މިއަދު މީޑިއާ ބްރީފިންގެ ތެރެއިން (ކ-ވ) އީޕީއޭގެ ޑީޖީ ނައީމް، ކޯސްޓް ގާޑުގެ ކޮމާންޑަންޓު ކާނަލް މުހައްމަދު ސަލީމް އަދި މެޓުގެ ޑިރެކްޓަރު އަހުމަދު ރަޝީދު.
04 ސެޕްޓެމްބަރ 2020 - 17:20
ސްރީ ލަންކާ ކައިރިން ދަތުރުކުރި ބޮޑު ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެ އަނދަމުން ދިޔަޔަސް، ރާއްޖޭގެ ކަނޑަށް ތެޔޮ އެޅުމުގެ ބިރެއް މިހާތަނަށް ނެތް ކަމަށް ރާއްޖޭގެ ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.
ކުވައިތުން އިންޑިއާ އަށް ދަތުރުކުރި 270،000 ޓަނުގެ ތެޔޮ ހުރި ޓޭންކަރު ލަންކާ ކައިރީގައި ރޯވެ އަނދަމުންދާތީ އެ ޓޭންކަރު ސަލާމަތް ކުރުމުގެ މަސައްކަތް ލަންކާ އާއި އިންޑިއާ އާއި ރަޝިއާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުން ދަނީ ކުރަމުންނެވެ. މިހާތަނަށް އެ އުުޅަނދުން ތެޔޮ ލީކުވެފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އެންވަޔަރްމަންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްޓް ގާޑްގެ ޕްރޮންސިޕަލް ޑައިރެކްޓާ ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ، އެ ހާދިސާގައި ރާއްޖޭގެ ކަނޑަށް ތެޔޮ އެޅި، ގެއްލުމެއް ލިބިދާނެތީ ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައި ބޭރުގެ ފަރާތްތަކާ ގުޅިގެން އެކަން ގާތުން ބަލަމުން އަންނަ ކަމަށެވެ. މިހާތަނަށް ބެލި ބެލުމުން އެފަދަ ނުރައްކަލެއް ނެތް ކަމަށާއި އޮޔާއި ވައި ހުރިގޮތުން ނުރައްކާ އިތުރަށް ކުޑަވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަޔާ އިންސިޑެންޓަކާ ދިމާވެގެން އޮއިލް ލީކް ނުވާނެއޭ ނުދެންނެވޭނެ. އެހެން ނަމަވެސް މިހާރުގެ ސިޗުއޭޝަނަށް ބަލާއިރު، އެއްވެސް ކަހަލަ ތިލަ ތަނަކާ ދިމާ ނުވަތަ ފަރަށް އަރާ އެކަހަލަ އިޝޫއެއް ނެތް. އެހެންވީމާ ހަލްއަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ވަރަށް ކުޑަ،" ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި އޮތް މީޑީއާ ބްރީފިންގައި ސަލީމް ވިދާޅުވި އެވެ.
"އެހެން ނަމަވެސް ހޫނު ގަދަވެގެން އިތުރަށް ގޯސްވާ ނަމަ ލީކުވުމުގެ ފުރުސަތު އޮންނާނެ. ނަމަވެސް މިހާރު އަޅުގަނޑުމެންނަށް ލިބޭ އަޕްޑޭޓަށް ބަލާއިރުގައި ތެޔޮ ލީކުވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ސްރީ ލަންކާގެ ފަރާތުން މައުލޫމާތު ދެނީ."
މިއަދުގެ މީޑިއާ ބްރީފިންގައި ކޯސްޓް ގާޑުގެ ކޮމާންޑަންޓް ކާނަލް ސަލީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
ސަލީމް ވިދާޅުވި ގޮތުގައި ކަނޑަށް ތެލުގެ އަސަރު ކުރިޔަސް، ތެޔޮ ސާފު ކުރެވޭނެ އާލާތްތަކާއި ސާމާނު ރާއްޖޭގައި މިހާރު އެބަހުއްޓެވެ. އެފަދަ ހާދިސާއެއް ދިމާވެދާނެތީ ކުރިން ވެސް ތައްޔާރު ވެފައިވާ ކަމަށާއި އެ ހާދިސާގައި މިވަގުތު އޮތީ ގައުމީ ލެވަލްއެއްގައި މަސައްކަތް ކުރަންޖެހޭ ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖަޕާނުގެ އެހީއާ އެކު، އަޅުގަނޑުމެންގެ އަތުގައި އެބަހުރި ތެޔޮ އެޅިއްޖެއްޔާ ކަނޑުން ތެޔޮ ނަގާނެ ގޮތާއި ފިޒިކަލީ ތަންތަނުގައި ހަރުލީމާ ސާފުކުރާނެ ގޮތާއި ޓެމްޕޮރަރީކޮށް ޓޭންކުތަކަށް އަޅައިގެން އެއްތަނުން އަނެއް ތަނަށް މޫވް ކުރުމާއި އަޅުގަނޑުމެންގެ މުހިންމު ދިމާލަށް، ރިސޯޓަކަށް ނުވަތަ އިންޑަސްޓްރިއަލް މަސައްކަތް ކުރާ ތަނަކަށް ތެޔޮ އެޅިއްޖެއްޔާ ނުވަތަ މީހުން ދިރިއުޅޭ ތަނަކާ ދިމާލަށް އަންނަންޏާމު އޭތި ކޮންޓެއިން ކުރުމަށް ބޭނުންވާ ސާމާނުު،" އޭނާ ވިދާޅުވި އެވެ.
އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ލަންކާ ކައިރީގައި ހިނގި ހާދިސާގައި ރާއްޖޭގެ ކަނޑަށް ތެޔޮ އެޅުމުގެ ފުރުސަތެއް ކުޑަ ވިޔަސް، ރާއްޖެ އޮތީ ވަރަށް ގިނަ ތެޔޮ ބޯޓުތަކެއް ދަތުރުުކުރާ ސަރަހައްދެއްގައި ކަމަށް ވާތީ މިފަދަ ހާދިސާއަކުން ކަނޑުގެ ސަރަހައްދު ސަލާމަތް ވުމަށް ބޭނުންވާ ސާމާނު ދުރާލައި ހޯދާފައި ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
މިއަދުގެ މީޑިއާ ބްރީފިންގައި އީޕީއޭގެ ޑީޖީ ނައީމް (ކ) އަދި ކޯސްޓް ގާޑުގެ ކޮމާންޑަންޓް ކާނަލް ސަލީމް ބައިވެރިވެވަޑައިގަންނަވަނީ.
"އުތުރުގައި އެބަ އޮވޭ ގިނަ އަދަދެއްގެ ތެޔޮ ބޯޓުފަހަރާއި ކާގޯ ބޯޓުފަހަރު ދަތުރުކުރާ ކަނޑުގެ މަގެއް. އެ މަގުން ދަތުރުކުރާ އުޅަނދުތައް މި ދަނީ އުތުރުގެ އަތޮޅުތަކާ ވަރަށް ކައިރިން. އެހެންވީމާ މިފަދަ ހާލަތަކަށް ތައްޔާރު ވެގެން ތިބުމަކީ ވަރަށް މުހިންމު ކަމެއް،" ނައީމް ވިދާޅުވި އެވެ.
ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ އެ ތެޔޮ ޓޭންކަރު ރޯވި ހާދިސާގައި އެއް ފަޅުވެރިއަކު ގެއްލި، އެހެން މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޝީދު.
05 September 2020
އެހެނަސް އެޅިއްޖިއްޔާއޯ؟
ހޯރަބޭ
04 September 2020
ލައްކާއިން ވެސް އެއްމެ ފުރަތަމަ ހޯދީ އިންޑިޔާ އެހީ އާއި މަދަދު. ލައްކާ އަކީ ރާއްޖެއަށް ވުރެ ހައިބަތުގެ ގޮތުން ވެސް ބޮނޑް ގައުމެއް. އަބުދުންރަހީމް މެން ގުދޯ ގުދޯ ގޮވަނި އިންޑިޔާއިން ރާއްޖެއަށް އެހީވާތީ. ބިލިޔަން ޑޮލަރ އިންވެސްޓް އަށްނާތީ. އެކަމް އަދުރޭވެސް ކަނީ އިންޑިޔާ ބިރިޔާނީ ބަލަނި ކަސޯޓީ.
އަބޫބަކުރުބެ
04 September 2020
އަހަރެމެން ނޫޅެން ކަނޑަށް ތެޔޮއެޅިދާނެތީ ބިރަކުންނެއް. މިހާރުވެސް ކިހާކުންޏެއް ކަނޑަށްމިއަޅާލަނީ. ހޭވެސް އަހާލާނެމީހަކު ނުވޭ. ދެން ތިމާވެށީގެ ބައްޕަދުވާނެ މުޅިދުނިޔޭގާ ނަސޭހަތްދެމުން ތިމާވެށި ރައްކާތެިކާތެށޭކިޔާފާ. ދިވެހިކަނޑަށް ކިތޭވަރަށް ޕުލާސްޓިކުއެޅިއަސް އޭނާއަކަށްނުވޭ މާބޮޑުކަމަކަށް.
ރަދީފުގެ ކުމާރުގެ މަރޭމިތުރާ
04 September 2020
ރާއްޖޭކަނޑަށް ތެޔޮނޭޅުމާ އެހިސާބުން އެނިމުނީދޯ!
ނެތީމޭނެތީމޭ
04 September 2020
ތިޔާ ކަން ބަލަން އިންޑިއާގެ މަނަވަރު އިންޑިއާގެ ސަހަރުގެ މޭޔަރު ބުނެގެން ނުގެނޭތޭ މަމެން ތަމެން މޭޔަރު އޮފީހުން އަހާލަން ބޭނުންވެއޭ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ...
ފޫހި
04 September 2020
ވަރަށް ފޮނިކަނޑާނެ. ކޮވިޑް އާގުޅޭގޮތުން ވެސް ތިޔަކަހަލަ ފޮނިކެނޑި.
މޯޑޭ
04 September 2020
ނައީމްބެ ތިބުނާ އާގުބޯޓްފަހަރު ދަތުރު ކުރާ މަގަކީ ދިވެހިންނަށް އެތަށް ބިލިޔަން ޑޮލަރެއް ހޯދިދާނެ މަގުތަކެއް. ސަރުކާރު ތަކަށް މިކަން އެގޭއިރުވެސް އެފަދަ އިންވެސްޓް ނުކުރަނީ ކީއްވެނާ?
ޗާއޯ
04 September 2020
ރާއްޖޭގެ ކަނޑެއްނޯންނާނެ.
ކަނޑުބަނޑު
04 September 2020
ރާއްޖެއައް ވުރެ ބޮޑު ކަނޑު އޮތީ ކޮންތާކު
އާރީ
04 September 2020
އަދުރޭ މެން މިކަން ވެސް ސިޔާސީ ނުކޮށްފިންޔާ ރަގަޅު