ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި އިމިގްރޭޝަނާއި ފުލުހުންނާއި ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މަޖިލިސް
13 ޖުލައި 2020 - 11:48
އެތައް މަހެއް ވަންދެން މުސާރަ ނުދީ ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި 200 އަށް ވުރެ ގިނަ ބިދޭސީންގެ ތެރޭގައި ގަވާއިދާ އެއްގޮތަށް އުޅެނީ 48 މީހަކު ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅަކީ ސީލް މޯލްޑިވްސް އަށް ދޫކުރި ރަށެކެވެ. އެ ރަށުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏާ ހަވާލުކޮށްފައިވާ އިރު، އެކަމުގައި އުޅުނު ބިދޭސީންނާ މެދު ހިއުމަން ޓްރެފިކިންގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތު ފުލުހުން ވަނީ ކޮށްފަ އެވެ. ބިދޭސީން ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން މުއައްސަސާތަކުން އެ މައްސަލައިގެ ތެރެއަށް ވަދެފައިވާ އިރު، އެ ރަށުގައި މިހާރު ތިބީ 179 ބިދޭސީއެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ކޮމިޓީ އަށް، ބިދޭސީންނާ ގުޅޭ މައްސަލަތަކުގައި ފިޔަވަޅު އަޅާ މުއައްސަސާތައް މިއަދު ހާޒިރު ކުރުމުން އިމިގްރޭޝަނުން ބުނީ ބޮޑުފިނޮޅުގައި ތިބި 48 ބިދޭސީން ފިޔަވައި އެންމެންނަކީ ވެސް ސައްހަ ލިޔެކިޔުން ނެތި އުޅޭ މީހުން ކަމަށެވެ. އޭގެ ތެރޭގައި ބްލެކްލިސްޓް ކޮށްފައިވާ ކުންފުނިތަކުން ގެނެސްފައިވާ ބިދޭސީން ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
"އެތަނުގައި [ބޮޑުފިނޮޅުގައި] ތިބި ގިނަ ބިދޭސީންނަކީ އެހެން ކުންފުނިތަކުން ގެނެސްފައި ތިބި، ސައްހަ ވިސާ އެއް ނެތް މީހުން،" އިމިގްރޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
އެ އިދާރާ އިން ބުނިގޮތުގައި، 58 ޕްރޮޖެކްޓަކަށް ރާއްޖެ ގެނައި 16،000 ބިދޭސީންގެ ތެރޭގައި ހިމެނޭ މީހުން ވެސް ބޮޑުފިނޮޅުގައި އެބަތިއްބެވެ. މި ބިދޭސީން ގެނައި 29 ކުންފުންޏަކީ ބްލެކް ލިސްޓްކޮށްފައިވާ ކުންފުނިތަކެވެ.
މި މައްސަލަ ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ދޭތެރޭގައި އަމަލުކުރި ގޮތް ހިއުމަން ޓްރެފިކިންގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނައިރު ހޯމް މިނިސްޓްރިީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ، މުސާރަ ނުދިނުމުގެ މައްސަލަ ހިއުމަން ޓްރެފިކިންގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދަން ގާނޫނީ ގޮތުން ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެއާއެކު އެ ބިދޭސީން ވެސް ހިއުމަން ޓްރެފިކިންގެ ވިކްޓިމްސްގެ ގޮތުގައި ރަޖިސްޓަރީވާން ބޭނުން ނުވާ ކަމަށް ނަޒީރު ވިދާޅުވި އެވެ.
"އެތަނުގައި [ބޮޑުފިނޮޅުގައި] ތިބި ގިނަ ބިދޭސީންނަކީ އެހެން ކުންފުނިތަކުން ގެނެސްފައި ތިބި، ސައްހަ ވިސާ އެއް ނެތް މީހުން،"--- އިމިގްރޭޝަންގެ އޮފިޝަލް
އޭނާ ވިދާޅުވި ގޮތުގައި މުސާރަ ނުދޭ އެންމެންނަކީ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވެފައިވާ ބައެއްގެ ގޮތުގައި ދެކި ދައުލަތުގެ ބެލުމުގެ ދަށުގައި ގެންގުޅުމަކީ ވެސް ގޮންޖެހުން އޮތް ކަމެކެވެ. ބިދޭސީން ބައިތިއްބާ ޑިޓެންޝަން ސެންޓަރުގެ މިހާރު ވެސް ޖާގައަކީ ގާތްގަނޑަކަށް 50 ކަން އޭނާ ފާހަގަކުރެއްވި އެވެ.
މުސާރަ ނުދިނުމާއި އެކި މައްސަލަތަކުގައި ބިދޭސީން މުޒާހަރާ ކުރާ މައްސަލަ އަކީ، ނަޒީރު ވިދާޅުވި ގޮތުގައި، ކަންބޮޑުވުން އޮތް މައްސަލަ އެކެވެ.
