ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ދަރުބާރުގޭގައި ބާއްވަނީ. - ފޮޓޯ: ނިހާން/ޓުވިޓާ
27 އޮކްޓޯބަރ 2016 - 12:17
ޕީޕީއެމްގެ ހަރު މުދަލާއި މެމްބަރުންގެ ޑޭޓާބޭސް އާއި ލިޔެކިޔުންތައް އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްދިނުމަށް އެދި، އެ މަނިކުފާނު ފެކްޝަނުން ޕީޕީއެމްގެ ރަސްމީ އޮފީހަށް ފޮނުވި ސިޓީއާ ހަވާލުނުވެ އަނބުރާ ފޮނުވާލައިފި އެވެ.
ޕާޓީ ދެ ފަޅިކޮށްގެން ހިންގަމުންދާ އިރު، ރަސްމީ އޮފީސް އަދިވެސް ހިންގަނީ ހ. ތެމާގަ އެވެ. އެ އޮފީސް ހިންގަނީ، ޕާޓީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުންނެވެ.
މައުމޫން ފެކްޝަނުން އައްޔަންކޮށްފައި ހުންނެވި ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިއަދު ވިދާޅުވީ ޕީޕީއެމްގެ ރަސްމީ އޮފީހަށް ފޮނުވި ސިޓީއެއް އަނބުރާ ފޮނުވާލީ، އެއީ އެ ޕާޓީ އޮފީހާ ބެހޭ ސިޓީއަކަށް ނުވާތީ ކަމަށެވެ. ޕީޕީއެމް އޮފީހުން ފޮނުވި ސިޓީއެއް ކަމަށް އެޑްރެސްކޮށްފައި އޮތް ނަމަވެސް ހ. ތެމާއަކީ ޕާޓީގެ ރަސްމީ އޮފީސް ކަމަށް ވާ އިރު އެ އޮފީހުން، އެފަދަ ސިޓީއެއް ނުފޮނުވާ ކަމަށް އޭނާ ވިދާޅުވި އެެވެ.
"އޭގައި އޮތީ ޕީޕީއެމްގެ ނަން ޖަހާފައި، އެކަމަކު މި އޮފީހުން މި އޮފީހަށް އެފަދަ ސިޓީއެއް ނުފޮނުވާ. އެހެންވެ ފޮނުވާލީ،" އަލީމް ވިދާޅުވި އެވެ.
އެ ސިޓީ ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އިރު، ރައީސް ޔާމީން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް، ޑރ. އަބްދުﷲ ޚަލީލް ސޮއި ކުރައްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ސިވިލް ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް ޕާޓީ ހިންގެވުމާއި އެކި މަގާމްތަކުގައި ޕާޓީ ތަމްސީލްކުރުމާއި ކައުންސިލްގެ ރިއާސަތު ބެލެހެއްޓެވުމުގެ އިހްތިޔާރު މުސްތަޝާރަށް ދީފައިވާ ކަމަށެވެ. ކައުންސިލުން އެގޮތަށް ނިންމީ ކޯޓު އަމުރާއެކު ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައި ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ހައި ކޯޓުން ތާއީދުކޮށްފައިވާ ސިވިލް ކޯޓުގެ ހުކުމާ އެއްގޮތްވާ ގޮތުގެ މަތިން ޕީޕީއެމް ހިންގެވުމުގެ ޒިންމާ ޕީޕީއެމްގެ މުސްތަޝާރާ ހަވާލުކޮށްފައިވާތީ ޕާޓީގެ ހަރު މުދަލާއި މެމްބަރުންގެ ޑޭޓާބޭސް އާއި ލިޔެކިޔުންތަކާއި އަދި މި ނޫންވެސް ޕީޕީއެމް ހިންގުމާ ގުޅޭ އެންމެހާ ތަކެތި ޕާޓީގެ މުސްތަޝާރާ ހަވާލު ކޮށްދެއްވުން އެދި ދެންނެވީމެވެ،" ސިޓީގައިވެ އެވެ.
ޕީޕީއެމް ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާ ހެދި ޕާޓީ ދެ ބައިވެފައި ވަނިކޮށް އެ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް ސިވިލް ކޯޓުން ހުކުމްކުރީ އެ ޕާޓީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފައިވާތީ، މައުމޫންގެ ފަރާތްޕުޅުން ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގެއްތަ؟
28 October 2016
ފުލުހުން ފޮނުވައިގެން މުދަލާއި ފައިސާ އާއި ހަރު މުދަލާއި މަޑު މުދާ ދަމައިގަންނަންވީނު. ލަދު ކުޑަކަމުގައި ނަޝީދަކަށް ދުލެއް ދިނުމެއް ނެތް. ހަމަ އެކައްޗެއް.
