހުމަތު ކުރެ އެވެ. މި މައްސަލާގައި ހޫނު ބަހުސެއް ހިނގަމުން ދަނިކޮށް، އެ ހާދިސާ ހިނގި ގޮތް އަންހެން މީހާ ވަނީ "މިހާރު" އާ ހިއްސާކޮށްފަ އެވެ. އޭނާއާ ބައްދަލުވާނެ ގޮތް ހަމަޖައްސައިދިނީ ރާއްޖޭގައި ވަޒީފާ އަދާކުރާ އޭނާގެ އާއިލާގެ މީހަކު މެދުވެރިވެގެންނެވެ.

ކެންޔާގެ، އުމުރުން 27 އަހަރުގެ އަންހެންމީހާ ތަކުރާރުކޮށް ބުނީ "ރޭޕް ނުކުރާ ކަމަށާއި ޖިންސީ ގުނަވަންތަކުގައި އަތްލި" ކަމަށެވެ. ސަފާރީގެ ޑެކުގައި ހުރެފައި މޫދަށް ފުންމާލީ، އުރަމައްޗާއި ފޫކޮޅުގައި އަތްލުމުން، އެފަދަ ކަމެއް އިތުރަށް ކުރިމަތިވިޔަ ނުދޭން ކަމަށް ބުންޏެވެ.

"ޑެކު މަތީގައި ހުރެފައި އޭނަ އަހަރެންގެ އުރަމައްޗާއި ފޫކޮޅުގައި އަތްލީމަ ދުރަށް ޖެހުނީ. މިއީ އަހަރެންގެ ބޯޓު ކަމަށާއި ބޭނުން ކަމެއް ކުރެވިދާނެ ކަމަށް ބުނެ އޭނަ އެނބުރި ދިޔައީ. ދެން އަނެއްކާ ވެސް ފެނުނީ އަންނަތަން، ފެނުނީމަ ޑެކުމަތީގައި ހުރެފައި ފުންމާލީ،" އޭނާ ބުންޏެވެ.

"އަހަންނަށް ފަތަން އެނގޭ، ޖެހިގެން ސަފާރީއެއް ފެންނަން އޮތީމަ އެ ދިމާ އަށް ދާންވެގެން ފުންމާލީ."

ވަޒީފާއެއް ހޯދަނިކޮށް، ލިބުނު ފުރުސަތެއްގައި މީގެ ދެ އަހަރު ކުރިން ރާއްޖެ އައިސް އަމިއްލަ ކުންފުންޏެއްގެ މާކެޓިން މަސައްކަތުގައި އުޅުނު އަންހެން މީހާ ކިޔައިދިން ގޮތުގައި ސަފާރީގައި އޮތް ޕާޓީ އަށް ދައުވަތު ދިނީ އޭނާގެ ދިވެހި ރަހުމަތްތެރި އެކެވެ. އެ ޕާޓީގައި، އެހެން އަންހެނުން ވެސް ތިބޭނެ ކަމަށް ބުނެ އޭނާ ގެންދިޔަ ނަމަވެސް އެ ސަފާރީގައި އޭނާގެ ރަހުމަތްތެރިޔާ ވެސް ފެންނަން ނެތް ކަމަށް އޭނާ ބުންޏެވެ.

ޖެޓީން ޑިންގީއެއްގައި އޭނާ އެރޭ 11 ޖަހާކަންހާއިރު ސަފާރީ އަށް ގެންދިޔައީ ދެ ފިރިހެނުން ވެގެންނެވެ. އޭގެތެރޭގައި އޭނާ ރަހުމަތްތެރިޔާ ނެތުމުން ކޮބައިތޯ ސުވާލުކުރުމުން ޖަވާބު ލިބުނީ ސަފާރީގައި ނިދާފައި އޮތް ކަމަށެވެ. ސަފާރީ އަށް ދިޔައިރު އެއްވެސް އަންހެނަކު ނެތް ކަމަށާއި އޭގައި ތިބީ ހަތް ފިރިހެނުން ކަމަށް އޭނާ ބުންޏެވެ.

އެހާ ގިނަ ރައްޓެހިން ނެތަސް މަދުން ޕާޓީތަކަށް ދާ ކަަމަށާއި އެ ސަފާރީ އަށް އެ ރޭ ދިޔައީ އަލަށް ކަމަށް ބުންޏެވެ.

