ޚަބަރު / ޖިންސީ ގޯނާކުރުން

ފުލުހުން އަމަލުކުރީ ރަނގަޅަށްތޯ ބަލަން ބޭނުންވާ ބައެއް ލިއުންތައް އަދި ނުދޭ: އެންއައިސީ

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެންއައިސީގެ މެމްބަރުން. --ފޮޓޯ/މަޖިލިސް

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ސިޔާސީ ނުފޫޒުން ދޫކުރިކަމުގެ ތުހުމަތާ އެކު ފުލުހުން އަމަލުކުރި ގޮތް ބަލަން ހިންގާ ތަހުގީގަށް ބޭނުންވާ ބައެއް ލިއުންތައް އަދި ނުލިބޭ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މިއަދު ބުނެފި އެވެ.

މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުން ފުލުހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށާއި އެ މައްސަލައިގައި ފުލުހުން އަމަލުކޮށްފައި ވަނީ ޖިންސީ ގޯނާގެ މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލާ ތަފާތުކޮށް ކަމަށް ބުނެ ފުލުހުންނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

މި މައްސަލަ އެންއައިސީ ކޮމިޓީ އަށް ހާޒިރުކުރުމުން ކޮމިޝަންގެ ރައީސް ސުލެއިމާން ވިދާޅުވީ ކޭސް ލޮގް ފަދަ ތަހުގީގަށް ބޭނުންވާ މުހިއްމު ލިއެކިއުންތައް ފުލުހުން އަދި ނުދޭ ކަމަށެވެ. ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބުނެ ބައެއް މައުލޫމާތު ނުދޭވޭނެ ކަން އަންގާފައިވާއިރު، ބައެއް މައްސަލަތަކުގައި މީގެ ކުރިން ވެސް ފުލުހުން މައުލޫމާތު ފޯރުކޮށްދިނުން ލަސްވުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

"ގިނަ ފަަހަރަށް މައުލޫމާތު ދޭ، އެކަމަކު އަަބަދުވެސް ލަސްވޭ،" ސުލެއިމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖިންސީގޯނާގެ މައްސަލަ މީޑިއާ އިން ރިޕޯޓްކުރުމާ އެކު އެ ކޮމިޝަނުން މައްސަލަ ބަލަން ފަށައި ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލެއްވި އެވެ. އެ ކޮމިޓީގައި އިސްކޮށް ހުންނަވަނީ މެމްބަރު ޖިހާދެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ކުރިއަށް ދަނީ. --ފޮޓޯ/މަޖިލިސް

ތަހުގީގު މިހާތަނަށް ހިނގާފައިވާ ގޮތުގެ ތަފްސީލް ދެއްވަމުން ޖިހާދު ވިދާޅުވި ގޮތުގައި، ކޮމިޓީ އެކުލަވާލާފައި ފުރަތަމަ ފުލުސް އޮފީހުގައި ސިޓީއަކުން އެދުނީ އެ ކޮމިޝަން ބޭނުންވާ މައުލޫމާތު ފޮނުވައިދޭށެވެ. އެއީ، މައްސަލަ ކުރިއަށް ގެންދެވޭނީ އެ މައުލޫމާތު ލިބިގެން ކަމަށް ވާތީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ސިޓީގެ ޖަވާބުގައި ހާދިސާ ހިނގި ގޮތް ކިޔައިދީ، ދެން ބުނެފައި ވަނީ ތަހުގީގު ހިނގާ މައްސަލައަކަށްވާތީ، ތަހުގީގުތަކާ ގުޅޭ މައުލޫމާތު ހިއްސާނުކުރެވޭނެ ކަމަށެވެ. ހާދިސާ ރިޕޯޓް ލިބުމުން، ޖިންސީގޯނާ ލިބުނު ކަމަށް ބުނާ އަންހެންމީހާއާ ގުޅަން މަސައްކަތްކުރީ ފުލުހުން ދިން ފޯނު ނަމަބްރަކުން ކަމަށާއި ދެ ނަމްބަރުން ވެސް އޭނާއާ ނުގުޅުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންހެންމީހާއާ ދިމާވީ ދެ ވަނަ ފަހަރަށް ފުލުހުން ދިން ނަމްބަރުން އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

