ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު. އޭނާ މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި.
26 އޯގަސްޓް 2020 - 10:16
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާކަން މިހާރު ސާފުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެެ.
މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގެވުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ، އާ އިސްލާހު ތަކާއެކު، މަސްވެރިކަމާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށީ ސެޕްޓެމްބަރު 16، 2019 ގައި ކަމަށާއި އެ ގާނޫނުގައި ބުނާ ގަވައިދުތައް އެ ތާރީޚުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދަން ޖެހޭ ކަމަށެވެ. ނަމަވެސް ގަވައިދުތައް ހަދާފައި ނުވާތީ، މިނިސްޓަރު ޒަހާ ގާނޫނާ ހިލާފު ވެފައިވާ ކަމަށް، މައްސަލަ ބެލި ގަވައިދު ކޮމިޓީގެ ރިޕޯޓުގައި އެބައޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ގަވައިދު ކޮމިޓީން ފާހަގަކުރައްވާފައި ވަނީ މިނިސްޓަރު އޮތީ ކަނޑައެޅިގެން ގާނޫނާ ހިލާފުވެވަޑައިގެންފައި ކަމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވިގޮތުގައި، ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގައި ބަހުސް ކުރަން ފެށުމުން މިނިސްޓަރު ޒަހާ މަޖިލީހަށް ސިޓީއެއް ފޮނުއްވި އެވެ. އެ ސިޓީގައި ވިދާޅުވެފައި އޮތީ ގަވައިދުތަކުގެ ދެލިކޮޕީއެއް، އެޓާނީ ޖެނެރަލްގެ ލަފާ ހޯދަން ފޮނުއްވާފައިވާ ވާހަކަ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު، އިއްޔެއާ ހަމައަށް ވެސް ގަވައިދުތައް ގެޒެޓް ކޮށްފައި ނުވާ ކަމަށާއި އެހެންވެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް އެ މައްސަލަ ފޮނުވިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމުގައި އިތުރަށް ބަލަންޖެހޭ ކަމެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ގަވައިދު ކޮމިޓީން ފާހަގަކުރައްވާފައި ވަނީ މިނިސްޓަރު އޮތީ ކަނޑައެޅިގެން ގާނޫނާ ހިލާފުވެވަޑައިގެންފައި ކަމަށް،"---ނަޝީދު
"މީގައި ސާފުކޮށް ފެންނާން އޮތީ މަސްއޫލިއްޔަތު އަދާކުރެވިފައި ނުވާ ތަން،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓެއްގައި މަގާމު ފުރުއްވަމުން ގެންދަވާ ޒަހާގެ މައްސަލައިގައި ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން، ޒަހާގެ މައްސަލަ ބަލައި މަޖިލިހުގެ ތަޅުމަށް ރިޕޯޓެއް ފޮނުވިދާނެ އެވެ. އެކަމަކު އެ ރިޕޯޓުގައި ވެސް އޮންނާނީ މަސްއޫލިއްޔަތު އަދާ ނުކުރެއްވި ވާހަކަ ކަމަށް ވިދާޅުވި އެވެ.
ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި: ރެސިޑެންޓް ވިސާގެ މައްސަލައާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެ މަނިކުފާނަށް ވަނީ އަމާޒުވެފައި
"އެހެންވީމާ އަޅުގަނޑު އިއްޒަތްތެރި މެމްބަރުންނަށް ދަންނަވާން އޮތީ ވަޒީރު މަސްއޫލިއްޔަތު އަދާނުކުރެއްވީމާ އަމަލުކުރާ ގޮތް އިއްޒަތްތެރި މެމްބަރުންނަށް ވަރަށް ބޮޑަށް ސާފުވެވަޑައިގަންނަވާނެ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު އެ ވިދާޅުވީ ބެލެވޭ ގޮތުގައި މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހޭ ވާހަކަ އެވެ.
