ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ: އެ ކޮމިޓީގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ ދޮވެމި ފިހާރަ އިން ޑެލިވަރީގެ ހިދުމަތް ދޭން އުޅޭތީ ކަންބޮޑުވުން ފާޅުކުރައްވާފައި.---ފައިލް ފޮޓޯ: މިހާރު
28 ޖުލައި 2020 - 13:12
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހިންގާ ޑިއުޓީ ފްރީ ފިހާރަތައް ރީޓެއިލް ވިޔަފާރީގެ ތެރެއަށް ނުވަދެ، ވިޔަފާރީގެ އުސޫލުތަކުގެ ތެރޭގައި ހިފެހެއްޓުމަށް އެމްއޭސީއެލް އަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އަންގައިފި އެވެ.
އެ ކޮމިޓީން މިދިޔަ ހަފުތާގައި މިގޮތަށް އެންގީ ވީއައިއޭ ހިންގާ އެމްއޭސީއެލްގެ "ދޮވެމި" ޑިއުޓީ ފްރީ ފިހާރައިން އާންމުކޮށް މުދާ ވިއްކައި ޑެލިވަރީ ކުރަން އުޅޭ ކަމުގެ ޝަކުވާއެއް އެ ކޮމިޓީ އަށް ހުށަހަޅައިފައި ވާތީ އެވެ. މާލޭގައި ހިންގާ ކުދި ވިޔަފާރިތަކަށް އޭގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން ވަމުން ދާ ކަމުގެ ޝަކުވާތައް ލިބޭ ކަމަށް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުން ވިދާޅުވި އެވެ.
"ދޮވެމި" އަކީ ވެލާނާ ވީއައިއޭގެ އެރައިވަލް ޓާމިނަލް ބޭރުގައި ހުންނަ ޑިއުޓީ ފްރީ ފިހާރައެކެވެ.
އެސްއޯއީ ކޮމިޓީގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ އެ ފިހާރައިން ޑެލިވަރީގެ ހިދުމަތް ދޭން އުޅޭކަން ފާހަގަ ކުރައްވައި އެއީ ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަދެގަތުން ކަމަށް ވިދާޅުވެފަ އެވެ. "ދޮވެމި" ފިހާރައި ވިއްކަނީ ޑިއުޓީ ފްރީ އެއްޗިއްސަށް ވާއިރު، އެ ތަނުން އާއްމުންނަށް ތަކެތި ވިއްކަން ފަށައިފި ނަމަ ހުރިހާ އެންމެން އެ ފިހާރަ އަށް ބަރޯސާވާނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.
ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް ބުނެ، އެމްއޭސީއެލުން މިހާރު ދަނީ މާލޭ ސަރަހައްދަށް "ދޮވެމި" ފިހާރަ އިން ޑެލިވަރީގެ ހިދުމަތް ފަށަން މަޝްވަރާ ކުރަމުން ކަމަށް ވެސް އެސްއޯއީ ކޮމިޓީ އަށް ފޮނުވި ސިޓީގައި ވެ އެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުން، އެއީ އެމްއޭސީއެލްގެ ކޮމާޝަލް ޑިޕާޓްމަންޓުގެ ޑިއުޓީ ފްރީ ސެކްޝަނުން ހިންގާ ފިހާރަ އެކެވެ. އެ ފިހާރަ އިން އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ފުރުސަތު ނެތަސް ކުރިމަގުގައި އެ ކަން ވެސް ތައާރަފު ކުރަން ނިންމާފައިވާ ކަމަށް އެސްއޯއީ ކޮމިޓީ އަށް ފޮނުވި ޝަކުވާގެ ސިޓީގައި ވެ އެވެ.
ދޮވެމި ފިހާރައިން ޚިދުމަތް ދެނީ.: އެ ފިހާރަ ހިންގަން ޖެހޭނީ ޑިއުޓީ ފިހާރަ ހިންގާ އުސޫލުން ކަމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓިން ވަނީ ނިންމާފައި.
