މިދިޔަ ޖޫން މަހު މާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ރެންޑަމް ސާމްޕަލް ނަގަނީ- ކޮވިޑުން ރައްކާތެެރިވުމުގެ ފިޔަވަޅުތަކަށް އަދިވެސް ސަމާލުވާން ޖެހޭ. ފޮޓޯ: ނިޝާން އަލީ /މިހާރު
01 ނޮވެމްބަރ 2020 - 08:49
"މީދެން އެވަރު ކަމެއްތަ؟ ޖެހުނު މީހުންގެ އަދަދާއި މަރުވި މީހުންގެ އަދަދު ބަަލައިލަބަލަ!" ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތައް އުވާލުން ލަސްވާތީ ހިތްހަމަނުޖެހިފައި ހުރި މީހަކު ބުންޏެވެ.
އޭނާ ދެކޭ ގޮތުގައި ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަަދަދު 11،000 އަށް ވުރެ މަތިވި އިރު އެބަލީގައި މަރުވި މީހުންގެ އަދަދު 50 އަށް ވުރެ ދަށުގައި ހުރުމުން ދައްކައިދެނީ ބަލީގެ ނުރައްކާތެރިކަން ކުޑަކަމެވެ. އެކަމަކު ދިރާސާތަކުން ފެންނަން އޮތީ އެހެންނެއް ނޫނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ހުކުރު ދުވަހު ބުނީ ކޮވިޑް-19ގެ ސަބަބުން އޮތް ނުރައްކަލަކީ ހަމައެކަނި މީހުން މަރުވުން ނޫން ކަަމަށާއި ބަލިން ރަނގަޅުވާ މީހުންނަށް ދިގު މުއްދަތުގައި ސީރިއަސް މައްސަލަތަކެއް ކުރިމަތިވާ ކަމަށެވެ.
"އަޅުގަނޑުމެން އަދިވެސް މިއަންނަނީ މި ވައިރަސް ދަސްކުރަމުން ކަމަށް ވިޔަސް، ސާފުވެފައިވާ ކަމަކީ މިއީ ހަމައެކަނި މީހުން މަރާލާ ވައިރަހެއް ނޫންކަން. ދިގު މުއްދަތުގެ ސީރިއަސް އަސަރުތަކެއް މި ވައިރަހުން ކުރިމަތިކުރުވާ،" ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ހުކުރު ދުވަހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެހެން ބައެއް ބަލިތައް ފަދައިން ހާޑް އިމިއުނިޓީއަކަށް ދިއުމަކީ ކޮވިޑްގައި އަދި ކުރެވެން އޮތް ކަމެއް ނޫން ކަަމަށެވެ.
ޓެޑްރޯސް ވިދާޅުވި ގޮތުގައި ކޮވިޑްގެ ސަބަބުން މީހުންނަށް ކުރާ ދިގު މުއްދަތުގެ އަސަރުތައް ސަރުކާރުތަކުން ބަލައިގަނެ، އެމީހުންނަށް ފަރުވާދޭން ޖެހެ އެވެ. އެގޮތުން ވަކިވަކި ކަންކަމަށް ހާއްސަ ފަރުވާ ދިނުމާއި ރިހެބިލިޓޭޓް ކުރުުމުގެ ޕްރޮގްރާމްތައް ހިންގަން އޭނާ އެދިވަޑައިގެންނެވި އެވެ. އެއީ އެބަލީގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުގެ ސީރިއަސް ކަމުންނެވެ.
ޑަބްލިއުއެޗްއޯއިން ބުނެފައިވާ ގޮތުގައި ކޮވިޑް ޖެހުމަށް ފަހު ރަނގަޅުވާ މީހުންނަށް، ވަަރުބަލިވުމާއި ނޭވާ ކުުރުވުން ފަދަ މައްސަލަތައް ދިގު މުއްތަކަށް ދިމާވެ އެވެ. އެހެން އެކަން ވަނީ ހިތާއި ފުއްޕާމޭ ފަދަ އެތެރެހަށީގެ ގުނަވަންތައް ދުޅަވުމާއި އެ ގުނަވަންތަކަށް ގެއްލުންވުން ފަދަ ކަންތައްތައް ކޮވިޑްގެ ސަބަބުން ވާތީ އެވެ. އޭގެ އިތުރުން ސިކުނޑިއަށް ގެއްލުން ލިބުމާއި ދެމިގެންދާ ނަފްސާނީ މައްސަލަތައް ވެސް ކޮވިޑްގެ ސަބަބުން ކުރިމަތިވެ އެވެ.
