ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސްޓާފުން ކޮވިޑް-19 ގެ ޓެސްޓުތައް ހަދަނީ: އެ ރަށުގައި ކޮވިޑް ފެސިލިޓީއެއް ގާއިމްކުރަން ވަނީ ނިންމާފައި. -- ފޮޓޯ: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ފޭސްބުކް
01 ސެޕްޓެމްބަރ 2020 - 12:59
ގދ. ތިނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު، ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދޭން ދެކޮޅު ހަދައި އޭނާ އެ ރަށަށް ނޭރުވި މައްސަލަ ބޮޑުވުމުން ތިނަދޫގައި ފެސިލިޓީއެއް ހަދަން ސަރުކާރުން ނިންމައިފި އެވެ.
ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް ވަނީ ޓުވިޓާ މެދުވެރިކޮށް މިކަން ތިނަދޫގެ ރައްޔިތުންނާ ހިއްސާކުރައްވައި ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެކަމަކު މި ފެސިލިޓީގެ ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
ގއ. ވިލިނގިލީގައި 23 އެނދުގެ ކޮވިޑް ފެސިލިޓީއެއް ހެދީ ގއ. އަތޮޅާއި ގދ. އަތޮޅުން ކޮވިޑަށް ޕޮޒިޓިވްވެ ބަލީގައި ބޮޑުވަރުވާ މީހުންނަށް ފަރުވާ ދިނުމަށެވެ. އެކަމަކު ތިނަދޫން ޕޮޒިޓިވްވެ ފަރުވާ އަށް ވިލިނގިއްޔަށް ފޮނުވި 68 އަހަރުގެ މިހާ އެ ރަށަށް ނޭރުވުމުން ސަރުކާރަށް ޖެހުނީ އެއާޓެކްސީއެއް ފޮނުވައިގެން އޭނާ މާލެ ގެންނާށެވެ.
މާލެ އާއި ހުވަދު އަތޮޅާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަަކަށް އުޅެނިކޮށް ޕޮޒިޓިވްވި އެ މިހާ ވިލިނގިއްޔަށް އަރުވަން ދެކޮޅު ހެދި މައިގަނޑު ސަބަބަކީ ބައެއް މީހުން ބުނާ ގޮތުގައި، އެ ރަށުގައި ކޮވިޑް ފެތުރިދާނެ ކަމުގެ ބިރެވެ. އަނެއް ބަޔަކު ތުހުމަތުކުރާ ގޮތުގައި ފަހަތުގައި އޮތީ ސިޔާސީ ކަމެކެެވެ. ވިލިނގިލީ ހޮސްޕިޓަލުގެ އިސް ބޭފުޅަކު ވެސް ތުހުމަތުކުރެއްވި ގޮތުގައި އެއީ، ސަރުކާރާ ދެކޮޅަށް ބަޔަކު ނުކުމެ ހިންގި ކަމެކެވެ. އެކަމަކު، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން، މި ވާހަކަތައް ދޮގު ކުރައްވަ އެވެ.
އޭނާ ވިދާޅުވީ ތިނަދޫގައި އެކަށީގެންވާ ވަސީލަތްތައް ހުރެ ވިލިނގިއްޔަށް އެ މީހާ ފޮނުވާލިއިރު ފަރުވާ އަށް ހޮސްޕިޓަލް ތައްޔާރުވެފައި ނުވާ ކަމަށެވެ. އެތަނަކީ ހައި ރިސްކު ބަލި މީހުންނަށް ޚާއްސަ ކުރި ތަނަކަށް ވިޔަސް ފަރުވާ ދެވޭނެ އިންތިޒާމްތަކާއި ވަސީލަތްތައް ނެތް ކަމަށް އޭނާ ވިދާޅުވެ އެވެ.
