ފުލުހުން މަގުމަތީގައި ފޯރިމަރަނީ: ކޮވިޑް-19އާ ގުޅިގެން މި މަހު ކުރި ޖޫރިމަނާގެ އަދަދު ވަނީ މިލިޔަނަކަށް ވުރެ މަތިވެފައި
16 އޯގަސްޓް 2020 - 00:57
ކޮވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި ވަކި ގަޑިއެއްގައި މިހާރު ހިންގާ ކާފިއުއާ ޚިލާފު ވެގެންނާއި އާންމު ތަންތަނުގައި އުޅޭއިރު މާސްކު ނާޅައި އުޅޭތީ މި މަހުގެ މިހާތަނަށް ކުރި ޖޫރިމަނާގެ އަދަދު 1.1 މިލިޔަން ރުފިޔާ އަށް އަރައިފި އެވެ.
ރާއްޖޭގައި ބަލި ޖެހޭ މިންވަރު އިތުރުވުމާ އެކު، އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އުޅޭއިރު މިދިޔަ މަހުގެ 31 އިން ފެށިގެން މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފަ އެވެ. އަދި ރޭގަނޑު 10 އިން ފަތިހު 5 އަށް ބޭރުގައި ނޫޅެވޭ ގޮތަށް މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ވަނީ ކޮންމެ ރެއަކު އޮންނަނީ ކާފިއު އިއުލާނުކޮށްފަ އެވެ. މި އެންގުންތަކާ ހިލާފުވާ މީހުންގެ އަތުން ޖޫރިމަނާގެ ގޮތުގައި 1،000ރ. ނަގަ އެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލްކަރީމް ވިދާޅުވީ މާސްކް ނާޅައި، އަދި ކާފިއުއާ ހިލާފުވެގެން މިހާތަނަށް 1،118 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެއީ މާސްކު ނާޅައި އުޅެގެން 591 މީހަކާއި ކާފިއު ގަޑީގައި ބޭރަށް ނުކުތް 527 މީހެކެވެ.
މަތީން ވިދާޅުވި ގޮތުގައި މާސްކު ނާޅައި އުޅުނު 63 މީހަކަށް ނަސޭހަތްދީ، 40 މީހަކު ވަނީ ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް ޖޫރިމަނާކޮށްފަ އެވެ. ކާފިއު ގަޑީގައި ބޭރަށް ނުކުމެގެން މިދިޔަ ހުކުރު ދުވަހު އެކަނި ވެސް 83 މީހަކު ޖޫރިމަނާ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މަތީން ވިދާޅުވީ ރޭގަނޑުގެ މަނާ ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅޭ މީހުން މަދު ކަމަށާއި މީހުން ނުކުންނަނީ ވެސް ޒަރޫރީ ބޭނުންތަކުގައި ކަމަށެވެ. އެކަމަކު، ހަވީރުގެ ވަގުތުތަކުގައި، ހާއްސަކޮށް ބީޗާއި ހުސްބިންތަކުގައި ފަސް މީހުންނަށް ވުރެ ގިނަ މީހުން އެކުގައި ތިބޭ ކަމަށާއި ބައެއް މީހުން މާސްކު ނާޅައި ތިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޓޭކްއަވޭގެ ހިދުމަތް ދޭ ތަންތަނުގައި މީހުން ގައިދުރުކަން ނުބަހައްޓާ އުޅޭ ކަން ވެސް މަތީން ފާހަގަ ކުރެއްވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ފެށުމުން ކޮވިޑް ފެތުރޭ ވަރު އިތުރުވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް ވަނީ އިތުރު ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ މުރާދު
16 August 2020
މީގެން އެގެނީ އަހަރެމެން ގެ ހުރި ޖާހިލު ކަމާ ގޮތްދޫނުކުރާކަން އަދި ކަމުގެ މާހިރުން ދެއްވާ އިރުޝާދު ތަކައް ފަރުވާ ނުބަހައްޓާ ވަރު. މިއީ އަހަރެމެންގެ އިޖުތިމާއީ ފޭރާން ވީދި ނަޖިސްވެފަ ހުރި ވަރު އަންގައިދޭ ކަމެއް
ސުނިލް
16 August 2020
ދެންވެސް އުޅޭ ތިމަންނަ މެންނަކީ ފަރުދީ ޒިންމާ އަދާކުރެވޭ ތަހުޒީބު ބައެއް ކަމުގައި ހެދިގެން ޝަކުވާފަތި އަނބުރަމުން. ތި ފަތި އަނބުރާ ކޮންމެ ފަހަރެއްގައި ގޮސް މި ޖެހެނީ އަމިއްލަ މޫނުގައި.