އަހުމަދު
27 October 2016
ހުކުމް ލިޔެލާފަ ކޯޓުތަކަށް ފޮނުވާލާ، އޭރުން ހަވާލުވާނެ، ހުކުމް ޖަހާލަ. ސާބަހޭ!... ކިޔަވައިގެން ތިބި ބުއްދިނެތް މޮޔާން.
ކާޖާ
27 October 2016
ފުލުހުންގެ މަށްޗަށް ކޯޓް އަމުރެއް އައުން ވަަރަށް ކައިރިއެވެ. ނުވަތަ ފުލުހުން ކޯޓްގެ ހުކުމް ތަންފީޒު ކުރުމަށް ކަމަށްބުނެ ޕީޕީއެމްގެ ހަރުމުދަލާއި ލިޔުންތަކާއި ޑޭޓާބޭސް އަތުލުމަށް ނުކުންނާނެއެވެ.
ޚިޔާލް123
27 October 2016
ދެން އޮތް އެޕިސޯޑް ކޯޓުން ހުކުރުދުވަހުގެ ފަތިހު ހުކުމް ޕީ ޕީ އެމް އޮފީސް ގައި ހުރި ހުރިހައި އެއްޗެއް މުސްތަސާރާ ހަވާލް ކުރުން، ޕޮލިހުން ގޮސް އެތަން ހިސޯރުކުރުން، މަޢުމޫން އެންދެރިމާގޭގައި ޕީ ޕީ އެމް ގެ އަސްލު އޮފީހޭ ކިޔައި އޮފީހެއް ހުޅުވުން، މަޖާ ވަނީ ދެން މިވަރަށް ދޯ، ނަމޫނާ ބޭފުޅުން ރައްޔިތުން ނަށް ދައްކައިދެމުން މިދަނީ ނަމޫނާ ޑިމޮކްރަސީ،
ހެޔޮއެދޭ މީހެއް
27 October 2016
ލަދަކާހުތެ ތަދެއް ނުފިލާނެ. ލަދުން ނުހުރެ އެމްޑީޕީ އާއި ގުޅިވަޑައިގަންނަވާ
ހަމްދު
27 October 2016
ކޮއްކޯފުޅާއި، ދުރު ހިލޭ ކެނެރީގޭ މުހައްމަދު ނަޝީދާއި ހުރި ތަފާތު މިހާރު ސާރ އަށް ފެނިވަޑައިގަންނަވާތޯ.
ކަލީމް
27 October 2016
މައުމޫން އމޑޕ އާއި ގެޅެންފެނޭ.
ހުސޭނުބެ
27 October 2016
ތިހެން ބޮޑާ ހާކައިގެން އަދި ފަރަކު ނުޖެހޭނެ!! ކޯޓަށް ގޮސްގެންވެސް ތިކަންވެސް ފުރިހަމަކުރެވިދާނެ!! އޭގެކުރިން ޑިމޮކްރެޓިކް ވެއްޓެއްގައި ޢަމަލުކުރަމުންދާ އުސޫލުން ސިޓީބިޓީ ފޮނުވައިގެން ޙައްލުކުރެވޭތޯ މިބަލަނީ!! އިޖާބަ ނުދެއްވާނަމަ ކޯޓަށް ދެއްތޯ ޙައްލު ހޯދަން ދާންޖެހޭނީ!!
ބޭބެ
27 October 2016
މައުމޫނާއި އޭނަޔާ އެއްބައިވެގެން ޔާމީން ވެރިކަމށް ހޮވަން މަސައްކަތް ކުރި މީހުންނަށް އޮންނާނެ ރީތި އެއްޗެއް ވިސްނިފަ މިހާރު.
ދެނޯ!
28 October 2016
ރީތި އެއްޗެއް ވިސްނިއްޖެ. އެކަމަކު ތިނަ އަހަރު ވީތަނާ ކަލޭމެންގެ ސޮރު އަނގަ ވަތަށް ވެލި ކާން ޖެހުނު ހަނދާން ވުމުން ހުރިހާ އުދާހެއް ފިލައި އުފަލުން ގޮސް ހަތަރު ފަރާތުން އުފާފާގަތިކަން ފެންނަ ފަދަ. 2012 ފެބްރުއަރީ 7 އެއީ ހަޔާތުގަވެސް އައި އެންމެ އުފާވެރި ދުވަސް. ކެކެކ
ފެނޯ
28 October 2016
ތިބުނާވއުފާވެރި ދުވަހުގެ ވަބާއިން ގައުމު ސަލާމަތް ނުވެގެން މިއުޅެނީ.
ކީބެ
27 October 2016
އެއީއެއްނޫންތޯ ެވިދާޅުވާ ރިވެތި ޑިމަކުރަސީ އަކީ.