މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މުސާރަ މި އާންމުކުރީ، އެއީ ޒާތީ މައުލޫމާތުތަކެއް ކަމަށް ބުނެ ނުދީ ހިފެހެއްޓުމަށް ފަހު.
މާލޭގެ މޭޔަރު ޝިފާ ވާހަކަދައްކަވަނީ: މާލެ ސިޓީ ކައުންސިލްގައި ޖުމްލަ 524 މުވައްޒަފުން މަސައްކަތްކުރޭ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
26 ޖެނުއަރީ 2021 - 15:27
މާލޭ ސިޓީ ކައުންސިލްގެ މުސާރައިގެ އޮނިގަނޑާ ގުޅޭ މައުލޫމާތު ދޭން ދެކޮޅު ހެދުމަށް ފަހު، އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާގެ އެންގެވުމަށް އެ ކައުންސިލުން އެ މައުލޫމާތުތައް އެންމެ ފަހުން އިއްޔެ އާންމުކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު (އާރްޓީއައި) ގެ ދަށުން އެ މައުލޫމާތު ހޯދަން ކ. ކެޓްލިން، އައިމަން ލަތީފު އެދުމުން އެކަން އޭނާއާ ހިއްސާ ކުރަން އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ދެއްވި މުހުލަތު ހަމަވަނީ މިއަދަށެވެ.
އެ މައުލޫމާތު ނުދީ މާލޭ ސިޓީ ކައުންސިލުން ހިފެހެއްޓީ އެއީ ޒާތީ މައުލޫމާތެއް ކަމަށާއި އާންމު ފަރުދަކަށް އެ މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށް ބުނެ އެވެ. އެހެންވެ، އައިމަން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކީއޯ) އަށް ހުށަހެޅީ އެވެ.
މައްސަލަ ބެއްލެވުމަށް ފަހު، ކޮމިޝަނަރު ފިޔާޒު މިދިޔަ ބުދަ ދުވަހު ސިޓީ ކައުންސިލަށް އެންގެވީ، މިއަދުގެ ކުރިން އެ މައުލޫމާތު އާންމުކުރަން ޖެހޭނެ ކަމަށެވެ. އެހެންވެ، ސިޓީ ކައުންސިލުން ވަނީ އެ މައުލޫމާތު އެ އިދާރާގެ ވެބްސައިޓްގައި އިއްޔެ ޝާއިއުކޮށްފަ އެވެ.
މާލޭ ސިޓީ ކައުންސިލުން އާންމުކުރި ތަފާސްހިސާބުން ފެންނަ ގޮތުގައި ކޮންމެ މަހަކު އެ ތަނުގެ މުވައްޒަފުންނަށް 3،462،942.60 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ދެ އެވެ. ޖުމްލަ 524 މުވައްޒަފުން މަސައްކަތްކުރާ އިރު އޭގެ ތެރެއިން 192 މީހުންނަކީ ބިދޭސީންނެވެ. ދިވެހި މުވައްޒަފުންނަށް ޖުމްލަ 2،672،880 ރުފިޔާ މަހަކު ހޭދަކުރާއިރު، ބިދޭސީ މުވައްޒަފުންނަށް ކޮންމެ މަހަކު މުސާރައިގެ ގޮތުގައި ހޭދަކުރަނީ 790،065 ރުފިޔާ އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންގެ މުސާރަ އަށް ކޮންމެ މަހަކު ހޭދަކުރަނީ 382،500 ރުފިޔާ އެވެ. އެންމެ ބޮޑު މުސާރައެއް ލިބެނީ މޭޔަރު ޝިފާ މުހައްމަދަށެވެ. އޭނާ އަށް މަހަކު 47،500 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާއިރު، ޑެޕިޓީ މޭޔަރުގެ މުސާރަ އަކީ މަހަކު 35،000 ރުފިޔާ އެވެ. ކައުންސިލް މެމްބަރުންނަށް ލިބެނީ 30،000 ރުފިޔާގެ މުސާރަ އެކެވެ.
