ސްކޫލެއްގައި ދަރިވަރުންގެ ފިނިހޫނުމިން ޗެކްކުރަނީ: ރާއްޖޭން ބޭރުން އަންނަ ދަރިވަރުން ކަރަންޓީނު ވާންޖެހޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައި
01 ޖެނުއަރީ 2021 - 22:48
ރާއްޖެ އިން ބޭރުން އަންނަ ދަރިވަރުން، ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ވާން ޖެހޭ ގޮތަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުސޫލު ބަދަލުކޮށްފި އެވެ.
ރާއްޖެ އިން ބޭރުން މާލެެ އަށް އަންނަ މީހުން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ނިންމައި، މިދިޔަަ މަހު 16ގައި އެޗްޕީއޭ އިން ކުރިން ލުއި ދީފައި ވެ އެވެ.
އެކަމަކު އެ އިދާރާ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖެ އިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖުތައް އަދި ޔުނިވާސިޓީ އަށް ދާ ދަރިވަރުން، 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނު ވާން ޖެހޭނެ ކަމަށެވެ. އެ މީހުން ކަރަންޓީނުން ދޫކޮށްލާނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ހަދާ، ޕީސީއާރު ޓެސްޓު ނެގެޓިވް ވުމުން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
"...މީގެ އިތުރުން ރާއްޖެ އެތެރެވާއިރު، 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާ ގެންނަންވާނެ އެވެ،" އެޗްޕީއޭގެ އިއުލާނުގައި ބުންޏެވެ.
މީގެ ކުރިން އެޗްޕީއޭ އިން ވަނީ، ރާއްޖެ އިން ބޭރުން އަންނަ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އަދި ދައުލަތުން މީހުން ބަލަހައްޓާ މަރުކަޒުތަކުގެ މުވައްޒަފުން 10 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށް އިއުލާންކޮށްފަ އެވެ.
މިއީ ސްކޫލުގެ ބޮޑު ޗުއްޓީގެ ދުވަސްވަރު ކަމަށް ވުމުން، ގިނަ ބަޔަކު ރާއްޖެ އިން ބޭރުގައި ޗުއްޓީ ހޭދަ ކުރެ އެވެ. ޗުއްޓީ ހަމަވެ، ސްކޫލުތަކުގައި ކިޔަވައިދޭން ފަށަން ނިންމާފައި ވަނީ މި މަހުގެ 10ގަ އެވެ.
ރާއްޖެ އިން ބޭރުން އަންނަ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރުމަށް ފަހު މިދިޔަ ހޮނިހިރު ދުވަހު އެޗުޕީއޭ އިން ވަނީ ޔޫކޭ އިން އަންނަ ދިވެހިންނާއި ވޯކްވިސާގައި އަންނަ މީހުންނަށް ހާއްސަ އުސޫލެއް ހަދައިފަ އެވެ. އެ މީހުން 10 ދުވަހަށް ކަރަންޓީނު ކުރުމަށާއި ފަސް ދުވަސް ވުމުން ޓެސްޓްކޮށް އަދި ކަރަންޓީނުގެ މުއްދަތު ހަމަވުމުން ވެސް ޓެސްޓްކުރާ ގޮތަށް މިހާރު އޮތީ ހަމަޖައްސައިފަ އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅު އެޗްޕީއޭ އިން އަނެއްކާ ވެސް ވަރުގަދަ ކުރިއިރު، އިނގިރޭސި ވިލާތުގައި، ކޮވިޑް-19 ގެ ވައިރަސް މިއުޓޭޭޓްވެގެން އާ ވޭޭރިއަންޓްއެއް އުފެދި އޭގެ ބިރު ވަނީ ބޮޑުވެފަ އެވެ. އޭގެ އެންމެ ބޮޑު ނުރައްކަލަކީ ފެތުރޭލެއް ހަލުވިކަމުން ކޮންޓްރޯލް ކުރަން އުނދަގޫވުމެވެ. މި ވައިރަސް އެކި ގައުމުތަކުން ފެންނަން ފެށުމާ އެކު މިހާރު ވަނީ އިނގިރޭސި ވިލާތުން ރާއްޖެ އަންނަ މީހުން ކަރަންޓީނު ކުރަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮށްކޮބެ
02 January 2021
މމިހާރު ސަރުކާރުގެ މަތީފަންތީ ގެ ބޭސްފުޅުން ގެޢާއިލާތަށް އައިސް ނި މިއްޖެ ދެން އޯކޭވާނެ
ބަބުރަންޖީ ހާޖީ
01 January 2021
މިއަހަރު ދެން ކީއްތަވާނީ ކުދިންގޮވައިގެން ބޭރަށްނުގޮސް ރާއްޖޭގާ މަޑުކޮށްލިއްޔާ.