ސްޓްރީމިންގެ ހިދުމަތަކީ ފުޅާވަމުން އަންނަ ވިޔަފާރިއެއް.
08 ޑިސެމްބަރ 2020 - 07:57
ހައި ޑެފިނީޝަން (އެޗްޑީ) ކޮލިޓީގައި ނެޓްފްލިކްސް ފަދަ ސްޓްރީމިން ކޮންޓެންޓް ބެލުމުން ތިމާވެއްޓަށް ލިބޭ ގެއްލުން އެތައް ގުނައަކަށް ބޮޑުވާ ކަމަށް ބުނެ އެކަން ހުއްޓާލަން އިނގިރޭސި ވިލާތުގެ ސައިންސްވެރިންގެ ޖަމިއްޔާއަކުން ގޮވާލައިފި އެވެ.
މިކަމަށް ގޮވައިލީ އެޗްޑީ ކޮލިޓީގައި ސްޓްރީމިންގެ ހިދުމަތް ބޭނުންކުރާ ނަމަ ދުނިޔެ އަށް ބޭރުވާ ވިހަ މާއްދާތައް އިތުރުވެ، މޫސުމަށް އަންނަ ބަދަލުތައް އަވަސްވާނެތީ އެވެ.
އިނގިރޭސިވިލާތުގެ ރޯޔަލް ސޮސައިޓީގެ ޓީމަކުން ހަދާފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެޗްޑީ ކޮލިޓީގައި ކޮންޓެންޓްތައް ބެލުމަކީ ސްޓޭންޑާޑް ޑެފިނިޝަން (އެސްޑީ) ކޮލިޓީގައި ބެލުމާ އަޅާކިޔާ ނަމަ އެމިޝަންތައް އަށް ގުނަ އިތުރު ކަމެކެވެ. އެހެންވެ ޒީރޯ-އެމިޝަނަށް ކުރާ މަސައްކަތްތަކަށް މިކަމުން ހުރަސްއެޅޭ ކަމަށް ބުނެފައިވެ އެވެ.
ނެޓްފްލިކްސް އަކީ މި ވަގުތު ސްޓްރީމިންގެ ހިދުމަތަށް ބަލާއިރު އެންމެ ގިނަ ބަޔަކު ބަރޯސާވާ ޕްލެޓްފޯމެވެ. މިއީ ފީ ދައްކައިގެންނާއި ބައެއް ކޮންޓެންޓްތައް ހިލޭ ވެސް ބެލޭ ގޮތަށް ފަހިކޮށް ދިފައިވާ ޑިމާންޑް ބޮޑު ހިދުމަތެކެވެ. މި އަހަރުގެ ކުރީކޮޅު ކޮވިޑް-19 ގެ ތެރޭގައި ގިނަ ބަޔަކު ގޭގައި ބަންދުވެގެން ތިބެން ޖެހުމުން ސްޓްރީމިން ޕްލެޓްފޯމްތަކަށް މީގެ ކުރިން ބާރު ބޮޑު ނުވާ މިންވަރަށް ބާރު ބޮޑުވި އެވެ. މިކަމުގެ ސަބަބުން އެޗްޑީ ކޮލީޓިގައިި ކޮންޓެންޓްތައް ބަލަން ދަތިވާން ފެށުމުން ނެޓްފްލިކްސް އިން ޕިކްޗާ ކޮލިޓީ ދުވަސްކޮޅަކަށް ދަށް ވެސް ކުރި އެވެ.
Digital technology is vital to delivering the carbon emission reductions that could unlock net zero, says a new report from the Royal Society. Find out more and download the full report. #DigiTechAndPlanet https://t.co/cZ9DpJEtYC pic.twitter.com/pVTjU6miKC
— The Royal Society (@royalsociety) December 5, 2020
ރޯޔަލް ސޮސައިޓީން ބުނީ ދުނިޔެއާ ދޭތެރޭ ފިކުރުކުރާ ނަމަ ސްޓްރީމިންގެ ހިދުމަތް 480 ޕިކްސެލް ނުވަތަ 720 ޕިކްސެލް ކޮލިޓީގައި ބަލަން އެދޭ ކަމަށެވެ.
"މިކަމާ ދޭތެރޭ ފުންކޮށް ވިސްނާ އިރު އޮތް އަނެއް ގޮތަކީ ކުންފުނިތަކުން ސްޓްރީމިން ރިޒޮލިއުޝަން ލިމިޓްކުރުން. އަދި ކަމާ ބެހޭ ފަރާތްތަކުން ވެސް މިކަން ރެގިއުލޭޓްކުރުން،" ދިރާސާގައި ބުނެފައިވެ އެވެ.
އޭގައި ފާހަގަކޮށްވާ ގޮތުގައި ސްޓްރީމިންގެ ހިދުމަތް ފަދަ ފުޅާވަމުން އަންނަ ވިޔަފާރިތަކުގެ ސަބަބުން ޑިޖިޓަލް ސެކްޓާ އިން އެމިޝަންތައް ބޭރުކުރާ މިންވަރު މިހާރު ވަނީ 1.4-5.9 ޕަސަންޓަށް އުފުލިފަ އެވެ.
ހަަކަތަ ބޭނުންކުރާ މިންވަރު ދަށްކުރަން ދިރާސާގައި ލަފާ ދީފައިވާ ގޮތްތަކުގެ ތެރޭގައި މިއުޒިކް ސްޓްރީމްކުރާ އިރު އެކަމަށް ބޭނުންކުރާ ޑިވައިސްތަކުގެ ސްކްރީން ނިއްވާލާފައި ބެހެއްޓުން ހިމެނެ އެވެ. އެހެން ހެދުމުން އެމިޝަން ފަސް ޕަސެންޓް މަދުވާ ކަމަށް ބުނެފައިވެ އެވެ.
ދިރާސާގައި ވަނީ ކުންފުނިތަކުން އުފެއްދުންތައް ތައްޔާރުކުރުމުގައި ވެސް ގިނަ ދުވަސްތަކަކަށް ބޭނުންކުރެވޭ ގޮތަށް ތަކެތި އުފެއްދުމަށް ގޮވާލައިފަ އެވެ. ހާއްސަކޮށް، ފޯނާއި ލެޕްޓޮޕާއި ޓެބްލެޓް ފަދަ މި ޒަމާނުގެ އަސާސީ ޑިވައިސްތަކެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy