ކޮވިޑުން ރައްކާތެރިވުމަށް ހޭލުންތެރިކުރުވަން ދިރާގުން ބަހައްޓާފައިވާ ބިލްބޯޑެއް. މާސްކް ނާޅާ ދިރާގަށް ވަންނަން އުޅުނު މީހަކު ހައްޔަރުކުރީ ދިރާގުން ރިޕޯޓްކޮށްގެން ނޫން ކަމަށް އެކުންފުނިން ބުނި.
24 އޯގަސްޓް 2020 - 20:21
ކަސްޓަމަރުންގެ ޝަކުވާތަކާއި ހިޔާލާއި މަޝްވަރާ އަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.
އެ ކުންފުނިން މިހެން ބުނީ، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، އާންމު ތަންތަނުގައި މާސްކު އެޅުން ސަރުކާރުން މަޖުބޫރު ކޮށްފައި ވިޔަސް އެ އަށް ތަބާނުވެ، ގަދަކަމުން ދިރާގުގެ ހެޑް އޮފީހަށް ވަންނަން މަސައްކަތް ކުރި މީހަކު ފުލުހުން ހައްޔަރު ކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
ފުލުހުން މިރޭ ބުނީ އުމުރުން 28 އަހަރުގެ އެ އަންހެންމީހާ އަށް ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
އެ މީހާގެ މައްސަލަ އެތައް ބައެއްގެ ސަމާލުކަމަށް އައުމާ ގުޅިގެން ދިރާގުން ނެރުނު ބަޔާނުގައި ބުނީ، އެ ކުންފުނީގެ ހެޑް އޮފީހަށް ފުލުހުން ދިޔައީ ނުވަތަ އެ މައްސަލަ އަށް ފުލުހުން އެޓެންޑުވީ، އާއްމު އުސޫލުން ޕެޓްރޯލް ކުރުމުގެ ތެރޭގައި ކަމަށެވެ. އެ މީހާއާ ގުޅޭ ގޮތުން ދިރާގުން ފުލުހުންނަށް ރިޕޯޓު ކޮށްފައި ނުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން އާއްމުކުރި ކުރު ބަޔާނެއްގައި ބުނީ، ފުލުހުން އެ މީހާ ހިފެހެއްޓީ މާސްކު ނާޅައި ހުރިކަން ފާހަގަކުރެވިގެން ކަމަށް އެނގިފައިވާ ކަމަށެވެ. އެ ސަރަހައްދުގައި ފުލުހުން އޭރު އުޅުނީ އާއްމުކޮށް ޕެޓްރޯލް ކުރުމުގައި ކަން އެނގިފައިވާ ކަމަށް ވެސް ބުންޏެވެ.
"އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް ޔަގީން ކޮށްދޭން ބޭނުންވަނީ ކަސްޓަމަރުންގެ ފީޑްބެކް އަދި ޝަކުވާ އަށް އަބަދުވެސް މަރުހަބާ ކިޔާ ކަމެވެ. އެހެން ނަމަވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ހުރިހާ ކަސްޓަމަރުން އަބަދުވެސް އަަމަލު ކުރުމަކީ އަޅުގަނޑުމެންގެ އިޚުލާސްތެރި އެދުމެކެވެ،" ދިރާގުގެ ބަޔާނުގައި ވެ އެވެ.
"އިޖުތިމާއީ ގައިދުރުކަން ބަހައްޓަވާށެވެ. ގެއިން ނުކުންނަވާއިރުގައި އަދި އަޅުގަނޑުމެންގެ ކަސްޓަމާ ސާވިސް ސެންޓަރުތަކަށް ޒިޔާރަތް ކުރައްވާ އިރު މާސްކު އަޅުއްވާށެވެ."
ފުލުހުން ބުނީ، އެ އަންހެންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާސްކު ނާޅައި، ދިރާގުގެ މައި އޮފީހަށް ވަންނަން އުޅެ، އަޑުގަދަކޮށް، ހަމަނުޖެހުން ހިންގަން މަސައްކަތް ކުރުމުން ކަމަށެވެ. އެކަމަކު އަޑުގަދަކުރުން ފިޔަވައި ހަމަނުޖެހުން ހިންގަން ކުރީ ކޮން ކަމެއްކަން ފުލުހުންނެއް ނުބުނެ އެވެ.
އެ އަންހެންމީހާ ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ދިރާގުގެ އޮފީހަށް ދިޔައީ، އޭނާ ނެގި ޑޭޓާ ޕެކޭޖެއް ބޭނުން ކުރަން ނުލިބި މާ އަވަހަށް ހުސްވުމުންނެވެ. އެގޮތުން، 10 ޖީބީ ޑޭޓާ އަޅައިގެން 48 ގަޑިއިރުގެ ތެރޭގައި ހުސްވި ކަމަށާއި ބޭނުންކުރީ އެންމެ 10 މިނެޓް ކަމަށް ސޯޝަލް މީޑިއާގައި އެ މީހާ ބުނެފައިވެ އެެވެ.
އެކަމަކު އޭނާ އެ ދެއްކި ވާހަކައަކީ ތެދެއްކަން ނުވަތަ ނޫންކަން ކަށަވަރެއް ނުކުރެވެ އެވެ. އެ މީހާގެ އެ ޝަކުވާއާ ގުޅޭ ގޮތުން ވެސް ދިރާގުގެ ބަޔާނުގައި ވަކި އެއްޗެއް ބުނެފައެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންވަރުނެތް ޑަރޯގު
25 August 2020
ތިޔަ މީހަކު ދައްކާ ވާހަކަ ޤަބޫލުކުރަން. މަ ގެންގުޅޭ ދުރާގު ބްރޯޑްބޭންޑުގެ 20ޖީބީ ޕެކޭޖު 24 ގަޑއިރުނުވޭ ދިރާގުން ހުސްވިކަމަށް ބުނާއިރު. ޢެކަމަކު ދިރާގުގެ މީހުންމާ އެކަމާ ވާހަކަ ދައްކާކަށް ބޭނުމެއްނުވޭ މިހާރު. ޚިތަންމެ އިރަކު ވާހަކަދެއްކިޔަސް އެމީހުންނެއް ޤަބޫލެއްނުކުރޭ އެމީހުމް މަކަރު ހަދާގެން އަހަރެމެން ފެލާކަމެއް. ޢެހެންވީމަ ވަގުތު ބޭކާރު ކުރަން ނުގުޅަން..ކުރިން ހުސްވަނީ މަހުގެ މެދުތެރޭ. ނެތް ފެންވަރެއް ނުނެރެވޭނެތާ ޑިރާގަކުންވެސް.
އަބްދުﷲ
25 August 2020
މިހިސާބު ގައުމުތަކާއި އަޅާބަލާއިރު ދިރާގުގެ އަގުތައް އަދިވެސް ހުރީ ވަރަށް ބޮޑުކޮށް. މިސާލަކަށް އިންޑިއާގައި މަހަކަށް 450 ރުޕީސް އަށް ނަގާޕެކޭޖުގައި ދުވާލަކަށް 1.5 ޖީބީގެ ރޭޓުން މަހަކަށް އެބަލިބޭ 45ޖީބީ. އޯލް އިންޑިއާ ހުރިހާ ނެޓްވޯރކް އަކަށް އަންލިމިޓެޑް ކޯލްސް ކުރެވޭ. މީ ރާއްޖޭގެ 100 ރުފިޔާވެސް ނުޖެހޭވަރުގެ މަދު ފައިސާ ކޮޅެއް. މިތަނުގައި 371 ރުފިޔާއަށް މަހަކަށް އެންމެ 2 ޖީބީ، ސޯޝަލް މީޑިއާއޭ ކިޔާ ބޭކާރު 5 ޖީބީ އިނދޭ. މީ އިންޑިއާގެ 1600 ރުޕީސް.