"ދޮވެމި" ފިހާރައިގެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވި ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި ވިޔަފާރިތަކަށް ވަނުން ހުއްޓުވުން ކަމަށް ވާއިރު، އެމްއޭސީއެލުން ވެސް އެ އަށް އަމަލުކުރަންޖެހޭ ކަމަށެވެ. އެމްއޭސީއެލްގެ އިތުރުން އެފަދަ ވިޔަފާރިތައް ކުރާ އެހެން ކުންފުނިތަކުގެ ވިޔަފާރިތައް ވެސް ހުއްޓުވައި، އެ ކުންފުނިތަކުގެ މެއިންޑޭޓާ އެއްގޮތަށް މަސައްކަތް ކުރުމަށް އެންގުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ފޭސްބުކް ޕޭޖްތައް މެދުވެރިކޮށް މުޅި މާލެ އަށް އެ ފިހާރައިން ވިއްކާ ތަކެތި އެބަ އިޝްތިހާރު ކުރޭ. އެއް ފުޅި ސެންޓު ގަތީމާ ކުދި 10 ފުޅި ސެންޓު ހިލޭ ލިބޭނެއޭ. އެއް ޗޮކްލެޓް ގަތީމާ 10 ޗޮކްލެޓް ލިބޭނެއޭ. މިހިރީ ފޭސްބުކް ޕޭޖުން ފެންނަން. ސަރުކާރު ކުންފުނިތަކުން މިފަދަ ވިޔަފާރިތަކަށް ވަދެގެން ނުވާނެ. ސަރުކާރުގެ ސިޔާސަތަކީ ވެސް އެފަދަ ކުދި ވިޔަފާރިތަކަށް ނުވަނުން،" ނިހާދު ވިދާޅުވި އެވެ.
މި މައްސަލައާ ގުޅޭގޮތުން މެމްބަރުން ބަހުސް ކުރެއްވުމަށް ފަހު، އެސްއޯއީ ކޮމިޓީން ނިންމީ "ދޮވެމި" ފިހާރަ އިން ވިޔަފާރި ކުރެވޭނީ ހަމައެކަނި ރާއްޖެ އަށް އަންނަ މީހުންނަށް އެކަނި ކަމަށެވެ. އޮންލައިންކޮށް އޯޑަރު ދީގެން އެހެން ތަންތަނަށް މުދާ ޑެލިވަރީ ކުރުމުގެ މަސައްކަތް އެއްވެސް ގޮތަކަށް ނުކުރުމަށް ވެސް އެމްއޭސީއެލަށް ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިއުޓީ ފްރީ ފިހާރަ ހަމަ ރަގަނޅު
31 July 2020
ދޮވެމި އަކީ ޑިއުޓީ ފްރީ ފިހާރައެއް ނޫން . ޢެތަނުން ޖީ.އެސް.ޓީ ނަގާ. ޜަގަޅު މައުލޫމާތު ނުހޯދާ އެއްޗިސް ނުލިޔަންވީ އެއްނުން.
ލެކިއުޓް ސަލާމަތެއް ނުކުރެވޭނެ
29 July 2020
ލެކިއުޓް ފަދަ ތަންތަނުގެ ވިޔަފާރި ދަށީ އެތަނުގައި ރަނގަޅު ޒަމަަނީ ބްރޭންޑް ތަކާއި ޕްރޮޑަކްޓް ނެތީމަ. ދޮވެމި ނައްތާލުމުން އަސަރުކުރާނީ ތަކެތި ގަންނަ މީހުންނަށް.
ރީމްއާދަމް
29 July 2020
ކާ އެއްޗެހި ވިއްކާ ޕޭޖް ތައްވެސް ހުއްޓުވަން ޖެހޭ. ޜަޖިސްޓަރީ ނުކޮށް ބޮޑު ފައިދާ ނަގަނީ. މި ބައި މީހުން ޖީއެސްޓީވެސް ދައްކަނީއެއް ނޫން.
