މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ޕީޖީ ޝަމީމާއި އޭސީސީގެ މެމްބަރުން: ވެންޓިލޭޓަރު މައްސަލައިގައި ދައުވާނުކުރަން ނިންމުމާ ގުޅޭ ގޮތުން ޕީޖީ އާއި އޭސީސީއަށް ގިނަ ސުވާލު އަމާޒުވި. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު
26 ޖެނުއަރީ 2021 - 11:30
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅު އަޅަން ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލައިގައި ދައުވާ ނުކުރަން ނިންމަވައި ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް އެދިވަޑައިގަތް ކަންކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނިންމުން ދެ ހަފުތާ ތެރޭގައި ފޮނުވާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ވެންޓިލޭޓަރުތައް ގަންނަން ދުބާއީގެ ކުންފުންޏާ ހެލްތު މިނިސްޓްރީން ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަން ތަހުގީގުން ސާބިތުވާ ކަމަށް ބުނެ އޭސީސީން 12 މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދުނެވެ. އެކަމަކު ޕީޖީ ނިންމެވީ އޭރު ހުށަހެޅި މައްސަލަތަކުގައި ދައުވާކުރާނެ ހެއްކެއް ނެތް ކަމަށެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލައި ޕީޖީ އަށް ލަފާ ދިނީ ދައުވާ ނުކުރަން ނިންމެވި ނިންމެވުން މުރާޖައާ ކުރަން ފެންނަ ކަމަށެވެ. މުއައްސަސާތަކާ އެކު، މައްސަލަ މުރާޖައާކުރަން ފެށިކަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިއަދު ވިދާޅުވީ ޕީޖީ އެދިވަޑައިގަތް ކަންކަމާ ގުޅިގެން އޭސީސީން ބަލަން ޖެހޭ ކަންކަން ފުލުހުންނާ އެކު ބަލަމުން އަންނަ ކަމަށެވެ. އެ އަށް ފަހު ކޮމިޝަންގެ ނިންމުން ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.
ދައުވާ ނުކުރަން ނިންމަވައި ޕީޖީ ޝަމީމް ވިދާޅުވެފައި ވަނީ ތުހުމަތުކުރި ކުށް ސާބިތުކުރެވޭނެ ހެއްކާ އެކު ހުށަހެޅި ނަމަ އެންމެންގެ މައްޗަށް ވެސް ދައުވާ އުފުއްލަވާނެ ކަމަށެވެ. އެކަމަކު އޭސީސީގެ މުޅި ތަހުގީގުން ފާހަގަވެފައި އޮތީ، ޕީޖީ ވިދާޅުވެފައިވާ ގޮތުގައި، އަމަލުކުރި ގޮތުން އަރާފައި ހުރި އޮޅުންތައް ނުވަތަ މައްސަލަތަކެކެވެ. ކޮރަޕްޝަންގެ ދައުވާ އުފުލިއިރު، އެއްވެސް މީހަކަށް މާލީ މަންފާއެއް ލިބުނު ކަން ސާބިތު ކޮށްދެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ޕީޖީ ވިދާޅުވެފައިވެ އެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި، ދައުވާ ކުރަން ފޮނުވީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ އެވެ. ވެންޓިލޭޓަރު މައްސަލައިގައި، އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ގޯސްތައް ހިނގި ކަން ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ވެސް ހިމަނާފައިވެ އެވެ.
އޭގެ ތެރޭގައި، ވެންޓިލޭޓަރު ހޯދަން ގާބިލު ކުންފުންޏެއްތޯ ނުބަލައި ހަވާލު ކުރުމާއި އެއްބަސްވުމެއް ނެތީސް މަސައްކަތް ކުރިއަށް ގެންދަން ދުބާއީގެ ކުންފުންޏަށް އެންގުމާއި އެއްބަސްވުމެއް ނެތި އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓު، 30 މިލިއަން ރުފިޔާ، ދިނުން ހިމެނެ އެވެ.
