މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޔާމީ.

29 ސެޕްޓެމްބަރ 2020 - 08:14

އިންޑިއާގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާއެރް) އިން ފިލްމު ހަދާތާ ބައި ގަރުނު ފުރުން ފާހަގަކުރުމަށް ލޯގޯއެއް ނެރެފި އެވެ.

އެ ލޯގޯ އާދީއްތަ ދުވަހު ދައްކައިލީ އެ ސްޓޫޑިއޯގެ ބާނީ ޔާޝް ޗޯޕްޅާގެ 88 ވަނަ އުފަން ދުވަހާ ގުޅުވައިގެންނެވެ. ހިންދީ ސިނަމާ އަށް އައިކޮނިކް އެތައް ފިލްމެއް ގެނެސްދިން ޔާޝް ވަނީ 2012 ގައި މަރުވެފަ އެވެ.

ލޯގޯއާ އެކު ވައިއާރްއެފުން ވަނީ 50 އަހަރުގެ ކެރިއަރުގެ ބައެއް އުސްއަލިތަކުގެ ވާހަކަ ބަޔާނެއް ވެސް ނެރެފަ އެވެ.

އެ ސްޓޫޑިއޯ ހިންގުމާ ހަވާލުވެ ހުރި ޔާޝްގެ ދޮށީ ދަރިފުޅު އަދިތިޔާ ޗޯޕްޅާ ނެރުނު ބަޔާނުގައި ބުނީ ވައިއާރްއެފްގެ ހުރިހާ ވެސް ކާމިޔާބީ އަކީ އާންމުން ކަމަށާއި އާންމުން މުނިފޫހިފިލުވައި ދިނުމުގައި އަބަދު ވެސް ދެމިތިބޭނެ ކަމަށެވެ.

އެގޮތުން ދެން ގުނަން އޮތީ އިތުރު ބައި ގަރުނު ކަމަށާއި ބެލުންތެރިން ބޭނުންވާ ކަހަލަ ފިލްމުތައް ވައިއާރްއެފުން އަބަދު ވެސް ގެނެސްދޭނެ ކަމަށް ބުންޏެވެ.

ފަންސާސް ވަނަ އަހަރީ ދުވަހާ ދިމާކޮށް ގިނަ ޕްރޮޖެކްޓްތަކެއް އިއުލާންކުރާނެ ކަމަށް ބެލެވުނަސް އަދި އާ އެއްވެސް ފިލްމެއް އިއުލާނެއް ނުކުރެ އެވެ.

"ގިނީ ވެޑްސް ސަނީ" ގެ ޓްރެއިލާ

އަންނަ މަހުގެ 9 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ ރޮމޭންޓިކް ކޮމެޑީ "ގިނީ ވެޑްސް ސަނީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމުގެ ތަރިންނަކީ އެކީގައި އަލަށް ފެންނަ ޔާމީ ގޯތަމާއި ވިކްރާންތު މަސީ އެވެ. "ގިނީ ވެޑްސް ސަނީ" އަކީ ޕުނީތު ކަންނާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި މާންސީ ޝަރުމާ އާއި ސުހައިލް ނައްޔަރާއި ރަޖީވް ގުޕްތާ އާއި އައިޝާ ރާޒާ ފަދަ ފަންނާނުން ހިމެނެ އެވެ.

"ޖާޒީ" ގެ ޝޫޓިން އަންނަ މަހު

ކޮވިޑް-19 ގެ ލޮކްޑައުންއާ ހެދި ޝޫޓިން ހުއްޓުމަކަށް އައިސްފައި އޮތް ޝާހިދު ކަޕޫރްގެ ފިލްމު "ޖާޒީ" ގެ ޝޫޓިން އަލުން އަންނަ މަހު ފަށާ ގޮތަށް ނިންމައިފި އެވެ.

މި ފިލްމަކީ ހަމަ އެ ނަމުގައި މިދިޔަ އަހަަރު ގެނެސްދިން ތެލެގޫ ފިލްމުގެ ރިމޭކެކެވެ. ގޯތަމް ތިނައްނޫރީ ޑައިރެކްޓްކުރި ފިލްމު އޭނާ ހިންދީ ބަހުން ވެސް ހަދާ އިރު ޝާހިދާ އެކު ފިލްމުން ފެންނާނެ ކާސްޓުންގެ ތެރޭގައި މުރްނާލް ތާކޫރާއި ޝާހިދުގެ ބައްޕަ ޕަންކަޖް ކަޕޫރް ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޖާޒީ" ގެ ބާކީ ހުރި މަންޒަރުތަކުގެ ޝޫޓިންގެ ތެރެއިން 15 ދުވަހުގެ މަސައްކަތް ދެހެރާދުން އާއި ޗަންދީގަޅްގައި ކުރިއަށް ގެންދާނެ އެވެ. އަދި ޓާގެޓަކީ މުޅި ޝޫޓިން އެއްކޮށް ޑިސެމްބަރަށް ނިންމުމެވެ.

"ޖާޒީ" އަކީ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ސްޕޯޓްސް ޑްރާމާއެކެވެ.

އަޖޭގެ ފިލްމަށް ކޮރެއާގެ އެކްޝަން ޑައިރެކްޓަރެއް

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް އަޖޭ ދޭވްގަން ކުޅެން ހަމަޖެހިފައިވާ ސުޕަހީރޯ ފިލްމުގެ އެކްޝަން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާނީ ކޮރެއާގެ ފަންނާނެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރީގެ ޑައިރެކްޓަރު ރާހުލް ރަވައިލްގެ ދަރިފުޅު ޝިވް ރަވައިލް ޑައިރެކްޝަނަށް ނުކުންނަ މި ފިލްމަކީ ވައިއާރްއެފްގެ "ދޫމް" ގޮތަށް ފްރެންޗައިޒެއްގެ ގޮތުގައި ގެނެސްދޭނެ ފިލްމެއް ކަމަށާއި ފުރަތަމަ ބައިގައި އަޖޭއާ އެކު އަހާން ޕާންޑޭ ބޮލީވުޑަށް ތައާރަފުކުރާނެ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ. އަހާން އަކީ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ ކަޒިންއެކެވެ.

ވައިއާރްއެފަށް އަޖޭ ކުޅޭ ފުރަތަމަ ފިލްމުގައި އޭނާ ފެނިގެންދާނީ ވަރަށް ވަރުގަދަ ވިލަންއެއްގެ ރޯލުން ކަމަށްވެ އެވެ.

މި ފިލްމުގެ އެކްޝަން ޑައިރެކްޓަރެއްގެ ގޮތުގައި ގެންނަން ވާހަކަ ދެކެވޭ މީހުންގެ ތެރޭގައި ދެކުނު ކޮރެއާގެ އެކްޝަން ޑައިރެކްޓަރު ސީ ޔަންގް އޯ ހިމެނެ އެވެ. އޭނާ އަކީ 2013 ގެ ފިލްމު "ސްނޯޕިއާޒާ" ގެ އެކްޝަން ޑައިރެކްޓަރެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454