ރާއްޖޭގެ ރިސޯޓެއް. މިމަހުގެ 10 އަކުން ފެށިގެން ރާއްޖެއަށް އަންނަ ޓޫރިސްޓުން ޕީސީއާރު ޓެސްޓެއް ހަދައި ނެގެޓިވްކަމުގެ ސެޓްފިކެޓެއް ގެންނަން ޖެހޭނެ
02 ސެޕްޓެމްބަރ 2020 - 16:02
ކޮވިޑް-19 އަށް ޓެސްޓްކޮށް، އެ ބަލި ނެތްކަން އެނގޭނެ ލިޔުމަކާ އެކު ނޫނީ މި މަހުގެ 10 އިން ފެށިގެން ޓޫރިސްޓުންނަށް ރާއްޖެ ނާދެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީ ރޭ ކުރި ޓުވީޓެއްގައި ބުނީ ޓޫރިސްޓުންނާއި ރާއްޖެ އަށް ކުރު މުއްދަތަކަށް ޒިޔާރަތްކުރާ އެންމެން ވެސް ޕީސީއާރު ޓެސްޓެއް ހަދައި، ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމުގެ ސެޓްފިކެޓެއް ގެންނަން ވާނެ ކަަމަށެވެ. އެ އުސޫލަކީ ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އެންމެންގެ ސަލާމަތަށްޓަކައި ހެލްްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމި ނިންމުމެކެވެ.
ޕީސީއާރު ޓެސްޓު ހަދަން ޖެހޭނީ ރާއްޖެ އަންނަން ފުރުމުގެ އެންމެ ގިނަވެގެން 72 ގަޑިއިރުގެ ތެރޭގަ އެވެ.
ރާއްޖެ އަށް ޓޫރިސްޓުން ގެނައުމުގައި ސަލާމަތީ ފިޔަވަޅު ވަރުގަދަަކޮށްފައި މި ވަނީ އަންނަ މަހުގެ 15 ގައި ގެސްޓް ހައުސްތައް ވެސްް ހުޅުވަން ނިންމާފައި ވަނިކޮށެވެ. މިގޮތަށް އުސޫލު ބަދަލުކުރައްވާނެ ކަމަށް ޓޫރިޒަަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާދީއްތަ ދުވަހުގެ ރޭ އޮތީ ވިދާޅުވެފަ އެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މައުސޫމް ވިދާޅުވެފައި ވަނީ ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވައިލީ ވަރަށް ލުއި ފަސޭހަކޮށް ކަމަށާއި ނަމަވެސް ކޮވިޑް-19 އަށް ނެގެޓިވްކަން ޔަގީން ކުރުމަށް ފަހުގައި ނޫނީ ނާދެވޭ ގޮތަށް އުސޫލު ވަރަށް އަވަހަށް ބަދަލު ކުރައްވާނެ ކަމަށެވެ.
އެކަން އެގޮތަށް ބަދަލު ކުރައްވަނީ ޓޫރިސްޓުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އޭރުން ވަރަށް ގިނަ ޓޫރިސްޓުންނަށް އިތުރު ޔަގީން ކަމެއް ލިބިގެން ދާނެ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ. އެ ވެސް ވާނެ އަޅުގަނޑުމެންގެ ނަމްބަރުތައް އިތުރު ކުރުމަށް މުހިންމު ކަމަކަށް. އޭގެ ޒާތުގައި ރާއްޖެ އަކީ ދުނިޔޭގެ ޑެސްޓިނޭޝަންތަކުގެ ތެރެއިން އެންމެ ބަރާބަރު ގައުމު ސަލާމަތާއެކު އައިސް ޗުއްޓީ ހޭދަކޮށްލާފައި ދާން،" މިދިޔަ މަހު މަގާމާ ހަވާލުވެވަޑައިގެންނެވި މައުސޫމް ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މުޅިން ހުއްޓިފައި އޮތުމަށް ފަހު، އަލުން ހުޅުވައިލި ނަމަވެސް އަދި ޓޫރިސްޓުން އަންނަމުން ދަނީ ވަރަށް މަދުންނެވެ. ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އަދިވެސް މަދެއް ނުވެ އެވެ. މިހާރު ވެސް ކޮންމެ ދުވަހަކު 100 އިން މަތިން އާ ކޭސްތައް ފެނެ އެވެ. އެއާ އެކު ރާއްޖޭގެ ކޮވިޑް ކޭސްތަކުގެ އަދަދު މިއަދު ވަނީ 8،000 އަށް ވުރެ މަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަޒީރާ 07
03 September 2020
ބަލަ ފްލަިއިޓަކަށް ނާރުވާ ކޮވިޑް ޓެސްޓް ޕޮސިޓިވް ވެއްޖެޔާ. ހަމަ ބުނެލީ
އުމަރުބެ
03 September 2020
ކޮވިޑް ޓެސްޓް ހަދައިގެން އަންނަ ޓޫރިސްޓުން ކޮރަންޓީން ވާން ނުޖެހޭކަންވެސް އިއުލާންކުރަންޖެހޭ
ޚަކަޖެ9
02 September 2020
މިހާރު ރަނގަޅު އެބަވޭ. މިގޮތަށް ވިސްނުން ހުރެގެން މިކަން ކޮންޓްރޯލް ކުރެވެން އޮތީ، ކޮމިއުނިޓީ ޓްރާންސްމިޝަން ހުއްޓުވަންވެސް އިތުރު ކަންތައްތައް ކުރެވެންޏާ ކުރަންވީ ހަމަ
އަލީގ
02 September 2020
އެންމެ ފުރަތަމަވެސް ތިކަން ކުރަންޖެހޭނެ ގޮތަކީ ތިއީ. އެއްވެސް ޝަރުތެއްނެތި ޓުއަރިސްޓުންނައް މިގައުމައްއާދެވޭނެގޮތައް ހުޅުވާލުމުން އަންނަމީހުންގެ އަދަދު ގިނަވުމުގެ ބަދަލުގަ ވާނީ މަދު އެއީ އަންނަންބޭނުންވާމީހާއައްވެސް މިގައުމުގެރައްކާތެރިކަމާމެދު ޔަގީންކަން ކުޑަވާނެތީ.
އޮނަރަބްލް އަފީފު ދީދީ
02 September 2020
ޓްއަރިޒަމް މިނިސްޓްރީގެ ނިންމެވުމަށް މަރުޙަބާ ދަންނަވާ ޑރ މައުސޫމްގެ ޖެހިލުން ކުޑަކަމަށް ތާރީފު ކުރަން. # ފަތުރު ވެރިޔާ އަންނައިރު 72 ގަނޑި އިރު ނުވާ ކޮވިޑް ނެގަޓީވް ސެޓިފިކޭޓް ގެންނާންޖެހޭ ފަދައިން އޭނާ އަންނަ ރަށުގައި ތިބި އެހެން މީހުންނަކީވެސް ކޮވިޑަށް ޓެސްޓް ކުރެވިފައިވާ ބައެއްކަމުގައި ވާންޖެހޭނެ. # މިގޮތުން ރިސޯޓް ތަކުގެ ވަޒީފާއަށް އަންނަމީހާގެ މައްޗަށްވެސް މިކަން ލާޒިމްކޮށް ރިސޯޓްގެވަޒީފާއާއި އެހެންބޭނުންތަކުގައިވެސް ރިސޯޓަށް ދެވޭނީ ވެސް ނެގަޓިވްމީހުނަށްކަމުގައިހައްދަވާ.
ނެކްސްޓް
02 September 2020
އެއްވެސް ތައުލީމެއް ނެތް މީހުންނަށް އެކަށީގެންނުވާވަރުގެ ބޮޑެތި މަޤާމުތައް ދިނުމުގެ ނަތީޖާ ހިތިކަން މިހާރު ސަރުކާރަށް އިހުސާސްވާނެ ކަމަށް އުންމީދުކުރަން. ސިޔާސީ މަގާމުތައް އުވާލާ ޕާޓީތަކުގެ އެކްޓިވިސްޓުންނަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ބޭކާރު ޙަރަދުކުރުން ހުންޓާލަންޖެހޭ
ޙިނި
02 September 2020
އެކިގައުމުގަ އެކިގޮތައް އަމަލުކުރަންޏާ ތި ލިޔުން ހޯދަން އުންދަގޫ ކަމަކައްވާނެ.