ޖެންޑާ ކޮމިޓީގައި ފުލުހުންގެ އިސް އޮފިސަރުން ވާހަކަ ދައްކަވަނީ. --ފޮޓޯ/މަޖިލިސް
02 ޖުލައި 2020 - 15:01
އަންހެނަކަށް ޖިންސީ ގޯނާ ކުރުމާއި ބަނގުރަލާ އެކު ޕާޓީކުރި މައްސަލަ މިދިއަ ހޮނިހިރުދުވަހު ފަތިހު ފުލުހުންނާ ހިސާބަށް ދިޔަސް، އެކަންކަން އިތުރަށް ތަހުގީގުކުރަން، އެ ސަފާރީއަށް ފުލުހުން އެރީ އެ ދުވަހުގެ މެންދުރެއްހާ އިރު ކަން ކަށަވަރުވެއްޖެ އެވެ.
ފުލުހުންގެ ތަހުގީގު ޓީމެއް، ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް އެ ސަފާރީއަށް އަރައި ޗެކްކުރީ، އެ ސަފާރީގައި ޕާޓީ ކުރި ދެ މީހަކު ކުށްތަކަކަށް އަރައިގަތް ކަމުގެ ތުހުމަތުކުރެވި ހައްޔަރުކުރިތާ ގާތްގަނޑަކަށް ހައެއްކަ ގަޑިއިރު ފަހުންކަން ކަށަވަރުވީ، ރޭ ރައްޔިތުންގެ މަޖިލިހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލް މަންނާން ޔޫސުފް އެހެން ވިދާޅުވުމުންނެވެ.
އެ ސަފާރީއަށް ރައްޓެއްސެއްގެ ދައުވަތަކަށް ކެންޔާ އަންހެނަކު ޕާޓީކުރަން ދިޔައީ ހުކުރުދުވަހުގެ ރޭ 11 ޖެހިރު ކަމަށާއި ޖިންސީ ގޯނާގެ އަމަލެއް ހިންގަން އުޅުމުން މޫދަށް ފުންމާލީ ފަތިހު ކަމަށް އޭނާ "މިހާރު"އަށް ބުނެފައިވެ އެވެ. ހުޅުމާލެ ލަކުޑި ޖެޓީން ފުލުހުންނާ ދިމާވެ، މައްސަލަ ހުށަހެޅުމުން ތުހުމަތުކުރެވޭ ދިވެހި ދެ ފިރިހެނުން ހައްޔަރުކުރީ ފަތިހު ފަހެއްޖަހާކަންހާއިރު ކަން ފުލުހުން ކުރިން ބުނެފައިވެ އެވެ. އެކަމަކު އެ މީހުން ވަނީ ކޯޓަށް ހާޒިރުނުކޮށް ދޫކޮށްލައިފަ އެވެ.
މިކަމުގެ ފަހަތުގައި ވަނީ ސިޔާސީ ނުފޫޒު ކަމަށާއި އެކަށީގެންވާ ތަހުގީގެއް ފުލުހުން ނުހިންގާ ކަމަށް ބުނެ ފާޅުކުރާ ކަންބޮޑުވުންތަކުގެ ތެރޭގައި ހެކި ހޯދަން ފުލުހުން ސަފާރީ އަށް އެރިތޯ ވެސް ސުވާލުކުރެ އެވެ.
މި މައްސަލައިގެ ތަހުގީގަށް އެކަށީގެންވާ ހެކި ހޯދިތޯ ބައެއް މެމްބަރުން ފުލުހުންނާ ސުވާލުކުރުމުން، މަންނާން ވިދާޅުވީ ސަފާރީ ޗެކްކުރީ މެންދުރެއްހާ އިރު ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް ކޮމިޓީގައި ހިއްސައެއް ނުކުރައްވަ އެވެ.
ތުހުމަތުކުރެވޭ ދެ މީހުން ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަޔާން ނެގި ނަމަވެސް ބަނގުރަލަށް މީހުން ވެސް ޓެސްޓެއް ނުކުރެ އެވެ. އެއީ، އެވަގުތު ޑިއުޓީގައި ތިބި މީހުންނަށް އެ ދެ މީހުންގެ ފަރާތުން އެފަދަ އަލާމާތެއް ނުފެންނާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަންހެން މީހާ ޑޮކްޓަރަށް ދެއްކީ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށާއި އެއީ މާލޭގައި ހުރި އޭނާގެ ޑޮކިއުމެންޓްސް ނަގަން ޖެހުމާއި ޓެސްޓް ހަދަން އޭނާ އިންކާރު ކުރުމުން އެކަމަށް ވިސްނައިދޭން ޖެހުމުން ވަގުތު ނެގީ ކަމަށް މަންނާން ވިދާޅުވި އެވެ.
ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ އަންހެންމީހާ ރޭގަނޑުގެ އެވަގުތު މޫދަށް ފުންމާލި ސަބަބާ ގުޅޭ ގޮތުން މެމްބަރަކު ސުވާލު ކުރެއްވުމުން މަންނާން ވިދާޅުވީ އޭގެ ސީދާ ސަބަބު މިހާތަނަށް ހޯދިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ވަގުތު ޖަވާބެއް އެރުވެން ނެތް ސުވާލެއް. އެކަމަކު އަޅުގަނޑުމެންގެ ވެސް ކަންބޮޑުވުން އޮތް ކަމެއް، އަންހެނަކު ރޭގަނޑު އަނދިރީގައި މޫދަށް ފުންމާލާނެ ބާއޭ ކަމަކާ ނުލައި. ކޮންމެވެސް ކަމެއް އޭގެ ތެރޭގައި ވާނެ،" މަންނާން ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެން ތަހުގީގުކޮށް ހޯދަން ޖެހޭ ކަމެއްގެ ގޮތުގައި ގަބޫލު މިކުރަނީ. އެ ދިމާލަށް މަސައްކަތް ކުރަމުން މިދަނީ."
މަންނާނު ވިދާޅުވީ އަންހެންމީހާ މޫދަށް ފުންމާލި ސަބަބު ހޯދަން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށެވެ.
ޖިންސީ ގޯނާ ލިބުނު ވިކްޓިމް "މިހާރު"އަށް ދިން އިންޓަވިއުގައި ބުނެފައިވާ ގޮތުގައި މޫދަށް ފުންމާލީ އުރަމައްޗާއި ފޫކޮޅުގައި އަތްލައި ޖިންސީ ގޯނާކުރަން އުޅުމުން އެކަމަށް ދެކޮޅު ހެދުމުން ވެސް އިތުރަށް އެފަދަ ކަމެއް ތަކުރާރު ވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. ތުހުމަތުކުރެވޭ މީހާގެ އެ އަމަލަށް ދެކޮޅު ހެދުމުން، އެއީ އޭނާގެ ބޯޓު ކަމަށާއި ބޭނުން ކަމެއް ކުރެވިދާނެ ކަމަށް ބުނެ އަންހެން މީހާއާ ދުރަށް ދިއުމަށް ފަހު އިރުކޮޅެއްގެ ތެރޭގައި އެނބުރި އައި ކަމަށް ވެސް ވިކްޓިމް ބުންޏެވެ.
މި ތަހުގީގުގައި ތުހުމަތުކުރެވޭ ދެ މީހުން ދޫކޮށްލީ، ފުލުހުން ބުނިގޮތުގައި، ބަންދުގައި ބަހައްޓަން އެކަށީގެންވާ ސަަބަބެއް ނެތުމުންނެވެ. އެހެން މައްސަލަތަކުގައި އަމަލުކުރާ އުސޫލާއި މި މައްސަލައިގައި ތަފާތެއް ނެތް ކަމަށް ބުނެ ފުލުހުން ވަނީ ދިފާއުވެފަ އެވެ. އެކަމަކު ކުރީގެ ބައެއް ފުލުހުންނާއި ގާނޫނީ ބައެއް މީހުން ބުނަނީ، ބަނގުރާ ފަދަ އެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތު އޮތް ނަމަ ޓެސްޓް ކުރަން ޖެހޭނެ ކަމަށެވެ.
އެންއައިސީ އާއި ހިއުމަން ރައިޓްސް އާއި ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ވެސް އަންނަނީ ފުލުހުން އަމަލްކުރި ގޮތް ބަލަމުންނެވެ.
ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން އެހާ އަވަހަށް ދޫވި ސަބަބު ތަފްސީލް ކޮށްދެއްވަމުން ހުޅުމާލެ ޕޮލިސް ސްޓޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ރަޝީދު ވިދާޅުވީ ހުރިހާ މައްސަލަތަކުގައި ވެސް ވިސްނުމަކީ ހައްޔަރުކޮށްފައި ބަހައްޓައިގެން ސާބިތުނުވެ ދޫކޮށްލުމަށް ވުރެ، ދޫކޮށްލާފައި ބަހައްޓައިގެން ނަމަވެސް މައްސަލަ ޝަރީއަތަށް ސާބިތުވާނެ ވަރަށް ހެކި ހޯދުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
03 July 2020
ޢަދުލަށް ޙުކުމްކުރެވޭނީ ޤާނޫނީބާރުގެ ހަމަހަމަކަން އެންމެނަށް ލިބިގެން!
