ފުވައްމުލަކު.-- ފޮޓޯ: މިހާރު
11 ފެބުރުއަރީ 2021 - 16:46
ފުވައްމުލަކުގައި ކޮވިޑު ފެތުރެމުންދާތީ އެ ރަށުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް ނުހަދަން އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިފި އެވެ.
މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ސޮއިކުރައްވައި ފޮނުއްވި ސާކިއުލާއެއްގައި ވަނީ، ފުވައްމުލަކުގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންވެ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުގެ އަސުރު ނަމާދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ އަސުރު ނަމާދާ ހަމައަށް އެ ސިޓީގެ އެއްވެސް މިސްކިތެއްގައި ޖަމާއަތް ނުހެދުމަށް މިނިސްޓަރު އަންގަވާފައި ވެ އެވެ.
"މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާއަތުގައި ނަމާދުނުކުރި ނަމަވެސް ފަރުޟު ނަމާދު ބަރާބަރަށް އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތިޣުފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރަމެވެ،" ސާކިއުލާގައި ވެ އެވެ.
"މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށާއި ﷲގެ ރަހުމަތުން މާޔޫސް ނުވެ، ސަބަބުތަކުގައި ހިފައި ފުރިހަމަ އަށް ﷲ އަށް ވަކީލުކޮށް އުޅުމަށް ނަސޭހަތްތެރިވަމެވެ."
ފުވައްމުލަކުގައި މިދިޔަ އާދިއްތަ ދުވަހު ހެދި ކޮވިޑުގެ ރެންޑަމް ދެ ސާމްޕަލް އެއް ޕޮޒިޓިވްވުމުން އެ ރަށް ވަނީ މޮނިޓަރިންނަށް ލައިފަ އެވެ. އޭގެ ފަހުން ޓެސްޓުކުރި 20 ސާމްޕަލްގެ ތެރެއިން އަށް މީހަކު ރޭ 11:00 އާ ހަމަށް އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
11 February 2021
މީ ވަރަށް ހިތް ހަމަޖެހޭ ކަމެއް.
ޥަގުތީ
11 February 2021
ޢެންމެ އަވަހަށް އެޅޭ ފިޔަވަޅު! ފުރަތަމަ ފިޔަވަޅު !