ބިދޭސީ މުވައްޒަފުންގެ ތެރެއިން، މެކޭނިކުން ފިޔަވައި، އެހެން ހުރިހާ މުވައްޒަފުންނަށް މަހަކު ލިބެނީ 4،100 ރުފިޔާ އެވެ. އޭގެ ތެރޭގައި ގިނައީ ލޭބަރުންނެވެ. ނަމަވެސް ޑްރައިވަރުންނާއި އެސިސްޓަންޓް ލޭބަރުން ވެސް ހިމެނެ އެވެ. މެކޭނިކަށް މަހަކު ލިބެނީ 6.965 ރުފިޔާ އެވެ.
އާރްޓީއައިގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާއަކުން، އެ ތަނަކުން އަހަރަކު ހޭދަކުރާ ފައިސާއާ ގުޅޭ ތަފާސްހިސާބު އާންމުކުރަން ޖެހެ އެވެ. އެ ތަފާސްހިސާބުގެ ތެރޭގައި އެ އިދާރާއެއްގެ މުސާރައިގެ އޮނިގަނޑު ވެސް ހިމެނެ އެވެ. މި ގާނޫނަށް އަމަލުކުރަން ފެށީ 2014 ވަނަ އަހަރު ނަމަވެސް، މިގެ ކުރިން މި މައުލޫމާތެއް މާލެ ސިޓީ ކައުންސިލަކުން އާންމުކޮށްފަ އެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
27 January 2021
2014 ގައި ޤާނޫނު ފާސްކުރި ކަމަށްވިޔަސް ޔާމީނުގެ ވެރިކަމުގަ އޭ ހޮޔާލީ ގާނޫނެއް.. ނަމަވެސް މިސަރުކާރުން އެއަށް އަމަލު ކުރަންފެށީ.. މިހާރު އިންފިމޭޝަން އޮފިސަރު ހާދަ ބާރުގައޭ...
އިސްމާލި
27 January 2021
މޭޔަރަށް 47 ހާސް، ކޮންމެ ކައުންސިލަރަކަށް 30 ހާސް! އަހަރެން ބޭނުން ތި ބޭފުޅުން ކޮންމެ ދުވަހަކު އޮފީހުގައި ނުވަތަ އޮފީހުގެ މަސައްކަތުގއި ހޭދަކުރައްވާ ވަގުތު ބަލަން. ދޭ މުސާރައާއި އެއްވަރަށް މަސައްކަތް ކުރާތަނެއް ނުފެނޭ. އެއޮއް އަމީނީމަގު ބަލާލަބަލަ، ދުއްވާލެވޭ ވަރި ނުވޭ. ގާ ކޮޅެއް އަޅާ ނުލެވުނު 6 އަހަރު ނިމުނު އިރު.
ފަޓާ
27 January 2021
އޭގެ ތެރޭ ލިވިންގ އެލަވަންސްވެސް އެބަ ދޭ. ދުނިޔޭގަ ދިރި ހުރުމަށް ބާރުއަޅަން ދޭ އެއްޗެއް ކަންނޭނގެ އެއީ. މާލޭގަ ބޮޑެތި ގޭގެ ހުންނަ މީހުންނަށް ލިވިންގ އެލަވަންސާ ކާރު އެލަވަންސާ ހުރިހާ އެލަވަންސެއް ދީގެން އަދިވެސް މުއްސަނދިން މުއްސަނދިކުރުވުން އޮންނަނީ. މަހުޖަނުންގެ އަނބިންވެސް މިނިސްޓަރުކަމަށް ލައިގެން ނިކަމެއްޗަކަށް ލިބެންވީ އެފަދަ މަގާމާ މުސާރަ ނުލިބޭ ގޮތަށް ކަންކަން ހިނގަނީ.
ބޮޑުމީހާ
27 January 2021
ބިދޭސީ މަސައްކަތްތެރިއަކަށް 4000 ރުފިޔާ ޝިފާއަށް 47000 ރުފިޔާ ބިދޭސީ މީހާވެސް މަސައްކަތްކުރަނީ އާއިލާއެއް ބަލަހައްޓަން ހަމަ އެގޮތަށް ޝިފާވެސް. މިގައުމުގަ މިހާ ބޮޑު މުސާރައިގެ ފަރަގެއް އޮންނަންވީ އެއްވެސް ސަބަބެއް ނުވިސްނޭ
މަރިޔަބު
26 January 2021
14 ކައުންސިލަރުންނަށް މަޤާމްދީގެން ކުރާނެެެއެއްވެސް ފައިދާއެއްނެތް،ކައުންސިލަރުން ކުރާހާވެސް މަސައްކަތަކީ އެމީހުންގެ ޖީބަށް ފައިސާކޮޅެއް ވަންނާނެ ކޮޅެއް ހޯދުން ،އަމުދަކުން ރަގަޅު މަސައްކަތެއް ކުރަން ދަންނަ ކައުންސިލަރެއްނެތް މުޅިންވެސް މަރުމޯލުން؟
ޙަބީބު.