ކޮވިޑްގެ ދިގު މުއްދަތުގެ އަސަރުތަކާ ބެހޭ ގޮތުން އދ.ގެ ވެބްސައިޓްގައި ހުކުރު ދުވަަހު ޖެހި ލިއުމެއްގައި ތިން މީހެއްގެ ތަޖުރިބާ ހިމެނި އެވެ. އެކަކީ އެޕިޑެމިއޮލޮޖިސްޓެކެވެ. އަނެކަކީ ނަރުހެކެވެ. ތިން ވަނަ މީހަކީ އުމުރުން 26 އަހަރުގެ ސޮފްޓްވެއާ އިންޖިނޭރެކެވެ.
އެޕިޑެމިއޮލޮޖިސްޓް ޕްރޮފެސަރު ޕައުލް ގާނާ ވިދާޅުވެފައިވާ ގޮތުގައި އޭނާއަށް ކޮވިޑް ޖެހި ރަނގަަޅުވިތާ ހަތް މަސް ދުވަސް ހޭދަވީއިރު ވެސް އުޅުއްވަނީ ބަލިން ލިބިވަޑައިގެންނެވި ގެއްލުންތަކުން އަރައި ނުގަނެވިގެންނެވެ. އިނގިރޭސިވިލާތުގެ ލިވަޕޫލްގެ ޓްރޮޕިކަލް ސްކޫލް އޮފް މެޑިސިންގައި މަސަައްކަތްކުރައްވާ ގާނާ ވިދާޅުވީ ވަރުބަލިކަމާއި ކުއްލިކުއްލިއަށް މޫޑު ބަދަލުވުން ފަދަ ކަންތައްތައް ކުރިމަތިވެވަޑައިގަންނަވާ ކަމަށެވެ. އޭގެ އިތުރުން ވެސް އެތައް މައްސަލަތަކެއް ހިމެނެ އެވެ. ކިރިޔާ ވެސް ހާލަތު ރަނގަޅުވާ ފެށީ، އޭނާ ވިދާޅުވެފައިވާ ގޮތުގައި، ހަތް މަހަށް ފަހު މިދިޔަ ދެ ހަފުތާގަ އެވެ.
"މި ވައިރަހުގެ ސަބަބުން އަޅުގަނޑުގެ ހަޔާތުން ހަތް މަސްދުވަސް ފުހެވިގެންދާނެ ކަމަކަށް ކުރިން ހިއެއް ނުކުރަން،" ވީޑިއޯލިންކް މެދުވެރިކޮށް ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ.
ޓެޑްރޯސް ވިދާޅުވަނީ މިފަދަ ޝަކުވާތައް ސިއްހީ އެހީތެރިން އަޑުއަހަން ޖެހޭ ކަމަށެވެ. އަދި މައްސަލަތައް ތަހައްމަލުކުރަމުން އަންނަ މީހުންނަށް ދިގު މުއްދަތުގެ އެހީތެރިކަން ސަރުކާރުތަކުން ދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮންމެ ދުވަހަކު އަލަށް ކޮވިޑް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާން ފެށުމާ އެކު ރައްކާތެރިކަމަށް ދޭ ސަމާލުކަން އަނެއްކާވެސް ކުޑަވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބައެއް މީހުން އުޅޭ ގޮތުން ކޮވިޑް މިހާރު ނެތް ކަމަށް ހީކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މޫދަށް ދިއުމާއި މައިޒާންތަކަށް ދިއުމާއި ކުޅިވަރުކުޅުމާއި މިކަންކަން ހަމަ ވަރަށް ބޮޑަށް އިތުރުވަމުންދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާސްކް ވެސް ނާޅައި ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ކުޅިވަރުތަކުގައި ބައިވެރިވާ މަންޒަރު ފެންނަ ކަމަށެވެ. އެކަމަކު ކޮވިޑް-19 ކޮންޓްރޯލްކުރަން ސަރުކާރުން އެޅި ފިޔަވަޅުތައް އަދި އޮތީ އުވާނުލަ އެވެ. މާލެ ސަރަަހައްދުގައި ފަސް މީހުންނަށް ވުރެ ގިނަ މީހުން އާއްމު ތަންތަނުގައި އެއްވެ އުޅުމަކީ އަދިވެސް މަނާކަމެކެވެ.
ކޭސްތައް މަދުވިޔަސް ފިޔަވަޅުތަކަށް ބަދަލެއް ނާންނާތީ ޝަކުވާ ކުރާ މީހުންނަށް ޑރ. ނަޒްލާ ދެއްވީ ސާފު މެސެޖެކެވެ.