ާއުނިމާ
16 August 2020
އާބާދީގެ 541،683 މީހުންްގެ އާބާތަކުން 1118 މީހުން ޤަވާޢިދާ ޙިލާފުވިކަ މަށް ވަންޏާ އެއީ 0.2 ޕަސެންޓް މީހުން! އެހެންވީރު 99.8 % މީހުން އުޅެނީ ޤަވާޢިދަށް ކަމަށް ބެލެވެނީ
ކުނިމާ
16 August 2020
އަޖައިބެއް މި ހަމަ. 1118 އަކީ ޖޫރިމަނާ ކުރި މީހުން. ކޮބާ ނަސޭހަތް ދެވުނު މީހުން؟ ކޮބާ ކޮންމެ މީހެއްް ފަހަތުގައި ފުލުހެއް ނެތް މީހުން؟ ކަލޭގެ ކަމަކީ ހަމަ ރައްޔިތުން ވާ ވެއްދުން ދޯ؟ ސާބަހޭ
އަދުރޭގެ އައްޕަ
16 August 2020
ތީގެން އެނގެނީ ކޮވިޑަކީ ކުޅޭ ޑްރާމައެއްކަން. މީހުންބިރު ނުގަންނަކަން.
ޓަކިތަކި
16 August 2020
ކޮވިޑު ބައްޔަކީ ވައިރަސްއެއް
އައުސާ
16 August 2020
ކޮންމެ ފަހަރަކު މާފްކުރުމުގެ މިޒާޖް ދޫކޮށްލަން ވެއްޖެ. މިފައިސާ ހޯދަން ދައުވާވެސް ކުރަންވީ. މާފްކުރާލެއް ގިނަކަމުން ފިލާވަޅު ނުލިބި ހަޔާތް ކެނޑިއްޖެ.
އަލިމާ
16 August 2020
ދެން ސަރުކާރުން ކުރާނީ މާފް. ކޮށްފަ އެޗްޕީއޭ ބޮލިގަ އަޅުވާ ކަމެއް ނުވެއޭ ކިޔަގެން.
ބޮސް ގެ ބޮސް
16 August 2020
ދެ ދުވަސް ފަހުން މާފު ކުރާނީ...
ދޮންމަނިކުބެ
16 August 2020
ކޮންމެ ކޮންމެ ކަމެއްގައި އޯގާތެރިވެ ހަމްދަރުދީވާނަމަ އޭގެ ސަބަބުން ނުރަނގަޅު ނަތީޖާ ނިކުންނާނެކަން ނޭނގޭތީ ދެރައީ
ކޮސްބެ
16 August 2020
ކޮބާ ކުދިންނޭ، އެކޮއެމެންގެ ފެންވަރު ފެނޭތަ؟ ދެންވެސް އެޗްޕީއޭ ކިޔާފައި ބަހައްޓާ!
ޢަލިމަނިކުފާނު
16 August 2020
މި މަހުގެ މިހާތަނަށް ކުރި ޖޫރިމަނާގެ އަދަދު 1.1 މިލިޔަން ރުފިޔާ އަށް އެރިއިރު، އޭގެތެރެއިން ކިހާވަރެއް ދައްކައިފިތޯ؟ ކުރީފަހަރުވެސް ޖޫރިމާނާ ކުރަމުން ގެންދިޔައީ. އެންމެ ފަހުން ނިމިގެންދިޔައީ މާފުކުރުމަކުން. ނަތީޖާއަކަށްވީ އެންގުންތަކާ ޚިލާފަށް މަގުމައްޗަށް ނިކުތަސް ލިބޭނީ މާފުކަމަށްވެ، އެކަމަށް ހިތްވަރު ލިބުން.