ފުލުސްމީހ
03 July 2020
މަޖުލީހުން ފުލުހުންނަށް ތަޙްޤީޤ ދަސްކޮށްދޭ ކޯހެއް ހިންގަން ފެނޭ
ކިއްލިބާޝާ
03 July 2020
@ އަފުރާސިއާބު . ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ އެއީ މުޅިން ތަފާތު ދޭއްޗެއް. ޖިންސީ ގޯނާ އަކީ ގައިގައި އަތްލައިގެން ކުރާކަމެއް . ޖިންސީ ފުރައްސާރައަކީ އަނގަބަހުން ކިޔާއެއްޗެއް . ޖިންސީ ފުރައްސާރަ އަށް ފޮށުންވެސް ބައެއްފަހަރު ކިޔާ.
ރީތި މޫސަ
03 July 2020
މިކަހަލަކަންކަންހުއްޓުވުމަށްޓަކައި ސަފާރީތަށް ގެސްޓްހައުސް ކެޓަގަރީއަށް ބަދަލުކޮށް ރަލާއި،އޫރުމަސް ގެންގުޅުން މަނާކުރުމަށްގޮވާލަން ހުޅުމާލޭގެ ތިހިނގާ ރަލުކަންކަންވެސް ގިނަފަހަރު ހިނގަނީ ސަފާރީން ރާފަސޭހައިންލިބޭތީ ރަލާ އޫރުމަސް މުޅިރާއްޖެއިންފޮލހެލަމާތޯ މިކަންކުރަން ކެރޭސަރުކާރަކަށް މިސަރުކާރުވަމާތޯ ހަރާމްއެއްޗަކާދުރުވެގެން ލިބޭނެގެއްލުމެއް ނޯންނާނެ
ޓޮއިން!
03 July 2020
ޕްލެއިން ވިކްޓިމް ގުޑް ޖޮބް! ރާއްޖޭގެ ހަލާކު! ޕަވަފުލް މީހާ ގެޔައް! ރައްޔިތު މީހާ މާސްކް އަޅާ! ގޭގަ ތިބޭ ބަސް އަހާ ބޯލަނބާ، ކިޔަމަން ވޭ! ފަައިން ކުރީ ރައްޔިތު މީހާ! ނަން ހާމަ ކުރީ، ފޮޓޯ އާއްމު ކުރީ ރައްޔިތު މީހާގެ! ކުއްކުރަނީ ހަމަ އެކަނި ބާރެއް ނެތް އާދައިގެ މީހުން! ޕަވަފުލް މީހުންނަކީ ކުއްކުރަން ދަންނަ ބައެއް ނޫން! ކޮބާ ވިމެންސް ރައިޓްސް، އެކްސްޕެޓް ރައިޓްސް ގެ ވާހަކަ ދައްކާ މީހުން! މަތީ މަގާމް، ބާރު، އިއްޒަތް، މަ މޮޅު ވާން އުޅެނީ! ނޯ ރައިޓްސް!
ދަންނަބޭކަރީ
02 July 2020
"އޭނާގެ ބޯޓު ކަމަށާއި ބޭނުން ކަމެއް ކުރެވިދާނެ ކަމަށް" މެންދުރު އޮންލައިންނަށް މި އިގުނީ ކިހިނެއް؟ އިންޓަވިއު ނުދެންޔާ؟
ސުމެއްގެ ޓޮލަރަންސް
02 July 2020
މީތި ކޮޅެއްގަ ޖައްސަންޖެހޭ. ދޫނުކުރާތި ނޫސްވެރިންނާ ރައްޔިތުން. އެހެންނޫނީ މާދަމާ ނިކަމެތިންނަށް ހަދާލާ ގޮތާ ރައްކާތެރިކަން ނެތް މިންވަރު ވަރަށް ސާފު.
ގޯސް
02 July 2020
ފުލުހުން ދެން ތިޔަ ދައްކާވާހަކަ ގަބޫލުކުރާނެ ދިވެއްސެއް ނުހުންނާނެ. އިތުބާރު ގެއްލުނީ.
ޢަހުމަދު ބެ ، ބޯގަންވިލާ
02 July 2020
މެންދުރު ކާން ތޯ އެރީ ، ތަހުގީގޭ ކިޔާފަ
މިވަރެއްނެތް
02 July 2020
ސަޅިދޯ. ހުރިހާ ހެއްކެއް ފޮރުވޭވަރަށް ފުރުޞަތު ދެވިއްޖެނޫންތޯ؟ ހަގީގަތުގައި މި ތަހްގީގުގައި އިސްވެ ހަރަކާތްތެރި ވިމީހުންގެ މައްޗަށް އިހުމާލުގެ ދައުވާކުރަންވަނެ.