ފާތިމާ.
01 ނޮވެމްބަރ 2020 - 08:06
އުމުރުން އެންމެ ތިން އަހަރުގައި ޖިންސީ ގޯނާއާ ކުރިމަތިވި ކަމަށާއި، އޭނާ ވާނީ ކަސްބީއަކަށް ކަމަށް ބުނެ ފުރާވަރުގައި މީހުން ވާހަކަ ދެއްކި ކަމަށް ބޮލީވުޑްގެ ބަތަލާ ފާތިމާ ސަނާ ޝެއިހް ބުނެފި އެވެ.
އާމިރު ޚާންގެ 2016 ގެ ފިލްމު "ޑަންގަލް" އިން ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތުމުގެ ކުރިން ވެސް ފާތިމާ އަކީ ވަރަށް ކުޑައިރުއްސުރެ ވެސް ފިލްމުތަކުގައި މަސައްކަތްކުރު ފަންނާނެކެވެ. ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި، 28 އަހަރުގެ ބަތަލާ ބުނީ ބޮޑުވަމުން އައީ އުނދަގޫ ދުވަސްތަކެއް ތަޖުރިބާކުރަމުން ކަމަށެވެ.
"އެންމެ ތިން އަހަރުގައި ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނު. އެކަމުގެ ސަބަބުން ނަފުސާނީ ގޮތުން ވެސް އެތައް ވޭނެއް އުފުލަން ޖެހުނު. ޖިސްމާނީ ގޮތުން ވެސް އޭރު ވަރަށް ބަލިކަށި،" ތަފުސީލަކަށް ނުގޮސް ފާތިމާ ބުންޏެވެ.
އޭނާ ބުނީ ކުރާނެ އަބުރުވެރި މަސައްކަތެއް ވެސް ނުލިބޭނެ ކަމަށް ވަރަށް ގިނަ ބަޔަކު އޭނާ ގާތު ބުނެ އުޅުނު ކަމަށެވެ. އެހެންވެ އާމްދަނީ ހޯދަން އަންހެނަކަށް ކުރެވޭނެ އެންމެ ފަސޭހަ މަސައްކަތަކީ ހަށިވިއްކުން ކަމަށް ބުނެ މީހުން އެކަމަށް ހިތްވަރު ދީފައިވާ ކަމަށް ފާތިމާ ބުންޏެވެ.
"އަންހެނަކަށްވީތީ އެބަހުރި މުޖުތަމައުގެ ތެރެއިން މިކަހަލަ ކިތަންމެ ކަމަކާ ކުރިމަތިލާން ޖެހިފައި. އެއީ އަދިވެސް ވަރަށް ގިނަ އަންހެނުން ކޮންމެ ދުވަހަކު ވެސް އަޑުއަހަން ޖެހޭ ވާހަކަތަކެއް،" ފާތިމާ ބުންޏެވެ. "އެކަމަކު އަންހެނުންނާ ދޭތެރޭ ދެކޭ ގޮތާއި އެ މީހުންނާ ދޭތެރޭ ކަންތައްތައް ކުރާ ގޮތުގެ ވާހަކަ އެބަޖެހޭ ފާޅުގައި ދައްކަން. އެ މަންޒަރު މިހާރު އެބަ ފެނޭ ވެސް މެ. އޭގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ. އެކަމަކު ގިނަ ދުވަސްތަކެއް ނަގާނެ."
އޭނާ ކިޔައިދިން ގޮތުގައި ބޮލީވުޑަކީ ކުރިއަށް ދާން ފަސޭހަ ދާއިރާއެއް ނޫނެވެ. އެގޮތުން މީގެ ކުރިން ވެސް އެތައް ބަޔަކު ތަޖުރިބާކޮށްފައިވާ ގޮތަށް އަމިއްލަ އަށް ވެސް ކާސްޓިން ކައުޗްގެ ހިތްދަތިކަން ކުރިމަތިވި ކަމަށް ބުންޏެވެ.
"ބައެއް މީހުން އެބަހުރި ނާޖާއީޒު ފައިދާ ނެގުމުގެ ނިޔަތުގައި އޮފާތަކެއް ދީފައި، އެ މީހުން ބޭނުންވާ ކަންކަން ނުވީމަ އޮފާތައް ގެއްލުވާލާފައި ވެސް އެބަހުރި. އެގޮތަށް ކިތަންމެ ޕްރޮޖެކްޓެއް އަހަންނަށް ގެއްލިފައިވޭ،" ފާތިމާ ބުންޏެވެ. "އަދި އަހަންނަށް ދިން ފިލްމުތަކެއް ފަހުން އެހެން ބަތަލާއިން ލައްވައި ކުޅުވާފައި ވެސް އެބަހުރި."
އޭނާ ބުނީ ލީޑިން ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތް ފަހުން ދެން އެންމެ ބޮޑަށް ކުރިމަތިލާން ޖެހުނު އެއް ކަމަކީ ސިފައަށް ބައެއް މީހުން ފާޑުކިޔުމެވެ. އެގޮތުން އައިޝްވާރިޔާ ރާއީ އާއި ދީޕިކާ ފަދަ ރީތި ބަތަލާއެއް ނޫން ކަމަށް ބުނެ ފުރުސަތުތަކެއް ނުދޭން ބައެއް މީހުން އުޅެފައިވާ ކަމަށް ވެސް ފާތިމާ ބުންޏެވެ.
"އަސްލު މިއަދު އާދެވިފައި މި ހުރި ހިސާބަށް އާދެވުނީ ވަރަށް ހިތްވަރުން. އެތަކެއް ރިޖެކްޝަނަކަށް ފަހު،" އޭނާ ބުންޏެވެ.
"ޑަންގަލް" އަށް ފަހު ފާތިމާ ވަނީ ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެއް ވެސް ކުޅެފަ އެވެ. އަދި އެއީ ވަރުގަދަ ދެ ސްޕަސްޓާރުންނާ އެކީގަ އެވެ. އެއީ 2018 ގައި އާމިރާއި އަމީތާބް ބައްޗަނާ އެކު ކުޅުނު "ތަގްސް އޮފް ހިންދުސްތާން" އެވެ. ފާތިމާގެ ދެ ފިލްމެއް މިހާރު ވެސް ރިލީޒްވާން އެބައޮތެވެ. އެއީ ޑައިރެކްޓަރު އަނޫރާގް ބާސޫގެ "ލޫޑޯ" އާއި އަބީޝެކް ޝަރުމާގެ "ސޫރަޖް ޕޭ މަންގަލް ބާރީ" އެވެ.
ފާތިމާ ކުޑައިރު ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާންގެ 2001 ގެ "ވަން 2 ކާ 4" އާއި އާމިރާއި އަޖޭ ދޭވްގަންގެ 1997 ގެ "އިޝްގް" އާއި ކަމަލް ހަސަންގެ 1997 ގެ "ޗާޗީ 420" ގެ އިތުރުން ސުނިލް ޝެޓީގެ 1998 ގެ "ބަޅޭ ދިލްވާލާ" ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުނބު
01 November 2020
ކޮން ޑަންގަލް އެއްތަ އެއީ ދަންގަލް
ކްއިކްގަން މުރުގަން
01 November 2020
މި ހާރުވެސް ތި ކުރަނީ ހަމަ އެފަދަ ކަމެއްނޫންބާ ؟
ދީމާ އިވާ
01 November 2020
މަރުހަބާ ހިއްވަރުގަދަ ބަތަލާ ފާތިމާ..