ބަޑީ
29 July 2020
މީ ދެން ބައްޔެއްކަހަލަ މަޖިލިހެއްނު!!! ރަގަޅު، ޑިޔުޓީ ފްރީ ފިހާރައަކުން ތިޔަބުނާ ގޮތަކަށް ވިޔަފާރި ކޮށްގެން ނުވާނެ އެކަމު އެއީކީ "މަޖިލިސް" އާ ބެހޭ ކަމެއްނޫން. ސަރުކާރުގަ ތިބޭނެ ވަރުވަރުން "ކޯޑިނޭޓަރުން" ލާފަ ތިޔަފަދަ ކަންކަން ބަލަން. މަޖިލިސް އެއީ ޤާނޫންތައް ހަދަން އޮންނަތަނެއް، އެކަން ކުރަން ތިބެން ތި މަޖިލިސް އަށް ކޮންމެސް ޖަމިއްޔާއަކުން ނޫނީ އަމިއްލަ މީހަކު އަންގަބަލަ.
އައިމިނާ
28 July 2020
މިއީ މަޖިލީހާ ބެހޭކަމަކަށްވާނަމަ ގޭގޭގެ އުނދުންމަތީ ކައްކަން އުދާފަހުރި ރިހާކުރު ތެއްޔާވެސް މަޖިލީހުން ބެހެންޖެހޭނެ.
އައިމިނާ
28 July 2020
އެ ފިހާރަ ބޭރުގަ ހުންނާތީވެ ވަރަށް ފަސޭހަވޭ އަގުވެސް އެހެންތަންތަނަށްވުރެހެޔޮ.
ކޮންސާންޑް ސިޓިޒަން
28 July 2020
ޤާނޫނު ހަދާމަޖުލީހުން އިކޮނޮމިކް މިނިސްޓްރީއިން ކުރަންވާ މަސައްކަތް ކުރަންޏާ އެއްއޭސީއެލްއިން ރީޓޭލް ވިޔާފާރި ކީއްކުރަން، ދަނޑުވެރުކަންވެސް ހަމަކުރަންވީ. މަޖުލީހަށް ފުރަތަމަ އިނގެންޖެހޭ އެބަ މަޖުލީހުގެ ޒިންމާއާ ކުރަންޖެހޭ މަސައްކަތް.
ވާނުވާ ތީތާބީ
28 July 2020
ލެކިއުޓަށް ގެއްލުން ވެދާނެތީބާ
ތަކަނޭ
29 July 2020
ވަރަށް ބޮޑަށް ބެލެވޭ
ބީރުބޮލު
28 July 2020
ހެޔޮއަގެއްގަ ރައްޔިތުމީހާއަށް އެއްޗެއް ލިބުމަކީ ހާދަބޮޑު ގޯހެކޭ.
ޑިއުޓީ ފުރީ ބޯއި
28 July 2020
ބޮޑަ ބެލެއްވެނީ ފޭދޫ ދާއިރާގެ މެންބަރު ނިހާދުގެ ކޮއްކޮ ޒަރީރު ޑިއުޓީ ފުރީން ވަކިކުރީމަ އެކަމުގެ ހަސަދައެއް ހެން ތީ މިހާރުން ރަނގަޅު މައުލޫމަތު ހޯދުން ސަޅި ވާނެއް
ޑިއުޓީ ފްރީ ދާދާ
29 July 2020
ބަލަ މިއަދަކު އިއްޔެއަކު ނޫނޭ ދޮވެމި ފިހާރައިން އާއްމުންނަށް ވިޔަފާރި ކުރަނީކީ. އެ ފިހާރަ ހުޅުވީއްސުރެ އާއްމު ރައްޔިތުން ވިޔަފާރި ކުރޭ. ދޮވެމި އަކީ ރިޓެއިލް ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ތަނެއް. އެ ފިހާރައިގަ ޓެކްސް އާ ޑިއުޓީވެސް ލައިގެން މުދާ ވިއްކަނީ. ކޮބާ މައްސަލައަކީ ދެން
އެމްއޭސިއެލް ބުރޯ
29 July 2020
ދޮވެމި އެރައިވަލް ހުއްޓާލިޔަސް އެމްއޭސިއެލް އަކަށް ނުވާނެއް މާބޮޑު ގެއްލުމެއް ފިހާރައެއް ހިންގަން ހަވާލުކުރަންވީ މަޖިލީހާއް އަންނި ސޭޓަކަށް ލާފަށް