ރާއްޖެ އިން ކޮވިޑް-19، މިދިޔަ މާޗް 7 ގައި ފެނުމާ އެކު ސަރުކާރުން އަމާޒު ހިފީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އެ ބައްޔަށް ފަރުވާ ދެވޭނެ ނިޒާމު ގާއިމް ކުރުމަށެވެ. ވިލިނގިލީގެ އިތުރުން ލ. ގަމާއި ށ. ފުނަދު އާއި ބ. އޭދަފުއްޓާއި އައްޑޫގައި ވަނީ ފެސިލިޓީތައް ގާއިމްކޮށްފަ އެވެ. މި ފެސިލިޓީތަކުގައި މިހާރު ވަނީ ޚިދުމަތް ފަށައިފަ އެވެ. އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި މި ފެސިލިޓީތަކުގައި ކޮވިޑް-19 ގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދެވޭނެ ގާބިލްކަން ހުންނާނެ އެވެ. ކޮވިޑް-19 އަށް ހާއްސަކޮށްގެން ފުރަތަމަ ފެސިލިޓީއެއް ގާއިމް ކުރީ ހުޅުމާލޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުއްދާ
02 September 2020
ތިކަން ކިތަންމެހާވެސް ރަނގަޅު. އެކަމަކު ތީކީ އަދި ޙައްލެއް ނޫން. އެހެން ނަމަވެސް ބަލިމީހާ ވިލިނގިއްޔަށް ނާރުވަން ކުރި މުޒާހަރާއަކީ ވަރަށް ދަށުދަރަޖައިގެ ލާއިންސާނީ ޢަމަލެއް. އެކަން ކުރި މީހުންނަށް ޙައްޤު އަދަބު ދޭންޖެނޭނެ. އެމީހުންގެ ސަބަބުން ވިލިނގިއްޔަށާއި އެރަށު ރައްޔިތުންނަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔައީ
ޙަސަން އަޙްމަދު
02 September 2020
މީ ވެސް ދައުލަތެކޯލަ! ކޮބާޔޯ މިފަދަ ކަންކަމާ ކުރުމަތިލާން އޮންނަ އުސޫލު؟
މަގޭކޮމެންޓް
01 September 2020
ތީ އެކަމުގެ ހައްލު ކަަމަށް ދެކެންޏާ އެއްވެސް ރަށަކުން އެއްވެސް ރަށަކަށް، ކޮވިޑް ކީއްކުރަން އެހެން ބަލި މީހެއްވެސް އަރުވާނެ ކަމެއް ނެތް. އޭރުން ކޮންމެ ރަށެއްގައިވެސް ހުންނާނެ ފެސިލިޓީސް ހަމަވެފަ.
މިހުއްޓޫ
01 September 2020
ގަބީލާ ވިސްނުން ދޫކުރޭ......ތަމެން ތިއުޅެނީ 21 ވަނަ ގަރުނުގަ.
ރަށުމީހޫން
01 September 2020
ގއ. ވިލިގިލީގަ ހުރި އެއްވެސް އެއްޗެއް ނުގެންދާނެ ނުވެސް ގެންދާނެ. މިހާރު ސަރުކާރުންގެ ނިންމުމަކީ ގއ.އަތޮޅުގަ ފެސިލިޓީ ހުރި ގޮތަށް ހަމަ އެފެންވަރުގެ ފެސިލިޓީއެއް ގދ.އަތޮޅުގަ އަޅައިދިނުން. އެހެންވީމަ ކޮންމެ އަތޮޅެއްގަވެސް ކޮންމެ ރަށެއްގަވެސް ފެސިލިޓީ އަޅާދޭނެ ރައްޔިތުން ނިކުމެ މުޒާހަރާކުރަން ފަށާ... ހެހެހެހެހެ
މުލޭ
01 September 2020
ތިއީތޯ ޙައްލަކީ؟ ތިއީ ޙައްލުކަމުގައި ވާނަމަ ތިޔަގޮތަށް ޙައްލުކުރަން ބައިވަރު ކަންކަން ހުންނާނެ.
ނުހަނު
01 September 2020
މިކަމުގަވެސް އެންމެ ފަހުން މިޖެހެނީ ހަމަ ސަރުކާރު ބޮލަށް....ބަޔަކު ބޭނުންވިޔަސް ނުވިޔަސް ސަރުކާރުން ފިޔަވަޅު އަޅަންވާނެ... މިކަން މިހެން ވުމުން ދެން ނުކުންނާނީ އަތޮޅު ހޮސްޕިޓަލްތަށް... އެތަނަށްވެސް އެރިޔަ ނުދޭނެ... ސަރުކާރުގެ ތަނަކަށް ސަރުކާރުގެ ބާރު ނިހިންގޭނެހާ ވަރެއް އަދި ތިރަހުގަ ނެތް....
ކަކުނިބޯ
01 September 2020
ތީދެން ކިހާބޮޑު ޖޯކެއް ކޮން މެ މީހެއްގެ ގޭފުރަގަހުގައި ކޮވިޑް ފެސިލިޓިއެއްހަދަންވީނު. ދައުލަތަށް ބާރުވެރިކަންދީފައޮންނަނީ ތިގޮތަށް މައްސަލަ ހައްލުކުރާކަށް ނޫން. އެގިއްޖެތަ
ވައިސޫރި
01 September 2020
ސުކުރިއްޔާ ވިލިގިލީގާ ހުރިތަކެތި ނުގެންގޮސްވޭތޯ ބަލާތި އެއީ ސަރުކާރުގެ ބާރުހިނގާރަށެއް ހެނެއްހިއެއްނުވޭ