ލައިފްސްޓައިލް / ތިމާވެށި

އަވިން ހަކަތަ އުފެއްދުމަށް މާ ފަސޭހަ މާއްދާއެއް

19 އޮކްޓޯބަރ 2020 - 06:30

އަވިން ހަކަތަ އުފައްދަން މިހާރު ބޭނުންކުރާ ސިލިކަން ސޯލާ ޕެނެލްގެ ބަދަލުގައި މުޅިން އާ މާއްދާއެއް ބޭނުންކޮށްގެން ތައްޔާރުކުރާ ޕެނެލަކުން ކަރަންޓް އުފައްދަން ކުރާ މަސައްކަތް ފަސޭހަވެ، ހަރަދު ވެސް ކުޑަކުރެވިދާނެ ކަމަށް ރިސާޗަރުންގެ ޓީމަކުން ބުނެފި އެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީގެ ބައެއްގެ ގޮތުގައި ހިންގާ އޮކްސްފޯޑް ފޮޓޯވޯލްޓެއިކްސް ލިމިޓެޑުން (އޮކްސްފޯޑް ޕީވީ) އިން މީގެ ދެ އަހަރު ކުރިން ފަށާފައިވާ މި ރިސާޗަށް ސިލިކަންގެ ބަދަލުގައި ބޭނުންކުރަމުން އަންނަނީ ޕެރޯވްސްކައިޓްސް ކިޔާ މާއްދާއެކެވެ. މިއީ ކެލްސިއަމް ޓައިޓޭނިއަމް އޮކްސައިޑް އެކުލެވޭ މިނެރަލެކެވެ.

އޮކްސްފޯޑް ޕީވީން ބުނާ ގޮތުގައި ޕެރޯވްސްކައިޓްސް ބޭނުންކޮށްގެން މިހާތަނަށް ކުރި މަސައްކަތްތަކަށް ބަލާއިރު، އަވިން ހަކަތަ އުފައްދަން އެއީ ޕެނަލްތަކުގައި ބޭނުންކުރަން ސިލިކަން އަށް ވުރެ ހުރިހާ ގޮތަކުން ވެސް މާ ރަނގަޅު އެއްޗެކެވެ. އެހެންވެ ޓީމުން މިހާރު ލަފާކުރަނީ ސިލިކަން ސޯލާ ޕެނެލްް ދެން މާ ގިނަ ދުވަސްތަކެއް ނުވެ މާޒީގެ ތެރެއަށް ހިނގައިދާނެ ކަމަށެވެ.

ރިސާޗަރުން ވިދާޅުވި ގޮތުގައި ޕެރޯވްސްކައިޓްސް ޕެނެލަކީ ވަރަށް ފްލެކްސިބަލް އެއްޗަކަށްވާނެތީ މިއީ އިމާރާތްތަކުގައި ބޭނުންކުރަން ވަރަށް ފަސޭހަވާނެ އެއްޗެކެވެ. އޭގެ ސަބަބުން ޕެރޯވްސްކައިޓްސް އިންސްޓޯލްކުރަން ކުރަން ޖެހޭ މަސައްކަތާއި ހަރަދުގެ އިތުރުން އެއިން ކަރަންޓް އުފައްދައިދޭ މިންވަރު ވެސް އާދައިގެ ޕެނަލްތަކަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅުވާބެ ކަމަށެވެ.

ސިލިކަން ސޯލާ ޕެނެލް 1950 ގެ އަހަރުތަކުގައި ތައާރަފުވެގެން އައި އިރު، އެ އެއްޗެހިން ހަކަތަ އުފައްދައިދޭ ނިސްބަތް އުޅުނީ އެންމެ ހަ ޕަސަންޓްގަ އެވެ. ނަމަވެސް ޕެނެލްތައް އެކި ފަހަރު މަތިން ތަރައްގީވެގެން އައިސް ހަކަތަ އުދައްދައިދޭ ނިސްބަތް މިހާރު ހުރީ 22 ޕަސަންޓްގަ އެވެ.

ޕެރޯވްސްކައިޓްސްގެ ތަޖުރިބާ ދައްކަނީ އޭގައި ސިލިކަންގެ ކޯޓެއް ލައިފި ނަމަ އެ ނިސްބަތް 28 ޕަސަންޓް އިތުރުކޮށްދޭ ކަމަށާއި އަދި 40 ޕަސެންޓަށް ވެސް ނިސްބަތް އުފުލިގެންދާނެ ކަމަށެވެ. އެހެންވެ މިއީ ސީދާ ސިލިކަން ސޯލާ ޕެނެލްތަކަށް ވުރެ ރަނގަޅަށް ހަކަތަ އުފައްދައިދޭނެ ވަސީލަތެއް ކަމަށް ރިސާޗަރުންގެ ޓީމުން ބުންޏެވެ.

ޓީމްގައި ހިމެނޭ އޮކްސްފޯޑް ޔުނިވަސިޓީގެ ފިޒިކްސް ޕްރޮފެސަރު އަދި އޮކްސްފޯޑް ޕީވީގެ އެއް ބާނީ ހޭންރީ ސްނެއިތު ވިދާޅުވި ގޮތުގައި ޕެރޯވްސްކައިޓްސް ޕެނެލްތަކަކީ ސިލިކަން ޕެނެލްތަކަށް ވުރެ މަދުން ބޭނުންކޮށް އެކަމަކު ގިނައިން ހަކަތަ އުފައްދައިދޭނެ ވަސީލަތެކެވެ.