އޭރު އެގްޒެކިއުޓާސްއާ އެކު އެއްބަސްވުމުގައި ސޮއެއް ވެސް ނުކުރެ އެވެ.
އެގްޒެކިއުޓާސްއާ އެކު ސޮއިކުރީ، އެޕްރީލް، 2، 2020 ގައި ކަމަށް ހެލްތު މިނިސްޓްރީގެ ލިޔުންތަކުގައި ވިޔަސް އެންމެ ފަހުގެ އެއްބަސްވުމުގައި އެގްޒެކިއުޓާސް އިން ސޮއިކޮށް އެ މިނިސްޓްރީ އަށް ފޮނުވީ، އެޕްރީލް، 16، 2020 ގައި ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ. އެގްޒެކިއުޓާސްއަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ކަމަށް ބުނާ ވާހަކަ ވެސް އޭސީސީން ވަނީ ދޮގުކޮށްފަ އެވެ. އެގްޒެކިއުޓާސްއާ އެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. އޭގެ ތެރެއިން ފަސް ވެންޓިލޭޓަރު ފޮނުވީ ބައެއް އާލާތްތައް މަދުކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަށިރާނީ
26 January 2021
ކަލޭމެން ސަރުކާރުގެ އޮންނަނީ ކިތައް ގޮފިތަ؟ އަޅެ ދެއިރު ދެ ދަޅައަށް ވެންޓިލޭޓަރު ކޮރަޕްޝަނޭ ގޮވާއިރު އެ ބުނަނީ ކަލޭމެންގެ ފިނޭންސް މިނިސްޓަރު އެ ތަކެތި ނުލިބިއްޖެނަމަ ފައިސާ އަނބުރާ ހޯދާނަމޭ. ވަގަށް ނެގި ފައިސާއެއް ނަމަ މި އަނބުރާ ހޯދަނީ ކިހިނެއް؟ އަންތަރީސްވެދާނެ!
ގަދަހަސަނު
26 January 2021
ދެން ތިކަން ހަދާންނައްތާލާ.
ކުކުޅުހާލުގެ ދުލުން
26 January 2021
އަޅެ މިރައިވަރު ނޫން އެހެން ރައިވަރެއް ކިޔަންވެއްޖެއެއްނު؟ އާ ވޭރިއަންޓްތައް ދައުރުވަމުން ދާ ވާހަކަ، އެޗްޕީއޭގެ ދޯހަޅި ސިޔާސަތު، އެޑިއުކޭޝަން މިނިސްޓްރީގެ ދެއުޅިއަށް ނުވާ ސިޔާސަތު، މަލީހުގެ ކުކުޅު ދަނޑު، ޒަހާގެ މަސް ފެކްޓަރީ، އައިޝާ މެޑަމްގެ ފްލައިޓް، މައުސޫމް ގެންނަން އުޅޭ 5 މިލިޔަން ޓޫރިސްޓުން،، ރައްޔިތުންގެ އަޅުދާސް މީ ހައްތާހާވެސް މުހިންމު ޚަބަރުތައް! އެކަމަކު މި ވެންޓިލޭޓަރު ޚަބަރު މެޓާގަނޑެއްހެން އެބަ ހިލޭ މަހަކު އެއް ފަހަރު!
ސިޔާސީބެރު
26 January 2021
އޭސީސީއަކީ ސިޔާސީ ރިހަކައްކާތަނެއް އޭރުވެސް މިހާރުވެސް. މިހާރު އެއީ ނަޝީދުގެ ބެރަށްލަވަކިޔާތަނެއް. މިކަން ނުދަންނަމީހަކުނެތް. ކޮރަޕްޝަނޭކިޔައިގެން ކެއްކި ގޭސްގަނޑު އެއްވެސް ކޮޅަކު ނުޖެހުނީމަ "ވެންޓިލޭޓަރމައްސަލަ" މިދެން ބަޔަކު ހިތްއުފާކޮށްލަން ދޭތެރެއަކުންޖެހާ ލަވަޔަކަށްވެއްޖެ.