ދުން މާރި
25 August 2020
މަރުހަބާކިޔާނެ ޝަކުވާތައް ބަލައިގަންނާނެ އެކަމަކު ވާކަމެއްނެތް ބިލުގެ މުއްދަތު ހަމަވާއިރަށް ޚިދުމަތްކަނޑާލާ ޝަކުވާއެއްކުރީމާ ބުނަނީ ކީކޭބާ؟ ދުވަހަކުވެސް ހައްލެއްނުވޭ އިންޓަރނެޓު އަގުހެޔޮކުރިކަމަށް އިސްތިހާރުކުރަނީ އެލަވަންސް އިތުރުކުރިކަމަށާއި އަގު ކުޑަކުރިކަމަށާއި ސްޕްީޑް މަތިކުރިކަމަށް އެކަމަކު ހަމަ އެކަނި ސްޕްީޑް ރަންގަޅުވީ އަގަކަށް އެހެންކަމަށް ބަދަލެއްނާދޭ މުޅިންވެސް އޮޅުވާލުން އޮޅުވާލައިގެން ރައްޔިތުންގެ ލޭ ބޮނީ ކުރިޔަށް ލާރިކޮޅު ދަމާލާ
ސަލާމަތް
25 August 2020
ދިރާގާއި އުރީދޫ އަދި ބޭންކްއޮފް މޯލްޑިވްސްގެ ކިބައިން ސަލާމަތްވެއްޖެ މީހަކު ބިޔަ ސުނާމީއަކުން ސަލާމަތްވުމާއި އެއްވަރު
ޢަބްދުއް ޞަމަދް
25 August 2020
މަރުހަބާ ކިއުން، އަޑުއެހުން، ބަލައިގަތުން... މިތިބަ ކަންކަމާއި ވަރަށް ތަފާތު ކަމެއް ހައްލު ފޯރުކޮށްދިނުމަކީ... ރާއްޖެ އޮތީ ވޯލްޑް ބްރޯޑްބޭންޑް ޕްރައިޒިނގްގަ 176 ވަނާގައި.. މެލޭޝިއާގައި ތިމީހުން 7000 ރުފިޔާ ނަގާ 1ޖީ ޕްލޭން އެބަ ލިބޭ 443 ދިވެހި ރުފިޔާއަށް، އެވެސް އަންލިމިޓެޑް.
އަޝްރަފު
24 August 2020
ޝަކުވާ ކޮށްކޮށް ވަރުބަލިބެއްޖެ! އަގުބޮޑު، އެހާ ސްލޯ! ދުވަހަކުވެސް މަރުޙަބާ ކިޔުން ނޫންކަމެއް ނުކުރޭ! މީހުން ޝަކުވާ ކޮށް ސޯޝަލް މީޑިޔާގައިވެސް މައްސަލަޖައްސާ ހަދައިގެން ކަމެއް ރަގަޅުވާނެ ނަމަ ދިރާގުން ކުރީސް!
ޙަލީމާ
24 August 2020
ލޮކްޑައުން ތެރޭގައި މަގޭ ފޯނަށް ފައިސާ ނުދެއްކިގެން ފޯނުން ޚިދުމަތް ކަނޑާލި. ފައިސާ ނުދެއްކުނީ ނެޓް ކެނޑިފައި ހުރީމަ. ލޮކްޑައުން ނިމިގެން ފައިސާ ދައްކަން ދިޔައިމަ، ޚިދުމަތް ކަޑާލި މަހަށް ވެސް ބިލެއް ހަދާފައި އޮތް. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ އެމަހަށް ވެސް ފައިސާ ނެގީ ގަދަކަމުން. ކޯޓަށް ވެސް ދާނަމޭ ހިތާ މިހުންނަނީ ޚިދުމަތް ނުދޭ މަސްތަކަށް ބިލް ހަދާތީ.
އަހްމަދެ
25 August 2020
ތީހަމަ އެވެރިން ކުރާ ކަމެއް
ވޯލް007
24 August 2020
މާސްކް އަޅާގެންވެސް ދެވޭނެދޯ. އޭރުން އެތާ ތިބޭ ކުދިންވެސް ހިތް ހަމަ ޖެހުގެން ހިދުމަތް ދެވޭނީ. ބައެއް މީހުން ހަމަ ގޮތް ކުޑައީ.
slow
24 August 2020
މޯބައިލް ޑޭޓާ ބޫސްޓަރ އަގު ބޮޑުކުރީ!
ޕސްޕސް
24 August 2020
ދިރާގު ސުޓާފުންތައް މިތާ ކޮމެންޓު ކުރާރެޔެއްތަ ... ބޯނަސް ލިބޭނެ ދޯ !!!