އައިޖީއެމްއެޗްގެ އިމާރާތް: ދާންދޫގައި އަނިޔާވި ކުއްޖާ އަށް އިތުރުފަރުވާ ދޭން ރޭ ދަންވަރު މާލެ ގެނައި -ފޮޓޯ: ނިޝާން އަލީ/ މިހާރު
17 ޑިސެމްބަރ 2020 - 13:10
ގއ. ދާންދޫގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ އަށް އިތުރު ފަރުވާ ދޭން މާލެ ގެނެސްފި އެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން ދާންދޫއަށް ދިޔަ ތިން އަހަރުގެ ފުވައްމުލަކު ކުއްޖަކަށެވެ. ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް މި ކުއްޖާ ގައިގައި ޖެހުމުން ލިބުނު ސީރިއަސް އަނިޔާތަކަށް އިތުރު ފަރުވާ ދޭން އެ އަތޮޅު ވިލިނގިލި ހޮސްޕިޓަލަށް އިއްޔެ ގެންދިޔަ އެވެ. އަދި މިހާރު އެ ކުއްޖާ ވަނީ އައިޖީއެމްއެޗަށް ގެނެސްފައި ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހުމަދު "މިހާރު" އަށް ވިދާޅުވި އެވެ.
"ޗާޓަރު ފްލައިޓެއްގައި އަޅުގަނޑުމެން އެ ކުއްޖާ ރޭގައި މާލެ ފޮނުވިން. ދަންވަރު 3:30 ކަން ހާ އިރު އައިޖީއެމްއެޗްއަށް ގެންދެވުނު،" އޭނާ ވިދާޅުވި އެވެ.
އަވަހަށް މާލެ ގެންނަން ޖެހުނީ އެ ކުއްޖާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބުމުން ސީޓީ ސްކޭނެއް ހަދަން ޖެހުމުން ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އެ ކުއްޖާގެ ވާތު ފައިގެ ކަށިގަނޑެއް ބިނދިފައިވާ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެ ކުއްޖާ މާލެ ފޮނުވީ ވިލިނގިލީ ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރާއި ހެޑް ނަރުހާ އެކު ކަމަށެވެ.
މި އެކްސިޑެންޓުގައި އެ ސައިކަލް ދުއްވަން އިން މީހާ އަށް ވެސް އަނިޔާވެ ފަރުވާ ދޭން ވިލިނގިލި ހޮސްޕިޓަލަށް އިއްޔެ ގެންދިޔަ އެވެ. ޝަރީފް ވިދާޅުވީ އެ މީހާއަށް ފަރުވާ ދިނުމަށް ފަހު ރޭ ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ސައިކަލް ދުއްވީ ވެހިކަލް ދުއްވުމުގެ ލައިސެންސް ނެތް މީހެއް ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
80ގަ
19 December 2020
އެ މްޑީޕީ ސަރުކާރު މިއުޅެނީ 80ގެ އަހަރު ތަކުގެ ތެރޭ. އަވަހަށް އިސްތިއުފާދީފަ ގެއަށް ކަނޑާލާ.
އަލީ އަސްފާގު
18 December 2020
ފުލުހުންތިބީ ފޭލިވެފަ. މުޅި ގައުމު އޮތީ ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ މީހުންގެ އަތް ދަށުގަ، ތިޔަކުއްޖާ އަށް މާތް ﷲ ގެ ތަނަވަސް ރަހުމަތަށް އެދި ދުއާ ކުރަން. މާތް ﷲ ގެ އަވަސް މިންވަރު ކުރައްވާށި، ޢާމީން.
ރީތި މޫސަ
17 December 2020
މިކަން ބަލާނެ ބަޔަކުނެތް ރައްފުށުގަވެސް މާލޭގަވެސް
ސަލީމު އިދުރީސް
17 December 2020
ކުރިން ދުވަހު ލައިސަންނެތި ދުއްވާ މީހެއްގެ ފުރާނަ ގެއްލުވާލި މީހަރުއިންނާނީ އެޔައްވުރެ ބާރައްދުވާ ސައިކަލެއްމަތީ! ކުދިކުދި ރައްތަކުގަ ޓުރެފިކު އުސޫލުތަކެއް އެކުލަވާލާ ޓުރެފިކު ހައްލު ނުކުރެވުނު ދިވެހިން މިހާރު ފޫގައަޅާފަ ތިބީ ރޮކެޓު ހަދައިގެން ހަނދައްދާން
ޙިނި
17 December 2020
ބާރައް ސައިކަލު ދުވިޔަސް އެޅޭ ހަރުކަށި ފިޔަވަޅެއް ނެތް، ދެން އަތުނުލެވޭހޭ ދުވަހެއް ވަންދެން ދުއްވަން ވީނު
ދެރަވޫ
17 December 2020
ދެފޫޓު ހަމަ ނުވާ ތަންތާ ސައިކަލު ކީއްކުރަން އަދި ރޭލު ވެސް ދުއްވަންވާނެ! ދާންދޫ ގައި ރޭލު ދަގަނޑު އަޅަމާ ؟ މާލޭގަޔާ ؟ ކިހާ ދެރަ!
ޖައިސާމް
17 December 2020
ކީއްވެތަ މިކަހަލަ ނުރައްކާ މީހުން އަލުން މުޖުތަމަޢަށް ދޫކުރަނީ؟ ވަޅިޖަހައިގެން މަރުވާ މީހުނާ އެއްވަރަށް ނުރައްކާތެރިކޮށް ދުއްވައިގެން ދާއިމީ އަނިޔާ ލިބޭ، ނުވަތަ މަރުވާ މީހުން ފަހަކަށްއައިސް ގިނަވާން ފަށައިފި.