"އަހަރެން ދިޔައިރު އޭގައި ތިބީ ހަތް ފިރިހެނުން. އެއްވެސް އަންހެނަކު ނެތް. އެ މީހުން ވަރަށް ފްރެންޑްލީ. ފުރަތަމަ އެކި ވާހަކަ ދައްކަން ތިބީ. ކޮރޯނާ ވައިރަހުން އިގްތިސާދަށް އަސަރުކޮށްފައިވާ މިންވަރާއި އެކަހަލަ ވާހަކަތަކެއް ދެއްކީ،" އަންހެން މީހާ ބުންޏެވެ.

ސަފާރީގައި އޭނާ އާއި އޭގައި ދެން ތިބި މީހުން ވެސް ބަނގުރާ ބުއި ކަމަށް އޭނާ ބުންޏެވެ. ޖިންސީ ގޯނާ ކުރިމަތިވީ، އޭނާ ބުނިގޮތުގައި، ބޯޓުގެ ޑެކުމަތީގައި ހުއްޓަ އެވެ.

"އެތަނަށް ބައެއް މީހުން އަރައި ފައިބައި އެގޮތަށް އުޅުނީ. އެ ކަހަލަ ކަމެއް ކުރިމަތިވެދާނެ ކަމަކަށް ވިސްނައިގެންނެއް ނޫން ހުރީ. އެތަނުން އެކަކު އައިސް އަހަރެންގެ ގައިގައި އަތްލީ. އެނބުރި ގޮސްފައި އޭނާ ދެ ވަނަ ފަހަރަށް އަހަންނާ ދިމާލަށް އަންނަ ތަން ފެނުނީމަ ފުންމާލީ،" އޭނާ ކިޔައިދިނެވެ.

މޫދުން އޭނާ ނެގީ ސަފާރީން ފުންމާލި އެހެން މީހަކެވެ. ޑިންގީގައި ޖެޓީއާ ހަމައަށް ގެންދިޔައިރު ޑިންގީގައި ދެ ފިރިހެނުން ތިބި ކަމަށާއި މޫދަށް ދަބަހާ އެކު ފުންމާލުމުން ފޯނަށް ވީ ގޮތެއް ނޭނގުނީ ކަމަށް ބުންޏެވެ.

"ފަތިހު 5 ޖެހިއިރު، ޖެޓީއާ ކައިރިކޮށްފައި އެ މީހުން އެދުނީ އަހަރެން ގެއަށް ގެންގޮސްދޭން އެކަމަކު އަހަރެން އެ މީހުންނާ އެކު ދާން ބޭނުން ނުވީ. އެކަމަކު ޓެކްސީއަކަށް ގުޅޭނެ ގޮތެއް ނެތް. އެހެން ހުއްޓައި ފެނުނީ ޖެޓީއާ ދިމާލުން ފުލުހުން. އެ ހިސާބުން އަހަރެން ފުލުހުންނަށް ގޮވައި ސަފާރީގައި އަހަރެންގެ ގައިގައި އަތްލި ކަމަށް ބުނީ،" އޭނާ ކިޔައިދިނެވެ.

ސަފާރީގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެންމީހާ: އޭނާ. ބުނަނީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް.

"އެ ތަނުން އެކަކު ބުނި އޭނަގެ އަތުގައި އަހަރެންގެ ފޯނު އޮތް ވާހަކަ. އެކަމަކު އެ މީހުންނާ އެކީ ދާން ބޭނުން ނުވީ."

ޑިންގީގައި ތެރޭގައި އިންދައި، ފޯނު އެބައޮތް ކަމަށް އޭގެތެރެއިން އެކަކު ބުނި ނަމަވެސް ފޯނު ނުދޭ ކަމަށާއި އެ ވާހަކަ ފުލުހުންގެ ގާތު ވެސް ބުނެފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ފުލުހުންނަށް އެ ހާދިސާ ރިޕޯޓްކުރީ ވެސް އޭނާ ބުނިގޮތުގައި، ރޭޕް ކޭސްއެއްގެ ގޮތަކު ނޫނެވެ.