"އެހާ އަވަސް އަވަހަށް ބަދަލުތައް ގެންނަން ފަށައިފިއްޔާ އަނެއްކާވެސް ކޭސްތައް އިތުރުވެެގެން ދިއުމުގެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
ފިޔަވަޅުތައް މާ ބޮޑަށް ދޫކޮށްލުމުން ނުކުންނަ ނަތީޖާގެ މިސާލަކަށް އޭނާ ދެއްކެވީ އެހެން ގައުމުތަކުގެ ނަތީޖާ އެވެ. ބައެއް ބޮޑެތި ގައުމުތައް ދެވަނަ ފަހަރަށް ފުލް ލޮކްޑައުންއަކަށް ދާން ޖެހޭ ފަދަ ހާލަތަަކަށްް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި ވެސް ކަންވީ އެހެންނެވެ.
އެހެންވީމާ ގަބޫލުކޮށް އަމަލުކުރަން ޖެހިފައިވާ ހަގީގަތަކީ، ކޮވިޑަށް ރަނގަޅު ވެކްސިނެއް ފެނި، ގިނަ ބަޔަކަށް އެ ވެކްސިން ދެވެންދެން، މި ބަލީގެ ކުރީގެ ދިރިއުޅުމަށް ދެވެން ނެތްކަމެވެ. މިހާރު ކުރަން ޖެހިފައި އޮތީ ބަލި ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކަށް ހޭނިގެން، އަދިވެސް އެގޮތަށް އުޅުން ބައްޓަންކޮށް އެކަމަށް ކެތްތެރިވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްދުﷲ
03 November 2020
ބޭރަށް ދިއުން މަނަލެއްނޫން. މައްސަލައަކީ މުޅިއާއިލާގެ ހުރިހާ ގެއެއް އެކުވެގެން ބީޗަށްގޮސް ދަތުރުގޮސް ހަދާތީ. އަދި މޫދަށް ދިއުން ކަސްރަތުކުރުންވެސް މަނަލެއްނޫން. ނަމަވެސް މައްސަލައަކީ ބޮނޑިވެގެން ގިނަމީހުން އެއްތަނަކަށް ޖަމާވުން. އެންމެންގެ ރައްކަލަކަށް އެންމެންވެސް ގަވައިދަށް އުޅެންޖެހޭ.
ކައްކާ
01 November 2020
ދައުލަތުގެ ފައިސާގަނޑު ރަށަށް ކަހާލަން އަދަދުތައް ބޮޑުކޮށްގެންވެސް ބުނެއުޅެނީ ލައްކައެއްހާމީހުނޭ ކ.މާލޭގަ އުޅެނީ، އޭގެތެރެއިން 11 ހާސް ޕޮޒިޓިވްވެގެން އަތުލައިގަނނެވުނީމަ އޭގެމާނައަކީ 60 ހާސްމީހުނަށް ބަލިޖެހި ރަނގަޅުވެއްޖެއޭ.
ކަޝޯޖީ
01 November 2020
ކޮވިޑް ވިޔަފާރި އަކީ ފައިދާހުރި ވިޔަފާރިއެއް. މިކަން ނިންމަން ބޭނުންނުވާ ބައިވަރު މީހުންއުޅޭ!
އާއިޒް
01 November 2020
ބައްލަވާ ޑރ ޏަޒްލާ.. މާލޭގައި އުޅޭ މީހުން ނަފްސާނީ ވެދާނެ ގޭގަ ތިބެން ޖެހުނީމަ. އިންސާނާ ފިޓްވާނީވެސް ކަސްތަރު ކޮށް އިޖުތިމާއީ ބައްދަލު ވުންތައް ބާއްވައިގެން ނޫންތޯ.
މުލޭ
01 November 2020
ކަސްރަތު ކުރަން ހުރަހެއް ނެތް. ފަސް މީހުންނަށް ވުރެ އިތުރު ނުވާގޮތަށް އިޖުތިމާޢީ ބައްދަލުވުންތައް ވެސް ބޭއްވޭ. ހިތުހުރިހާ ގޮތަކަށް އުޅުމުގެ މިނިވަންކަމެއް ހެއްދެވިފަރާތުން ވެސް ދެއްވާފައި ނުވޭ. ވިސްނާ ފިކުރުކުރާ މީހުންނަށް ކަންކަން އެނގޭނީ.
ކުއްޔަށްބަދަލުނުވާގޮތަށް
01 November 2020
ކޮވިޑުން ދިގު މުއްދަތުގެ ބޮޑެތި ގެއްލުންތަކެއް ވާކަމަށް މެޑިކަލް ޑޮކޭ މެން އަޑީގައި ތިބެގެން ޕްރޮޕެގެންޑާ ފަތުރައިގެން އެމެން ބޭނުންވަނީ މުއްސަނދި މަހުޖަނުންނަށް ވާންއޭ ކަން މިހެން ސަރުކާރުގެ އިކޮން ކައުންސިލުން މިކަން ދަނެގެން ކުރަން ޖެހޭނެ ކަމަކީ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ އެފަޅު ތަކުން މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ މީހަކަށް 2 ހާސް އަކަފޫޓްގެ ގޯއްޗެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ އަށް ކުއްޔަށްދޭންވީ 1000 އަހަރު ދުވަސްތެރޭ
ރައްޔިތު ސޮރު
01 November 2020
އަހަރެމެބްނަށް ކޮންއެއްޗެއް ވިސްނަދޭން ހިތުން ތިއުޅެނީ. ތި ޑަބުލިއު އެޗް އޯ އިން ފުރަތަމަ ބުނީ މާސްކުވެސް ނާޅާށޭ!
