މުނިފޫހިފިލުވުން / ބޮލީވުޑް

ކެޓްރީނާ އާއި ވިކީގެ ލޯބީގެ ވާހަކަ ގަދަވަނީ

ބަތަލާ ކެޓްރީނާ ކައިފާއި އެކްޓަރު ވިކީ ކޯޝަލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވާހަކަ ދެކެވޭތާ މިހާރު ދެ އަހަރެއްހާ ދުވަސްވެއްޖެ އެވެ. އެކަމަކު މިހާތަނަށް އެކަމާ ބެހޭ ގޮތުން ދެ ތަރިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މި ފަހުން ކެޓްރީނާ އާއި ވިކީގެ ވާހަކަ އެންމެ ގަދައަށް ދެކެވުނީ އާ އަހަރު ފާހަގަކުރީ ވެސް އެކީގައި ކަމަށް ބުނެ އެރި އަޑުތަކާ އެކީގަ އެވެ. އެ ދުވަސްވަރު ލީކްވި ބައެއް ފޮޓޯތަކުން ދެ މީހުން ވެސް އެއް ތަނެއްގައި ތިބިކަން ދޭހަވާ ކަހަލަ މަންޒަރުތަކެއް ފެނުމުން އެ އަޑު މާ ގަދަވީ އެވެ.

އޭގެ ތެރެއިން އެއް ފޮޓޯގައި ފެންނަނީ ކެޓްރީނާ އާއި ކޮއްކޮ އީޒަބެލް ކައިފް މޭޒެއްގެ ކައިރީގައި އިށީނދެގެން ފޮޓޯއަކަށް ޕޯޒްކޮށްގެން ތިބޭ އިރު އެ މީހުންގެ ފަހަތުގައި ހުންނަ ބީއްލޫރި ޝީޓަކުން ފޮޓޯ ނަގާ މީހާ ފެންނަން ހުރުމެވެ. ފޮޓޯ ނަގާ މީހުން ނުސާފުކޮށް ފެނުނަސް ބައެއް މީހުން ވަނީ ޒޫމްކޮށް، ކްރޮޕްކޮށް އެ ފޮޓޯ ނެގީ ވިކީ ކަމަށް ބުނެފަ އެވެ. އޭގައި ފެންނަ މީހާ ވިކީއާ ވައްތަރެވެ. އިސްކޮޅާއި ރޫފަ ހުރި ގޮތުން ވިކީހެން ހީވެ އެވެ. ވިކީ އާންމުކޮށް އުޅޭހެން ބޮލުގައި ތޮއްޕެއް ވެސް އޮތެތެ.

އޭގެ ދުވަސްތަކެއް ފަހުން މިހާރު އަނެއްކާ ވެސް މި ވަނީ ކެޓްރީނާ އާއި ވިކީގެ ލޯބީގެ ވާހަކަ އިތުރަށް ދެވެކެން ފަށައިފަ އެވެ. މި ފަހަރު ވެސް ފޮޓޯއަކާ ހެދި އެވެ. އެއީ ކެޓްރީނާ އިންޓަގްރާމް ސްޓޯރީގައި ހިއްސާކުރި ފޮޓޯއަކާ އެކީގަ އެވެ. އޭގައި ފެންނަނީ މުށި ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހެއްގެ ގައިގައި ކެޓްރީނާ ބާރަށް ބައްދާލައިގެން ހުންނަ ތަނެކެވެ. އަދި ފޮޓ ނޫކުލައިގެ ކޮކާތަކަކުން ފުރާލާފައިވެ އެވެ. ފޮޓޯ އިން ކެޓްރީނާ ބައްދާލައިގެން އިން މީހާގެ ކޮނޑުމައްޗާ ދިމާ ނޫން ތަނެއް ނުފެނެ އެވެ.