"ބިދޭސީން މިގޮތަށް މުޒާހަރާ ކުރަމުން ދިއުމުން ގައުމީ ސަލާމަތަށް ނުރައްކާވޭ، އަދި ފުރުސަތު ވެސް އެބައޮތް. އެކަމަކު ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ދޭ ޔަގީންކަމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެ، ފާލުން ނެއްޓިގެންދާ މިންވަރަށް މިކަން ދާން ފުރުސަތެއް ނުދޭނަން،" ނަޒީރު ވިދާޅުވި އެވެ.
ބޮޑުފިނޮޅުގެ ބިދޭސީން ހިތްހަމަނުޖެހި ދިވެހިންތަކެއް ރަހީނުކޮށް ތަކެއްޗަށް ގެއްލުންދިނީ މުސާރަ ނުދީ އެތައް މަހެއްވީ ފަހުންނެވެ. މި ހަމަނުޖެހުމުގައި ފުލުހުންނާ ކުރިމަތިލައި ޖިނާއީ ކުށްތަކަށް އަރައިގަތުމުގެ ތުހުމަތުގައި 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެތަނުގައި މިހާރު ތިބި 179 ބިދޭސީންނާ ހަވާލުވާނެ ބަޔަކު ނެތެވެ. ރިޒް ކުންފުނިން ބުނާ ގޮތުގައި އެތަނުގައި ތިބީ އެ ކުންފުނީގެ 14 މީހުންނެވެ. ބާކީ ތިބި ބިދޭސީން ސީލް މޯލްޑިވްސްގެ ބޮލުގައި އަޅުވާއިރު، އެ މީހުންނާ ހަވާލުނުވެ، އެ ބިދޭސީން ބޭލުމުގެ އަމުރަކަށް ސީލް މޯލްޑިވްސް އިން ވަނީ ބ. ތުޅާދޫ ކޯޓުގައި އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހިރޯޅި
03 August 2020
ނުގަވައިދުން ރާއްޖޭގައި އުޅެވެންއޮއްވާ ވިސާފީ ދައްކައިގެން ގަވައިދާ އެއްގޮތަށް އުޅެންވީ ކީއްކުރަންހެވެ. ރާނަން އަންނަމީހާ ފިހާރަ ހުޅުވައިގެން ފިހާރާގަ ވިޔަފާރި ކުރަން އިންނަނީ އެކަން ބަލަން ކަނޑައެޅިފަ ހުރި މުއައްސަސާ ތަކުގެ އިހުމާލުންނެވެ ވަގަށް ވަދެ 60 ހާހުން މަތީގަ ސާފު ޢަދަދު ނޭގޭ ވަރަށް މީހުން މިކުޑަކުޑަ ރޢަްޖޭގައި އުޅޭވޭ އިރު އެއީކީވެސް މާ ބޮޑުކަމަކަށް ނުވެއެވެ ވަގަށް އުޅޭ މީހުން އުޅެނީ ބަލަން ތިބި މީހުން އެކަމަށް ފުރުޞަތުދޭތީ އެވެ ބޭކާރު
އަކުރަމް
13 July 2020
އިމްގްރޭޝަނުން މަސްއޫލިއްޔަތު އަދާނުކުރާތީ މިކަހަލަ ކަންތައްތައް ދިމާވަނީ. ގަވާއިދާ ހިލާފަށް މިހާ ފަސޭހައިން އުޅެވޭ ގައުމެއް ނެތް. އިމްގްރޭޝަންގެ މުވައްޒަފުން މިކަންތައްތައް ބަލާފަ މި ބިދޭސީން މިގައުމުން ފޮނުވާލަދީ. އެމީހުންގެ ޑިޕޮސިޓް ފައިސާ ހުންނާނެ. ހުރިހާ ވިޔަފާރިއެއް މި ބަންގުލަދޭޝް މީހުން ހިސާރު ކޮށްގެން މިއުޅެނީ . މަގެއްގެ މަތިން ހިގަންވެސް އުނދަގޫ މިބައިގަނޑާ ހެދި. ސްލޯސަރުކާރު އައިފަހުން މިމީހުން އުޅެނީ މާބޮޑަށް ހިތްމައްޗަށް އަރައިގެން.