26 January 2021
ސިފާތިވަރު މުސާރަނަގައިގެން ނުވާނެ މަގާމައްޓަކާދޯ. މަގައް ނިކުމެ ހަޅޭއްލަވަނީ މަށަކީ މާލެ ފިހާރައެއްގަ އުޅޭ މީހެއް. މަށައްލިބެނީ 5.200 ރުފިޔާ. އެއީ ކޯޗެއް ރާއްޖޭގެ މުސާރައިގެ ފަރަގުވަރައްބޮޑު. ސިފާޔައް ގިނަވެގެން 8000 ރަނގަޅު
ޖައިސާމް
26 January 2021
ދައުލަތުން ދޭ މުސާރައަކީ ޒާތީ މައުލޫމާތެއް ނޫން. ދައުލަތަކީ އަމިއްލަ ކުންފުންޏެއް ނޫން. ރައްޔިތުންގެ ފައިސާ ހޭދަ ކުރާގޮތް ރައްޔިތުންނަށް އެނގެން ޖެހޭ.
ސާދިޤް
26 January 2021
މައުޅެނީ ސިޓީކައުންސިލްގަ މަހުމުސާރައަށް 24 ގަޑިރު މަސައްކަތް ކުރަންޖެހޭ 12000 ވެސް ނުލިބޭ.
އަބުދުލް
27 January 2021
ދެން ތިއަށްވުރެ ރަނގަޅު މުސާރަ ލިބޭ ވަޒީފާއެއް ހޯދައިގެން ދާންވީނު.
ގުދުގުދާބެއްޔާ
26 January 2021
ބޭކާރު ކައުންސިލަރ އަދި މޭޔަރއެއް! މާލެ ސިޓީއަށް ނިސްބަތްވާ ހުރިހާބިންތަކެއް ލާމަރުކަޒީ ޤާނޫނާ ޚިލާފައް ނަސީދު އާއި އަސްލަންޓޭ ވެގެން އެޗްޑީސީއަށް ދީފައިވަނީ! ދެން ކީއްކުރަން ހޮވަންޖެހޭ ބައެއް! މާލޭ ރައްޔިތުންނަށް ވާނެފައިދާއެއް ނެތް. ވިހާމަރުވާ މީހުންގެ ލިސްޓް ބަލަހައްޓަން ދައުލަތުން ބޮޑު މުސާރ ދީފައި ކީއްކުރަން ބައިތިއްބާ މޭޔަރ އަދި ކައުންސިލަރުންނެއް! ވޯޓް ބޮއިކޮޓް ކޮއްލާނީ!#ނޯގޯތި ނޯވޯޓް
ސާރިޔާ
26 January 2021
މިނިމަމް ވޭޖޭ ނުކިޔާ ތިހުރިހާ ބިދޭސީންގެ ބަދަލުގައި ދިވެހިން ހޯދާ އެމީހުންނަށް އެކަށީގެންވާ މުސާރައެއް ދީބަލަ. ބިދޭސީންނަށް ލިބޭ ކޮންމެ ރުފިޔާއަކުން 95 ލަާރި ގައުމަށް ފޮނުވާނެ. ދިވެހިން އެ ފައިސާ ހޭދަކުރާނީ މިގައުމުގައި. އޭރުން އިގްތިސާދަށް ކުރިއެރުން ލިބޭނެ
ޝަފީރު
26 January 2021
ދިވެހިންގެ މުސާރަ ގޭކުއްޔަށް. ބިދޭސީން ކާންދީފައި ތިބޭނެތަން ދީފައި މުސާރަ ރަށަށް. ޥަރަށް ސަޅި
އަނީ
26 January 2021
ބިދޭސީމީހާގެ މުސާރަ ހާދަކުޑައޭ.. އެމުސާރަލިބިގެން މާލޭގަ އުޅެެވޭނެތޯ. އެންމެ ކުޑަވެގެން 6000 ލިބިގެން މާލޭގަ އުޅެވޭނީ