"އެއީ ހަކަތަ އުފައްދަން ކުރާ ހަރަދު ބޮޑުތަނުން ކުޑަކޮށްދޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ. "އެހެންވީމާ މިހާރު ކުރަން ޖެހިފައި އޮތް ކަމަކީ މި މޮޑެލް އިތުރަށް ތަރައްގީކޮށް މީތި ބޭނުންކުރެވޭނެ ގޮތް ހެދުން."

ހޭންރީ ވިދާޅުވި ގޮތުގައި ޕެރޯވްސްކައިޓްސް އަކީ ސިލިކަން ޕެނެލްތަކަށް ވުރެ މާ ރަނގަޅަށް ހުރިހާ މޫސުމެއްގައި ހަކަތަ ރައްކާކޮށްދޭ އެއްޗެކެވެ. އެއީ ބޭރާއި އެތެރޭގައި ކަމަށް ވިޔަސް ވެހެވެ. އަދި މިއީ ސިލިކަން ޕެނެލްތަކަށް ވުރެ ފަސޭހަ އިން އުފެއްދޭނެ އެއްޗެކެވެ. އެގޮތުން އިންކްޖެޓް ޕްރިންޓަރެއްގެ އެހީގައި ވޯލްޕޭޕަރެއްހާ ތުނިކޮށް ޕެރޯވްސްކައިޓްސް ޕްރިންޓްކޮށްލެވެ އެވެ.

"މިއީ ހަގީގަތުގައި މިހާރު މި ބޭނުކުރާ ޓިޕިކަލް ޕެނެލްތަކުގެ ބަދަލުގައި ސާފޭސްތަކުގައި ސްޕްރޭކޮށްލެވޭ ނުވަތަ ފަތުރާލެވޭ އެއްޗަކަށް ވާނީ. އޭގެ މާނަ އަކީ އިންސްޓޯލްކުރަން ފަސޭހަވެފައި ބަލަހައްޓަން ވެސް ފަސޭހަވުމުގެ އިތުރަށް އެފިޝަންސީ މާ ބޮޑަށް ވެސް ރަނގަޅުވާނޭ."

ރިސާޗަރުންގެ ޓީމާ އެކު މަސައްކަތްކުރެއްވި ހަތަކައާ ގުޅޭ ތަޖުރިބާކާރު އަދި "ޓޭމިން ދަ ސަން: އިނޮވޭޝަން ޓު ހާނެސް ސޯލާ އެނަޖީ އެންޑް ޕަވާ ދަ ޕްލެޓް" ގެ މުސައްނިފު ވަރުން ސިވަރާމް ވިދާޅުވި ގޮތުގައި ބޮޑު މަންޒަރު މިހާރު ފެންނަ ގޮތަށް ބަލާ އިރު ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ސިލިކަން ސޯލާ ޕެނެލްގެ ޑިމާންޑް ބޮޑުތަނުން ވެއްޓި ޕެރޯވްސްކައިޓްސް ވައިގައި ހިފާނެ އެވެ.

"މިއީ ހަގީގަތުގައި މިހާރު މި ބޭނުކުރާ ޓިޕިކަލް ޕެނެލްތަކުގެ ބަދަލުގައި ސާފޭސްތަކުގައި ސްޕްރޭކޮށްލެވޭ ނުވަތަ ފަތުރާލެވޭ އެއްޗަކަށް ވާނީ. އޭގެ މާނަ އަކީ އިންސްޓޯލްކުރަން ފަސޭހަވެފައި ބަލަހައްޓަން ވެސް ފަސޭހަވުމުގެ އިތުރަށް އެފިޝަންސީ މާ ބޮޑަށް ވެސް ރަނގަޅުވާނޭ." ވަރުން ވިދާޅުވި އެވެ.

އޮކްސްފޯޑް ޕީވީން މިހާރު އަންނަނީ އަންނަ އަހަރު ޕެރޯވްސްކައިޓްސް އިން ސެލް އުފައްދައި ސިލިކަން ޕެނެލްގައި ބޭނުންކޮށް ޖަރުމަންގެ ފެކްޓްރީއަކަށް ބޭނުންވާ ހަކަތަ އުދައްދަން ތައްޔާރުވަމުންނެވެ. އަދި މި ތަޖުރިބާ ކާމިޔާބުވެއްޖެ ނަމަ މިއީ އާދައިގެ ގެއަކަށް ބޭނުންވާ ހަކަތަ އުފައްދަން ސިލިކަން ސޯލާ ޕެނެލް ޖަހަން ކުރާ ހަރަދުން މަދުވެގެން 1،000 ޑޮލަރު ސަލާމަތްކުރެވޭނެ ކަމެކެވެ.

ޕެރޯވްސްކައިޓްސް އުފައްދަން މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި ޖަރުމަންގެ ވާސޯގެ ސެއޯލް ޓެކްނޮލޮޖީޒް ހިމެނެ އެވެ. އެ ކުންފުނީގެ މި ޕްރޮޖެކްޓަށް ޕޮލެންޑްގެ ފޮޓޯވޯލްޓެއިކްސް ކުންފުނި ކޮލަމްބަސް އެނަޖީން 10 މިލިއަން ޔޫރޯ (11.7 މިލިއަން ޑޮލަރު) ގެ އެހީއެއް ވެސް ލިބިފައިވެ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454