"އެ ވަގުތު ވެސް އަހަރެންގެ ނިޔަތަކީ އެ މީހުންނަށް ތުހުމަތުތަކެއްކޮށް ހައްޔަރު ކުރުމެއް ވެސް ނޫން. ގެއަށް ދާންވެގެން ފުލުހުންގެ އެހީ އަށް އެދުނީ."

އަންހެން މީހާ ކިޔައިދިން ވާހަކަތަކަށް ބަލައި ދެ މީހުން ހައްޔަރުކޮށްގެން ފުލުހުން އެ ތިން މީހުން ގެންދިޔައީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށެވެ. އެތަނުގައި ދިން ބަޔާނުގައި އޭނާ ކިޔައިދީފައި ވާނީ "މިހާރު"އާ މައުލޫމާތު ހިއްސާކުރި ގޮތަށް ކަމަށް ބުންޏެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަނުގައި އޭނާގެ ބަޔާން ނެގިއިރު ވެސް އެ ދެ މީހުންނަށް އެއްވެސް ތުހުމަތެއް ކުރަން ބޭނުން ނުވާ ކަމަށް ބުނި ކަމަށް ވިކްޓިމް ބުންޏެވެ. އެހެންވިޔަސް ޖިންސީގޯނާގެ މައްސަލައަކަށް ވާތީ، ޓެސްޓް ހަދަން އޭނާ ހޮސްޕިޓަލަށް ގެންދަން ފުލުހުން ބޭނުންވި ކަމަށް އަންހެން މީހާ ބުންޏެވެ.

މާލެ އައިސް އޭނާގެ ޑޮކިއުމެންޓްސްތަކެއް ނަގައިގެން ހުޅުމާލެ ހޮސްޕިޓަލަށް ގޮސް ޓެސްޓް ހެދީ، ކުރިން މަސައްކަތް ކުރި އޮފީހުގެ އެހެން އަންހެނަކު ވެސް ހުރެގެންނެވެ. އޭނާ ޓެސްޓް ކުރަން ބޭނުން ނުވިޔަސް، ފުލުހުންގެ އެދުމުގެ މަތިން އެ ޓެސްޓް ހެދީ އޭނާ ކިޔައިދިން ގޮތުން ނަމަ ހާދިސާ ހިނގިތާ ދެ ގަޑިއިރު ފަހުންނެވެ.

"އެ ޓެސްޓުގެ ނަތީޖާ، ލިބޭނީ މިއަދު މެންދުރެއްހާއިރު. އެކަމަކު އޭގައި އަހަރެންނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާނެ ކަން ޔަގީން،" އޭނާ ބުންޏެވެ.

"އިންޒާރެއް ނުދޭ، ފައިސާ ވެސް ހުށައެއްނާޅާ"

މި ކޭސްއާ ގުޅިގެން "މެންދުރު އޮންލައިން" ނަމަކަށް ކިޔާ ނޫހެއްގައި އޭނާއާ ހަވާލާދީ ވާހަކަތަކެއް ރިޕޯޓްކޮށްފައިވިޔަސް "މިހާރު" ފިޔަވައި އެއްވެސް ނޫހަކާ ވާހަކަ ދައްކާފައި ނުވާނެ ކަމަށް އޭނާ ބުނެ އެވެ. އެކަމަކު އެ ނޫހުގައި އެ ވާހަކަތައް އެހާ ތަފުސީލުކޮށް މި ހާދިސާ ލިޔަން އެނގެން ޖެހުނީ ކިހިނެއްތޯ އާއި އެއްވެސް އޮފާއެއް އައިސްގެން ވާހަކަ ބަދަލުކުރަނީތޯ ތަކުރާރުކޮށް އެހުމުން ވެސް އޭނާ ބުނަނީ އެއްވެސް މީޑިއާ އަކާ މި ވާހަކަ މިހާތަނަށް ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.

"އަހަރެންގެ ފޯނެއް ވެސް ނެތް، އެއްވެސް އެހެން ނޫސްވެރިއަކާ ވާހަކައެއް ނުދައްކަން. އެ ރެއަށް ފަހު މިއީ ނޫސްވެރިއަކާ ވާހަކަ ދައްކާ ފުރަތަމަ ފަހަރު،" ހުޅުމާލޭގައި، އޭނާގެ ބޭބެއެއްގެ ގޭގައި މި ވަގުތު ދިރިއުޅޭ އަންހެންމީހާ ބުންޏެވެ.

