އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ފޮތް ބަޖެޓް ކޮމިޓީގެ މެމްބަރަކު ބައްލަވައިލައްވަނީ. ބަޖެޓް މަޖިލީހުން މިއަދު ބަޖެޓް ފާސްކުރު. ފޮޓޯ: ނިޝާން އަލީ/މިހާރު
30 ނޮވެމްބަރ 2020 - 14:31
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓަށް 134.9 މިލިއަން ރުފިޔާ އިތުރުކޮށް 34.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓް ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ ތެރެއިން 68 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބަޖެޓަށް ވޯޓް ނުދެއްވީ އެންމެ މެމްބަރެކެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީން އެ ބަޖެޓަށް ގެނައި ބަދަލާ އެކު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީ ވަނީ 21.1 ބިލިއަން ރުފިޔާ އަށް އިތުރުކޮށްފަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ލަފާ ކުރީ އަންނަ އަހަރު އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި ލިބޭނީ 17.8 ބިލިއަން ރުފިޔާ ކަމަށެވެ.
ފިނޭންސުން ހުށަހެޅި ބަޖެޓުގައި އަންނަ އަހަރު ދައުލަތުގެ ހަރަދު 33.3 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކުރި ނަމަވެސް ކޮމިޓީން ފާސްކުރި ބަޖެޓުގައި ވަނީ ހަރަދު 33.4 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކޮށްފަ އެވެ.
ފިނޭންސުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓަކީ ވެސް ޑެފިސިޓް ބަޖެޓެކެވެ. އެގޮތުން 15.5 ބިލިއަން ރުފިޔާ ބަޖެޓް ޑެފިސިޓްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާ ކޮށްފައިވާއިރު ބަޖެޓު ދިރާސާ ކުރާ ކޮމިޓިން ވަނީ އެ އަދަދު 12.3 ބިލިއަން ރުފިޔާ އަށް ދަށްވާނެ ކަމަށް ލަފާ ކޮށްފަ އެވެ.
ބަޖެޓް ކޮމިޓީން ވަނީ އަންނަ އަހަރު އާމްދަނީ ހޯދަން ކުރާނެ ކަންތައްތަކާ ގުޅިގެން ފިނޭންސުން ހަދާފައިވާ ލިސްޓަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ.
- ޖީއެސްޓީ 598 މިލިއަން ރުފިޔާ
- ގްރީން ޓެކްސް: 253 މިލިއަން ރުފިޔާ.
- އެއާޕޯޓު ސާވިސް ޗާޖު: 218 މިލިއަން ރުފިޔާ
- ބިން ވިއްކުމާއި ބިން ބަދަލު ކުރުމުގެ ފީ: 700 މިލިއަން ރުފިޔާ.
- އެހެނިހެން ކުއްޔާއި ހަރުމުދަލުގެ އާމްދަނީ: 1.34 ބިލިއަން ރުފިޔާ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއްބުއްދީން ޙިކްމަތްޔާރް
30 November 2020
އެކަމަކު "ބޮޑުމީހާ' ބުނި ބަޖެޓު ސަކަރާތެއް. މިވީ ކިހިނެއް؟