ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުސްތަފާ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. މިޔަރުގެ އުފެއްދުންތައް އެކްސްޕޯޓްކުރަން ގޮވައިލައްވާތީ ޔޫކޭގެ އެންޖީއޯއަކުން އޭނާއާ ދެކޮޅަށް ގެންދަނީ އަޑުއުފުލަމުން-- ފައިލް ފޮޓޯ: މަޖިލިސް
12 ޖެނުއަރީ 2021 - 15:30
މިޔަރުމަހާއި މިޔަރު އުރަހަ އެކްސްޕޯޓްކުރެވެން ޖެހޭނެ ކަމަށް ވިދާޅުވެ ފާޅުގައި ވަކާލާތުކުރައްވާތީ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތޮފާއާ ދެކޮޅަށް އިނގިރޭސިވިލާތުގެ ޖަމިއްޔާއަކުން އަޑު އުފުލަން ފަަށައިފި އެވެ.
"ޝާކް ގާޑިއަން" ނަމަކަށް ކިޔާ ޖަމާއަތުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރާއްޖެއިން ބޭރުކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ މިދިޔަ ހަފްތާގައި އަތުލައިގެންފައިވާ ކަަމަށާއި މުސްތޮފާ ގެންދަވަނީ މިޔަރުގެ އުފެއްދުންތައް ވިއްކުމަށް ޓަކައި އިޝްތިހާރު ކުރައްވަމުން ކަމަށެވެ. އެގޮތަށް އިޝްތިހާރުކުރައްވަނީ ފާޅުގައި ކަމަށާއި ގާނޫނީ އެއްވެސް މައްސަލައެއް އެކަމުން ކުރިމަތިވެދާނެކަމުގެ ބިރެއް ވެސް ނެތް ކަަމަށް ޝާކް ގާޑިއަންގެ ޓްވީޓްގައި ބުންޏެވެ.
"އެހެންވީމާ އޭނާގެ އެ އަމަލަށް ޒިންމާދާރުކުރުވަމާ ހިނގާ،" ޝާކް ގާޑިއަންގެ ޓްވީޓްގައި ގޮވާލި އެވެ.
އެއާ އެކު ޓްވީޓުގައި ހިމަނާފައި ވަނީ މިޔަރު އުރަހަ އާއި މަސް އަދި ކަށިމިޔަރު ތެޔޮ ގަންނަ އަގުތަކަކާ އެކު މުސްތޮފާ ކުރައްވާފައިވާ ޓްވީޓެއްގެ ސްކްްރީންޝޮޓަކާއި އޭނާ ޒިންމާދާރުކުރުވުމަށް ޓަކައި ކުރަންވީ ކަންތައްތަކެކެވެ. އެގޮތުން ރައީސް އޮފީސް ހިމެނޭ ގޮތުން ރާއްޖޭގެ އިދާރާތަކަށް އީމެއިލްކުރުމަށާއި ޓްވީޓްކުރުމަށް ގޮވާލައި، އެތަންތަނުގެ އީމެއިލް އެޑްރެސްތަކާއި ޓްވިޓާއެކައުންޓްގެ މައުލޫމާތު ޓްވީޓްގައި ހިމަނާފައި ވެ އެވެ.
429kg of illegal fins were seized in the Maldives last week. Since then Former MP @Thimarafushi has been OPENLY ADVERTISING fins and shark products for sale. No fear of consequence from the government so let's hold him accountable for his actions. pic.twitter.com/jqp0iee0U8
— Shark Guardian (@SharkGuardian1) January 11, 2021
ޝާކް ގާޑިއަންގެ ގޮވައިލުންތަކާ ގުޅޭ ގޮތުން މުސްތޮފާ "މިހާރު" އަށް މިއަދު ވިދާޅުވީ އޭނާ ދައްކަވަނީ ރާއްޖޭގެ އެތެރެވަރިން މިޔަރު ހިފުން ހުއްދަކުރަން ޖެހޭ ވާހަކަ ނޫން ކަަމަށާއި އެއީ އޭނާ ވެސް ދެކޮޅު ހައްދަވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މާކަނޑުތަކުން މިޔަރުގެ މަސްވެރިކަން ކުރުމަކީ ދުނިޔޭގެ އެހެން ގިނަ ގައުމުތަކެއްގައި ވެސް ކުރާ ކަމެއް ކަމަށާއި ރާއްޖޭގައި ވެސް ފުރަތަަމަ އޮތީ އެގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް މައުމޫނުގެ ވެރިކަމުގައި ފުރަތަމަ މަނާކުރީ މިޔަރު ހިފުން. އޭރު މަނާކުރީ ރާއްޖޭގެ އެތެރެވަރިން މިޔަރު ހިފުން. އެކަމަކު ފަހުން ޑރ. އިބްރާހީމް ދީދީ ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި އިރު [އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި] މިޔަރު ހިފުން މުޅިން މަނާކޮށްލީ،" މުސްތޮފާ ވިދާޅުވި އެވެ.
މިޔަރުގެ ވިޔަފާރިކުރެވެން ޖެހޭނެކަމަށް ސޯޝަލް މީޑިއާގައި ވަކާލާތު ކުރައްވަނީ މުސްތޮފާ ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރަން ބޭނުންވާ މަސްވެރިން އެދޭތީ އެވެ. އެގޮތަށް އެދެނީ އެއީ ކުރިން ރަނގަޅު އާމްދަނީއެއް ލިބެމުން އައި ކަމަކަށް ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ކުރިން އެ ބާވަތްތައް އެކްސްޕޯޓްކުރި މީހެއް. އެހެންވީމާ މީހުން އަޅުގަނޑު ގާތު އެ ވާހަކަ ދައްކާ،" މުސްތޮފާ ވިދާޅުވި އެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް ގުޅިގެން މިދިޔަ ހަފްތާގައި އަތުލައިގަތް މިޔަރު އުރަހަތައް ފޮރުވާފައި ހުރީ ލޮނުމަސްތަކެއްގެ ތެރޭގައި ބަންދުކޮށްފަ އެވެ. އެ މައްސަލައިގެ ތަހުގީގު އަދި ދަނީ ކުރިއަށެވެ. މިޔަރު ހިފުމާއި މިޔަރުގެ އެއްވެސް އުފެއްދުމެއް އެކްސްޕޯޓްކުރުމަކީ ވެސް ރާއްޖޭގައި މަނާކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާމުތްކުޅަދުރު
13 January 2021
ދިރޭތަކެތި ހިމާުޔަތްކުރުމޭ ކިޔައިގެން އިނގިރޭސިވިލާތުން ކިޔަވައިގެން، އިނގިރޭސިން ބުނާގޮތަށް އުޅޭމީހުންނަށް ނޭނގޭކަމަކީ، ދިރުންހުރި ތަކެތީގެ ބެލެންސް ނިޒާމެއް ގާއިމްވަނީ، ވަކި އެއްޗެއް ހިމާޔަތްނުކޮށް ދޫކޮށްލުމުންކަން. މިޔަރު އެކަނި ހިމާޔަތްކުރީމަ ނެތިގެން އެދަނީ ކިތައްއެހެނިހެން މަހުގެ ޖީލުތޯ މިބައިމީހުންނަކަށް ނުވިސްނެ. ނިކަން ކެރެންޏާ މަދިރިގިނަ ރަށެއްގައި މަދިރިއެއް ނުމަރާ އުޅެބަލަ. ތިމާވެއްޓޭކިޔައިގެން ފަތުރަނީ ޔަހޫދީ އޭޖެންޑާ.
އަހްމަދު111
13 January 2021
އެއްޗެއް ހިމާޔަތްކުރުމާ މަނާކުރުން ވަރަށް ތަފާތު. ފަރުތަކުގައާ ކަނޑުއޮޅިތަކުގައި މިއުޅޭ އާދައިގެ ވައްތަރުތަކުގެ މިޔަރު ރާއްޖޭގައި ވަނީ ފަރުމަސް ސްޓޮކަށާ އެންމެ އާދައިގެ ފަންތިކަމަށްވާ މަސްވެރިން އާމްދަނީއަށް ބޮޑުގެއްލުމަކަށް ވެފައި. ވިދޭ މަސް އަތުނުވާ ތަނުގައި އަގުބޮޑު ވަދާ އާލާތްވެސް ގެއްލެނީ. ދުނިޔޭގެ ނިކަމެތިންގެ ހާލު ނުދަންނަ ދުނިޔޭގެ ޗާލާކީން ކުރަނީ ނޭންގިތިބެ ކަންކަން ޚަރާބު!
ފަހުދު
13 January 2021
2000 މީހުންވެސް ހަމަނުވާ ފޭކު އެކައުންޓަކުން ކޮއްފައި އޮތް ޓުވީޓެއް ޚަބަރަކައް ވާންވީސަބަބެއް ނުވިސްނުނު
މުރުޖާނު
13 January 2021
ރާއްޖ ެ މީހުން މމުއްސަދި ވެދާނެތީ ީީީީީ ފަރަންޖީން ބިރުގންނަނީ
ކަކުނިބޯ
13 January 2021
ބުނަން އިގިރޭސިވިލާތަކަށް ނޭންގޭނެ. މިއަރު މަސްވެރިކަން މިރާއްޖޭގަ ކުރެވެން ޖިހޭ. ރަތް މަހެއްބޭނިޔަސް މިހާރު އަތުޖެހެނީ ބޯ އެކަނި. މީހަކު މޫދަށްވެއްޓުނަސް އައިސްހިފަނީ. އިގިރޭސިން އެކަންޔެއްނޫން މިޔަރު މަސްވެރިކަން ކުރާނީ
އަލްޖިބްރާ
13 January 2021
މިވަރުން ދަނީނަމަ ދުވަސްކޮޅަކުން ކަޅުބިލަމަސް ، ފަރުމަސް ބޭނުންވެސް މަނާ ވާނެ !
ވަތުބަތާނަ
12 January 2021
މައްސަލައަކީ ރަސްރަށު ގައި ފާޅު ގައި މިޔަރު ހިފައި ލޮޅުއަޅައި ކަންފަތް ހިއްކާއިރު އެ ރަށްރަށު ގެ ކައުންސިލްތަކަށާއި ފުލުހުންނަށް ނުފެންނަކަން.
ފޫހިވެރ
12 January 2021
މުސްތޮފާ ބުނީ ސޮފްޓް ޓޯއީ ގޮތަށް ހުންނަ، ގެސްޓް ޝޮޕްތަކުގަ ހުންނަ މިޔަރުގެ ވާހަކަ... އެހެންޏާ ފަހެ..! މިޒާތުގެ މީހުން ސިފަކުރަން ބޭނުން ކުރާނެ ބަހެއް ނުވެސް އެނގޭ.. ހާދަހާވާ ފޫއްސެކޭ ވަނީ.. ދެ އަނގައިން ވާހަކަ ދައްކާތީ...
ހަސީ، ގަލޮޅުގެ
12 January 2021
ފޮރުވާފައި ހުރީ ލޮނުމަސްތަކެއްގެ ތެރޭގައި ބަންދުކޮށްފަހުރީ ކާކުގެ އެއްޗެއްހޭ