"އަހަރެންގެ ނަމުގައި ދޮގު ވާހަކަތަކެއް ފެތުރިކަން އެނގުނީމަ ޝޮކްވި. އަހަރެން އަތަކު ނެތް ފޯނެއް. ޕޮލިސް ސްޓޭޝަން ނޫން ތަނަކަށް އަހަރެން އިއްޔެ ވެސް ނުދަން. އެއީ ވަރަށް ގޯސްކޮށް އެ މީހުން [މީޑިއާ އިން] ކުރި ކަމެއް، އޭގެ ސަބަބުން އަހަރެންގެ ފޮޓޯތައް އާއްމުވެ، މަގުމައްޗަށް ވެސް ނުކުންނަން ޖެހިލުންވެފައި މިހުރީ."

އޭނާ ބުނިގޮތުގައި ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުން ކަން އެނގުނީ، ފުލުހުންނަށް ބަޔާން ދީ، ޓެސްޓް ވެސް ހެދި ފަހުން، ނޫސްތަކުގައި އޭނާގެ ނަމުގައި ދޮގު ވާހަކަ ފެތުރި ފަހުންނެވެ.

ޕޮލިސް ސްޓޭޝަންގައި އިންދާ މައްސަލަ ތަހުގީގު ކުރަމުން ދިޔަ ފުލުހުންނަށް ފޯނު ކޯލެއް އައިސްގެން މުއާމަލާތް ކުރި ގޮތް ބަދަލުކޮށް، ވޯކް ވިސާއާ ގުޅޭ ގޮތުން ހަރުކަށިކޮށް ސުވާލުކުރުމާއި، ފަހުން، ތުހުމަތުކުރެވޭ ދެ މީހުންނާ ގުޅުން ހުރި އިންޒާރުގެ ކޯލްތައް ލިބުމާއި މި ކޭސް އޮއްބާލަން ފައިސާ ހުށަހެޅި ކަމުގެ ތުހުމަތުތަކާ ގުޅިގެން "މިހާރު"ން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެ ހުރިހާ ތުހުމަތެއް އޭނާ ދޮގު ކުރެ އެވެ.

"ނޫން، އަހަރެން ޔަގީންކަން ދެން އެ ކަހަލަ އެއްވެސް ކަމެއް ނުހިނގާ ކަން."

ސިޔާސީ ނުފޫޒު ވަދެ، ފުލުހުން މި ކޭސްގައި އެކަށީގެންވާ ތަހުގީގެއް ނުކުރަން އުޅޭ ކަމުގެ ތުހުމަތުކުރާ ކަމަށާއި އެހެން އެކަން ހިނގާ ނަމަ އެއީ ބޭއިންސާފެއް ނޫންތޯ އެހުމުން އޭނާ ބުނީ، ފުލުހުން އެ މީހުންނަށް ވީ އެންމެ ރަނގަޅަށް މައްސަލަ ތަހުގީގުކުރާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަހެރެން ބޭނުމެއް ނޫން އެ މީހުންގެ މައްޗަށް ދައުވާއެއް ކުރާކަށް ވެސް،" އޭނާ ބުންޏެވެ.

ޖިންސީ އަނިޔާކުރިއިރު، މައްސަލަ ތަހުގީގުކުރުމުގެ ބަދަލުގައި އެ މީހުން ދޫކޮށްލަން ބޭނުންވަނީ ކީއްވެތޯ އެހުމުން ބުނީ، މަސްތުގެ ހާލަތުގައި ހިނގި ކަމެއްގައި، އެކަން ކުރިއަށް ގެންދަން ބޭނުން ނުވަނީ ކަމަށެވެ.

