ޚިޔާލު / ރާއްޖޭގެ އިގްތިސާދު

2021: އިގުތިސާދަށް ދިރުން ލިބި، ވިޔަފާރިތައް ހިނގައިގަނެ، ވަޒީފާތައް އުފެދޭނެ

ކުރިސްމަސް އާއި އާ އަހަރު ފާހަގަކުރަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައި ޓޫރިސްޓުން އެއާޕޯޓުން ނުކުންނަނީ: ހީކުރި ވަރަށް ވުރެ އަވަހަށް ޓޫރިޒަމް އަންނަނީ ރަނގަޅުވަމުން .ފޮޓޯ:ނިޝާން އަލީ/މިހާރު

އިބްރާހިމް އާތިފު ޝަކޫރު

28 ޑިސެމްބަރ 2020 - 10:18

7 comments

ނިމިގެން މިދާ 2020 އަކީ އެތައް ގޮތުން ހިތްދަތި، ނިކަމެތި، ދަތި އަހަރެކެވެ. އިންސާނާ، ކިތަންމެ މޮޅު ރޭވުންތަކެއް ރޭވިކަމުގައި ވިޔަސް ގުދުރަތުގެ ނިޔާ، އެފަދަ ރޭވުންތަކުގެ މައްޗަށް އަތްގަދަ ކުރުމުގައި ހުރަހެއް ނުއޮންނާނޭ ކަމުގެ ފިލާވަޅު އަލުން ދަސްކުރަން ޖެހުނު އަހަރެކެވެ. މި ނިމެނީ ދުނިޔޭގެ ހުރިހާ ގައުމަކަށްމެ، ގިނަ ގޮތް ގޮތުން އުނދަގޫ އަހަރެއް ކަމުގައި ވާއިރު، އަޅުގަނޑުމެންގެ އިގްތިސާދު ފަރުމާ ކުރެވިފައިވާ ގޮތުން، ފަތުރުވެރިކަން ބަނޑު ޖެހުމުންް، ވަޒީފާވެރިން ގެއަށް ދާން ޖެހި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ބަންދު ބޯޑު އަޅުވައި، ގައުމު އެއްކޮށްމެ ހުއްޓުމަކަށް އައި އަހަރެކެވެ.

ނަމަވެސް މި ފުރުސަތުގައި، ހަމައެކަނި މިވަގުތަށް އެކަނި ވިސްނާލުމުން، ފަތުރުވެރިކަމަށް ދިވެހި އިގްތިސާދު ބަރޯސާ ވެފައިވާލެއް ބޮޑުކަމުގެ ސަބަބުން، ފަތުރުވެރިކަން ހިނގައިގަތުމުން އަޅުގަނޑުމެންގެ އިގްތިސާދަށް ދިރުން ގެނައުމުގެ މަގު ފަހިވެގެން އަންނާނެ ކަމުގައި އަޅުގަނޑަށް ގަބޫލުކުރެވެ އެވެ.

މިިދިއަ އަހަރުގެ ހިސާބުތަކަށް ބަލާއިރު އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައީ 16.7 ޕަސެންޓާ އެކު ޗައިނާ އިން ކަމަށް ވިޔަސް، ފެށުނީއްސުރެ ވެސް ދިވެހި ފަތުރުވެރިކަމުގެ މައި މާރުކޭޓަކީ ޔޫރަޕެވެ. ހާއްސަކޮށް ހުޅަނގު ޔޫރަޕެވެ. އެގޮތުން 2019 ގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އިނގިރޭސި ވިލާތް ހިމެނޭ ގޮތުން ހުޅަނގު ޔޫރަޕުން 23 ޕަސެންޓް ފަތުރުވެރިންނެވެ. ޔޫރަޕްގެ އެހެނިހެން ގަައުމުތައް ހިމެނުމުން އެ ނިސްބަތް 47 ޕަސެންޓަށް އަރަ އެވެ.