@އަކޫ
03 August 2020
މާރުކޭޓުގަ30އަކަފޫޓް ގޮޅީގަ ދިވެއްސަކަށް ފިޔަވާ ނުއިނދެވޭކަމަށް އަވަށު ކައުން ސިލުން އިއުލާނުކިރާއިރު ބޮޑު ފިހާރާގަ ކޭޝިޔަރަށް ބަންގާޅީން އިންނައިރު އެކޮނޮމިކް މިނިސްޓރަީން ބަހަކުން ބަހެއް ނުކިޔާ ހަނު ހުރެވެއެވެ. އެމިނިސްޓރީން އަދާކިރާ ޒިންމާއަކީ ކޮބައިތޯއެވެ ފިހާރަތަކުގަ މުއްދަތު ހަމަވެފަ ހުރިތަކެތި ހިރޭތޯ ނުބަލައެވެ އަގުހެޔޮކުރި ކާޑު އެއަގަށް ވިއްކާތޯ ނުބަލައެވެ ނަންބޯޑު ހުރޭތޯ ހުއްދައޮވޭތޯ ނުބަލައެވެ އެމީހަކާއެމީހެކެވެ ޤައުމެއްއޮޔާ ދަނީ އެވެ
މަޒް
13 July 2020
ގަވާއިދާ ހިލާފަށް ތިބި އެއްވެސް ބިދޭސީންނަކަށް މުސާރަ ދޭނެކަމެއް ނެތް.. ބިދޭސީންނަކީ މިގައުމުގެ ގާނޫނު ނުހިނގާ ބައެއްކަމަށް ހެދިގެން އުޅެނީ.. އެކަން އެހެން ވެގެން ނުވާނެ.. އެމީހުން އަމިއްލައަށް އެބަ އިނގެން ޖެހޭ ގަވާއިދާ ހިލާފަށް ހުރީޔާ މުސާރަ ނުލިބޭނެކަން
ދޭސީ
13 July 2020
ކުންފުނިން މަކަރާއި ހީލަތް ހެދީމަ ބޮޑުވަރަކަށް ކޮށްލެވޭ ކަމަކީ ކުންފުނި ބްލެކްލިސްޓު ކޮށްލުން. ދުވަހަކުވެސް ކުންފުނީގެ ވެރިންގެ މައްޗައް ތަހުގީގެއް ކުރެވި އަދަބެއް ދެވިފައެއް ނެތް. މީ އަޅެ ދައުލަތެއްތަ؟ އާރެއް ބާރެއް ނެތް.
މޫސަ ގޯތި އާދަނު
13 July 2020
ދައްކާ ވާހަކައެއް ގުބޫލެއް ނުކުރެވޭ . ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެ ކުރުމުގެ އެންމެ އިސްދައުރެއް އަދި އެންމެ ބޮޑު މާލީ މަންފާއެއް ނެގި މުއައްޒަފުން އަދިވެސް ތިބީ އިމިގްރޭސަނުގައި
ތައްހާން
13 July 2020
ގަރުނެއް ވެގެންދަނީ އިމިގުރޭޝަންގެ އެއްވެސް މުއައްޒަފެއް، ވެރިއަކަށް ހިއުމަން ޓުރެފިކިން އާއި ކޮރަޕްޝަން ތަހުގީގެއް ހިންގާ އަދަބެއްނުލިބޭތާ.ކޮންމެ ވެރިކަމެއްގަވެސް މިމީހުން ހިމާޔަތް ކުރެވިފަ.
Ahmed Shujau
13 July 2020
މިއަދުވެސް ފުލުހުންނަށް ޙަމަލާދިނީ. އަދި ވެސް (އަސްރާ )ކިހިނެއް ކަމެއް ރަނގަޅުވާނީ
މުޑަހަންޖާ
13 July 2020
އިންސާނީ އަޅުވިޔަފާރިކުރީމަ ކުންފުނި ބްލެކްލިސްޓް ކޮށްލަނީ، ދެން ހަމަ އަޅުމަސައްކަތްކުރުވާމީހާ އެކަމާއިގެން އުޅެނީ، ބްލެކްލިސްޓު އޮންނަނީ ތާކުހުރި ކޮމްޕިއުޓަރެއްގަ.
2383
13 July 2020
ފައްޔާޒުގެ ބާރުގަދަކަމުން ތިކަންހައްލެއް ނުކުރެވޭނެ ފިލައިގެންއުޅޭ މީހުންނާއި ގަވާއިދާޚިލާފަށް އުޅޭބިދޭސިން ނުފޮނުވާނެ ވާހަކަ ސަރީހައިބާރާތުން އޭނާއެބުނަނީ ބޭރުމީހުން ގެމައްސަލަ ހައްލުކުރުމުގެ ހުރިހާއާރަކާބާރެއް ރައީސްވަނީ އޭނައަށްދީފަ އެކަމަކު ހައްލެއްނުވޭ މިއީއަޖައިބެއްނުންތަ؟ ފައްޔާޒުގެބާރު ކެންޑުނުދުވަހަކުންނޫނީ މިކަންހައްލެއްނުވާނެ އިމިގްރޭޟަންއުވާލާ
ހޯދާބަލަމާ
13 July 2020
ބަލަ ރައީސަށް އޮތް ކަމެއްނު އޭނާމަޤާމުން ވަކިކުރުން. ވީމާ މިކަމުގަ ރައީސްކުއްވެރި
އެންދެރި
13 July 2020
ޑިޓެންޝަން ސެންޓަރުގެ މިހާރު ވެސް ޖާގައަކީ ގާތްގަނޑަކަށް 50 ކަން އޭނާ ފާހަގަކުރެއްވި އެވެ. 3 ހާސް މީހުން ނިކުތީމަ ހަދާނެ ގޮތެއް ވައްދާނެ ތަނެއް ބުނެ ބަލާށެވެ. އަނިޔާ އެއްވެސް ނުކުރެވޭނެ އެވެ. ހައްލަކީ ގައުމަށް ފޮނުވާލުމެވެ.