"މިކަމުގައި ވާހަކަ ދައްކަން އެދުމުން [ނަން ކަނޑާލާފައި] ބުނީ މެންޓަލީ ތިމަންނަ ފިޓެއް ނޫން ކަމަށް. މާދަމާ އަށް ލަސްކޮށްދޭން. އަޅުގަނޑުމެން އެދުނީ މިއަދުގެ 10 ޖަހާއިރު ބައްދަލުކުރުމަށް. މިއަދު އޭނާގެ ބަޔާން ނެގި، ކޮމްޕިއުޓަރުން ޓައިޕްކުރެވި ސޮއިކުރާ ހިސާބަށް ގޮސްފައި އޮންނާނެ ކަމަށް މި ބެލެވެނީ،" ޖިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖިންސީ ގޯނާގެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ބަލަން ތިން ބައްދަލުވުން މިހާތަނަށް ބާއްވާފައިވާއިރު، ފަހު ބައްދަލުވުމުގައި މިފަދަ މައްސަލަތަކުގައި ފުލުހުން އަމަލުކުރާ ޕްރޮސީޖާތައް ބަލަން ހުޅުމާލެ ޕޮލިހަށް ދާން ނިންމި އެވެ.

"އަޅުގަނޑުމެން ބަލަން ބޭނުންވީ ހާދިސާ ލޮގްވެގެން ދިޔަ ޕްރޮސީޖާތަކުގެ ހުރިހާ ޑޮކިއުމެންޓްސްތަކެއް ވެސް ހޯދުމަށްޓަކައި،" ޖިހާދު ވިދާޅުވި އެވެ.

ތަހުގީގު ޓީމާއި ކޮމިޝަންގެ މެމްބަރުން އެތަނަށް ގޮސްގެން އެދުނު ބައެއް ލިއުންތައް ޖިހާދު ވިދާޅުވި ގޮތުގައި އަދި ނުލިބެ އެވެ. އެކަމަކު ހަތަރު ފުލުހެއްގެ ބަޔާން ނެގި ކަމަށާއި އެއީ ސީނަށް ދިޔަ ތިން ފުލުހަކާއި އެ ވަގުތު ޝިފްޓް އިންޗާޖުގެ ބަޔާން ކަމަށް ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ ތަހުގީގު ކުރި ފުލުހުންގެ ބަސް ހޯދަން ނިންމާފައިވާ އިރު، އަނިޔާ ލިބުނު މީހާގެ މެޑިކަލް ރިޕޯޓް ހިއްސާކުރަން ވެސް ކޮމިޝަނުން މިހާރު ވާނީ ހޮސްޕިޓަލުގައި އެދިފަ އެވެ.

"އިތުރަށް ކުރިއަށްދާންވީ މަގު އެނގޭނީ [ޖިންސީ ގޯނާ ލިބުނު މީހާގެ] ބަޔާން ލިބިގެން. ލޮގް ޝީޓް އަދި އަޅުގަނޑުމެންނަކަށް ނުލިބޭ،" ޖިހާދު ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ކުރއަށް ދަނީ. --ފޮޓޯ./މަޖިލިސް

އެންއައިސީގެ ވާހަކަ ނިމުމުން މެމްބަރުންނަށް ސުވާލުކުރަން ލިބުނު ފުރުސަތުގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ އަމިއްލަ އިސް ނެގުމަށް ކޮމިޝަނަށް މައްސަލަތައް ބެލޭނެ ކަމަށް ބުނެފައިވާއިރު، މިދިޔަ ހުކުރުދުވަހުގެ ރޭ ހިނގައިދިޔަ ކަމެއް ބަލަމުން އަންނަ ކަމަށް ޓުވީޓްކުރީ ވެސް ދެ ދުވަސް ފަހުން ކަމަށެވެ. މައްސަލަ ތަހުގީގު ކުރާ ކަން އާއްމުކުރިލެއް ލަސްކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ ކޮމިޝަން ބޭނުންވާ މައުލޫމާތެއް ލިބެން ޖެހޭއިރު ކޭސް ފައިލް ރިޕޯޓް ނުލިބޭ ކަމަށް ކޮމިޝަނުން ބުނުމަކީ މައްސަލައެއް ކަމަށެވެ.