ހަރީފު މޫސުމުގެ ގަދަ ފިނީގައި މިދެންނެވި ޔޫރަޕްގެ ގައުމުތައް މިހާރު ތަހައްމުލު ކުރަމުން ގެންދަނީ ވަރުގަދަ ލޮކްޑައުންތަކެކެވެ. އެބައި މީހުންނަށް މިއަދު މަޖްބޫރު ވެފައިވަނީ ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ނުނުކުތުމަށެވެ. މިއީ އަޅުގަނޑުމެން، ހާއްސަކޮށް މާލޭ ސަރަހައްދުގެ ރަށްވެހިން ކޮށްފައިވާ ތަޖުރިބާއެކެވެ. ގަދަ ފިނީގައި ނޫން ނަމަވެސް، ގޭގައި ބަންދުވެފައި ތިބުން މަޖްބޫރު ވުމުން، ވީއްލި ފިޔަފަޅައިގެން އުދުއްސައި ގަނެވޭނެ ދުވަހަކަށް އަބަދުމެ ދިޔައީ އިންތިޒާރު ކުރަމުންނެވެ. ޔަގީން ކުރެވޭ ގޮތުގައި ޔޫރަޕްގެ ގައުމުތަކުގެ ރައްޔަތުން މިއަދު އުންމީދު ކުރަމުން ދަނީ، ފިނިން ސަލާމަތްވެ، ގޭ ބަންދުން ވީއްލި އަވީގައި ޗުއްޓީއެއް ހޭދަކޮށްލަން ފުރޭނެ ދުވަހަކަށެވެ. މިފަދަ ވަގުތުތަކުގައި "ބޭރު މީހުން ރާއްޖެ ދެކެނީ ދެވަނައަށް ނެތް ފަދައިން" ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެ އެވެ.

މީގެ އިތުރުން ޔޫރަޕްގެ ގައުމުތަކުގައި މިހާރު ގެންދަނީ ވެކްސިން ދެމުންނެވެ. އިނގިރޭސި ވިލާތުން ގަބޫލުކުރާ ގޮތުގައި އެޕްރީލްގެ ނިޔަލަށް އެގައުމުގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދެވޭނެ އެެވެ. ޖަރުމަނު، އިޓަލީ، އަދި ފަރަންސޭސި ވިލާތް ފަދަ ގައުމުތަކުގެ ރައްޔިތުންގެ ވެކްސިން ވެސް މާ ބޮޑުތަނުން ފަހަތަކަށް ނުޖެހޭނެ އެވެ.

ޖުލައި 15 ގައި ބޯޑަރު ހުޅުވާ، ފަތުރުވެރިންނަށް އަލުން އަޅުގަނޑުމެން މަރުހަބާކީ ދުވަހުން ފެށިގެން މަޑުމަޑުން ފަތުރުވެރިކަމުގެ ސިނާއަތް ހިނގައިގަނެ ޑިސެމްބަރު މެދުތެރެއާ ހަމައަށް އައި އިރު، އަހަރު ނިޔަލަށް އަންނާނޭ ކަމަށް އަންދާޒާ ކުރި އަދަދު ފަހަނައަޅައި ހިނގައްޖެ އެވެ. ކްރިސްމަސް އަދި އާ އަހަރު މިފަށަނީ ހުޅުވިފައި ހުރި ހުރިހާ ރިސޯޓެއްމެ 'ހޯހޯއޭ، ފުދިއްޖޭ' ގޮވާ ހާލުގަ އެވެ.

ރާއްޖޭގައި 1970ގެ އަހަރުތަކުގެ ކުރީކޮޅު ފަތުރުވެރިކަމުގެ ސިނާއަތް ފެށި، 80ގެ އަހަރުތަކުގެ މެދުތެރެއާ ހަމައަށް އައިއިރު ގައުމީ އުފެއްދުންތެރިކަމުގެ 35 ޕަސެންޓް ހިއްސާ ކުރަނީ ފަތުރުވެރިކަމުންނެވެ. މިނިސްބަތް މިއަދު 24 ޕަސެންޓާ ހަމައަށް ތިރިވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމުކަން ދަށް ވެގެންނެއް ނޫނެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ހަކަތައިން ދިރުން ލިބިގެން ޓްރާންސްޕޯޓް، ކޮމިޔުނިކޭޝަން، އިމާރާތް ކުރުން ފަދަ ސިނާއަތްތައް ކޮއްޅަށް ތެދުވެ ހިންދެމިލުމުގެ ސަބަބުންނެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ލޮޑުކަން ލިބުނު ދުވަހު މިފަދަ ހުރިހާ ސިނާއަތެއްމެ މަޑުޖެހި، މުޅި އިގްތިސާދު ހީނަރުވެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް -30 ޕަސެންޓަށް ދަށްްވުމަށް މަގުފަހިވި އެވެ.