އިންޓަވިއުގައި އޭނާ ދެއްކި ވާހަކަތަކަކީ މިފަދަ ސީރިއަސް ކޭސްއެއްގައި، އަނިޔާ ލިބުނު މީހާގެ ދިފާއުގައި އުޅުމަށް ވުރެ، ތުހުމަތު ކުރެވޭ މީހުންނާ އެއްކޮޅަށް ލިޔެވޭ ލިއުމަކަށް ވެދާނެ ކަމުގެ އިލްޒާމް މީޑިއާއެއްގެ ގޮތުގައި "މިހާރު" އަށް އަދި ލިއުންތެރިޔާ އަށް ކުރިމަތިވެދާނެ ފަދަ ހާލަތެއްގައި އޮތް މައްސަލައެއް ކަން ވިސްނައިދީ އެއްވެސް ކަމެއް ނުފޮރުވައި ހަގީގަތަކަށް ކިޔައިދޭން ތަކުރާރުކޮށް އެދުމުން ވެސް އޭނާ ދެނީ އެއް ޖަވާބެކެވެ.

"މި ކިޔައިދިނީ ކަން ހިނގި ގޮތް."

ފުލުހުން މި މައްސަލައިގައި އަމަލުކުރި ގޮތަށް ވުރެ އޭނާގެ ނުރުހުން އަމާޒުވީ މީޑިއާތަކަށެވެ. ހަގީގަތް ނުބަލައި ވާހަކަ ފެތުރުމުން، އޭނާ އަށް ހަމަޖެހެން އޮތް ވަޒީފާ ވެސް ނުލިބިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށް ބުންޏެވެ.

އޭނާ މިހާރު ވިސްނަނީ ބޯޑަރު ހުޅުވުމުން، ކެންޔާގައި ހުރި އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅުގެ ގާތަށް ދާށެވެ.

226 ކޮމެންޓް, 1486 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 3%
icon angry icon angry 94%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާއިޒު

01 July 2020

ސަފާރީގައި އޭނާ އާއި އޭގައި ދެން ތިބި މީހުން ވެސް ބަނގުރާ ބުއި ކަމަށް އޭނާ ބުންޏެވެ. ބޮވެންޖެހެއޭ ބުނާތީ ދޯ ބޮވެން ހުންނަނީ.

The name is already taken The name is available. Register?

ނީލޯފަރު

01 July 2020

ސައްޙަ ޚަބަރު ރައްޔިތުންނާއި ހަމައަށް ގެނެސް ދިނުމަކީ ނޫސްވެރިންގެ އެންމެ ފުރަތަމަ ޒިންމާ! މި ޚަބަރަކީ ދޮގުކަން ތެދުކަން ނިންމަން އަދި ދަތިވޭ އެބަ، ކަންކަން ހިނގާވެސް ގޮތުން. މިހާރު ނޫހުގެ ރިޕޯރޓްތައް މިހުންނަނީ އެ ޚަބަރެއް ކަވަރކުރާ ނޫސްވެރިޔާގެ ނަމާއެކު! ރާއްޖޭގެ އެހެން ނޫސް ތަކުގައި މި ބީދައިން މިކަން ނުކުރަނީ ކީއްވެތޯ ސުވާލު އުފެދެނީހަމަ!

The name is already taken The name is available. Register?

ތަކުރުބެ

30 June 2020

އެންމެ ފުރަތަމަ އޭނާއާއި ދިމާވެ ތި މައްސަލަ ފައިލްކުރި ފުލުހުން، އެކަން ކޮށްފައިވަަނީ ރަނގަޅު ނިޔަތުގަ. މައްސަލަ އޮްއްބާލުމަށް އައި ފޯނުކޯލަކީ ހަގީގަތެއް. އެ ނޫހަށް މަޢުލޫމާތު ދިނީ އެކަމާ ހިތްހަމަ ނުޖެހުނު ފުލުހުން. އެ ކުދިންނަށް ކުރެވެން އޮތްވަރު އެއީ ވަޒީފާގަ ތިބެގެން ކުރަންޏާ. ފުލުސް ކޮމިޝަނަރުގެ، ނޫނީ މުއައްސަސާއެއްގެ ހިތްވަރު ހުރިނަމަ، އެ ކުދިންނަށް ވަޒީފާގެ ރައްކާތެރިކަން ދީފައި، ހަގީގަތް ކިޔައިދިނުމުގެ ފުރުސަތުދީ. ފޯނުކޯލުގެ އަސްލު އިނގޭނެ.

The name is already taken The name is available. Register?