ނަމަވެސް މި ފޮޓޯއާ އެކު ވިކީ ކުރިން ލައިގެން އުޅެނިކޮށް ފެނިފައިވާ މުށި ކުލައިގެ ޓީޝާޓްތަކަކާ އެކު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް ބައެއް މީހުން ބުނެފައި ވަނީ ކެޓްރީނާ ބައްދާލައިގެން ހުރީ ވިކީގެ ގައިގައި ކަމަށެވެ.

ބޮލީވުޑްގެ ތަރިންގެ ލޯބީގެ ގުޅުންތައް ފޭނުންނަށް ވަޒަންކުރާނީ މިކަހަލަ ގޮތަކަށެވެ. ސަބަބަކީ ކައިވެންޏާ ހަމައަށްދާ އިރު ވެސް ގިނަ ތަރިން ގުޅުންތައް ސިއްރުކުރާތީ އެވެ.

ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އުމުރުގެ ގޮތުން ވެސް ބޮޑު ތަފާތެއް ހުރި ސަލްމާން ޚާން، 55، އާ ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ގިނަ ދުވަސްތަކެއް ވަންދެން ކެޓްރީނާ ބޭއްވި އެވެ. އެކަމަކު 2011 ގައި އޭނާ ވަނީ ސަލްމާން ދޫކޮށްލައި، އުމުރާ ދާދި އެއްވަރުގެ ރަންބީރް ކަޕޫރް، 38، ގުޅިފަ އެވެ. އެ ގުޅުން 2017 އާ ހަމައަށް ދިޔަ އިރު ދެ ތަރިން ތިބީ "ލިވް-އިން ރިލޭޝިޕެއް" ގައި އެއް ފުރާޅެއްގެ ދަށުގަ އެވެ. ނަމަވެސް އެ ގުޅުން ކުރިއަށް ނުގޮސް ވަނީ ސިއްކަ ޖެހިފަ އެވެ.

ކެޓްރީނާއާ ވަކިވުމަށް ފަހު 2018 ގައި ރަންބީރް، ބަތަލާ އާލިއާ ބަޓާ ރައްޓެހިވެފައިވާ އިރު ދެ ތަރިން މި އަހަރު ކައިވެނި ވެސް ކުރާނެ ކަމަށް ބެލެވެ އެވެ. ކެޓްރީނާއާ ރައްޓެހިވުމުގެ ކުރިން ރަންބީރް ގުޅިގެން އުޅުނީ ދީޕިކާ ޕަދްކޯންއާ އެވެ. އަދި އެ ގުޅުން ނިމުމަކަށް އައުމުން ދީޕިކާ ވަނީ 2018 ގެ ފަހުކޮޅު ރަންވީރު ސިންގްއާ ކައިވެނިކޮށްފަ އެވެ. އެ ކައިވެނި ހަފުލާ އަކީ ވެސް ކެޓްރީނާ އާއި ވިކީ އެކީގައި ފެނިގެން ދިޔަ ހަފުލާއެކެވެ.

މި ދެ ތަރިންގެ ގުޅުމުގެ ވާހަކަ ތުންތުންމަތިން ދެކެވޭ ވާހަކައެއްގެ ގޮތުގައި އޮތް އިރު، ވިކީ އަކީ ކެޓްރީނާ އަށް ވުރެ ހަގު އެކްޓަރެކެވެ. އަރަމުން އަންނަ އެކްޓަރުގެ އުމުރަކީ 32 އަހަރެވެ. ކެޓްރީނާ އަށް 37 އަހަރެވެ. މި ދެ ތަރިން އަދި އެކީގައި ފިލްމެއް ކުޅެފައި ނުވާތީ އެކަމަކީ ވެސް ފޭނުން ވަރަށް އިންތިޒާކުރާ ކަމެކެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ފިލްމީ ތަރިންނަކީ މިހާރު ބައިވެރިޔަކު އިހުތިޔާކުރާ އިރު އުމުރަށް ބަލާ ބައެއް ނޫންކަމެވެ. ހާއްސަ ޅަ އެކްޓަރުންނާ ކައިވެނިކުރާ ބަތަލާއިން މިހާރު އަންނަނީ އިތުރުވަމުންނެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454