އެންމެ އެއް ސިނާއަތަކަށް ބަރޯސާ ވާ ގޮތަށް، ހާއްސަކޮށް ފަތުރުވެރިކަން ފަދަ ސިނާއަތަކަށް، އެކަނި ބުރަވާ ގޮތަށް އެއްވެސް އިގްތިސާދެއް ބައްޓަން ކުރަން ނުވާނޭކަން، ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ތަޖުރިބާކާރުން ނޫނަކަސް އަޅުގަނޑުމެން ދިވެހިންނަށް ވެސް ނޭނގެނީކީ ނޫނެވެ. އަލަށް ދަސްވި އެއްޗަކީ މިގޮތުން ކުރެވޭ މަސައްކަތަށް ކިޔަންވީ ނަމަކީ އިގްތިސާދު ސިންދަފާތު ކުރުން ކަމެވެ.

ނަމަވެސް މިވަގުތަށް، މި ހައްސާސް ދަނޑިވަޅަށް، ވަޒީފާ ގެއްލި ނިކަމެތިކަން ލިބިފައިވާ އެތައް ދިވެހި ދަރިންގެ ނަސީބަކީ ދިވެހި އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާ މިންވަރެވެ. އާމްދަނީ ދަށްވެ، އެތައް ގުނައަކުން ހަރަދު ބޮޑު ވެފައިވާ މިދަނޑިވަޅުގައި ސަރުކާރަށް ވެސް މިވަގުތު މުހިންމީ ބާރު ސްޕީޑުގައި، ހުރިހާ ރިޒޯޓަކާއި ގެސްޓްހައުސްތައް ހުޅުވި ނަގިލި ލުމަށް ވަގުތު ނުދީ ސަފާރި އޮޑިފަހަރު ދަތުރުކުރުމެވެ. ޖުމްލަކޮށް ގައުމަށް، މިވަގުތަށް ރަނގަޅީ، އިގްތިސާދީ އިންޖީނު ހިނގައި، ވަޒީފާއަށް މީހުން ނުކުމެ، ޓެކްސްތައް ދައްކައި، ކުދި ވިޔަފާރިތަކަށް ދިރުން ލިބި އިގްތިސާދަށް އާރާސްތުކަން ލިބުމެވެ. މިކަންކަން ހިނގައިގަތުމަށް އަޅުގަނޑުމެންގެ މި އިގްތިސާދަށް ބޭނުންވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ހަކަތަ ލިބުމެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ރެޕުން، ޓޫރިސްޓުންނަށް މަރުހަބާ ކިޔަން މަޑުކޮށްލައިގެން: އިގުތިސާދު ރަނގަޅުވެ، ވަޒީފާތައް އުފެދޭނެކަމުގެ އުއްމީދު ބޮޑު --.ފޮޓޯ:ނިޝާން އަލީ/މިހާރު

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ބޮޑު ބައެއް ހިއްސާކުރާ މާކެޓްތައް ހަރީފް މޫސުމާ ދިމާކޮށް ލޮކްޑައުނަށް ދިއުމާއި، ވެކްސިންތައް ލިބެން ފެށުމާއި، އަދި ހާއްސަކޮށް ގުދުރަތުން މިންވަރު ކުރައްވާފައިވާ ގޮތުން އަޅުގަނޑުމެންގެ ފަތުރުވެރިކަމަކީ ވަކިވަކި ރަށްރަށުގައި، ގައިދުރުކޮށް ހިންގޭ ސިނާއަތެެއްކަމުން، އެބައި މީހުންގެ ހުވެފެނުގައި ކުލަޖެހިފައިވަނީ ދިވެހި ގޮނޑުދޮށްތަކާއި މޫދާއި މުރަކައާއި މަސްމަހުގެ ކުލަތަކުންނެވެ.