ސިޓީއުރަ

30 June 2020

އަތްލާން ހުއްދަނުވާ ތަނެއްގައި ހުއްދަނެތްމީހަކު އަތްލިނަމަ އެވާނީ ހަމަ ގޯނާ އަށް. ޢަދަބު ލިބެންޖެހޭނެ މެންބަރެއްގެ ފިރިއަކަސް އަނތްބަކަސް ދަރިއަކަސް. މިފަހަރު އެނގޭނެ އިންސާފުގެ ހަމަހަމަކަން ހުރިވަރު. ސާބިތުވާވަރަށް ހެކި ނުލިބޭނެ. މުޖައްރިބު. މަބުނީތީވެސް ބަލަންތިބޭ. ހަމަ ޖަމަލުފޮޑިއަށް ވާނީ.

The name is already taken The name is available. Register?

ޖޫން ޕރއޑ

30 June 2020

ވީ ގޮތަކީ އެ އަންހެން މީހާ ހީކުރީ އެ 7 މީހުންނަކީ ވެސް ނުވަތު ބައެއް ކަމަށް، ދެން އެ އަންހެން މީހާ އަކީ ވެސް ނުވަތު މީހެއް. ތެދު އަތުގެ މީހެއް އަތްލީމަ އަވަހަށް ފުންމާލީ

The name is already taken The name is available. Register?

ސައިމާ

30 June 2020

ތެދުއަތާއި ނުއަތް ދޯ؟ ވަރަށް ތަފާތު.

The name is already taken The name is available. Register?

ސަންޕަދަރި

30 June 2020

އެމަންޖެއަށް އެމަންޖެގެ ރައްޓެހި މަންޖެ ސަލާމަތްކުރެވެން އަންނަނީ ވާހަކަ ބަދަލުކޮށްގެން, އެމަންޖެ ބޭނުންވޭ ރޭޕްގެ މައްސަލަ ޖައްސަން އެކަމަކުވެސް ކުރިން ބުނިގޮތައް ކަންކުރަން ނިންމި ނަމަ އޭނާގެ ރައްޓެހި ދިވެހި މަންޖެ ރާބުއިކަމުގެ ތުހުމަތުގަ ހައްޔަރު ކުރާނެތީ ވާހަކަ ބަދަލު ކޮށް, ރައްޓެހި މަންޖެ އެއަށްނާރާ ކަމަށް ވާހަކަ ބަދަލުކޮށް 5 ލައްކަ ޑޮލަރުގަވެސް ހިފީ.

The name is already taken The name is available. Register?

ފިތުނަމީޑިއާ1

30 June 2020

ފިތުނައާއި ދޮގުވާހަކަތައް ފެތުރުމަށްޓަކައި ހިންގާ "މީޑިއާ" ތައްވެސް ހުރެދާނެކަމަށް ބަލަންވާނެ. މިއިން "މީޑިއާ"އެއްގައި މިއިން ޒަމާނަކު ރައްޔިތުންނަށް ޚަބަރެއް ގެނެސްދީފައެއްނެތް. ދޮގުވާހަކަ ތަކެއް ފަތުރާލާނެ ކޮޅެއް ފެނޭތޯ ބަލަބަލާ ތިބެނީ. ދެން ސެންސިޓިވް އިޝޫޒްތަކުގައި ގިނަ މީހުން މާބޮޑަކަށް ވިސްނާލައެއް ނަހަދާނެ. އެގޮތުން މިކަހަލަ މުޖުތަމައުތަކުގައި ފިތުނަ އުފެއްދުމަކީ ވަރަށް ފަސޭހަކަމެއް. އަމްދުން މިޒަމާނުގަ.

The name is already taken The name is available. Register?

ޓެލް

30 June 2020

އޭނާއަށް އެންމެ މުހިއްމުވާނީ ބޯޑަރު ހުޅުވުމުން އޭނާގެ ދަރިފުޅު ކައިރިއަށް ދިއުން. އެކަމަށް ހުރަސްއެޅޭ އެއްވެސް ކަމެއް އޭނާ ނުކުރާނެ. އަމިއްލައަށް ލިބުނު ގޯނާއެއް ފުރައްސާރައެއްވެސް ތަހައްމަލު ކޮށްލަފާނެ އޭނާ ދަރިފުޅު ކައިރިއަށް ދާން އެހާ ބޭނުންވާނަމަ. އެއްވެސް ބައެއްގެ ނުފޫޒް ވަނުމެއްނެތި އޭނާއަށް އަނބުރާ ގައުމަށް ދެވޭނެކަމުގެ ޔަގީންކަން ދެވިއްޖެނަމަ އަސްލު ހަގީގަތް ހާމަވެދާނެ.