"ކޭސް ފައިލްކޮށްފިއްޔާ، ރިޕޯޓް އޮންނަން ވާނެ. ތި ބޭފުޅުން އެތަނަށް [ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް] ވަޑައިގެން އެ ނުލިބިވާ ކަމަށް ވަންޏާ އެއީ ވެސް ވަކި މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ،" އުޝާމް ވިދާޅުވި އެވެ.

އަނިޔާ ލިބުނު އަންހެން މީހާގެ އިންޓަވިއު ހޯދަން ބުރަކޮށް އުޅުއްވުމުގެ ބަދަލުގައި، އުޝާމް ހަނދާންކޮށްދެއްވީ އެންއައިސީގެ ޒިންމާ އަކީ އެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ބެލުން ކަމެވެ.

އެ ބައްދަލުވުމުގައި، ފުލުހުން އަމަލުކުރި ގޮތުން އާއްމުން ފާޅުކުރި ބައެއް ކަންބޮޑުވުންތައް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ކޮމިޝަންގެ މެމްބަރުންނާ ހިއްސާ ކުރެއްވި އެވެ. އަންހެނަކު ރޭޕްކޮށް، ދެ މީހަކު ދޫކޮށްލި ކަމުގެ އަޑުތައް ފެތުރި، އާއްމު މަސްލަހަތާ ގުޅިފައިވާ މައްސަލާގައި ފުލުހުން ބަޔާނެއް ނެރުނީ ހާދިސާ ހިނގިތާ ދެ ދުވަސް ފަހުން އާއްމުންގެ ޕްރެޝާ ބޮޑުވުމުންކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ކޭސްގައި ފުލުހުން އަމަލުކުރި ގޮތް، މި ބާވަތުގެ އެހެން މައްސަލަތަކާ ތަފާތުތޯ ވެސް މީކާއިލް ސުވާލު ކުރެއްވި އެވެ. އަދި މިކަމުގައި ސިޔާސީ ނުފޫޒު އޮތް ކަމަށް ތުހުމަތު ކުރެއްވޭއިރު، އެކަމުގެ ހަގީގަތަކީ ކޮބައިތޯ ވެސް އެއްސެވި އެވެ.

ބަޔާން ނެރުމުގައި ލަސްވިތޯ ޖަވާބު ދެއްވޭނީ، ސުލެއިމާން ވިދާޅުވި ގޮތުގައި، ފުލުހުންގެ މީޑިއާގެ އުސޫލްތައް ބެލުމަށް ފަހު އެވެ.

ސުލެއިމާން ވިދާޅުވީ ފުލުހުންނާ ގުޅޭ ތަހުގީގުތަކުގައި އެދޭ މައުލޫމާތު ދިނުން ލަސްވާ މިއީ ފުރަތަމަ ފަހަރު ނޫން ކަމަށެވެ. މި ކޭސްގައި ވެސް ބައެއް މައުލޫމާތު އެންއައިސީއާ ހިއްސާ ނުކުރެވޭނެ ކަމަށާއި އެއީ ތަހުގީގު ކުރިއަށްދާތީ ކަމަށް ފުލުހުން އަންގާފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ ގާނޫނުގެ ތެރެއިން ހިއްސާ ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް،" ސުލެއިމާން ވިދާޅުވި އެވެ.