އިގްތިސާދަށް ބުރުލެއް އަރައި ކޮންމެ ފަހަރަކު ފަތުރުވެރިކަމަށް ބަރޯސާވެގެން ތިބޭކަށް ނުވާނޭ ކިޔައި ދައްކާ ވާހަކައިގެ އަޑުގަދަވެ، ޖައްވުގައި ބުން ހިފާލި ނަމަވެސް ޖެހިގެން އަންނަ އަހަރު މި ވާހަކައިގެ އަޑު މަޑުވެ، އޮބި ދެ އެވެ. ކޮންމެ ސަރުކާރަކުން، ކެމްޕެއިން ކުރާ ކޮންމެ ޕާޓީއަކުން، ނުފޯރާ ފޮތިން ފޫގެޅުމުގެ ނަތީޖާއަކަށް ވަނީ، ނިވާކަން ހޯދައި ބަޖެޓުގެ ދަރަނި ފޫބެއްދުމަށް އަނެއްކާވެސް އިތުރު ރަށްތަކެއް ފަތުރުވެރިކަމަށް އަވަހަށް ދޫކޮށް ކުރިޔަށް ވުރެ ބޮޑަށް ފަތުރުވެރިކަމަށް ބަރޯސާވުމެވެ. އިގްތިސާދު ސިންދަފާތު ކުރުމަށް ކުރަން ޖެހޭ އުނދަގޫ، ބުރަ، އަދި ގިނަ ދުވަހުން ނޫނީ ނަތީޖާ ނުނުކުންނާނޭ ހަރަދު ބޮޑު މަސައްކަތް ފަސްކުރުމަށެވެ. އަޅުގަނޑުގެ އުއްމީދަކީ ސިންދަފާތު ކުރުމަކީ ހަމައެކަނި ދިވެހި ރަދީފު މުއްސަނދި ކުރުމުގެ ފުރުސަތެއްގެ ގޮތުގައި މިފަހަރު ނުވުމެވެ.

އަޅުގަނޑު ވެސް ކިޔައިފީމެވެ. ފިޗް ރޭޓިން އާއި، ވާލްޑް ބޭންކާއި، އައި.އެމް.އެފްގެ މޮޅު ފާސް ނަގައިގެން ތިބި، ތަޖުރިބާކާރުން ދެކޭ ގޮތުގައި ރާއްޖޭގެ އިގްތިސާދަށް ފަހިކަން ލިބޭނީ 2022 ގައި ކަމަށް ވަނީ ލިޔެފައެވެ. އޭގެ އެއްފަރާތާ އެކުގައި އަޅުގަނޑު މިހުންނަނީ ކޮންމެވެސް މިންވަރެއްގެ ދެބަސްވުމަކަށް ގޮސް "ބެޓެއް" ވެސް ކޮށްގެންނެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ފިނި މޫސުމުގައި ޔޫރަޕްގެ ލޮކްޑައުންތައް ވަރުގަދަ ކުރަން ޖެހުމާއި، ލޮކްޑައުންތަކުގެ ނަފްސާނީ އަސަރުތަކުގެ ސަބަބުންނާއި، ވެކްސިން ލިބެން ފެށުމާއި އަދި ގުދުރަތުން އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވާފައިވާ ފަތުރުވެރިކަމުގެ ޒާތުން، ކުރިޔަށް އޮތީ ދިވެހި ފަތުރުވެރިކަމަށް ތަނަވަސް، އަދި ނަފާ ބޮޑު އަހަރެކެވެ.

ނުރަނގަޅު ސަބަބުތަކާ ހެދި ނަމަވެސް، އަޅުގަނޑުމެންގެ އިގްތިސާދު މިއަދު ފަރުމާ ކުރެވިފައިވާ ގޮތުން، ފަތުރުވެރިކަމަށް ދިރުން އައުމުން، އިގްތިސާދީ އިންޖީނު ހިނގައިގަނެ، ވަޒީފާތައް އުފެދި، ވިޔަފާރި ވަތްގަނޑުތަކަށް ތިޔާގިކަން ލިބި، އާއިލީ ޒިންމާ އުފުލުގެ ފުރުސަތު ތަނަވަސްވެ، އާއިލީ ގުޅުންތައް ރަނގަޅުވެ، ރައްޔިތުންގެ މޫނުމަތިން ހިތްހަމަޖެހުމާއި ހިނިތުންވުން ފެންނާން ފަށާނެ އެވެ. ކުއްލިއަކަށް ނޫނެވެ. މަޑުމަޑުންނެވެ. ނަމަވެސް ﷲ އިރާދަފުޅުން ޔަގީންކަމާ އެކުގަ އެވެ.

އެޑިޓަރުގެ ނޯޓު:

އާތިފަކީ މިފްކޯ އާއި ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރެއްވި އަދި އިގުތިސާދީ އެކި މައުލޫއުތަކުގައި ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ އިނގިރޭސި ބަހުން ނެރޭ މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ އެއް ބާނީ އެވެ. ދިވެހި އިގުތިސާދު ދިރާސާކުރައްވަން އޭނާ ހާއްސަ ސަމާލުކަމެއް ދެއްވަ އެވެ.

