ޑިންގީގައި އޮޔާ ދަނިކޮށް ސަލާމަތް ކުރި ފިރިހެން މީހާ
16 ފެބުރުއަރީ 2021 - 22:04
މަރުވެފައި އޮއްވާ ވ. އަތޮޅުގެ ފަޅުރަށަކުން މިއަދު ފެނުނު މީހާއަކީ މިއަދު ހަވީރު ކަނޑުމަތިން ސަލާމަތް ކުރި މީހާއާ އެކު ދަތުރުކުރި މީހެއް ކަމަށް ބެލެވޭ ކަމަށް އެނގިއްޖެ އެވެ.
މިއަދު ހަވީރު ވ. އަންބަރާ ކައިރިން ސިފައިން ސަލާމަތް ކުރީ ޑިންގީއެއްގައި އިން ފިރިހެނެކެވެ. އެ ޑިންގީއަށް ބަލާއިރު ބޮޑަށް ބެލެވެނީ އެއީ ސްރީ ލަންކާގެ އުޅަނދެއް ކަމަށެވެ. ސިފައިން ބުނިގޮތުގައި ޑިންގީގައި އިން މީހާގެ އަތުގައި ހުރި ލިޔެކިޔުމަށް ބަލާއިރު އެއީ ލަންކާގެ މީހެއް ކަމަށް ލަފާ ކުރެވެ އެވެ.
އެހެންވެ، އެއީ ލަންކާއިން ބެހިގެން އޮޔާ ދިޔަ މީހެއް ކަމަށް ބެލެވެ އެވެ.
ވ. ފޮއްތެޔޮ ބޮޑުފުށިން، މަރުވެފައި އޮތް ފިރިހެނެއްގެ ހަށިގަނޑު ފެނުނީ، މިއަދު ހެނދުނު އެ ރަށަށް ދަނޑި ކަނޑަން ގޮސް އުޅުނު ބަޔަކަށެވެ. އޭނާ އޮތީ ރަށުގެ ވަރަށް އެތެރޭގަ އެވެ. އެހެންވެ، ބެހިގެން އެ ރަށަށް ލެއްގީ ކަމަކަށް ނުބެލެވެ އެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި އޮތީ ވެސް ލަންކާގެ މީހެކެވެ. އެހެންވެ، މައުލޫމާތު އެނގޭ މީހުން ލަފާ ކުރަނީ އެ ދެ މީހުންނަކީ އެއް ޑިންގީއަކުން ދަތުރު ކުރި މީހުން ކަމަށެވެ.
ވ. ފޮއްތެޔޮ ބޮޑުފުށި. -- ފޮޓޯ: އޯބްރޭ ބެލްފޯޑް
"އަޅުގަނޑުމެންނަށް ބޮޑަށް ލަފާކުރެވެނީ ބެހިގެން ޑިންގީގައި އެ ރަށަށް ގޮސް އުޅެނިކޮށް، އެކަކު މަރުވީމާ އަނެކަކު އަނެއްކާވެސް ކަނޑުމައްޗަށް ނިކުތީ ކަމަށް،" މައުލޫމާތު އެނގޭ، ވ. އަތޮޅުގެ މީހަކު ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުގައި، ތުހުމަތު ކުރެވޭ އެއްވެސް ނިޝާނެއް ނެތެވެ. އެކަމަކު އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފޮއްތެޔޮ ބޮޑުފުށި ވަނީ މީގެ ކުރިން އެކި މީހުންނަށް ދީފަ އެވެ. އެކަމަކު މިހާތަނަށް އެ ރަށުގައި އެއްވެސް މަސައްކަތެއް ނުކުރާއިރު، އެ ރަށަށް ގިނައިން ދަނީ ދަތުރުދާ މީހުންނާއި މަސްވެރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބީފާނު
17 February 2021
މިވަރުވެގެން ދާ އިރުވެސް މި ގައުމުގެ ކަނޑުގެ ސަރަހައްދުތަށް ބަލަހައްޓާ ފައުޖުތަކަށް ހީވެސް ނުވޭ
ހިންނަވަރު މޮހޮދީ
17 February 2021
އިންޑިއާ ރާޑަރުތަކުން ކަނޑު އަޑީގަ އުޅޭ ފަނިފަކްސާތައްވެސް ބަރާބަރަށް ސާފުކޮށް ފެނޭ
ވަހީދު
17 February 2021
ކަނޑުގައިވި ބަޔަކު ހިކިފަސްތަނެއްގައި ޖެހުމަށްފަހު އަލުން ކަނޑަށް ނުކުމެ ބެހިގަންނާނީ ކޮންމެ ވެސް ނުބައެއް އޮތީމަ ކަމަށް ބެލެވޭ.