The name is already taken The name is available. Register?

އެސް

30 June 2020

ކެންޔާ އަށް ގޮއްސާ ދޭ އިންޓަވިއު ތަފާތުވާނެ ، ބަލަން ތިބޭ.

The name is already taken The name is available. Register?

ރަދީފްް

30 June 2020

ބަލަ އެއަންހެންކުއްޖާ އެބުނަނީ އެއްވެސް މަޖުބޫރުކަމެއްނެތި ބުއްދި ސަލާމަތުން ހުރެ ތިމައްސަލަ ޖައްސަން ބޭނުންނޫނޭ!! ނޫސްވެރިންނާއި ހިއުމަން ރައިޓްސްއޭ ކިޔާ ކޮމެޝަނާއި ޖެންޑާ އިން ދަލުބޭރުންޖެހި ޓޫރިސްޓުންގެ އަގުވައްޓާލަމުންދާތީ ދައުވާކުރަންޖެހޭ!!!

The name is already taken The name is available. Register?

ވަހީދުއްދީން

30 June 2020

މަނިކުފާނަށް ތަންދޮރު ނޭނގޭކަން ތިހާމަ ކުރަނީ. ޑްރަގު ބޭނުން ކުރުމަކީ އެއިން އެހެން މީހަކަށް ގެއްލުމެއް ހުރި ކަމެއްނޫން އޭގެ ޒާތުގައި. ހަމަ އެގޮތަށް ރުހިގެން ޒިނޭ ކުރާ ދެމީހުން ވެސް ބޭނުމެއް ނުވާނެ އަދަބެއް ލިބޭކަށް. މިނޫނަސް މިބާވަތުގެ ބައެއް ކަންކަމަކީ އެއިން އެހެންމީހުންނަށް ސީދާ ގޮތުން ގެއްލުމެއް ނުވާނެ ކަންކަން. އެކަމަކު އެދަފަ ކަންކަން ޢާއްމުވެ ޖަނަވާރުންގެ ދަރަޖައަށް މުޖުތަމައު ގޮސްދާނެތީ ޤާނޫނުން އެފަދަ ކަންކަމަށް އަދަބު ދެނީ.

The name is already taken The name is available. Register?

އެސް

30 June 2020

ޖިނާޢީ ދަޢުވާ އަކީ ދައުލަތުން ކުރަންޖެހޭ ދައުވާއެއް. އެކަން ކުރި މީހުން ބޭނުންވިޔަސް ނުވިޔަސް ، މި އިންޓަވިއު ބަލާލިޔަސް، ބޮޑެތި ކުށްތަކަކަށް އެމީހުން އެވަނީ އަރައިގެންފަ

The name is already taken The name is available. Register?

ވިސްނާލާ

01 July 2020

މައްސަލަ ބަލަން ޖެހޭނެ. ޖާބިރު،ހާ މިދު،ޒަކީ ވެލިކެއި އިރުވެސް މައްސަލަ ބަލާކަށް ބޭނު މެއް ނުވިޔެއްނު.ސިޔާސީ ނުފޫޒުވަނީނު.ނިކަ މެތި މީހެއްގެ މައްސަލަ އެއްވިއްޔާ އެ މައްސަލަ އެއްބެލޭނެ.އޭ.ޖީ ނިޔާޒް އިބްރާހި މް ޓައިއެއް ބައްލަވައިގަތީ މާ މަޖިލީހުން އޭނާ ވަޒީފާއިން ދުރުކުރީ. އެކަ މަކު އަންނި މަޖިލިހުގެލަރި ބޭނުންކުރީ އައްޑުއަށް ދަން. އަންނި ވަކިކުރާކަށް ނުކެރުނު. އަންނި އަ މިއްލައަށްވެސް ވަތްކެއްނުވި. މިރާއްޖޭގަ. ތަފާތުކުރުންތައް ވަރަށް ބޮޑު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454