ސުއޫދު: އޭނާ ހާޒިރުކުރީ ހައި ކޯޓުގެ ރަޖިސްޓްރާގެ ފޮޓޯއެއް ޓްވީޓް ކުރުމާއި އެ ކޯޓުން ތަފާތު ކުރުން ގެންގުޅޭ ކަމަށް ވިދާޅުވުމުން. --ފޮޓޯ/މުހައްމަދު ޝަރުހާން
25 އޮކްޓޯބަރ 2016 - 13:18
ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ހައި ކޯޓަށް ހާޒިރުކުރީ އެ ކޯޓުން ތަފާތުކުރުން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވެފައި ވާތީ އާއި ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލައާ ގުޅޭ ގޮތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ހިމެނޭ ފަރާތްތަކާ އެކު އެ ކޯޓުގެ ރަޖިސްޓްރާ އިންނެވި ފޮޓޯއެއް އާންމުކުރުމުންނާއި ކޯޓާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަކާ ގުޅިގެން ކަމަށް ސުއޫދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށް ކުރި ހުކުމް އިސްތިއުނާފްކުރި މީހާ އާއި އެ މައްސަލާގައި އިސްތިއުނާފް ރައްދުވި ފަރާތް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާ އެކު ހައި ކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ އިންނެވި ފޮޓޯއެއް ސުއޫދު ވަނީ ޓްވީޓްކުރައްވައިފަ އެވެ.
ސުއޫދު ވިދާޅުވީ ކޯޓުގެ ރަޖިސްޓްރާގެ ފޮޓޯ ޓްވީޓް ކުރެއްވީ އެހެން މީހަކު އެ ފޮޓޯ އާންމުކޮށްފައި ވަނިކޮށް އެ ފޮޓޯ ފެނި، ކަންބޮޑުވެ ވަަޑައިގެން ކަމަށެވެ. އަދި ތަފާތުކުރުން ގެންގުޅޭ ކަމަށް ވިދާޅުވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރަން ހުށަހެޅި މައްސަލަ މިހާތަނަށް ވެސް ބަލައިގެންފައިނުވާތީ ކަމަށެވެ.
"އަޅުގަނޑު ދެންނެވިން މިދިޔަ ޖޫން މަހު އެ މައްސަލަ އޮންނާނޭ ހައި ކޯޓަށް ހުށަހަޅާފައި. އަދިވެސް އެ މައްސަލަ ބަލައެއްނުގަނޭ. ދެން އަޅުގަނޑުގެ ބަޔާނެއް ނަގާފައި ވިދާޅުވީ އިތުރު ކަމެއް އޮތިއްޔާ އަންގާލާނެ ކަމަށް،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދުގެ ވަކީލެއްގެ ގޮތުން ހައި ކޯޓަށް މިއަދު ވަޑައިގަތީ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނެވެ.
ސުއޫދަކީ ޕީޕީއެމްގެ މައްސަލާގައި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ހައި ކޯޓުގައި ވަކާލާތު ކުރި ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ސުއޫދު ދެއްކެވި ބައެއް ވާހަކަތަކާ ގުޅިގެން މީގެ ކުރިން ސަސްޕެންޑްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަން
25 October 2016
އިންސާފުން ށަރިޔަށް ކުރާނަމަ ފާޑެށް ނުކިޔޭނެ
އަހްމދު
25 October 2016
ފާޑުނުކިޔާ ހެދިހާގޮތެއްހެދިގެން އެންމެންތިބެންވީތޯ. ތިބޭނީ މިކަހަލަ ނަޒާހަތްތެރިން އެކަނިކަންނޭގެއެއްނު.
ލަބީދް އެންޑް ކަބީރް
25 October 2016
ދެން ދުވަސްކޮޅަކުން ވަކީލެއް ހަމަޖައްސަންޖެހޭނެ އަލީ ހުސޭނަށްވެސް.