ފަޤީރުކޮއެ
01 November 2020
ދިވެހިރާއްޖޭގަ ހާރޑް އިމިއުނިޓީއެއް އުފެދޭވަރަށް މީހުންނަށް ތި ބަލި ޖެހިއްޖެ! ތިބަލީގެ ނުރައްކާ ބޮޑީ ދޮން ނަސްލުގެ މީހުނަށް. ދިވެހި ރާއްޖެއިން މިބަލިން ސަލާމަތްވާނީ ސަރުކާރުން ފުރަންޓްލައިނއ އެލެވެންސް ހުއްޓާލި ދުވަހަކުން. ބަލަ މިޤަޢުމުގަ އުޅެނީ ސަރުކާރު މުވައްޒަފުން އެކަންޏެއްނޫނޭ. އަހަރެމެން މިތިބީ އަގަޔާ އަތާ ދިމާނުބެފަ. މިޤަޢުމިގެ ހުންގާނުގަ ފެންހިފޭ ވެރިއރއް ހުރިނަމަ ވިސްނުންތެރިކަމާއެކު މިބަލާއިން ސަލާމަތްވެއްޖައީސް.
މުލޭ
01 November 2020
ސަރުކާރުން ކުރާ ކޮންމެ ޚަރަދަކީ، ހަމައެކަނި އެ ލިބޭ މީހާއަށް އެކަނި ފައިދާވާ އެއްޗެއް ނޫން. އެ ފައިސާ ލިބުނީމަ ފިހާރަޔަކުން އެއްޗެއް ގަތީމަ ވިޔަފާރިވެެިޔާއަށް އެ ފައިސާ ދެވުނީ. ފިހާރައިގައި އުޅޭ މީހާގެ މުސާރަ ވެސް އެއިން އެބަ ދެވޭ.
ޒަކަރިއްޔާ
01 November 2020
ފަގީރުކޮއެ. ބަލަ އަނގަޔާ އަތާ ދިމާނުވާތީ ދޯ ފަހުގެ އައިފޯނު ރާއްޖޭގައި ނެރެނުތާ 1 ދުވަސް ތެރޭ ވިކި ހުސްވީ؟!
ހުދް
01 November 2020
ކޮވިޑް ވަނީ ވަރަށް ބޮޑަށް ސިޔާސީ ކޮށްފައެވެ. ބަލީގެ ހަޤީޤަތް ރަގަޅަކަށް ނޭންގެއެވެ. 2017 ވަނަ އަހަރު ފައުޗީ ޔަޤީން ކޮށް ބުނީ މިފަދަ ބައްޔެއް ދެއަހަރެއް ތެރޭ ފެތުރޭނެ ކަމަށެވެ. އެމެރިކާގެ އިންތިހާބަށްފަހު މިބައްޔާ ބެހޭ ގިނަ ކަންތައްތަކެއް ހާމަވާނެއެވެ. އެކި ސައިންސްވެރިން ބުނަނީ އެކިގޮތަށެވެ. އެއްޗަކީ ފައިސާއެވެ. ފައިސާ އަށް ޑޮކްޓަރ ސެޓްފިކެޓް ވިއްކާ ގޮތަށް ބައްޔާ ބެހޭ އޮޕީނިއަންތައް ވެސް ވިއްކަނީއެވެ. ނޫސްތައްކުން ގެންނަނީ އެއްފަޅީގެ ހަބަރެވެ.
މޫސަ123
01 November 2020
ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭނަމަ އާންމުން ފަރުވާކުޑަކުރާނެ މިބަލީގެ ނުރަެްކާ ރަތްޔިތުނަށް ވިސްނައިދީ ހަރުދަނާ ފިޔަވަޅުތައް އެޅުއްވިނަމަ މިކަމުން ސަލާމަތްވީސް މީ ހުރިހާ ގައުމަކުންވެސް މާބޮޑުކަމެއް ކަމަށް ނުދެކޭ ބައްޔެއް އެކަމަކު މާހިރުން އެވިދާޅުވަނީ މިކަމުގެ ނުރައްކާ މުޅިއުމުރައްވެސް ދެމިގެން ދާކަމަށް.