29 އޯގަސްޓް 2020 - 07:32
ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ މިލްކިއްޔާތު 200 ބިލިއަން ޑޮލަރަށް އަރައިފި އެވެ.
މި ޝަރަފާ އެކު 56 އަހަރުގެ ވިޔަފާވެރިޔާ ވެފައިވަނީ މިހާތަނަށް މިލްކިއްޔާތު 200 ބިލިއަނަށް އެރި ފުރަތަމަ މީހާއަށެވެ. ބްލޫމްބާގް ބިލިއަނާޒް އިންޑެކްސް އިން ދައްކާ ގޮތުގައިގެ ބެޒޯސްގެ މިލްކިއްޔާތު 202 ބިލިއަން ޑޮލަރަށް އެރީ ބުރާސްފަތި ދުވަހު އެވެ.
އެމެޒޯން 1994 ގައި ވުޖޫދަށް އައި ފަހުން ވިޔަފާރީގެ ދާއިރާ އިން ކުންފުނި އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައި އާމްދަނީގެ ރޭހުގެ އެންމެ ކުރީގައި ވާދަކުރަމުންމެވެ.
Jeff Bezos becomes the first person ever worth $200 billion https://t.co/2RK31ZJZH1 pic.twitter.com/VW6NtPs5DZ
— Forbes (@Forbes) August 26, 2020
އެގޮތުން މުޅި ދުނިޔެ މި ވަގުތު ތަޖުރިބާކުރަމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެންމެ ބޮޑު ފައިދާއެއް މި އަހަރު ލިބުނު ކުންފުންޏަކީ ވެސް އެމެޒޯނެވެ. އޮންލައިން ވިޔަފާރީގައި މަޝްހޫރު ކުންފުނީގެ ވިޔަފާރި ވަނީ ކޮވިޑާ އެކު އެތައް ގުނައަށް އުފުލިގެން ގޮސްފަ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ބެޒޯސް އަށް އެންމެ ފުރަތަމަ ލިބުނީ 2017 ގަ އެވެ. އެކަމަކު އޭގެ ދުވަސްތަކެއް ފަހުން، ގިނަ ދުވަސްތަކެއް ވަންދެން އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި މައިކްރޮސޮފްޓް ކުންފުނީގެ ކުރީގެ ޗެއާމަން ބިލް ގޭޓްސް އަށް މިދިޔަ އަހަރުގެ ފަހުކޮޅު އަލުން އެ މަގާމު ލިބުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ބެޒޯސް އަލުން އެންމެ މުއްސަނދި މީހާގެ މަގާމު ލިބުނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ވިޔަފާރީގައި އެމެޒޯން ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު، ބެޒޯސް ވެގެންދާނީ ދުނިޔޭގެ ފުރަތަމަ ޓްރިލިނިއަރަށެވެ.
ބެޒޯސްއާ އެކު މިހާރު ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރެއިން މިލްކިއްޔާތު 100 ބިލިއަން ޑޮލަރު އަރަނީ ވަނީ އެންމެ ހަތަރު މީހެކެވެ. އެއީ ބެޒޯސް އާއި ގޭޓްސްގެ އިތުރުން ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގްގެ އިތުރުން ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކެވެ. ގޭޓްސް، 64، ގެ މިލްކިއްޔާތަކީ 105.6 ބިލިއަން ޑޮލަރެވެ. މި މަހުގެ 6 ގައި ޒަކަބާކް، 36، ގެ މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށް އެރި އިރު 49 އަހަރުގެ އީލޮން 100 ބިލިއަން ޑޮލަރު ހަމަކުރީ ބުރާސްފަތި ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާތެރަޕީ
29 August 2020
މިގައު މުގަ އުޅޭ ރިސޯޓް އޯނަރުން މީ ބޮނބިނަރުންދޯ..