އެންއައިސީގެ މެމްބަރު ހަދީޖާ އަބްދުﷲ ވިދާޅުވީ މައްސަލައިގައި ތަހުގީގު ކުރަނީ ފުލުހުން ޕްރޮސީޖާއާ އެއްގޮތަށް އަމަލުކުރިތޯ ކަމަށެވެ. އެކަމަކު ދެ މީހަކު ހައްޔަރުކުރި ގޮތާއި ދޫކޮށްލި ގޮތުގެ ލިއުންތައް އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޑޮކިއުމެންޓްސްތައް އަދިވެސް ނުލިބޭތީ ކަން ހިނގައިދިޔަ ގޮތް ސާފެއް ނުވޭ. އަޅުގަނޑުމެން ވާނީ މިއަށް ރިކުއެސްޓްކޮށްފައި،" ޚަދީޖާ ވިދާޅުވި އެވެ.

އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދުގެ ސުވާލަކަށް ވީ، ފުލުހުން މި މައްސަލައިގައި ވަކި ތަފާތު ގޮތަކަށް އަމަލުކޮށްފައިވޭތޯ އާއި ކްރައިމް ސީންތަކުގައި ފުލުހުން އަމަލުކުރާނެ އުސޫލެއް އެންއައިސީ އަށް ލިބިފައިވޭތޯ އެވެ.

އަދި ވިކްޓިމްގެ އިންޓަވިއުގައި ސަފާރީގައި ބަނގުރާ ބުއި ކަމަށް ބުނާއިރު، ފުލުހުން އެ ޓެސްޓް ކުރިތޯ އޭނާ އެއްސެވި އެވެ.

ޖަވާބުގައި މެމްބަރު ހަދީޖާ ވިދާޅުވީ މިހާތަނަށް ބެލިބެލުމުގައި ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކޮށްފައި އޮތީ ރަނގަޅަށް ކަމަށެވެ. އަދި ހައްޔަރުކުރިއިރު މަސްތުވާތަކެތީގެ ތުހުމަތު ކުރެވުނު އިރު އެކަން ބެލިތޯ ޔަގީންކުރަން ވެސް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އެއްސެވީ ޖިންސީގޯނާގެ މި މައްސަލައިގެ ތަހުގީގު ކޮމިޝަނުން ނިންމާނީ ކޮން އިރަކުތޯ އެވެ.

ސުލައިމާން ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން ބޭނުން ވަނީ ވީހާވެސް އަވަހަކަށް މި މައްސަލަ ނިންމާށެވެ. ކުރީގެ ބައެއް މައްސަލަތައް ލަސްވުމުގައި ފުލުހުންގެ ފަރާތުން މައުލޫމާތު ނުލިބުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އެންއައިސީގެ ތަހުގީގަށް ބޭނުންވާ ބައެއް ލިއުންތައް ނުލިބި ލަސްވާ މައްސަލަ 241 ކޮމިޓީ އަށް ފޮނުވަން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

2 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަނބިލި

30 June 2020

މައްސަލަ އޮއްބާލާފައި މަޖިލިހުގައި ކޮން ޑުރާ މާއެެއް މިކުޅެނީ. ސިޔާސީ ނުފޫޒުން ފުލުހުން މައްސަލަ ބެލު މަށް ހުރަސް އަޅާފައި ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން ކިތަން މެ ވަރަކަށް އުޅުނަސް ތިކަ މެއް ނުވާނެ. އިންސާނީ ހައްގުތަކޭ އަންހެނުންގެ ހައްގުތަކޭ އިންސާފޭ ކިޔައިގެން ރައްޔިތުން ގުނބޯ ހައްދަން ދެން ނުނިކުންނާތި

The name is already taken The name is available. Register?

ާއުނިމާ

30 June 2020

ހިތުން މާ ދެން ރައްޔިތުނަށް އަޅާލާ ބައެއްކަމަށް ދެއްކުމަށް ހިގަމުންދާ މައްސަލައެއްގެ ތެރެއަށް ވަނުމަކީ ރަނގަޅުކަމެއްނޫން، ކޮންމެއަކަސް ކަންވެގެން ދިޔައީ ރަނގަޅަކަށް ނޫން، އެންމެ ފުރަތަމަ ފުލުހުންނަށް އަމަލު ކުރެވުނުގޮތްވެސް ކަމަކުނުދޭ، ދެން ބަލަން އޮތް އެއްޗެއްނެތް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454