7 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

29 December 2020

ލިއުންތެރިޔާފަދަ މާބޮޑު މަސައްކަތަކާއިނުލާ ފުދިގެންތިބި މީހުން ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޅުވާހަކަ ދެއްކި ކަމުގައިވިޔަސް ޙަޤީގަތުގައި އުއްދަނޑި ފެލާލާފައި އޭގެ ފޮނިކޮޅު ބޯލާފަ ދައުލަތަށާއި ރައްޔިތުންނާއި ދިމާލަށް އެމީހުން ރިސޯޓް އޯނަރުން އުކާލަނީ ކުނިގަނޑު ނޫންތޯ. # އިހައްދުވަހާއި ހަމައަށް ޓެކްހެއް ސީއެސްއާރަކަށް ހޭދަކުރުމެއްނެތި "ވަރުވާގެ ނަމުގައި" ރަށްތައް ނަގައިގެން ދައުލަތަށްދެއްކީ އަހަރަކަށް 500ރ ތިއިން މަދު ރިސޯޓަކުންނޫނީ ދިވެއްސަކަށް ވަޒީފާއެއްނުލިބޭ.

The name is already taken The name is available. Register?

ބެޓެއްކޮއްގެންތަ

29 December 2020

ޙާއްސަ މައުލޫމާތެއް ލިއުމަކު ނެތް. ޢޮބްވިއަސް ވާހަކަ.

The name is already taken The name is available. Register?

ހަސަނު

28 December 2020

ފަތުރު ވެރިކަމުގެ ސިނާއަތު ފުޅާ ވާ މިންވަރަށް ވުރެ ލަހުން އާންމު މީހުންގެ ފުދުންތެރިކަން ފުޅާވާނީ... ފަރުތުވެރިކަމުން ނަފާގެ ބޮޑު ބައި ލިބެނީ މަދު ބަޔަކަށް.. އެވެރިން އިތުރަށް މުއްސަނދިވާނެ... ފަތުރުވެރިކަމުގެ ވަޒީފާގެ ބާޒާރުން އަވައްޓެރި ގައުމަކަށް ލިބޭ ނަފާ ބޮޑު ތަނުން އިތުރުވެ ބަންގާޅީން ގިނަވާނެ.. ނު އަގުގާ ޑޮލަރު ވިއްކާ މީހުން މިލިއަނަރުންނަށް ވާނެ.. އާންމު ރައްިތުނަށްވެސް ކުޑަ ކުރިއެރުމެއް ލިބޭނެ، މާ ބޮޑަކަށްނޫން...

The name is already taken The name is available. Register?

ރާއްޖެ

28 December 2020

ޓޫރިޒަމްގެ ހަގީގީ ފައިދާ ވަނީ ބިދޭސީންނަށް، ވަންނަ ގިނަ ފައިސާ ދަނީ ރާއްޖެއިން ބޭރަށް.

The name is already taken The name is available. Register?

Ali Gasim

28 December 2020

ވަޒީފާއެއް އުފެދިއްޖެއްޔާ އޭގައި އުޅޭނީ ކޮންމެވެސް ބިދޭސީއެއް މީބިދޭސީންގެ ވަޒީފާކަންތައް ހަމަޖައްސައިދޭން އައިސްއޮތް ސަރުކާރެއް

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

28 December 2020

އެންމެބޮޑު އުފަލެއް ލިބޭނީ ބަންގާޅި، ފިލިޕީންސް އަދި ނޭޕާލް އިގްތިސާދަށް.

The name is already taken The name is available. Register?

ކުރެވޭކަމެއްނެތޭ

28 December 2020

އިގުތިސާދަށް ދިރުން ލިބި، ވިޔަފާރިތައް ހިނގައިގަނެ، ވަޒީފާތައް އުފެދުނު ނަމަވެސް އެއިން ދިވެހިންނަށް އެއްވެސް ފައިދާ އެއް ނުކުރާނެއޭ ހީކުރާ ވަރާއި ގާތަށް ވެސް ވަޒީފާ ތައް ރިސޯރޓްސް ތަކުގައި ވެސް ނުއުފުދެއޭ ކޮވިޑް އެއީ އެކްސްކިއުޒަކަށް ހަދައިގެން އެންމެންގެ މުސާރަ ކުޑަ ކޮށް ހަދާ އަދި އަލަށް ހުޅުވާ ޕަޓީނާ އާއި އަދި ރިޓްޒް ކާރލްޓަން ގެ ޖީއެމް އަކަށް އުޅޭ މާރކް މެން ދިމާލަށް އެބުނަނީ ދިވެހިންނަށް އެމެން އެރިސޯރޓް އިން ވަޒީފާ ނުދޭނަމޭ އެކަމަކު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454