ލައިފްސްޓައިލް / ސެލެބްރިޓީން

ބޮޓޮކްސް ޖަހާ ކަމަށް ބުނެ ފާޑުކިޔާތީ ޖޭލޯ ހިތްހަމަނުޖެހިއްޖެ

އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ޖެނިފާ ލޮޕޭޒް (ޖޭލޯ) ޒުވާންކަން ދަމަހައްޓަން ބޮޓޮކްސް ޖަހައި، މަސްނޫއީ އެހެން އުކުޅުތައް ވެސް ބޭނުންކުރާ ކަމަށް ބުނެ އަމާޒުވެފައިވާ ފާޑުކިޔުންތަކާ ހެދި އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ދާދި ފަހުން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ވަނީ ފިލްމު ވެސް ކުޅޭ 51 އަހަރުގެ ލަވަކިޔުންތެރިޔާ ޒުވާންކަން ދަމަހައްޓަން ބޮޓޮކްސް ޖަހައި، ޕްލާސްޓިކް ސާޖަރީ ވެސް ހަދާފައިވާ ކަމަށް ބުނެފަ އެވެ. މިކަމާ ގުޅިގެން އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ޖޭލޯ ބުނީ އޭނާގެ މޫނުމަތީގެ ޒުވާންކަމުގެ ސިއްރަކީ ޖާދޫއެއް ކަހަލަ ފޭސްމާސްކެއް ބޭނުން ކުރާތީ އޭގެ ފައިދާ ކަމަށެވެ.

އެކަމަކު އެކަމަށް ޖޯކް ބަހައި މީހުން ވަނީ ދޮގު ނަހަދަން ޖޭލޯ އަށް ނަސޭހަތްތެރިވެފަ އެވެ.

މި ފާޑުކިޔުންތަކާ އެކު ޕީޕަލް އަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ފާޑުކިޔާ މީހުންގެ ވާހަކަތަކަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން ރައްދު ދީފަ އެވެ.

"ފުރަތަމަ ކަމަކަށް ބުނެލަން ބޭނުން ވަނީ އަހަންނާ ދިމާއަށް ދޮގުވެރިޔެކޭ ނުކިޔާށޭ. އަހަރެންގެ ހަޔާތަކީ ދޮގާއި މަކަރާއި ހީލަތާއި އޮޅުވާލުމުގެ މައްޗަށް ބިނާވެފައި އޮތް ކަމެއް ނޫން،" ދެ ކުދިންގެ މަންމަ ބުންޏެވެ. "އަހަންނަކީ އަބަދު ވެސް ކަންކަމާ ބެހޭ ގޮތުން ތެދަށް ސީދަލަށް ވާހަކަ ދާހަކަ މީހެއް."

ޖޭލޯ ބުނީ އޭނާ އަކީ އެއް އިރެއްގައި ވެސް މީހުން ޖަޖްކޮށް އުޅޭ މީހެއް ނޫން ކަމަށާއި އެހެންވެ މީހުންގެ ޒާތީ ކަންކަމުގެ ވާހަކަ ދައްކައި މީހުން އެކި ގޮތްގޮތަށް ލޭބަލްކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށެވެ.

"ބޮޓޮކްސް ޖަހައި ޕްލާސްޓިކް ސާޖަރީ ހަދަން ބޭނުންވާ މީހަކު ނަމަ އެކަންކޮށްފާނެ. އެއީ އަހަރެމެންނާ ބެހޭ ކަމެއް ނޫން. އަހަންނަކީ މީހުންގެ ސިފަ އަށް ބަލާފައި އޭނާ އަކީ މިވެނި އެވެނިކަމެއްކޮށްގެން ހުރި މީހެކޭ ކިޔައި ފާޑުކިޔަން ބޭނުންވާ މީހެއް ނޫން،" ޖޭލޯ ބިއުޓީގެ ނަމުގައި އަމިއްލަ ސްކިން ލައިނެއް ލޯންޗްކޮށްފައިވާ ފަންނާނު ބުންޏެވެ. "އަދި އެއީ އަހަންނަށް ލިބިގެންވާ ހައްގެއް ވެސް ނޫން."

ޖޭލޯ ބުނިގޮތުގައި އަންހެނެއްގެ ރީތި ކަމަކީ އޭނާގެ ސަބަބުން އެހެން އަންހެނުންނަށް ވެސް ހިތްވަރު ލިބޭ ކަންކަމާ ދޭތެރޭ ޕޮޒިޓިވްކޮށް ދެކުން ކަމަށެވެ.

"އަހަރެންގެ ރީތިކަމުގެ ސިއްރަކީ އެއީއޭ ބުނެލަން ބޭނުން ވަނީ. އަހަންނަކީ އަބަދު ވެސް މީހުންނަށް ވަރަށް ހިތްހެޔޮ އޯގާތެރި މީހެއްގެ ގޮތުގައި ހުންނަން ބޭނުން ވަނީ،" އެމެރިކާގެ ކުރީގެ ބޭޒްބޯލް ތަރި އެލެކްސް ރޮޑްރިގޭޒާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޖޭލޯ ބުންޏެވެ. "ސާބިތު ނުހިފޭ ވާހަކަތައް ދައްކައި މީހުންގެ ޒާތީ ކަންކަމާ ބެހި ނޮޅައި ހެދުމަށް ވުރެ ހިތްތިރި ހިތްހެޔޮ މީހަކަށްވުން އެންމެ މުހިއްމު ކަމަކީ. އެއި އަސްލު ރީތި ކަމަކީ."

އޭނާ ބުނިގޮތުގައި މީހުން ދެރަކޮށް، ދަށްކޮށްލުމުމުގެ ގޮތުން އެކި ކަހަލަ ވާހަކަތައް ދެއްކުމަކީ ވަރަށް ހިތާމަކުރާ ކަމެކެވެ.

"މީހަކާ ބެހޭ ގޮތުން ވާހަކަ ދައްކާ އިރު އެބަ އެނގެން ޖެހޭ ތިމާއަށް މި ކުރެވެނީ ކީއްކަން. އެ ވާހަކައެއް އެނބުރި ހަމަ ތިމާއަށް ރައްދު ވެސް ވެދާނެ. އެހެންވެ ވަރަށް މުހިއްމު މީހަކު ހިތްމަރުނުވާ ގޮތަށް އަދި ލޯބިން އޭނާގެ ވާހަކައެއް ދެއްކުން،" ވެޑިން ޕްލޭނާ އާއި ހަޒްލާޒް އަދި މެއިޑް އިން މެންޙަޓަންގެ އިތުރުން އެނަކޮންޑޯ ފަދަ ފިލްމުތައް ކުޅުނު ޖޭލޯ ބުންޏެވެ. "އަހަރެން މީހެއްގެ ކިބައިގައި ހުރި ކަމެއް ރަނގަޅުކުރަން އެދޭ ނަމަ އެ ވާހަކަ އޭނަ ކައިރީ ބުނާނީ ވަރަށް ލޯބިން އަދި އޭނަ ވެސް އެކަމެއް ގަބޫލުކުރާނެ ކަހަލަ ގޮތަކަށް."

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454