ލައިފްސްޓައިލް / ހޮލީވުޑް

މިއީ ހޮލީވުޑްގެ އެންމެ ހަގު އެގްޒެކެޓިވް ޕްރޮޑިއުސަރު

މަރްސާއީ މާޓިން.

03 ޑިސެމްބަރ 2020 - 07:33

ނުފޫޒު ގަދަ އަދި ތަޖުރިބާކާރު މީހުން މަސައްކަތްކުރާ ހޮލީވުޑް ފިލްމު އިންޑަސްޓްރީގެ އެންމެ ހަގު އެކްޒެކެޓިވް ޕްރޮޑިއުސަރުގެ މަގާމާ އެކު އުމުރުން މިހާރު 16 އަހަރުގެ އަންހެން ކުއްޖަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިއްޖެ އެވެ.

ދެހާސް ސާދައިގައި ގެނެސްދޭން ފެށި އޭބީސީގެ ކާމިޔާބު ސިޓްކޮމް "ބްލެކިޝް" ގެ ރޯލެއް ކުޅެގެން އާންމުންގެ ސަމާލުކަން ލިބުނު، އެމެރިކާގެ ކަޅު ނަސްލަަށް ނިސްބަތްވާ މަރްސާއީ މާޓިން އަށް ރެކޯޑް ފޮތުން ޖާގަ ލިބުނީ އޭނާ އޭނާ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ޒިންމާ ނެގި މިދިޔަ އަހަރުގެ ކޮމެޑީ ފެންޓަސީ ފިލްމު "ލިޓްލް" އިންނެވެ.

މާޓިން ރޯލެއް ވެސް ކުޅުނު އެ ފިލްމަކީ "ބްލެކިޝް" ގެ މޭސްތިރިޔާ ކެނިއާ ބެރިސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ، ޓީނާ ގޯޑަން ޑައިރެކްޓްކުރި ފިލްމެކެވެ. މާޓިން ބުނި ގޮތުގައި އެގްޒެކެޓިވް ޕްރޮޑިއުސަރަކަށް ވުމުގެ ވާހަކަ އަކީ އޭނާގެ މައިންބަފައިންނާ އެކު ގޭގެ ސިޓިންގެ ރޫމްގެ ތެރެއިން އުފަންވި ވާހަކައެކެވެ.

އެއާ އެކު "ލިޓްލް" އިން އޭނާ ވަނީ ކޮންމެ ކަމެއް ވެސް ހަގީގަތަކަށް ހެދިދާނެކަން ސާބިތުކޮށް މާޒީ އަކީ ތާރީހުކަން ވެސް ހަނދާންކޮށް ދީފަ އެވެ. މިކަމުގައި މާޓިން އަށް އެންމެ ބޮޑު އެހީވި އެކަކީ ބެރިސް އެވެ. "ލިޓްލް" ގެ ކްރެޑިޓްގައި މާޓިން އަށް އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ކްރެޓް ދިނީ ވެސް ސޯލޯކޮށެވެ. މާނަ އަކީ އޭނާއާ އެކު އެކަމުގައި އިތުރު އެއްވެސް މީހަކު ހިއްސާއެއް ނުވެ އެވެ.

ޔުނިވާސަލް ޕިކްޗާޒް އިން ޑިސްޓްރިބިއުޓްކޮށް، އެޕްރީލް 12، 2019 ގައި "ލިޓްލް" ރިލީޒްކުރި އިރު މާޓިންގެ އުމުރަކީ 14 އަހަރާއި 241 ދުވަހެވެ. އޭނާ އުފަންވީ އޮގަސްޓް 14، 2004 ގަ އެވެ.

މާޓިން ބުނީ އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ޒިންމާ އަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން ކަމަށެވެ. ސަބަބަކީ އެ މަގާމުގައި ހުންނަ މީހާ އަކީ މުޅި ޕްރޮޑަކްޝަން ހެންޑްލްކުރުމުގައި ވަރަށް އިސް ރޯލެއް އަދާކުރަން ޖެހޭ މީހަކަށްވުމެވެ.

"އެކަމަކު އެއީ އަހަންނަށް ވަރަށް އުފާވެރި، ވަރަށް މަޖާ ތަޖުރިބާއެއް،" މާޓިން ބުންޏެވެ. "އެއްޗެއް އެސެމްބަލްކޮށް އެ ފުރިހަމަކުރަން މަސައްކަތްކުރާ ގޮތަށް ފިލްމެއްގެ ފައިނަލް ޕްރޮޑަކްޓް ނިންމައިލެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް."

އޭނާ ބުނި އެންމެ ހަގު އެކްޒެކެޓިވް ޕްރޮޑިއުސަރުގެ ދުނިޔޭގެ ރެކޯޑަކީ އެއް އިރަކު ވެސް ތަސައްވުރު ވެސް ކުރި ކަމެއް ނޫން ކަމަށެވެ. އެކަމަކު އާދަޔާހިލާފު މޮޅެތި ކަންކަން ކޮށްލައިގެން ރެކޯޑް ހަދާ މީހުންގެ ވާހަކަތަކަށް ވަރަށް ޝައުގުވެރިވާ ކަމަށް ބުންޏެވެ.

"އަހަންނަށް ރެކޯޑެއް ހެދުނުކަން އެނގުނު ވަގުތުކޮޅަކީ ހަމަ ވަރަށް ބޮޑު ޝޮކެއް. އެއްވެސް ވަރަކަށް އުންމީދުކުރި ކަމެއް ނޫން މިއީ." މާޓިން ބުންޏެވެ.

ލިބުނު ކާމިޔާބީއާ އެކު އޭނާގެ މަސައްކަތްތައް އަދި ކުރިއަށް ހުރީ އެވެ. މިހާރު ވެސް ދެ ފިލްމެއް މާޓިންގެ އަތުގައި އެބައޮތެވެ. އޭގެ ތެރެއިން އެކައްޗަކީ ސައިންސް ފިކްޝަން ފިލްމެކެވެ. އަދި "ބްލެކިޝް" ގެ ހަތް ވަނަ ސީޒަނުން ވެސް މާޓިން ފެންނާނެ އެވެ.

"އަހަންނަށް މި ލިބުނު ކާމިޔާބީން އެނގުނީ ކޮންމެ ކަމަކާ ވެސް ކުރިމަތިލައިފި ނަމަ ކާމިޔާބުވާނެކަން. އެހެންވެ ހުރިހާ އަންހެން ކުދިންނަށް ވަކިން ހާއްސަކޮށް ކަޅު ނަސްލުގެ ކުދިންނަށް ބުނެލަން ބޭނުން ވަނީ ބަދަލަކަށް އަހަރެމެންގެ ދައުރު ވެސް މުހިއްމޭ، ނުކުންނާށޭ." މާޓިން ބުންޏެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454