ޒަހާގެ އިސްތިއުފާ އަށް ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ މެމްބަރުން މީގެ ކުރިން އެކި ފަހަރު މަތިން ގޮވާލާފައި ވެ އެވެ. އަދި މަޖިލީހުގައި ޒަހާ ދެއްވި ބައެއް ޖަވާބުތަކާ މެދު ނަޝީދު ވެސް ހިތްހަމަނުޖެހުން ފާޅުކުރައްވާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހިންމު
26 August 2020
އެނގޭ އެއްޗަކީ ކަމެއް ކުރާ މީހަކީ އެއީކަން. ކުރަން ކެރޭ މީހަކީވެސް އެއީކަން. އަދި އެނމެން ބިރުގަންނަ މީހަކީވެސް އެއީކަން. ސާބަހޭ ރައީސް ނަޝީދު.
ނަން
26 August 2020
އެޗް ޕީ އޭ ގެ ޤަވާޢިދު މުގުރީ މަގުމަތީގަ މުޒާހަރާ ކުރި ކުދިން. ވަރަށް ސާފު
ޙިނި
26 August 2020
ބޮޑު މުސާރާލަ ދީފަ ކަންކަން ނުވާމީހުން ލައިގެން ކީއްބާ މިކުރަނީ؟
Happy
26 August 2020
ޢަސްލުވެސް ބޭކާޜު މިނިސްޓަރެއް..!
ޢާބިދާ
26 August 2020
ފައްކާ ޑިކްޓޭޓަރެއް!
ބަހާ
26 August 2020
ޒަހާ މަސްއޫލިއްޔަތު އަދާނުކޮށްގެން ވާހަކަ ދައްކާ މީހާ އަމިއްލަ ވެރިކަމުގައި ގާޒީއެއްގެ މައްސަލާގައި މަސްއޫލިއްޔަތު އަދާކުރި ތަނެއްވެސް ނުފެނުނު.
އަކީނޯ
26 August 2020
ރަގަޅު ވާހަކަ ފުޅެއް. އަމީން ވަނީ މަސްއޫލިއްޔަތު އަދާކޮށްފަ. މަލީހުވެސް އެކަން ކުރަމުން އެބަދޭ. ކޮޓަރިކޮޅު ބޮޑުކޮށް ދޮންކޮށް އަޗާތަޅައިފި. ޒަހާވެސް ރުފިޔާ މަންޑެއްޔެއް ދިރުވާލީ މާ ހުންނާނީ މަސްއޫލިއްޔަތު އަދާކުރެވިފަ. އޭރުން ގެންދާނެ މަސްއޫލިއްޔަތު އަދާކުރިވަރު ބަލަން ކޮމެޓީއަށް. ހެޔޮވަރު އަދަދެއްނަމަ އެކަން އެއޮތީ އަދާވެފަ.
އަކު
26 August 2020
އަސްލުވެސް މަގާމުގެ ޒިންމާ އަދާނުކުރެ. އަހަރެމެންގެ އަތޮޅުގަ މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއްނެތް. ބޯޓެއް ނޯވޭ. މަސްވެރިންގެ ހިތްތައް މަރުވެއްޖެ. އަވަހަށް ޒަހާ އިސްތިފާދެއްވާފަ މިކަންތައް ހައްލުކުރެވޭ ވަރުގެ ވެރިއެއް ހޯދަންޖެހޭ. އިބޫ ހުރީ ހުރިހާ މިނިސްޓްރީ އަކަށްވެސް ވަޅޯ މީހުންލާފަ. ހިންގުންތެރިއެއް މިނިސްޓްރީވެސް ނެތް.
ފަހުދު
26 August 2020
މިސްޓަރ ބީން މިއީ ވަރައް މަޖާމީހެއް
ވޭޓަރުސޮރު
26 August 2020
މިހާރު މާވާހަކަފުޅު ގިނަވެއްޖެ!އަވަހަށް ބޭރުކޮށްލައްވާ!އަޅުގަނޑުމެންވާނީ ސުޕަރ މެޖޯރިޓީ ދީފަ!